މީސް މީޑިއާގެ އެންމެ މަޝްހޫރު ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް އެތައް ހާސް ބަޔަކަށް ޑައުންވުމަށްފަހު، މިހާރު އެޕްލިކޭޝަން ބޭނުން ކުރުމުގައި މައްސަލަތަކެެއް ދިމާވަމުން ނުދާ ކަމަށް ބުނެފިއެވެ.

މެޓާ ޕްލެޓްފޯމް އިންކް އިން ބުނީ، ޓްކްނިކަލް މައްސަލައެއް ދިމާވެގެން، އެތައް ހާސް ބަޔަކަށް އިންސްޓަގްރާމް ޑައުންވި ކަމަށާއި، މިހާރު ޓްކްނިކަލް މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

"ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް މީހުންނަށް އިންސްޓަގްރާމަށް ވަނުމުގައި ދަތިތަކެއް ދިމާވި. އެހެންކަމުން އެ ހިދުމަތަށް ބުރޫ އެރި އެންމެންނަށް ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށްދީފައި ވާނެ.". މެޓާގެ ތަރުޖަމާނު ރޮއިޓާސް އަށް ވިދާޅުވިއެވެ.

މި ހިދުމަތް މެދުކެނޑުނީ ކިހާ މީހުންނަކަށް ކަން އިންސްޓަގްރާމް އިން ހާމަކޮށްފައެއް ނުވެއެވެ.

އައުޓޭޖް ޓްރެކިން ވެބްސައިޓް ޑައުން ޑިޓެކްޓަރ އިން ދައްކާގޮތުގައި އެމެރިކާގައި އެއް ލައްކައަށްވުރެ ގިނަ ބަޔަކަށް ހިދުމަތް މެދުކެނޑުނުއިރު، ކެނެޑާގައި 24،000 އަދި އިނގިރޭސިވިލާތުގައި 56،000 އަށްވުރެ ގިނަ މީހުންނަށް އިންސްޓަގްރާމްއަށް ނުވަދެވިގެން އެކަން ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން ޖުމްލަ 180،000 އަށްވުރެ ގިނަ މީހުންނަށް ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިންސްޓަގްރާމް ބޭނުން ކުރުމުގައި ދަތިތަކާއި ދިމާވިކަމަށް މި ވަނީ ހާމަވެގެން ގޮސްފައެެވެ.

އެގޮތުން ރޭ ދަންވަރު ރާއްޖެ ގަޑިން 2:45 ހާއިރު ހާއިރު އިންސްޓަގްރާމް ބޭނުންކުރާ ބައެއް މީހުންނަށް އެޕްލިކޭޝަން ޑައުންވެފައިވާ ކަމަށް ޑައުންޑިޓެޓާ ވެބްސައިޓްގައި ބުނެފައިވެއެވެ.

އަދި އެތައް ބަޔަކު މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެޕްލިކޭޝަނަށް ނުވަދެވޭ ކަން ހާމަކޮށްފައި ވެއެވެ.