ދުނިޔެ ހިމެނޭ ގެލެކްސީގައި ދައުރުވާ އެންމެ ބިޔަ ގުރަހަ (ޕްލެނެޓް) ކަމަށްވާ މުޝްތަރީ (ޖުޕިޓަރ) އަށްވުރެ ބާރަގުނަ ބޮޑު އާދަޔާއި ޚިލާފު ގުރަހައެއް ހޯދައިފިއެވެ.

ސައިންސްވެރިން މި އާދަޔާ ހިލާފަށް ބޮޑު ގުރަހަ ހޯދާފައިވަނީ ދުނިޔެއާއި 20 އަހި އަހަރު ދުރުންނެވެ. ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ ބޭރުން ފެނުނު މި ގުހަރަ ސައިންސްވެރިނަށް ފެނިފައިވަނީ ކެޕްލާރ ސްޕޭސް ޓެލެސްކޯޕް މެދުވެރިކޮށެވެ. ކެޕްލާރ ސްޕޭސް ޓެލެސްކޯޕްއަކީ 2009 ވަނަ އަހަރު ލޯންޗުކުރި ކާމިޔާބު މިޝަންއެކެވެ.

2013 ވަނަ އަހަރު އެ ޓެލެސްކޯޕަށް މެކޭނިކަލް މައްސަލަތަކަކާއި ކުރިމަތިވިނަމަވެސް އެ ޓެލެސްކޯޕް ވަނީ ޖުމްލަ 4500 ގުރަހަ ހޯދާފައެވެ.

ނާސާގެ ބައެއް ސައިސްވެރިން ގަބޫލު ކުރާ ގޮތުގައި އެންމެ ފަހުން ފެނުނު ބިޔަ ގުރަހައަކީ މިއީ "އޭލިއެން ޕްލެނެޓް" އެކެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ މި ގުރަހައިން ފޮނުވާ އާދަޔާ ހިލާފު ގަދަ އަލި ކަމަށް ސައިސްވެރިން ބުނެއެވެ. ނާސާއިން އަންނަނީ އޭލިއެން ދިރުން ހޯދުމަށް ޚާއްސަ އޮބްޒަވޭޓަރީތައް ވެސް އިމާރަތް ކުރަމުންނެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޔޫރޯޕާއަށް މިޝަން އެއް ލޯންޗު ކުރުމަށް ނާސާއިން ވަނީ ނިންމާފައެވެ.

ނާސާގެ ސައިންސްވެރިން ބުނާގޮތުގައި މިޓެލެސްކޯޕްގެ ސަބަބުން ކައުނުގައި ކުރިން ހޯދިފައިނުވާ އަދި ދިރާސާ ކުރުމުގެ ގާބިލުކަން ކުރިން ލިބިފައިނުވާ ސަރަހައްދުތަކަށް ވާސިލުވުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އަދި އެއީ މީގެ 20 ވަރަކަށް އަހަރުކުރިން އަމިއްލަ ސޫރުދަ ނިޒާމުން ބޭރުގެ އެއްވެސް ގުރަހައެއް އިންސާނުންނަށް ހޯދިފައިނުވާ ޒަމާނަކާއި އަޅާކިޔާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އެ ސައިންސްވެރިން ވަނީ ބުނެފައެވެ.

މުޝްތަރީއަކީ މި ސޫރުދަ ނިޒާމުގެ ތަރި ނުވަތަ އިރުން ފެށިގެން ފަސް ވަނައަށް އޮންނަ ގުރަހަ އެވެ. މި ގުރަހައަކީ ސޫރުދަ ނިޒާމުގެ ބޭރަށް އޮންނަ ހަތަރު ގުރަހައެކޭ އެއްފަދައިން ގޭހުގެ މައްޗަށް ބިނާވެގެންވާ، ހަރު ބިމެއް ނޯންނަ ނުރައްކަލުން ފުރިގެންވާ ގުރަހައެކެވެ. މުޝްތަރީގެ ވަށައިގެން ދައުރުވާ 67 ހަނދު ވެއެވެ.