އިންޑިއާގެ ބިހާރުގެ ސަމަސްތިޕޫރު ޑިސްޓްރިކްޓުގައި ވައްކަމުގެ އާދަޔާ ހިލާފު މައްސަލައެއް ފެންމަތިވެއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ދެ ކިލޯމީޓަރު ދިގު ރޭލްވޭ ޓްރެކެއް ވަނީ ވަގަށް ނަގައިފައެވެ. މި ވައްކަމުގެ ތުހުމަތުގައި "ރެއިލްވޭ ޕްރޮޓެކްޝަން ފޯސް" (އާރްޕީއެފް) ގެ ދެ މީހުން ވަނީ ސަސްޕެންޑު ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި މައްސަލައިގައި ސަމަސްތިޕޫރްގެ ރޭލްވޭ ޑިވިޝަންގެ ބައިވެރިވުންވެސް އެބަ އޮތެވެ.

މުދާ އުފުލުމަށްޓަކައި މި ރެއިލްރޯޑް ލައިން އަޅާފައިވަނީ، މަސައްކަތް ނުހިނގާތާ ގިނަދުވަސްތަކެއް ވެފައި އޮތް ހަކުރު ކާރުހާނާއެއްގެ ކައިރީގައެވެ. މި މަގުން އެ ކާރުހާނާ އާއި ޕަންދައުލް ސްޓޭޝަން އާއި ގުޅާލަދެއެވެ. ނަމަވެސް މި މަގު ބަންދު ކޮށްފައި އޮންނަތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ. އެ ކާރުހާނާ ބަންދު ކުރުމާއެކު، މި މަގުގެ ބައިތައްވެސް އޮތީ ބާ ދަގަނޑުގެ ގޮތުގައި ނީލަން ކިޔަން ރާވާފައެވެ.

ނަމަވެސް ރޭލްވޭ ޑިޕާޓްމެންޓުގެ އެތައް ބައެއްގެ އެހީތެރިކަމާއެކު، ނީލަން ކިޔަން ރާވާފައި ހުރި އެއްޗެހީގެ ތެރޭގައި ހިމެނޭ، ދެ ކިލޯމީޓަރުގެ ރޭލް ލައިންއެއް ވަނީ ނީލަން ނުކިޔާ ވިއްކާލައިފައެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައި ވާއިރު، ފުލުހުން ދަނީ މިކަން ތަހުގީގު ކުރަމުންނެެވެ.

މިއީ އިންޑިއާގައި މިކަހަލަ އާދަޔާ ހިލާފު ވައްކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ނޮވެމްބަރު މަހު ވަނީ ރެއިލްރޯޑް އިންޖީނެއްވެސް ވަގަށް ނަގާފައެވެ.

އަދި ޕަޓްނާގެ ގާޑްނީބާގްގައި ވަނީ މޯބައިލް ޓަވަރެއްވެސް ވަގަށް ނަގާފައެވެ. މޮބައިލް ޓަވަރު އަޅާފައި ހުރި ބިމުގެ ވެރިޔާ ވަނީ ވަގުން ކައިރީ އެ ޓަވަރު ރޫޅާލަނީ ކީއްވެތޯ ސުވާލުވެސް ކޮށްފައެވެ. ވަގުން ބުނެފައި ވަނީ އެމީހުންނަކީ އެ ޓަވަރު އެޅި ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އެމީހުން ވަނީ އެ ޓަވަރު ރޫޅާލައި، އޭގެ ބައިތަކައް ޓްރަކަކަށް އަރުވައިގެން، ފިލާފައެވެ. ފުލުހުން ބުނެފައިވަނީ އެ ޓަވަރުގެ އަގު ގާތްގަނޑަކަށް 19 ލައްކަ އިންޑިއާ ރުޕީސްއަށް އަރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ދެން މި އިންޑިއާ މީހުން ބްރިޖުން ވެސް ވައްކަން ކޮށްލާނެ ވަރު ވިސްނާ. ދުވަހަކު ބުރިޖެއް އެޅޭ ކަމަކަށް ނުވޭ. ދަރަނި ނަގާ ނަގާ، ޤައުމު ބޯ ހިއްލާލެވެން ނެތް!

  2. ކޮއްޔާ

    އިންޑިޔާ މީހުން ވަރެއްނޯންނާނެ ތިކަމަކަށް //