ޖޭސަން އެންޑްރޭ ކުޑަ އިރު، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާރ އަށާއި، ގްލޯބަލް ޑިވެލޮޕްމެންޓަލް ޑިލޭ ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ހެދިބޮޑުވުން އެހެން ކުދިންނަށްވުރެ ލަސް ކަމަށް ޑައިގްނޯޒް ކުރެވުނެވެ. 11 އަހަރު ވީ އިރުވެސް އޭނާ އަށް ވާހަކަ އެއް ނުދެއްކެއެވެ. އަދި އުމުރުން 18 އަހަރު ވީ އިރުވެސް ޖޭސަން އަށް ލިޔަން ކިޔާކަށްވެސް ނޭނގެއެވެ. ނަމަވެސް މިހާރު އުމުރުން 37 އަހަރުގައި، ޔުނިވާސިޓީ އޮފް ކޭމްބްރިޖްގެ ކަޅު ނަސްލުގެ އެންމެ ހަގު ޕްރޮފެސަރުގެ ގޮތުގައި، އަންނަ މަހު ޖޭސަން ކިޔަވައިދޭން ފަށާނެއެވެ.

މީގެ އަށް އަހަރު ކުރިން، ޖޭސަން ކައިރީ ޑޮކްޓަރުން ބުނީ، އޭނާ އަށް ދިރިއުޅެން ޖެހޭނީ ދިރިއުޅުމުގައި އެހީތެރިކަން ފޯރުކޮށްދޭ ހާއްސަ ތަނެއްގައި ކަމަށެވެ. ނަމަވެސް އެކަން ހަގީގަތަކަށް ހަދަން ޖޭސަން ބޭނުމެއް ނުވިއެވެ.

ދިިރިއުޅުމުގައި ހާސިލު ކުރަން ބޭނުންވާ ކަންކަން އޭނާގެ މަންމަގެ ކޮޓަރީގެ ފާރުގައި ޖޭސަން ލިޔެ އުޅުނެވެ. އެގޮތުން "އޮކްސްފޯޑް ނުވަތަ ކޭމްބްރިޖުގައި" މަސައްކަތް ކުރަން ބޭނުންވާ ކަން އޭނާ ވަނީ މީގެ 10 އަހަރު ކުރިން ލިޔެފައެވެ.

ޖޭސަން އުފަންވެ، އުޅެ ބޮޑުވީ އިނގިރޭސި ވިލާތުގެ ހުޅަނގުދެކުނު ލަންޑަންގެ ކްލަފަމް ގައެވެ. އޭނާ ބުނީ އޭނާ އަކީ ކިތަންމެ ފައްސިކޮށް ވިސްނާ މީހެއް ނަމަވެސް، މިހެން ވެދާނެ ކަމަށް އޭނާ އަށް ވިސްނޭނެ އެއްވެސް ގޮތެއް ނެތް ނެތް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ އެކަޑަމިކް ކަރުދާސްތައް ލިޔަން ފެށި އިރު، މި ކުރެވެނީ ކީއްކަން އޭނާ އަށް ނޭނގޭ ކަމަށެވެ. އޭނާ ބުނެފައިވާގޮތުގައި އެ ޕޭޕަރުތައް ލިޔާނެ ގޮތް އެއްވެސް މީހަކު އޭނާއަށް ކިޔައިދީފައި ނުވެއެވެ. އަދި ފުރަތަމަ ކޮޅު އޭނާ ލިޔުނު ހުރިހާ އެއްޗެއްވެސް ދިޔައީ ރިޖެކްޓް ވަމުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބީބީސީ އާއި ވާހަކަ ދައްކަމުން އޭނާ ބުނީ، ނެލްސަން މަންޑޭލާ ޖަލުން މިނިވަންކުރި ދުވަހުގެ މަންޒަރުތައް ޓީވީން ބެލުމާއި، 1995 ވަނަ އަހަރު ރަގްބީ ވޯލްޑްކަޕް ދެކުނު އެފްރިކާ ކާމިޔާބު ކުރުމަކީ އޭނާގެ ހަނދާނުގައި ހަރުލާފައި ހުރި ކަންކަން ކަމަށެވެ.

"އަހަރެން ހަނދާންވޭ އަހަރެން ހިތަށް އެރި އަހަރެންނަށް ފުޓްބޯޅަ ކުޅުންތެރިއަކަށް ނޫނީ ސްނޫކަރ ކުޅުންތެރިއަކަށް ނުވެވިއްޖެއްޔާ އަހަރެން ބޭނުމީ ދުނިޔެ ސަލާމަތް ކުރާށޭ." ޖޭސަން ބުންޏެވެ.

މާޗް މަހުގެ ހަ ވަނަ ދުވަހު ޖޭސަން ކޭމްބްރިޖް ޔުނިވާސިޓީގައި ކިޔަވައިދޭން ފަށާނެއެވެ. އެ ޔުނިވާސިޓީގައި ކަޅު ނަސްލުގެ އިތުރު ފަސް ޕްރޮފެސަރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ޖޭސަން އަކީ އޭގެ ތެރެއިން އެންމެ ހަގު ޕްރޮފެސަރެވެ.

އެތައް ގޮންޖެހުމަކާއި އެކުވެސް ޖޭސަން ވަނީ ދެ މާސްޓަރ ޑިގްރީ ހާސިލް ކޮށްފައެވެ. 2016 ވަނަ އަހަރު އޭނާ ވަނީ ލިވަޕޫލްގެ ޖޯން މުއާސް ޔުނިވާސިޓީން ޕީއެޗްޑީ ވެސް ހާސިލް ކޮށްފައެވެ.

ޖޭސަން އޭނާގެ ފުރަތަމަ ކަރުދާސް ޝާއިއުކުރީ 2018 ވަނަ އަހަރުއެވެ. އަދި އެއަށްފަހު ގްލާސްގޯ ޔުނިވާސިޓީން ޕްރޮފެސަރެއްގެ ވަޒީފާ ލިބުމާއެކު، އޭނާ ވަނީ މުޅި އިނގިރޭސި ވިލާތުގެ އެންމެ ހަގު ޕްރޮފެސަރަށްވެސް އޭރު ވެފައެވެ.