މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ސިއްހީ ހާލަތުގެ ސަބަބުން އޭނާގެ ޓުއާ ''ޖސްޓިސް ވާރލްޑް ޓުއާ'' ގެ ތާރީޚްތައް އަނެއްކާ ވެސް ފަސްކޮށްފިއެވެ.

މި ޓުއާގެ ބައެއް ތާރީހުތައް ވަނީ މި އަހަރުގެ ޖޫން މަހު ވެސް ފަސްކޮށްފައެވެ.

އެފަހަރު އޭނާ ޓުއާ ފަސްކޮށްފައި ވަނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމުގައިވާ ''ރަމްސޭ ހަންޓް ސިންޑްރޯމް'' ގެ ސަބަބުން މޫނުގެ އެއްފަޅި ޕެރެލައިޒްވުމުގެ ސަބަބުންނެވެ.

ޖަސްޓިން މީޑިއާގައި ހިއްސާ ކޮށްފައިވާ ވީޑިއޯއެއްގައި އޭނާގެ ސިއްހީ ހާލަތު ބުނެދީފައިވެއެވެ.

ނަމަވެސް އޭގެ ފަހުން އޭނާގެ ހާލު ކުޑަކޮށް ރަނގަޅުވުމުން ޓުއާގެ ޝޯތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެންމެ ފަހުން މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ޓުއާގެ ތާރީހުތައް ލަސްކުރެވިފައިވާ ކަމަށާއި އެންމެ ބޮޑު ސަމާލުކަމެއް މި ވަގުތު ދޭން ބޭނުންވަނީ ސިއްހަތަށް ކަމަށެވެ.

ޔޫރަޕްގައި ލައިވްކޮށް ހަ ޝޯ އޭނާ ދީފައި ވެއެވެޡ ނަމަވެސް އޭނާއަށް އެކަމުގެ ސަބަބުން ވަރަށް އުދަނގޫވާ ކަމަށް ބުނެފައިވެއެވެ.

އަދި މިދިޔަ ހަފުތާގެ ތެރޭގައި ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯ ދީފައިވާ ކަމަށާއި މި ޝޯ ނިންމާފައި ސްޓޭޖުން ފޭބުމަށް ފަހު އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ސިއްހަތަށްކަން އެނގުނު ކަމަށް ބުންޏެވެ.

އެހެންކަމުން ވަގުތީ ގޮތުން ޓުއާއިން ''ބްރޭކް'' އެއް ނަގާ ކަމަށާއި ހާލަތު އެއްކޮށް ރަނގަޅު ވަންދެން އަރާމު ކޮށްލަން ބޭނުންވާ ކަމަށް ވެސް މި ޕޯސްޓުގައި ލިޔެފައިވެއެވެ.

މި ޓުއާ މެދުވެރިކޮށް ދޭން ބޭނުންވާ މެސެޖު ދެވުނީތީ އެކަމާ ފަހުރުވެރިވާ ކަމަށް އޭނާ ބުންޏެވެ. އަދި އެންމެންގެ ފަރާތުން ލިބޭ ހިތްވަރާއި ސަޕޯޓަށް ޝުކުރު އަދާކޮށްފައިވެއެވެ.