ޑެންގީ ހުން ޖެހިގެން އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ސަލްމާން ޚާން "ބިގް ބޮސް" އިން ކުޑަ ބްރޭކެއް ނަގައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސުޕަސްޓާ ސަލްމާން ޚާނަށް ޑެންގީ ޖެހިގެން މިހާރު ފަރުވާ ހޯދަމުންދާއިރު ދެން އޭނާ "ބިގް ބޮސް" ހޯސްޓް ކުރަން އަންނާނީ ބަލިން ރަނގަޅު ވުމުން ކަމަށްވެއެވެ. ސަލްމާން ޚާން އަށް ޑެންގީ ހުން ޖެހިފައިވާކަން އަދި އޭނާ މީޑިޔާއަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ސަލްމާންގެ ހާލު ކޮޅު ގޯސްކަމަށް ބުނެ މީޑިޔާގައި ދައުރުވަމުންދާ ހަބަރުތަކާ އެކު އޭނާގެ ފޭނުން ވަނީ މީސް މީޑިއާގައި "އަވަސް ޝިފާ އަކަށް އެދެން" މިފަދަ މެސެޖުތަކުން ފުރާލަމުންނެވެ.

"ބިގް ބޮސް" ގެ 16 ވަނަ ސީޒަން ހޯސްޓް ކުރަން ޑައިރެކްޓަރު ކަރަން ޖޯހަރު ދުވަސްކޮޅަކަށް މިހާރު ވަނީ ނުކުމެފަ އެވެ. ބިގް ބޮސްގެ އިތުރުން ސަލްމާން ވަނީ އޭނާގެ ފިލްމު "ކިސީ ކާބާއީ ކިސީ ކީ ޖާން" ގެ ޝޫޓިންގައި ވެސް މަޝްއޫލުވެފަ އެވެ.

"ކިސީ ކާ ބާއީ ކިސީ ކީ ޖާން" ނެރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ އީދުގަ އެވެ. ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ޕެކްޑް އެންޓަޓައިނަރެއްގެ ގޮތުގައިބިލްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ ޕޫޖާ ހެގްޑޭ އާއި ވެންކްޓޭޝް ދަގޫބަތީ އެވެ. ޝެހެނާޒް ގިލް އާއި ޕަލަކް ތިވާރީ ވެސް މި ޕްރޮޖެކްޓްގައި ހިމެނެ އެވެ.

ސަލްމާން ޚާން ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ ސަލްމާން ޚާންގެ ފިލްމަކުން އުއްމީދުކުރާ ހުރިހާ ކަމެއް - އެކްޝަން، ކޮމެޑީ، ޑްރާމާ، ރޮމޭންސް އަދި އިމޯޝަންސް ހިމެނޭނެ ކަމަށްވައުދުވެފައިވާ ފިލްމެކެވެ.

ދާދި ފަހުން ސަލްމާން ވެސް ވަނީ ކެޓްރީނާ ކައިފާއެކު އޭނާގެ ފިލްމު "ޓައިގާ 3" 2023 ވަނަ އަހަރުގެ ދިވާލީގައި ނެރޭނެ ކަން އިއުލާންކޮށްފައެވެ.