އިންޑިއާގައި އެއްމާބަނޑު ދެބެއިން ރޭޕްކޮށް، މަރާލުމަށްފަހު ދަންޖައްސައިފިއެވެ.

އެގައުމުގެ އުއްތަރު ޕްރަދޭޝް ސަރަހައްދުގެ ގަހެއްގައި ދަންޖައްސާފައި ހުއްޓާ ފެނިފައިވަނީ އުމުރުން 18 އަހަރު ނުވާ ތުއްތު ދެ އަންހެން ކުދިންނެވެ.

މި ހާދިސާއާއި ގުޅިގެން ދެ ކުދިންގެ ހަށިގަނޑު ވެސް ޕޯސްޓްމޯޓަމަށް ފޮނުވާފައިވާއިރު، އެކަމުގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ހަ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

މިކަމާއި ގުޅިގެން އެގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުން އަންނައިރު، ފުލުހުން ބުނީ، އެކުދިން ރޭޕްކޮށް މަރާލާފައިވާ މީހުން ކުދިންނަށް އެނގޭނެ ކަމަށާއި ނަމަވެސް އެކަން އާއިލާއަށް އެނގޭކަމަށް އާއިލާއިން ދެކޮޅު ހަދާ ކަމަށެވެ.

އެކުދިންގެ މަންމައާއި ހަވާލާދީ ނޫސްތަކުން ބުނީ، އެކުދިން ރަހީނުކޮށްފައިވަނީ ސައިކަލުގައި ދިޔަ ބައެއް ކަމަށާއި އެމީހުން ހުއްޓުވަން އޭނާ މަސައްކަތް ކުރުމުން ވެސް އެކަން ނާކާމިޔާބުވެފައިވާ ކަމަށެވެ. ކުދިން ގެންދިއުމާއި ގުޅިގެން ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގަހެއްގައި ދަންޖައްސާފައި ތިއްބާ ފެނުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންގެ އިސްވެރިއަކު ބުނީ، ބެލެވޭ ގޮތުގައި އެކުދިން ގެންގޮސްފައިވަނީ އެސަރަހައްދުގައި އޮންނަ އުއްދަނޑި ހައްދާފައި ހުންނަ ދަނޑަކަށް ކަމަށާއި އެތަނުގައި އެކުދިން ރޭޕްކޮށް ކަރުގައި އެއްޗެއް އައްސައިގެން މަރާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭގެ ފަހުން ކުދިން އަމިއްލައަށް މަރުވީ ކަމަށް ހަދަން ދަންޖެއްސީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.