ޗައިނާގައި ކޮވިޑް 19 އަނެއްކާވެސް ފެތުރެމުންދާތީ އެ ގައުމުގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ޝަންގްހާއީގައި ހުންނަ ޑިޒްނީ ތީމް ޕާކު ކުއްލިއަކަށް ބަންދުކުރުމުން، އެތެރޭގައި ތިބި މީހުން ޕާކުގައި ތާށިވެއްޖެއެވެ.

ޕާކު ބަންދުކުރުމުން އެތެރޭގައި ތާށިވެފައިތިބި މީހުން ކޮވިޑަށް ޓެސްޓުކޮށް ނައްސި ނަތީޖާއެއް ނުދައްކަނީސް ޕާކުން ބޭރަށް ނުދެވޭނެކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

މި ޕާކު ބަންދުކޮށްފައި މިވަނީ، އެތެރޭން ފެތުރިފައިވާ ކޮވިޑްގެ 10 ވޭދަނަ ހޮނިހިރު ދުވަހު އެ ސިޓީން ރިޕޯޓް ކޮށްފައިވަނިކޮށެވެ.

މި ޕާކުގެ ވަށައިގެންވާ މަގުތައްވެސް ވަނީ ޕާކު ބަންދުކުރިތާ އިރުކޮޅެއްފަހުން ބަންދުކޮށްފައެވެ. ޝަންގްހާއީގެ ސަރުކާރުގެ އިދާރާތަކުން މީސްމީޑިއާގައި ބުނެފައިވަނީ މިހާރު ޕާކަށް އެއްވެސް ފަރާތަކަށް ނުވަދެވޭނެ ކަމަށާއި، އެތެރޭގައި ތިބި ފަރާތްތަކަށް ބޭރަށް ނުކުތުމުގެ ހުއްދަލިބޭނީ ކޮވިޑް ޓެސްޓްގެ ނައްސި ނަތީޖާއެއް ދެއްކުމުންކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން މި ޕާކަށް ޒިޔާރަތްކޮށްފައިވާ އެންމެންވެސް ޖެހިޖެހިގެން ތިންދުވަހު ތިން ނައްސި ނަތީޖާ ދައްކަން ޖެހޭނެ ކަމަުގައިވެސް އިދާރާތަކުން ބުނެފައިވެއެވެ.

ޗައިނާގެ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި ޕާކު ބަންދުކުރާކަމުގެ އިއުލާންކުރުމުން އެތެރޭގައި ތިބި އެތައްބަޔަކު ވަނީ އެތަނުން ނުކުތުމަށް ގޭޓުތަކާއި ދިމާލަށް ދުވެފައިގޮސްފައެވެ. ނަމަވެސް އޭރު ގޭޓްތައް ތަޅުލާފައި ހުރުމުން އެމީހުންނަށް ބޭރަށް ނުނިކުމެވި ތިބޭތަން ވީޑިއޯއިން ފެނެއެވެ.

ޕާކަށް ވަދެނުކުތުން މަނާ ކޮށްފައިވީ ނަމަވެސް، ޕާކުގެ ވަސީލަތްތައް އަދި މުނިފޫހިފިލުވާ ތަންތަންވެސް ހުރީ ޕާކުގެ އެތެރޭގައި ތިބި މީހުންނަށް އަދިވެސް ހުޅުވާލާފައެވެ.

މިއީ މިގޮތަށް ކުއްލިއަކަށް މި ޕާކު ބަންދުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް އިދާރާތަކުން ވަނީ އެއްތާވި މީހުން ހޯދުމުގެ ގޮތުން އެވަގުތު ޕާކުގައި ތިބި އެންމެން ކޮވިޑަށް ޓެސްޓުކުރުމަށް ކުއްލިއަކަށް ޕާކު ބަންދުކޮށްފައެވެ. އޭރު ޕާކުގައި 30000 މީހުން ތިއްބެވެ.

ޗައިނާގައި ގެންގުޅޭ ހަރުކަށި ޒީރޯ ކޮވިޑް ސިޔާސަތުގެ ދަށުން އެތައް ފަހަރަކު އެތައް މިލިއަން މީހުންނެއްވަނީ އެކި ތަންތާގައި ފުރަބަންދުކޮށްފައެވެ. އެގޮތުން ބައެއްފަހަރު ވަރަށް އާދަޔާ ޚިލާފު ތަންތާގައިވެސް މީހުން ބަންދުވެފައި އެބަހުއްޓެވެ.

ކުއްލިއަކަށް ތަންތަން ބަންދުކުރަމުންދާތީ އެތަންތަނުގެ އެތެރޭގައި ތާށިވެދާނެ ކަމުގެ ބިރަށް ބައެއް މީހުން ފިހާރަތަކުންނާއި އެމީހުން ވަޒީފާ އަދާކުރާ ތަންތަނުންވެސް އަވަހަށް ނުކުމެވޭތޯ އުޅޭ މަންޒަރު ޗައިނާއިން މިހާރު ވަރަށް ގިނައިން ފެންނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު