ބޮލީވުޑް އަދި ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ޗޯޕްރާ، އިނގިރޭސި ވޯގް މެގަޒިންގެ ފޮޓޯޝޫޓެއްގައި، ދަރިފުޅު މާލްތީ މޭރީ އާއި އެކު ނަގާފައިވާ ފޮޓޯއަކަށް މީސްމީޑިއާގައި ބޮޑު ސަމާލުކަމެއް ލިބެމުން އެބަ ދެއެވެ.

ފޮޓޯގައި ފެންނަނީ ޕްރިޔަންކާ މާލްތީ ގަޔާއި ކައިރިކޮށްލައިގެން އޮންނަ ތަނެވެ. މާލްތީ އިންނަނީ ކެމެރާއަށް ފުރަގަސް ދީގެންނެވެ. ދާދި ފަހުން އަހަރު ފުރުނު މާލްތީ އާއި ޕްރިޔަންކާގެ ދެމައިން ރަތް ހެދުމެއްގައި ތިބޭ އިރު، ބެކްގްރައުންޑުވެސް ހުރީ ރަތްކޮށެވެ.

މި ފޮޓޯ ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. ޕްރިޔަންކާގެ މި ފޯސްޓަށް ތައުރީފުގެ އެތައް ކޮމެންޓްތަކެއް ވަނީ ލިބިފައެވެ. އެގޮތުން ޕްރިޔަންކާގެ ދެބެންގެ ދެ ދަރި، ޕަރިނީތީ ޗޯޕްރާ އާއި ހުމާ ގުރޭޝީ، ސޮނާލީ ބޭންޑްރޭ، އަދި ރިއާ ކަޕޫރު ފަދަ ބޮލީވުޑްގެ ބައެއް ތަރިންވެސް ވަނީ މި ފޮޓޯ އަށް ތައުރީފު ކޮށްފައެވެ.

ނަމަވެސް ފޮޓޯއަށް ލިބިފައިވާ ހުރިހާ ކޮމެންޓަކީ ތައުރީފުގެ ކޮމެންޓުތަކެއް ނޫނެވެ. ކޮމެންޓު ކުރި ވަރަށް ގިނަ މީހުން ބުނެފައިވަނީ އެ ފޮޓޯގެ ބޭނުމެއް އެމީހުންނަށް ނުވިސްނޭ ކަމުގައެވެ. މިހާތަނަށް ދުނިޔެއަށް މާލްތީ މޭރީގެ މޫނު ދައްކާލާފައި ނުވާއިރު، އެ ފޮޓޯގައި މާލްތީ އިނީ ކީއްވެތޯވެސް އެމީހުން ވަނީ ސުވާލު އުފައްދާފައެވެ.

"އާންމުންގެ ނަޒަރުތަކުން ދަރިފުޅު ފޮރުވުމުގެ ފުރިހަމަ ހައްގު ޕްރިޔަންކާއަށް އެބަ އޮތް. އެކަމަކު ގަސްތުގައި މި ކަން ކޮށްފައި ދެން ދަރިފުޅު ފޮރުވަނީ ކީއްވެ؟ ހަމަ އެއްކޮށް ދަރިފުޅު ފޮރުވަންވީނު." ކޮމެންޓު ކުރި މީހަކު ބުނެފައިވެއެވެ.

"އަހަންނަކަށް ދަރިފުޅެއް ނުފެނޭ، އަހަންނަކަށް މަންމައެއް ނުފެނޭ، އަހަންނަށް އެ ފޮޓޯ އިން ފެންނަނީ ހަމައެކަނި ޕްރިޔަންކާ. އެ ބޭބީ އަކީ ހަމައެކަނި ޕްރޮޕެއް." އެހެން މީހަކު ކޮމެންޓު ކޮށްފައިވެއެވެ.

އެހެން މީހަކު ބުނެފައިވަނީ އާންމުންނަށް ފެންނަ ފޮޓޯތަކުގައި މާލްތީ ނުހިމެނުންވެސް އޯކޭ ކަމަށާއި ފޭނުންނަށް އެކަން ވިސްނޭނެ ކަމަށެވެ.

" ކީއްވެތަ މަޝްހޫރު ތަރިން މިކަހަލަ ކަންތައް ކުރަނީ؟" ކޮމެންޓު ކުރި އިތުރު މީހަކު ސުވާލުކޮށްފައި ވެއެވެ.

ކުރީކޮޅު މިކަން ކިއުޓް ކަމަށާއި ނަމަވެސް މިހާރު ދެން ބޮޑު ޑްރާމާއަކަށް ވެއްޖެ ކަމަށްވެސް މީހަކު ބުނެފައިވެއެވެ.

ބައެއް މީހުން މިކަމާއި ވަރަށް ފާޑުކީ ނަމަވެސް، ޕްރިޔަންކާގެ ދިފާއުގައިވެސް މީހުން ވަނީ ކޮމެންޓު ކޮށްފައެވެ. އެކަކު ބުނެފައިވަނީ ޝަކުވާ ކުރުން ހުއްޓާލުމަށާއި، އެއީ ޕްރިޔަންކާގެ ދަރިފުޅު ކަމަށާއި ކަންތައް ކުރާނެ ގޮތެއް އެނގޭނީ އޭނާއަށް ކަމަށެވެ. އެހެން މީހަކު ބުނެފައިވަނީ ޕްރިޔަންކާ ބޭނުންވީ ދަރިފުޅު ނުދައްކާ، މަންމައެއްގެ ގޮތުގައި އޭނާގެ އާ ދިރިއުޅުން ހިއްސާ ކުރަން ކަމަށެެވެ.

ޕްރިޔަންކާއަށް މަލާމާތް ކުރާ މީހުންނާއި ބެހޭގޮތުން ވޯގް އަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައިވަނީ މީހުންގެ މަލާމާތަށް އޭނާ ވަނީ ފަރިތަވެފައި ކަމަށާއި، ނަމަވެސް ދަރިފުޅާއި ބެހޭގޮތުން ދައްކާ ވާހަކަތަކުން ވަރަށް ހިތްދަތިވާކަމަށެވެ. ދަރިފުޅު މި ހުރިހާ ކަމަކުން ދުރުގައި ބެހެއްޓުމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ އާއި ނިކް ޖޯނަސް މާލްތީ އަށް މަރުހަބާ ކިޔާފައި ވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މާލްތީ އުފަންވެފައިވަނީ ސަރޮގެސީ މެދުވެރިކޮށެވެ. ވޯގް އަށް ދިން އިންޓަވިއުގައި ޕްރިޔަންކާ ބުނެފައިވަނީ ސަރޮގެސީ އިން ކުއްޖަކު ހޯދުމަށް އެ ދެމަފިރިން ނިންމީ ޕްރިޔަންކާގެ "ސިއްހީ މައްސަލަތަކެއް" ހުރުމުން ކަމަށެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިފައިވަނީ 2021 ވަނަ އަހަރު ނުކުތް "ދަ މެޓްރިކްސް ރިސަރެކްޝަންސް" އިންނެވެ.