ފޭސްބުކް، ވަޓްސްއެޕް، އިންސްޓަގްރާމް ހިންގަމުން އަންނަ ކުންފުނި ކަމަށްވާ މެޓަރ އިން 11000 މީހުން ވަޒީފާ އިން ވަކިކުރާނެކަން އިއުލާންކޮށްފިއެވެ.

މެޓަރގެ ސީއީއޯ މާކް ޒުކަބާގް ދެންމެ އިއުލާން ކުރި ގޮތުގައި އެކުންފުނީގެ %13 އިންސައްތަ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ވަނީ ނިންމާފައެވެ. އެއީ 11000 މުވައްޒަފުންނެވެ. މިއީ 2004 ވަނަ އަހަރު ފޭސްބުކް އުފެއްދި ފަހުން އެކުންފުނީގެ ވަޒީފާ އިން ބަޔަކު މިގޮތައް ވަކިކުރާ ފުރަތަމަ ފަހަރެވެ.

ޒުކަބާގް ބުނީ މިއީ މެޓަރގެ ތާރީޚްގައި ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށެވެ. މިއީ އުނދަގޫ ނިންމުމެއް ނަމަވެސް މިނިންމުން ނިންމަން ޖެހުނީ ކުންފުނީގެ ކުރިމަގަށްޓަކައި ކަމަށް އޭނާ ބުންޏެވެ.

"މިހާރު އިގުތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކާއި، ވާދަވެރިކަން އިތުރުވުމާއި އިސްތިހާރުން ލިބެމުން އަންނަ އާމްދަނީ ދަށަށް ދިއުން އެއީ މިނިންމުން ނިންމަން ޖެހުނު މައިގަނޑު ސަބަބުތައް." ޒުކަބާގް ވުންޏެވެ.

ޒުކަބާގް ބުނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ޖެހުން އެއީ ހެދިފައިވާ ގޯސްތަކެއްގެ ނަތީޖާ ކަމަށް ގަބޫލުކުރާ ކަމަށާއި އެގޯސްތަކުގެ ޒިންމާ އޭނާ އަމިއްލައަށް އުފުލާ ކަމަށެވެ.

މެޓަރ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަނީ އިސްތިހާރުތަކުންނެވެ. ނަމަވެސް ފަހަކަށް އައިސް ސްނެޕްޗެޓާއި ޔޫޓިއުބް އަދި ޓިކްޓޮކް އިން ހޯދަމުން އަންނަ މަގުބޫލުކަމުގެ ސަބަބުން މެޓަރގެ އެންމެ ބޮޑު ވެބްސައިޓް ކަމަށްވާ ފޭސްބުކްގައި އިސްތިހާރު ކުރާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އަދި މިދިޔަ އަހަރު އެޕަލް އިން ގެނައި ބަދަލެއްގެ ސަބަބުން ފޭސްބުކްގައި އިސްތިހާރު ދެއްކުމަށް ހުރަސްތައް ކުރިމަތިވެ، އެކަމުގެ ގެއްލުން ވެސް ވަނީ މެޓަރ އަށް ކުރިމަތިވެފައެވެ.

މެޓަރގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމުމާއިއެކު މިއީ ސިލިކަންވެލީ އަށް ވަރަށް ބަނަ ދުވަސްތަކަކަށް ވަނީ ވެފައެވެ. ފޭސްބުކް ފިޔަވައި ދެން ސިލިކަންވެލީގެ އެންމެ މަޝްހޫރު އެއްކުންފުނި ކަމަށްވާ ޓްވިޓާ އިން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން މިހާރު އަންނަނީ ވަކިކުރަމުންނެވެ. އަދި އެމެޒަންގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެއް ކަމަށްވާ ސްޓްރިޕް އިން ވެސް ވަނީ އެކުންފުނީގެ %14 މުވައްޒަފުން ވަކިކުރަން ނިންމިކަން މިހަފްތާގައި އިއުލާން ކޮށްފައެވެ.