އިންޑިއާގެ ޕްރީސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 19 އަހަރުގެ ޒުވާން އަންހެނަކު އޭނާގެ ގަދަކަން އޭނާގެ ފޯނު ވަގަށް ނެގި މީހާއަށް ދައްކާލައިފިއެވެ.

ޒީނަތް ނަމަކަށް ކިޔާ އެ ޒުވާނާގެ ފޯނު ވަގަށް ނެގީ އޭނާ މަލަދްއަށް ކުރި ދަތުރެއް ނިންމާލައި އެނބުރި އަވަށަށް ދަނިކޮށެވެ. އޭނާއަށް އެކަން އެނގުނީ މާ ފަހުުންނެވެ. ޒިއޯމޯ ފޯނެއް ގެންގުޅޭ ޒީނަތްގެ އެ ފޯން ވަގަށް ނެގިކަން އެނގިގެން އޭނާ ފުލުހަށް ގުޅާކަށް މަސައްކަތެއް ނުކުރެއެވެ.

އޭނާ އެ ފޯން ހޯދުމަށް ވަނީ އޭނާގެ ގޫގުލް އެކައުންޓަށެވެ.އަދި އޭގެ ލޮކޭޝަން އޮން ކުރިއެވެ. އަދި ގޫގުލް އެކައުންޓްގައިވާ "މައި އެކްޓިވިޓީ" ކިޔާ ސެކްޝަނުން އެ ފޯން ގެންގުޅޭ މީހަކު ކުރާ މަސައްކަތް ފެންނަން ހުންނައިރު، އެއީ ޒީނަތްގެ ފޯނު ހޯދުމަށް އެހީއަކަށްވިއެވެ.

ޒީނަތްގެ ފޯން ވަގަަށް ނެގި މީހާ ހޯދުމަށް އޭނާ ބޭނުންކޮށްފައި ވަނީ އެހެން އެންޑްރޮއިޑް ފޯނެކެވެ.

"އަހަންނަށް އެނގުނު އެ ވަގު ކަލޭގެ އަހަރެންގެ ފޯން ބޭނުންކޮށްގެން ލަވަޖެހިކަން. އަދި އެޕްސްތައް ޝެއާ ކުރާ "ޝެއަރއިޓް" މެދުވެރިކޮށް ވަޓްއެޕް މެސެންޖަރ އަޕްޑޭޓް ކުރިއިރު، ފޭސްބުކަށް ވަތް. އަދި ރެއިލްވޭ ޓިކެޓް ބުކް ކުރުމަށް އެޕެއްވެސް ޑައުންލޯޑް ކުރި". އޭނާ ބުންޏެވެ.

މިދިޔަ އާދީއްތަ ދުވަހު އެ ހާދިސާ ހިނގިއިރު، އެ ވަގު ކަލޭގެ ވަނީ ޒީނަތްގެ ފޯނުން ސެލްފީވެސް ނަގާފައެވެ. އަދި ރެއިލްވޭ ޓިކެޓްގެ ޕީއެންއާރް ނަމްބަރު ސްކްރީންޝޮޓް ނެގިއެވެ.

"ގޫގުލް ފޮޓޯސް މެދުވެރިކޮށް އަހަރެން އެ މީހާގެ ޓިކެޓް މައުލޫމާތާއި، ފޮޓޯވެސް ބެލިން. އަދި އޭނާ ފުރުމުގެ ކުރިން އެތަނަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ކުރިން".

އަދި ޒީނަތް ވަނީ ރޭއިލްވޭ ޕްރޮޓެޝަން ފޯރސްއަށް ހުރިހާ މައުލޫމާތެއް ދީފައެވެ. އަދި ފޯނުން ލޮކޭޝަން އޮންކޮށްގެން އެ މީހާ އެ ތަނަށް އަންނަތޯ ބެލުމަށް އޭނާ މަޑުކުރިއެވެ. އަދި އޭނާ ރޭލަށް ޗެކިންގ ވުމުން އެ މީހާ ހޯދިއެވެ. އަދި ރޭއިލްވޭ ޕްރޮޓެޝަން ފޯރސްގެ އެހީގައި އެ މީހާގެ ފޯނު ހޯދިއެވެ. ފުރަތަމަ އެ މީހާ ވަނީ އެއީ އޭނާ ވަގަށް ނެގި ފޯނެއް ނޫންކަމަށް ބުނެފަައެވެ.

އެ މީހާ އެ ސިޓީދޫކޮށް ފިލުމުގެ ކުރިން އެ ފޯން ހޯދިއިރު، އެ މައްސަލަ ފުލުހަށްވެސް ވަނީ ހުށަހަޅާފައެވެ.