މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ލަވަތަކުގެ ރައިޓްސް 200 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

ހިޕްނޯސިސް ސޯންގްސް ކެޕިޓަލް އަށް ޖަސްޓިން 2021 ވަނަ އަހަރާ ހަމައަށް ކިއާފައިވާ ލަވަތައް ވިއްކާލި އިރު، އޭގެ ތެރޭގައި އޭނާގެ އެންމެ ކާމިޔާބު ލަވަތައް ކަމަށްވާ "ބޭބީ" އަދި "ސޮރީ" ހިމެނެއެވެ.

ލަވަތަކުގެ ރައިޓްސް ހިޕްނޯސިސްއަަށް ވިއްކާލީ ހަމައެކަނި ޖަސްޓިން ބީބާ އެކަންޏެއް ނޫނެވެ. މީގެ ކުރިން އެ ޖަސްޓިން ޓިމްބަލޭކް އާއި ޝަކީރާ ވެސް ވަނީ ހަމަ އެ ކުންފުންޏަށް ލަވަތައް ވިއްކާލައިފައެވެ.

ލަވަތަކުގެ ރައިޓްސް ވިއްކާލުމާ ގުޅޭ ގޮތުން ޖަސްޓިން ބީބާގެ މެނޭޖަރު ސްކޫޓާ ބްރައުން ބުނީ އެ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އަދި ހިޕްނޯސިސްއަށް ވުރެ ރަނގަޅު ޑީލެއް ނުލިބޭނެ ކަމަށެވެ.

އެ ޑީލުގެ ދަށުން ޖަސްޓިން ބީބާގެ ލަަވަތަކުން ލިބޭ ރޯޔަލްޓީ ގަދަ ހުރިހާ އާމްދަނީއެއް ލިބޭނީ ހިޕްނޯސިސްއަށެެވެ.

މިހާރުވެސް ޖަސްޓިންގެ ލަވަތައް ސްޕޮޓިފައި ފަދަ އެކި ޕްލެޓްފޯމްތަކުގައި ކޮންމެ ދުވަހަކުވެސް އެތަކެއް މިލިއަން މީހުން ސްޓްރީމް ކުރެއެވެ.

ފަހަކަށް އައިސް ޖަސްޓިން ބީބާ އުޅެނީ ވަރަށް ބޮޑަށް ބަލިވެއެވެ. އަދި އެކަމާ ގުޅިގެން ބްރޭކެއް ނަގައި ޓުއާތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.

ޖަސްޓިންއަށް ޖެހުނީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމުގައިވާ ''ރަމްސޭ ހަންޓް ސިންޑްރޯމް'' އެވެ. އަދި އެ ބަލީގެ ސަބަބުން އޭނާގެ މޫނުގެ އެއްފަޅި ވަނީ ޕެރަލައިޒްވެފައެވެ.

އެ ބައްޔަށް ސީދާ ފަރުވާއެއް ނެތް އިރު ޖަސްޓިން އެއްކޮށް ރަނގަޅުވެދާނެ ކަމާ މެދު އޮތީ ސުވާލެއްގެ ތެރޭގައެވެ. އަދި އޭނާގެ ކެރިއަރާ މެދުވެސް ވަނީ ސުވާލު އުފެދިފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އައި ފީލް ސޮރީ ފޯ ހިމް. ދެންވެސް ތަންކޮޅެއް އަބުރުވެރި އުޅުމެއް އުޅެ، މީހުން ލޯބިވާފަދަ ޝަޚްސިއްޔަތްކަށް ވާންވީ.
    އިސްލާމްވެ ﷲ އާއި އެކަލާނގެ ރަސޫލާ އެންގެވި މަގުން ހިނގައިގެން އެކަލާނގެ ހަނދުމަކޮށްގެންވާ ނޫން ގޮތަކަށް ތިޔަ ހިތާމަތަކާއި މާޔޫސްކުން މިންޖެއް ނުވެވޭނެ. އެއީ ކިތަންމެ މުއްސަންޖަކަށް ވިޔަސްްް