އެމެރިކާގައި އެތައް ފަހަރެއްގެ މަތިން ފިރިމީހާއަށް ޒަހަރުދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 50 އަހަރުގެ އެމޭންޑާ ޗެޕިން އޭނަގެ ފިރިމީހާ އުމުރުން 70 އަހަރުގެ ގޭރީ ޗެޕިންއަށް އެތައް ފަހަރު ޒަހަރުދީފައިވެއެވެ. އެމޭންޑާ ހައްޔަރުކޮށްފައި ވަނީ ގަސްތުގައި މީހަކު މަރަން އުޅުމުގެ ކުށުގައެވެ.

ގޭރީއަކީ ޖަނަވާރުން ބަލާ ޑޮކްޓަރެކެވެ. އެމޭންޑާ ވަނީ ގޭރީގެ ކޮފީއަށް ޖަނަވާރުންނަށްދޭ ބޭހެއް އަޅާފައެވެ. މިއާއެކު ގޭރީ ވަނީ ކޯމާއަކަށް ގޮސްފައެވެ. ނަމަވެސް އޭނަ ސަލާމަތްވެފައިވެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ގޭރީއަށް ޒަހަރުދީފައިވަނީ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިންނެވެ. މި ދެމީހުން ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގައެވެ. ކައިވެނި ކުރުމަށްފަހު އެމޭންޑާވަނީ އޭނަގެ ފިރިމީހާގެ ދަރިއެއްގެ ފޭކް ސޮއިއެއް އެޓޯނީ ޑޮކިއުމެންޓްތަކެއްގައި ކޮށްފައެވެ. އެމޭންޑާވަނީ އެއަށްފަހު ފިރިމީހާ މަރުވެއްޖެނަމަ ގެ އޭނައަށް ލިބޭނެގޮތް ހަދަން ކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

މި ޒަހަރު އެންމެ ފުރަތަމަ ދީފައިވަނީ ގޭގެ ރަޖިސްޓްރީގައި ނަން ނުޖަހާނެކަމަށް ބުނިތާ ތިން ހަފްތާ ފަހުންނެވެ. އެމީހާ އަށް ދީފައިވަނީ ޖަނަވާރުން ހޭނައްތަން ބޭނުންކުރާ ބޭހެއްކަން އެނގިފައިވަނީ ލޭގެ ޓެސްޓް ހެދުމުންނެވެ.

އެމޭންޑާގެ ވަކީލުން ބުނެފައިވަނީ އެމޭންޑާއަށް ގައުމުގައި ހެދިފައި ހުރި ގާނޫނުތަކުގެ މަތިން އިންސާފުވެރި ޝަރީއަތެއް އޮންނަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު