ލޯބިވާ މީހަކު ވަކިވެ ދިއުމުން އެކަމުން އަރައިގަތުމަށް އެކި މީހުން ބޭނުން ކުރާނީ އެކި އުކުޅުތަކެވެ.

އެގޮތުން އިންޑިއާގެ ކޮލްކަތާއަށް ނިސްބަތްވާ މި ފިރިހެން މީހާ ވެސް ވަނީ މަރުވެފައިވާ އޭނާގެ ލޯބިވާ އަނބިމީހާގެ ހަނދާންތައް އާކުރުމަށްޓަކައި ގޮތެއް ހޯދައިފައެވެ. އުމުރުން 65 އަހަރުގެ ތަޕާސް ސަންދިލްޔާ ވަނީ ކޮވިޑް- 19 ގައި 2021 ވަނަ އަހަރު ދުނިޔެ ދޫކުރި އޭނާގެ އަނބިމީހާގެ ބުދެއް ސިލިކޯން ބޭނުންކޮށްގެން ހަދައިފައެވެ.

2.5 ލައްކަ އިންޑިއާ ރުޕީސްގެ މި ބުދު އިންނަނީ ތަޕާސްގެ އަންހެނުންނަށް އެންމެ ކަމުދާ ކޮޓަރީގައި ބައިންދާފައެވެ. ސޯފާގައި ބުދު ބައިންދާފައި އިންނަ އިރު، ހީވަނީ ހަމަ އަސްލު އިންސާނެއް އެތަނުގައި އިންނަ ހެންނެވެ.

މި ބުދުގެ ބަރުދަނަކީ 30 ކިލޯއެވެ. ބުދު އިންނަނީވެސް، ތަޕާސްގެ އަންހެނުން އެމީހުންގެ ފިރިހެން ދަރިފުޅުގެ ކައިވެނި ޕާޓީގައި ލީ ސިލްކް ސާޅީ އަޅުވާފައެވެ.

ތަޕާސް ސަންދިލްޔާ އޭނާގެ އަންހެނުންނާ ވައްތަރު ބުދާއި އެކު --

ނަމަވެސް މިއީ ހަމައެކަނި އޭނާގެ އަންހެނުން މަރުވުމުން އެކަމުގެ ހިތާމައިގައި ފިރިއަކު ކުރި ކަމެއްގެ ގޮތުގައި އެކަނި ތަޕާސް ކުރި ކަމެއް ނޫނެވެ. މިއީ އޭނާގެ އަންހެނުންވެސް އެދުނު ގޮތެވެ.

ތަޕާސް ބުނެފައިވަނީ އޭނާގެ އަންހެނުން، އިންދްރާނީ މަރުވުމުން، އޭނާ ބުދަކަށް ހެދުމަށް ބޭނުންވާ ކަމަށް އިންދްރާނީ ކުރިން އޭނާގެ ކައިރީގައި ބުނެފައިވާ ކަމަށެވެ.

"އަހަރެމެން މީގެ ދިހަވަރަކަށް އަހަރު ކުރިން މާޔާޕޫރުގައި ހުރި އިސްކޯން ފައްޅިއަށް ދިޔައިރު، އެތަނުގައި ހުރި އެ ފައްޅި ހެދި މީހާގެ އަސްލާއި ވައްތަރުގެ ބުދު ވަރަށް ކަމުދިޔަ. ދެން އޭރު އިންދްރާނީ ބުނި އޭނާ އަހަންނަށް ވުރެ ކުރިން މަރުވެއްޖެއްޔާ އޭނާގެ އެކަހަލަ ބުދެއް ހަދަން ބޭނުންވާ ވާހަކަ."

"އަހަރެންގެ އަންހެނުން މަރުވީ 2021 ގެ މޭ 4 ގައި، އަދި އަހަރެން ބޭނުންވީ އޭނާ އެދުނު އެދުން ފުރިހަމަ ކޮށްދޭން." ތަޕާސް ބުނެފައިވެއެވެ.

މި ބުދު ހަދާފައިވަނީ ދާރުލްއާސާރުތަކަށް އަސްލާ އެއްގޮތް ސިލިކޯން ބުދު ހަދާ މީހެއްކަމަށްވާ ސުބިމަލް ދާސް އެވެ. ދާސް ބުނެފައިވަ ގޮތުގައި އިންދްރާނީ ގެ އަސްލާއި އެއްގޮތް ބުދު ހެދުމަކީ އޭނާ ކުރިމަތިލީ އެންމެ ގޮންޖެހުން ބޮޑު އެއް މަސައްކަތެވެ. އަދި އެ ބުދު ހަދާ ނިންމާލުމަށް ހަ މަސްދުވަސް ހޭދަވި ކަމަށް އޭނާ ބުނެފައިވެއެވެ.

ތަޕާސް ސަންދިލްޔާ އޭނާގެ އަންހެނުންނާ ވައްތަރު ބުދާއި އެކު --

ބުދުގެ މޫނުމަތީގެ ކުލަވަރުތައް ބޭނުންވާ ގޮތަށް ގެނައުމަށްޓަކައި ދާސްއާއި ތަޕާސް ގުޅިގެން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ސީދާ މިންތައް ހޯދުމުގައި އެހީވީ އިންދްރާނީގެ ހެދުން ފަހާ މީހާ ކަމަށްވެސް ތަޕާސް ވަނީ ބުނެފައެވެ.

ނަމަވެސް މި ބުދަށް އޭނާ ގެ އާއިލާގެ ހުރިހާ އެންމެންގެ ރުހުން ލިބިފައިނުވާ ކަންވެސް ތަޕާސް ވަނީ ފާހަގަކޮށްފައެވެ.

"އަހަރެން އާއިލާ ވަރަށް ދެކޮޅު ހެދި އަސްލާއި އެއްގޮތް ބުދެއް ގޭގައި ބަހައްޓަން، އެކަމަކު އެންމެ ފަހުން އެމީހުން އެއްބަސްވީ. އަހަރެންގެ ބައެއް ތިމާގެ މީހުންނާއި އަވައްޓެރިން އެހީވެސް ވި."

"މީހަކު މަރުވުމަށްފަހު، ގޭގައި އެމީހާގެ ފޮޓޯތައް ބެހެއްޓޭ ނަމަ،، ބުދެއް ނުބެހެއްޓެންވީ ކީއްވެ؟" ތަޕާސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު