މިދިޔަ އަހަރުގައި ދުނިޔޭގައި އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަގާމު މަސްހޫރު ޕޮޕް ލަވަކިޔުންތެރިޔާ އެޑް ޝީރަން ހޯދައިފިއެވެ.

އެޑް ޝީރަން މި މަގާމް ހޯދާފައިވަނީ މަސްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ޑްރޭކް، ޓެއިލަ ސްވިފްޓް އަދި ބުރޫނޯ މާސް މެންފަދަ ލަވަކިޔުންތެރިންނާއި ވާދަކޮށެއެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ފޯނޮގްރަފިކް އިންޑަސްޓްރީ (އައިއެފްޕީއައި) އިން ހާމަ ކުރި މިދިޔަ އަހަރުގެ އެންމެ މޮޅު ދިހަ ލަވަކިޔުން ތެރިންގެ ލިސްޓުގެ އެއްވަނަ އެޑް ޝީރަން އަށް ލިބިފައިވަނީ އޭނާ މިދިޔަ އަހަރު ކިޔާވައިވާ "ޝޭޕް އޮފް ޔޫ" ލަވައިގެ ސަބަބުންނެވެ. މި ލިސްޓްގެ ދެވަނަ ހާސިލްކޮށްފައިވަނީ ޑްރޭކް އެވެ. އަދި ޓެއިލާ ސްވިފްޓް ވަނީ ތިންވަނަ މަގާމް ހާސިލް ކޮށްފައެވެ.

އުމުރުން އެންމެ 27 އަހަރުގެ އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" ވަނީ މިދިޔަ އަހަރުގެ ދުނިޔޭގެ އެތަށް ޗާޓެއްގެ އެއްވަނައިގައި ގިނަ ދުވަހު ހިފަހައްޓާލާފައެވެ. އަދި މި ލަވަ ވަނީ އެތަށް ހަފްލާތަކެއްގައި ޖަހާ އެންމެ ގިނަ މީހުން މިދިޔަ އަހަރުގައި އަޑުއެހި ލަވައިގެ ގޮތުގައި ފާހަގަ ކޮށްފައެވެ.

"އޭޑް ޝީރަންގެ ލަވައިގެ ކާމިޔާބީގެ އަސްލަކީ އޭނާ ލަވަ ލިޔުމުގައި އާއި ލަވަ ކިޔުމުގައި އަޑުއަހާ މީހުންގެ އިހްސާސްތަކާ ކުޅެލަން އޭނާ ގެންގުޅޭ މޮޅު އުކުޅު" އައިއެފްޕީއައިގެ ޗީފް އެގްޒެކްޓިވް ފްރާސްސިސް މޯރޭ ބުންޔެވެ.

މީގެ ކުރިން މި މަގާމް ހާސިލް ކޮސްފައިވަނީ 2013 ވަނަ އަހަރުގައި ވަން ޑައިރެކްޝަން، 2014 ވަނަ އަހަރުގައި ޓެއިލާ ސްވިފްޓް، 2015 ވަނަ އަހަރުގައި އެޑޭލެ، އަދި 2016 ވަނަ އަހަރުގައި ޑްރޭކް އެވެ.

އެޑް ޝީރަންގެ ލަވަ ތަކަކީ މިހާރު ދުނިޔޭގެ އެތަށްބަޔެއްގެ މެދުގައި މަގުބޫލް ލަވަތަކެކެވެ. އެގޮތުން މިއަހަރު އެޑް ޝީރަން ކިޔާފައިވާ "ޕާފެކްޓް" އަކީވެސް އެތަށް ބަޔެއްގެ މަގުބޫލްކަން ހޯދަމުންދާ ލަވައެކެވެ.