ޕާކިސްތާނުގެ މަޝްހޫރު "ޗާއިވާލާ" ލަންޑަނުގައި އެންމެ ފަހުން ކެފޭއެއް ހުޅުވައިފިއެވެ.

އުމުރުން 26 އަހަރުގެ އަރުޝަދް ހާންގެ ފޮޓޯއެއް ފުރަތަމަ މަޝްހޫރުވެގެން ދިޔައީ އޭނާ މަސައްކަތުގައި ހުއްޓައި ނަގައިފައިވާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވި ހިސާބުންނެވެ.

އެ ފޮޓޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އޭނާގެ ލޮލުގައި ނޫކުލަ ހުރެފައި ރީތި މީހަކަށް އޭނާ ވުމުން ކަމަށް ވެއެވެ. އޭގެ ފަހުން ގިނަ ބަޔަކު ހާންގެ ކެފޭއަށް ކޮފީބުއިމަށް ގޮސް އެ ކެފޭއަށް ބޮޑު ޑިމާންޑެއް ލިބިގެން ދިޔައެވެ. އޭރު އޭނާ ކެފޭ ހިންގަމުން ގޮސްފައިވަނީ އިސްލާމް އާބާދުގައެވެ.

އޭނާ އޭރު މަޝްހޫރުވެގެން ދިޔައިރު، އޭނާ ވަނީ ލަންޑަނުގައި ކެފޭއެއް ހުޅުވަން ބޭނުންކަން އޭރު އާންމުކޮށްފައެވެ. ގިނަ އަހަރުތަކެއްގެ ދިގު އިންތިޒާރަކަށްފަހު، އޭނާ މިހާރު ވަނީ އެ ހުވަފެން ހަގީގަތަކަށް ހަދާފައެވެ.

ލަންޑަނުގައި ހުޅުވި ކެފޭގެ މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ އޭނާ ވަރަށް އަވަހަށް ލަންޑަނަށް ދާނެ ކަމަށާއި އެއާއި އެކީ އޭނާގެ މީރު ސައި ސަޕޯޓަރުންނަށާއި އެހެން މީހުންނަށް ދޭން މިހާރު ކެތްމަދު ވެފައިވާ ކަމަށެވެ.

ލިބިފައިވާ ރީތި ލޮލުގެ ސަބަބުން އޭރު ގިނަ ބަޔަކު ވަނީ އޭނާއަށް ވަޒީފާގެ ފުރުސަތުތައް ވެސް ހުށަހަޅާފައެވެ. ނަމަވެސް އެ ވަޒީފާތަކަށް ބެލުމެއް ނެތި އޭނާ ދިޔައީ ސައި ވިއްކަމުންކަން ފާހަގަ ކޮށްލެވެއެވެ.