އަގުބޮޑެތި މުދާ ވަގަށް ގެންދިއުމަކީ އާންމު ކަމެއް ނަމަވެސް ގިނަ ފަހަރަށް އެ ވަގަށް ނަގާ މީހަކުވެސް ނޭނގޭނެއެވެ. އެއްޗެއް ގެއްލުމުން ނުވަތަ ވަގަށް ނެގުމުން އެ އެއްޗެއް ހޯދަން ޖެހެނީ ފުލުހުންގެ އެހީތެރިކަމާއެކު އެވެ. ފުލުހުންނަށްވެސް ވަގު ނުހޯދޭ ފަހަރު ގިނައެވެ.

އެމީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަކީ އުނދަގޫކަމަކަށް ވާއިރު، އެފަދަ މީހެއްގެ ފަރާތުން މައާފަށް އެދުމަކީވެސް ނުވުން ގާތް ކަމެކެވެ. އެހެން ނަމަވެސް ދާދި ފަހުން އެފްރިކާއަށް ނިސްބަތްވާ ފިރިހެނެއްގެ ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ވަނީ އޭގެ ވެރިފަރާތުގެ ކިބައިން މައާފަށް އެެދި އީމެއިލް އެއް ފޮނުވާފައެވެ.

"ޒްވެލީ ތިޒޯ" ނަމަކަށް ކިޔާ މީހަކު ދާދި ފަހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާގެ ލެޕްޓޮޕް ނެގި ވަގު އޭނާއަށް މައާފަށް އެދި އީމެއިލް އެއް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވަނީ އެ އީމެއިލްގެ ސްކްރީންޝޮޓެއްވެސް ޓްވިޓާގައި އާންމުކޮށްފައެވެ.

އެ އީމެއިލްގައިވާ ގޮތުން އޭނާ އެ ލެޕްޓޮޕް ވަގަށް ނެގީ މާލީ ގޮތުން ވަރަށް ދަތިވެ އެއްވެސް ގޮތެއް ނެތިގެންނެވެ.

ލެޕްޓޮޕް ހުޅުވާލުމުން ފެނުނީ ރިސާޗް ޕްރޮޕޯސަލްއަކަށް ތައްޔާރުވުމަށް ލެޕްޓޮޕްގެ ވެރިފަރާތުން ކޮށްފައިވާ މަސައްކަތް ކަމަށާއި، އެހެންވެ އެކަމަށް ބޭނުންކޮށްފައިވާ ހުރިހާ ފައިލެއް އަނބުރާ ލެޕްޓޮޕްގެ ވެރިފަރާތަށް އީމެއިލް މެދުވެރިކޮށް ފޮނުވާކަމަށް އެމީހާ ވަނީ ބުނެފައެވެ.

މި އީމެއިލް ހިއްސާކޮށް ކުރި ޓްވީޓުގައި ލެޕްޓޮޕްގެ ވެރިފަރާތުން ބުނެފައި ވަނީ މި އީމެއިލް ފެނުމުން އުފާވެސްވި ކަމަށާއި، އަދި ރުޅިވެސް އައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު