އޮސްޓްރޭލިއާގެ ކެންޓް ޓައުންގައި ޕާކް ކޮށްފައި އޮތް ހަތަރު ލައްކަ އެމެރިކާ ޑޮލަރު (6.1 މިލިއަން ރުފިޔާ) ގެ އަގުހުރި މާސެޑްސް ބެންޒް ކާރަށް ޒުވާން އަންހެނަކު ވަރަށް ބޮޑަށް ގެއްލުން ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން ވިއްސަކަށް އަހަރުގެ ޒުވާން އަންހެނަކު ވަނީ ޕާކް ކޮށްފައި އޮތް ބެންޒް ކާރުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން ކާރަށް ސްޕްރޭ ވެސް ކޮށްފައެވެ. ކަޅު ސްޕްރޭ އިން ކާރުގައި ވަނީ ޗީޓާ (ބޭވަފާތެރިޔާ) ޖަހާފައެވެ. އޭނާ ކާރަށް ގެއްލުން ދިނީ މެންދަމު 00:30 ހާއިރު އެވެ. އަންހެން މީހާ އަކީ ކާރުގެ ވެރިމީހާގެ ލޯބިވެރިޔާ ކަމަށް ވެއެވެ. އަންހެން މީހާ އެކާރަށް ގެއްލުން ދިނީ ލޯބިވެރިޔާ އެހެން އަންހެނަކާއި ގުޅުން ބާއްވާކަން އެނގުމުންނެވެ.

މަންޒަރުދުއް މީހަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ބެންޒް ކާރު އޮތް ސަރަހައްދަށް އަންހެން މީހާ އައީ ކަޅު ކުލައިގެ ކާރެއްގައި ކަމަށެވެ.

"އޭނާ ފުރަތަމަ އައިސް ބެންޒް ކާރަށް ސްޕްރޭ ކުރީ. ސްޕްރޭ ކުރުމަށް ފަހު އޭނާގެ ކާރުން ބެޓެއް ނަގައިގެން ބެންޒް ކާރުގެ ބިއްލޫރިތައް ތަޅާލާފައި އޭނާ ދިޔައީ." މަންޒަރުދުއް މީހާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކާރަށް ގެއްލުން ދިނީ ކާރުގެ ވެރިމީހާގެ އެޕާޓްމަންޓްގެ ބޭރުގައި ކާރު ޕާކް ކޮށްފައި އޮއްވައެވެ. ނަމަވެސް އޭނާ މިހާރު ރަށުގައި ނޫޅޭކަމަށް އަވައްޓެރިން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ފުލުހުންގެ ތަރުޖަމާން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ޕާކް ކޮށްފައި އޮތް އަގުބޮޑު ކާރަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށާއި ނަމަވެސް އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.

މިމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާނީ

    ޕިސް ޕިސް...އަންނަ ސިނގުރުޅީގަ ކުރާ މޮޔަ ކަންކަން..