ފޭކް އެކައުންޓްތައް ގިނަވެ، އަށް ޑޮލަރުގެ އަގަކަށް ކޮންމެ މީހަކަށްވެސް ޓްވިޓާ އެކައުންޓް ވެރިފައިކޮށް ނޫ ފާހަގަ ލިބޭގޮތަށް އޮތްއޮތުން ޓްވިޓާއިން އިއްޔެ މެދުކަނޑާލައިފިއެވެ.

ޓްވިޓާއިން މި ޚިދުމަތް މެދުކަނޑާލައިފައި ވާއިރު ބައެއް އެކައުންޓްތަކުގައި "އޮފިޝަލް" ބެޖް ޖަހަންވެސް ވަނީ ފަށައިފައެވެ.

މި ނޫ ފާހަގައަކީ ކުރިން ހަމައެކަނި މަޝްހޫރު ނުވަތަ މުހިންމު ފަރާތްތަކުގެ އެކައުންޓްތަކަށް ދޫކުރި ފާހަގައެކެވެ. މިއީ ޓްވިޓާ ގެ ތެރޭގައި ނަކަލު އެކައުންޓްތައް ވަކިކޮށް އަސްލު ފަރާތްތައް ދެނެގަތުމަށް ވަރަށް މުހިންމު ފާހަގައެކެވެ. ނަމަވެސް ފައިސާ ދެއްކުމަށް ތައްޔާރަށް ހުރި ކޮންމެ މީހަކަށްވެސް މި ފާހަކަ ލިބޭގޮތަށް ޓްވިޓާއިން ނިންމާފައިވަނީ މިދިޔަ ހަފްތާއެވެ. އޭރުވެސް ވަރަށް ގިނަ ފަރާތްތަކުން ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓްވިޓާ ބޭނުންކުރާ ވަރަށް ގިނަ ފަރާތްތަކުން އިއްޔެ ބުނެފައިވަނީ ސަބްސްކްރައިބްކޮށް ވެރިފިކޭޝަންގެ ނޫ ފާހަގަ ލިބޭގޮތަށް އޮންނަ އޮތުން މިހާރު ޓްވިޓާގައި ނެތް ކަމަށެވެ.

ޓްވިޓާއިން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

މިގޮތަށް ކޮންމެ މީހަކަށްވެސް އެކައުންޓް ވެރިފައިކުރުމުގެ ފުރުސަތު ދިނުމާއި ގުޅިގެން މަޝްހޫރު ބްރޭންޑްތަކާއި މަޝްހޫރު މީސްމީހުންގެ ނަކަލު އެކައުންޓްތައް މުޅި ޓްވިޓާގެ ތެރޭގައި ދައުރުވަމުން ދިޔައެވެ.

"ނަކަލު ކުރުން ހުއްޓުވުމަށްޓަކައި އަހަރެމެން ބައެއް އެކައުންޓްތަކުގައި "އޮފިޝަލް" ޖަހާފައިވާނެ." "އޮފިޝަލް" ޖަހާފައިވާ ޓްވިޓާގެ ސަޕޯޓް އެކައުންޓަކުން އިއްޔެ ކުރި ޓްވީޓެއްގައިވެއެވެ.

މިގޮތަށް "އޮފިޝަލް" ޖަހަން ފުރަތަމަ ތައާރަފް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އޭގެ ގަޑިއިރުތަކެއް ފަހުން އަނެއްކާވެސް އެ ނިންމުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެލީ ލިލީގެ ފޭކް އެކައުންޓަކުން ހަކުރުބަލީގެ މީހުން ޖަހާ އިންޖެކްޝަނެއްކަމަށްވާ އިންސިއުލިން ހިލޭ ލިބޭނެކަމަށް ބުނެ ޓްވީޓް ކޮށްފައިވުމުން އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

ވެރިފިކޭޝަންގެ ނޫ ފާހަގަ ޖަހާފައިވާ ތްވިޓާގެ ވެރިޔާ އެލޮން މަސްކްގެ ކުންފުނި ޓެސްލާގެ އެކައުންޓަކުންވެސް ވަނީ ފާޑުފާޑުގެ ޓްވީޓްތައްކޮށްފައެވެ.

އަދި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ގެ ނޫ ފާހަގަ ޖެހި އެކައުންޓްތަކުން ވަނީ "އިރާގުގެ ރައްޔިތުން މެރުމުގެ މަތިން ވަރަށް މިސްވާކަމަށް" ބުނެ ޓްވީޓްތަކެއް ބަދަލުކޮށްފައެވެ.

ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ޓްވިޓާއިން ފާއިތުވި އެތައް އަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށާއި، އީލޮން މަސްކް ދެ ހަފްތާގެ ތެރޭގައި މި މަސައްކަތް އެކޮޅުކޮޅުން ޖަހާފައިވާ ކަމަށް އަލަބާމާ ޔުނިވާސިޓީގެ ޕްރޮފެސަރަކުވެސް ބުނެފައިވެއެވެ.

ޓްވިޓާގައި ހަދާ ފޭކް އެކައުންޓްތަކަކީ ސީދާ މަޖަލަކަށް ހަދާފައިވާ އެކައުންޓެއްކަން ނުބުނެ އެހެންމީހުން ނަކަލުކުރާ ފަރާތްތަކުގެ އެކައުންޓްތައް އެއްވެސް އިންޒާރެއް ދިނުމަކާއިނުލާ އެއްކޮށް ސަސްޕެންޑް ކުރާނެކަމަށް އީލޮން މަސްކު ކުރިން ބުނެފައިވެއެވެ.

އިޝްތިހާރުކުރުމުން ލިބޭ އާމްދަނީ މަދުވުމުން ސަބްސްކްރިޕްޝަން ފީތަކުން އެކަށީގެންވާ އާމްދަނީއެއް ނުހޯދިއްޖެނަމަ ކުރިއަށްއޮތް އިގްތިސާދީ އަނދަވަޅުން ސަލާމަތް ނުވެވޭނެ ކަމަށް ބުރާސްފަތި ދުވަހު މުޅި ކުންފުންޏަށް މަސްކު ފޮނުވި މެއިލްއެއްގައި ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްވިޓާގެ ގާތްގަނޑަކަށް 90 އިންސައްތަ އާމްދަނީ ލިބެނީ ބޮޑެތި ކުންފުނިތަކުން ކުރާ އިޝްތިހާރުތަކުންނެވެ. ނަމަވެސް މަސްކު ޓްވިޓާއާއި ހަވާލުވެ މަންސައަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ވަރަށް ގިނަ ކުންފުނިތަކުން ވަނީ ޓްވިޓާގައި އިޝްތިހާރުކުރުން ހުއްޓާލާފައި ނުވަތަ މަޑު ޖައްސާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭކް އައިޑީ

    ފޭކް އެކައުންޓް ގެ ރެކޯރޑް އޮތީ ހަސަން ކުރުސީ އަތުގަ. އެރެކޯރޑް މުގުރާލުމަކީ އެހެންމީހަކަށް ކުޅަދާނަ ވެގެންވާނެ ކަމެއްނޫން