އިންޑިއާގައި އެއްމާބަނޑު ދެބެއިން ރޭޕްކޮށް މަރާލުމަށްފަހު، ދަންޖެއްސި މައްސަލައިގައި ފުލުހުން މީހެއްގެ ގަޔަށް ބަޑި ޖަހައިފިއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ގަހެއްގައި ދަންޖައްސާފައި ހުއްޓާ ފެނިފައިވަނީ އުމުރުން 18 އަހަރު ނުވާ ދެ އަންހެން ކުދިންނެވެ.

މިމައްސަލައާއި ގުޅިގެން އެގައުމުގެ ފުލުހުން ވަނީ ހަ މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވަނީ ފިލަން މަސައްކަތް ކުރަން އުޅެނިކޮށް ބަޑި ޖަހައިގެން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދިން ބަޑީގެ ހަމަލާ އަމާޒުވެފައިވަނީ އޭނާގެ ފަޔަށެވެ.

މި މައްސަލައާއި ގުޅިގެން އެގައުމުގެ ފުލުހުންގެ އިސްވެރިއަކު ބުނީ، އެ ދެކުދިން ރޭޕް ކުރި މީހުން އާއިލާއަށް އެނގޭނެ ކަމަށެވެ. ނަމަވެސް އާއިލާއިން އެކަމާއި ދެކޮޅު ހަދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެކުދިން މަންމަ އާއި އެކީ ތިއްބާ ސައިކަލެއްގައި ދިޔަ ދެމީހުން އެކުދިން ގޮވައިގެން ދިޔަ ކަމަށާއި އޭރު ސައިކަލު ދުއްވަން ހުރީ އެދެކުދިންގެ ރަހުމަތްތެރިން ކަމަށެވެ. އަދި އެމީހުން ފަހުން އެކުދިން ގެންގޮސް އިތުރު ދެ މީހަކާއި ހަވާލު ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރޭޕް ކުރުމަށްފަހު އެކުދިން މަރާލާފައިވަނީ އެމީހުން އެކުދިންނާއި ދެން ކައިވެނި ކުރަން ޖެހޭނެ ކަމަށް ބުނުމުން ރުޅި އައިސްގެން އުއްދަނޑި ހައްދާ ދަނޑެއްގެ ތެރެއަށް ވައްދައިގެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި އެކުދިން އަމިއްލައަށް މަރުވީ ކަމަށް ހަދަން ވެގެން ކަރުގައި ވަލެއް އައްސާފައި ގަހެއްގައި ބަނދެލީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.