މީސް މީޑިއާގައި ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރުމަށް ތަފާތު އެތައް މަސައްކަތެއް ކުރެއެވެ. ހާއްސަކޮށް އިންސްޓަގްރާމަށް ތަފާތު ވީޑިއޯތައް ލުމާއި ފޮޓޯތައް ލުމަކީ އިންފްލުއެންސާތައް އާއްމު ކުރާ ކަމެކެވެ. އެގޮތުން ދުވާލަކު އެތައް ހާސް ބަޔަކު އިންސްޓަގްރާމް ރީލް ރެކޯޑްކޮށް، ފޮލޯވަރުން އިތުރު ކުރެއެވެ. އެކަމަކު މިކަމުގެ ސަބަބުން ބައެއް މީހުން ލަޑުވެސް ލިބެއެވެ.

އެގޮތުން އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ގާޒީއާބާދަށް ނިސްބަތްވާ އަންހެން އިންސްޓަގްރާމް އިންފްލުއެންސާއަކަށް މި ވަނީ އެފަދަ ލަޑެއް ލިބިފައެވެ. އެގޮތުން އޭނާ ދުއްވަމުން ދިޔަ ކާރު ހަލިމަގު (ހައިވޭ)އަށް މަޑުކުރީ އިންސްޓަގްރާމް ރީލްއެއް ހެދުމަށެވެ.

މިއާއެކު އެތައް ބައެއްގެ ފާޑުކިޔުންތައް އެ ވީޑިއޯ އާއި އޭނާއަށް އަމާޒުވުމުން، މަގުމަތީގައި ރައްކާތެރިކަމާއި ހިލާފުވެފައިވާކަމަށް ބުނެ ވަނީ 17،000 ރުޕީސްގެ ޖޫރިމަނާއެއް ކޮށްފައެވެ.


އިންސްޓަގްރާމްގައި 652،000 ފޮލޯވަރުން ތިބި ވައިޝާލީ ޗައުދަރީ ޚުޓެއިލް ނަމަކަށް ކިޔާ މި އިންފްލުއެންސަރުގެ ވައިރަލްވި ވީޑިއޯއިން ފެންނަނީ ހަލިމަގުގެ މެދުތެރެއިން ކާރު މަޑުކޮށްލާ މަންޒަރެވެ. ވީޑިއޯ ކުރިއަށް ދާވަރަކަށް މަގުމަތީގައި އޭނާ ހިނގާފައި ގޮސް އެތައް ގޮތަކަށް އޭނާ ޕޯޒް ދެމުން ދެއެވެ.

އެ ވީޑިއޯ އާއްމުވުމައެކު އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި އޭނާ އަށް ފިޔަވަޅު އެޅުމަށް އެތައް ބަޔަކު ގޮވަމުން ގޮސްފައި ވެއެވެ.