ހުޅަނގު އޮސްޓްރޭލިއާގެ ގޮނޑުދޮށެއްގައި ތާށިވެގެން 51 ބޮޑު މަސް މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮސްޓްރޭލިއާގެ ގޮނޑުދޮށަށް ވަން ބޮޑުމަސްތަކެއް ތާށިވެ އޭގެތެރެއިން 51 ބޮޑުމަސް (ޕައިލެޓް ވޭލް) ވަނީ މަރުވެފައެވެ. ލެއްގި މަސްތަކުގެ ތެރެއިން ސަލާމަތް ކުރެވުނީ އެންމެ ފަސް މަހެވެ.

އެޤައުމުގެ ކަމާއިބެހޭ އިދާރާތަކުން ބުނާގޮތުގައި މިއީ މަސްތައް ހިޖުރަކުރާ ގޮތަށް ބަދަލު އައުމާއި ފެނުގެ ފިނިހޫނުމިން ދަށްވުމާއި އަޑުގަދަވުން ފަދަ ގިނަ ކަންތައްތަކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވެދާނެއެވެ. އެހެންނަމަވެސް އިއްޔެ މަރުވި 51 މަސް ގޮނޑުދޮށުގައި ތާށިވީ ސަބަބެއް އަދި ނޭނގެއެވެ.

ކަމާއިބެހޭ އިދާރާތަކުން ދަނީ މިކަން އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މިއީ އޮސްޓްރޭލިއާގައި ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައެކެވެ. އެގޮތުން މިދިޔަ 50 އަހަރު ތެރޭގައި 1000 އަށް ވުރެ ގިނަ ބޮޑު މަހާއި ކޯމަސް އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ތާށިވެފައިވެފައިވެއެވެ.

މިފަދަ ހާދިސާއެއް ދާދިފަހުން އިނގިރޭސި ވިލާތައް ވެސް ވަނީ ކުރިމަތިވެފައެވެ. މިގޮތުން މިމަހުގެ 18 ވަނަ ދުވަހު ނޯތު ޓޮލްސްޓާގެ ޓްރައިގް މޯ ބީޗަށް 55 ބޮޑުމަސް ލެއްގިއެވެ. އޭގެ ތެރެއިން ސަލާމަތް ކުރެވޭ ހާލަތުގައި އޮއްވާ ފެނުނީ 15 މަހެވެ. ބާކީ ހުރި ބައެއް މަސްތައް ދިރިހުރި ނަމަވެސް، ރައްކާތެރިގޮތަކަށް އެތަކެތި މަރާލުމަށް ނިންމިއެވެ.

ޕައިލެޓް ވޭލް އަކީ ކޯމަހުގެ އާއިލާގައި ހިމެނޭ ކޯމަހަކަށްވުރެ ބޮޑު މަހެކެވެ. ޕައިލެޓް ވޭލް އުޅޭ އަދަދެއް ސީދާ އެނގިފާ ނެތަސް އަދި މިމަސް ނެތި ދިޔުމުގެ ބިރު ނެތް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.