މަޝްހޫރު ލަވަކިއުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބީބާ ހުރީ ދަރިން ހޯދަން ކެތް މަދުވެފައިވާ ކަމަށާއި އެހެން ނަމަވެސް މީހުން ދަރިންނާ ދިމާކޮށްފާނެތީ ދަރިން ހޯދަން ޖެހިލުންވާ ކަމަށް އޭނާ ބުނެފިއެވެ.

ޖަސްޓިންއާ ހެއިލީ ކައިވެނި ކުރީ 2018 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ.

ޖަސްޓިން 2020 ވަނަ އަހަރު އެލެން ޑިޖެނެރެސްގެ ޝޯގައި ބުނީ އޭނާ ދަރިން ހޯދަން ވަރަށް ބޭނުން ކަމަށާއި އަދި ބޭނުންވަނީ ވެސް ދަރިން ފައްޗެއް ކަމަށެވެ.

އެހެން ނަމަވެސް ހޯދާނެ ދަރިންގެ އަދަދު ނިންމާނީ އަންހެނުން ހެއިލީ ކަމަށް ބުންޏެވެ.

ހެއިލީ ވެސް ދާދި ފަހުން ބުނީ އޭނާވެސް ދަރިން ހޯދަން ވަރަށް ބޭނުން ކަމަށެވެ. އެހެން ނަމަވެސް މިހާރުވެސް އޭނާއާ ޖަސްޓިންއާ ބެހޭ ގޮތުން މީހުން ފާޑުފާޑު ވާހަކަ ދައްކާ ކަމަށާއި އަދި ދަރިއަކު ހޯދުމުން އެ ދަރިފުޅާ ބެހޭ ގޮތުން ދައްކާ ވާހަކަތަކާ ދެކޮޅަށް ތެދުވަން ހިޔާލަށް ވެސް ގެންނަން އުނދަގޫ ކަމަށެވެ.

އިންޓަނެޓްގައި އުޅޭ ޓްރޮލްއިން ހެއިލީއާ ދޭތެރެ ދޭތެރެއިން ދިމާކޮށްލައެވެ. އެގޮތުން ދާދި ފަހުން ވެސް ޖަސްޓިންގެ ކުރީގެ ލޯބިވެރިޔާ ސެލީނާ ގޮމޭޒްއާ ހެއިލީއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުން ހެއިލީއަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ.

ހެއިލީއަށް މިދިޔަ އަހަރު ވަނީ ކުޑަ ސްޓްރޯކެއްވެސް ޖެހިފައެވެ. އަދި ޖަސްޓިންގެ މޫނުމަތީގެ އެއް ފަޅި ވަނީ ވާގި ނެތިފައެވެ. އޭގެ ސަބަބުން ޖަސްޓިންގެ ކެރިއާއަށް ވަނި ވަރަށް ބޮޑަށް އަސަރުވެސް ކޮށްފައެވެ.