އެންމެ ގިނަ މީހުން ބޭނުންކުރާ މީސް މީޑިއާ ވެބްސައިޓް ކަމަށްވާ ފޭސްބުކް އަށް ބޮޑު ބަދަލެއް ގެންނަން ތައްޔާރުވެއްޖެ ކަމަށް އެމެރިކާގެ "ވޯލް ސްޓްރީޓް ޖާނަލް" އިން ބުނެފިއެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި ފޭސްބުކްގެ ލޭއައުޓަށް ވަރަށް ބޮޑު ބަދަލެއް ދާދިއަވަހަށް ގެންނާނެއެވެ. އެބަދަލަކީ ފާއިތުވި 18 އަހަރު ދުވަސް ތެރޭގައި ފޭސްބުކްއަށް ގެންނާނެ އެންމެ ބޮޑު ބަދަލު ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ. ފޭސްބުކް އިން ގެންނަ ބަދަލު ފޭސްބުކް އިން ހިންގަމުން އަންނަ އިންސްޓަގްރާމް އަށް ވެސް ގެންނާނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެއެވެ.

ބެލެވޭ ގޮތުގައި ގެންނަ ބަދަލުތަކުގެ ތެރޭގައި ފޭސްބުކްގެ އެކިބައިތައް މިހާރު ހުންނަ ގޮތް އާގޮތަކަށް ބަދަލު ކޮށްލުން ހިމެނެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި މާދަމާ ބޮޑު ނިންމުމެއް ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް އިއުލާން ކުރާނެއެވެ. މާދަމާ އޭނާ އިއުލާން ކުރާ ބަދަލުގެ ތެރޭގައި ފޭސްބުކް މުވައްޒަފުންގެ އަދަދު މަދުކުރުން ވެސް ހިމެނޭ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެއެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި ފޭސްބުކުގައި މަސައްކަތް ކުރާ 78000 އަށް ވުރެ ގިނަ މުވައްޒަފުންގެ ތެރެއިން މަދުވެގެން %10 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަން ޒުކަބާގް މާދަމާ އިއުލާން ކުރާނެއެވެ.

ފޭސްބުކް އަށް ބަދަލުތަކެއް ގެނެސް، މުވައްޒަފުންގެ އަދަދު މަދުކުރަން ޖެހިފައި ވަނީ ފޭސްބުކްގެ މައި ކުންފުނި ކަމަށްވާ "މެޓަރ" އަށް ކުރިމަތިވަމުން އަންނަ މާލީ މައްސަލަތަކުގެ ސަބަބުން ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު މެޓަރގެ ހިއްސާގެ އަގު ވަނީ %70 ވެއްޓިފައެވެ. އަދި އެކުންފުންޏަށް ލިބޭ އާމްދަނީ ވެސް އަންނަނީ މަދުވަމުންނެވެ. މީގެ އިތުރުން ފަހަކަށް އައިސް ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ވެސް އަންނަނީ މަދުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ފޭސްބުކް ދަނީ ފެއިލްވަމުން. ބޭނުން ކުރާ މީހުން ވެސް އެއަށް ވުރެ ރަގަޅު ޕްލެޓްފޯމްތަކަށް ދަނީ.

    9
    1
  2. އަހުމަދު

    މިމީހުން ކެއްކި "މެޓާ" ގަޑުގައި ފޮނިރަހަ އެއް ނުލި.

    15
    1