ސަލްމާން ޚާން ހުށަހަޅައިދޭ ބިގް ބޮސް ޝޯގެ 15 ވަނަ ސީޒަންއިން ލޯބީގެ ގޮތުން ގުޅިފައިވާ ކަރަން ކުންދުރާއާއި ތޭޖަޝްވީ ޕްރަކާޝް އެންގޭޖް ވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފި އެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު އެ ދެ ތަރިން ބޭނުންވަނީ އަވަހަށް ކައިވެނި ކުރާށެވެ. އަދި އެ ދެ ތަރިން މިހާރު އެންގޭޖް ވެފައިވާ ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ތޭޖަސްވީ ވަރަށް ފަހުން ވަނީ އޭނާގެ އިނގިލީގައި ބޮޑު ޑައިމަންޑް އަނގޮޓިއެއް އަޅާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އަދި އެ ޕޯސްޓުގައި ބުނެފައިވަނީ އެއީ ބޮޑު ދުވަހެއް ކަމަށެވެ.

ތޭޖަސްވީއާއި ކަރަންގެ ޖޯޑަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ޖޯޑެކެވެ. މި ދެ ފަންނާނުން ކައިވެނީގެ ގޮތުން ގުޅޭނެ ދުވަހެއްގެ އިންތިޒާރުގައި ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ.

ކަރަންއާއި ތޭޖަސްވީ އެންމެ ފަހުން ފެނިފައިވަނީ ދެމީހުން އެކުގައި ކުޅުނު ވީޑިއޯ ލަވަ ''ބާރިޝް އާއީ ހޭ'' އިންނެވެ.

ކަރަންގެ ކުރިއަށް އޮތް ޕްރޮޖެކްޓްގެ ނަން އަދި ހާމަނުކުރެއެވެ. އަދި ތޭޖަސްވީ ދަނީ މިހާރު ވެސް އިންޑިއަން ޓެލްވިޒަންގެ ޑުރާމާ އެއްކަމުގައިވާ ''ނާގިން 6'' ގައި މަސައްކަތް ކުރަމުންނެވެ.