މިދިޔަ އާދީއްތަ ދުވަހު އަލަތު ދަރިފުޅު ލިބުނު ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް ހޮސްޕިޓަލުން ގެއަށް އެނބުރި ގޮސްފިއެވެ.

އާލިއާ ވިހާފައި ވަނީ އާދީއްތަ ދުވަހެެވެ. އާލިއާ އާއި އޭނާގެ އަންހެން ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ގޮސްފައި ވަނީ އިއްޔެ ހެނދުނު އެވެ. އެ މީހުން ހޮސްޕިޓަލުން ނުކުމެގެން ކާރުގައި ތިއްބާ ނަގާފައިވާ ފޮޓޯއެއް ވަނީ އާއްމުކޮށްފައެވެ.

އެ ފޮޓޯއިން އަލިއާ ރަންބީރު ފެނިގެން ދާއިރު، ރަންބީރްގެ މަންމަ ނީތޫވެސް ހޮސްޕިޓަލުން ނުކުމެގެން ދާ ފޮޓޯއެއްވެސް އާއްމުކޮށްފައި ވެއެވެ.

މިދިޔަ އާދިއްތަ ދުވަހު އާލިއާ ވަނީ އޭނާ އާއި ރަންބީރްއަށް ދަރިއަކު ލިބުނުކަން އިންސްޓަގްރާމްގައި އާއްމުކޮށްފައެވެ. އަދި ލިބުނީ އަންހެން ކުއްޖެއް ކަމަށްވެސް ބުނެފައި ވެއެވެ.

އާލިއާ ބަނޑުބޮޑުކަން ހާމަކޮށްފައި ވަނީ މި އަހަރުގެ ޖޫން މަސް ތެރޭގައެވެ. އާލިއާ އާއި ރަންބީރް ކައިވެނިކޮށްފައި ވަނީ އޭޕްރިލް މަސް ތެރޭގައެވެ. މި ދެ މީހުން ކައިވެނި ކުރުމުގެ ކުރިން ލޯބީގެ ގޮތުން ފަސް އަހަރު ވަންދެން ގުޅިގެންް އުޅެފައި ވެއެވެ.

މި ދެ މީހުންގެ ލޯބީގެ ކުޅިގަނޑު ފެށުނީ އެކުގައި ކުޅުނު ފިލްމެއްގެ މަސައްކަތަށް ފަހުއެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމް ހާޓް އޮފް ސްޓޯންއިންނެވެ.