ބޮލީވުޑް މަޝްހޫރު ދެތަރިން ކަމުގައިވާ ސިދާތު މަލޯތުރާ އާއި ބަތަލާ ކިއާރާ އާދުވާނީގެ ކައިވެނީގެ ހަފްލާތައް މިއަދު ފަށައިފިއެވެ.

ކިޔާރާ އާއި ސިދާތުގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ޖޭސަލްމޭރުގައި ހުންނަ އާސާރީ ހަވޭލީ ނުވަތަ ގަނޑުވަރެއްގައެވެ. މިއަދު ފެށުނު ހަފްލާތައް ތިން ދުވަހަށް ދެމިގެންދާއިރު އެތަންތަނަށް ރެއެއްގެ މައްޗަށް 110،500 އިންޑިއަން ރުޕީސްގެ ފީއެއް ދައްކަން ޖެހެއެވެ. އަދި އެ ގަނޑުވަރުގައި އެންމެ މަތީ ފެންވަރުގެ ކޮޓަރިތައް ހުރެއެވެ. އެންމެ އަގުހެޔޮ ކޮޓަރިއަށްވެސް ރެއަކަށް 20،000 އިންޑިއަން ރުޕީސް ދައްކަން ޖެހޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެތަރިންގެ ކައިވެނީގެ ހަފްލާގައި ދެއާއިލާގެ މެންބަރުން ބައިވެރިވާނެއެވެ. ކިއާރާއާއި ސިދާތު ކައިވެނި އޮންނަ ދުވަހު އެދެތަރިން ލާ ހެދުން ޑިޒައިން ކުރީ މަނީޝް މަލޯތުރާއެވެ. މީގެ ދެ ދުވަސްކުރިން ދެ ތަރިން ފައިނަލް ފިޓިންއަށް މަނީޝްގެ ގެއަށް ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިއާރާއާއި ސިދާތު އަލަށް ދިމާވީ ނެޓްފްލިކްސްއިން އުފެއްދި އެންތޮލޮޖީ "ލަސްޓް ސްޓޯރީޒް" ގެ ސެޓުންނެވެ. ދެމީހުންގެ ގުޅުން ބޮޑަށް ބަދަހިވެގެން ދިޔައީ މިދިޔަ އަހަރު ނިކުން "ޝޭރްޝާހު" ގެ ޝޫޓިންގެ ތެރެއިންނެވެ.

ދެތަރިންގެ ގުޅުމުގެ ވާހަކަ މީޑީޔާގައި ދެކެވުނު ނަމަވެސް ދެތަރިން އެކަމަށް އެއްވެސް އެއްޗެއް ނުބުނެއެވެ. މިދިޔަ އަހަރު ފަހުކޮޅު ދެތަރިންގެ ކައިވެނީގެ ވާހަކަ ވަނީ ފެތުރިފައެވެ. އެހެންނަމަވެސް ރަސްމީކޮށް އެކަން އިއުލާންކޮށްފައިނުވެއެވެ.

ސިދާތް އާއި ކިއާރާ ރަށްޓެހިވެގެން އުޅޭތާ މިހާރު 4 އަހަރަށްވުރެ ގިނަވާނެ އެވެ. އެ ދެ އެކްޓަރުން އެންމެ ފުރަތަމަ އުޅުނީ އެ މީހުންގެ ރަށްޓެހިވެގެން އުޅޭކަން ފޮރުވައިގެނެވެ. ނަމަވެސް ކޮފީ ވިތް ކަރަންގެ އެންމެ ފަހު ސީޒަންގައި ދެ އެކްޓަރުން ވަނީ ރަށްޓެހިވެގެން އުޅޭ ކަމަށް އެއްބަސްވެފަ އެވެ.

އެ ދެ ތަރިން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝޭރްޝާ ފިލްމުންނެވެ. އެ ފިލްމުގައި އެމީހުންގެ ޖޯޑަށް ގިނަ ބައެއްގެ މަގްބޫލްކަން ވަނީ ލިބިފައެވެ.