ބޮލީވުޑްގެ ރީތީގެ ރާނީ ހޮވާ ކަމުގައިވާނަމަ، ޔަޤީނުންވެސް އެ ލިސްޓަށް ނޮމިނޭޓް ވާނެ އެއް ތަރިއަކީ ކުޅަދާނަ އެކްޓްރެސް އައިޝްވާރިޔާ ރާއީއެވެ. 1994 ވަނަ އަހަރު "މިސް ވޯލްޑް" ގެ ޝަރަފުވެރި ލަގަބުވެސް ހޯދައިފައިވާ އައިޝްވާރިޔާ އަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ގިނަ ފިލްމުތަކަކުންވެސް ފެނިގެން ގޮސްފައިވާ އަދި އާންމުންގެ ބޮޑު ތަރުހީބެއް ހޯދި ފަންނާނެކެވެ.

މި ފަހަކަށް އައިސް މަޝްހޫރް ފަރާތްތަކާއި ޤައުމަށް ބޮޑެތި ޚިދުމަތް ކޮށް ދެއްވާފައިވާ ޚިދުމަތްތެރިންނާއި އެ ނޫންވެސް ފާހަގަކޮށްލެވޭ ފަރާތްތަކުގެ ހަޔާތުގެ މައްޗަށް ބަޔޯޕިކް ހެދުން މިވަނީ އާންމުވެފައެވެ. މިފަދަ ބަޔޯޕިކްއެއް އައިޝްވާރިޔާގެ ހަޔާތުގެ މައްޗަށް ހަދަން އުޅޭ ކަމުގެ އަޑުތައްވެސް މިވަނީ ފެތުރެން ފަށާފައެވެ.

މިކަމާއި ގުޅިގެން، ދާދިފަހުން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ ބުނެފައިވަނީ އޭނާގެ ހަޔާތުގެ މައްޗަށް ބަޔޯޕިކްއެއް ހެދުމުގެ ހުށަހެޅުންތައް ލިބުނު ކަމުގައިވިޔަސް އަދި އެކަމާއި ގުޅޭގޮތުން ވަކި ނިންމުމެއް ނުނިންމާ ކަމަށެވެ.

"އަހަރެން މި ދަނީ އެކަމާ (ބަޔޯޕިކް ހެދުމާ ބެހޭގޮތުން) ވިސްނަމުން. އަނެއްހެން މާ ގިނަ މުހިންމު ކަންތައްތައްތަކެއް އަހަރެންގެ ހަޔާތުގައި ހިނގާފައި ނުވި ނަމަވެސް، އެހެން މީހުންނަށް ނަމޫނާ ދެއްކި އިބުރަތްތެރި މެސެޖެއް ދެވޭނެ ފަދަ ބައިވަރު ކަންތައްތައް ހުންނާނެ." އައިޝްވާރިޔާ ބުންޏެވެ.

1996 ވަނަ އަހަރު އައިޝްވާރިޔާ އެންމެ ފުރަތަމަ ފެނިގެންދިޔައީ "އިރްވަރް" ނަމަކަށް ކިޔާ ބޮލީވުޑް ފިލްމަކުންނެވެ. އަދި މި ފިލްމަކީ ވެސް ބަޔޯޕިކްއެއް ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

"އަހަރެން އެންމެ ކުޑައިރު ވާން ބޭނުންވި އެކްޓްރެސްއަކަށް ނޫން. އާކިޓެކްޗާ އޭރު ކިޔަވަމުން ދިޔައީ. އެދުވަސްވަރުގެ ދިން ލިބުނީ އޮފާއެއް ޑައިރެކްޓަރު މާނިގެ ފަރާތުން. އޭނާއަށް ކުރާ އިޚްރިރާމެއްގެ ބޮޑު ކަމުން ނޫނެކޭ ބުނަން ނުކެރުނީ ލިބުނު ފުރުސަތަށް. އެހާ ހިސާބުން މި ދާއިރާއަށް ވަދެވުނީ" އެކްޓިންއަށް ވަދެވުނު ގޮތް ކިޔައިދެމުން އައިޝްވާރިޔާ ބުނެފައިވެއެވެ.

މިހާރު 44 އަހަރު ފުރިފައިވާ އައިޝްވާރިޔާ ވަނީ "ދޫމް 2" އާއި އައި ދިލް ހައި މުޝްކިލް" ފަދަ އެތަކެއް ފިލްމްތަކަކުން ފެނިގެން ގޮސްފައެވެ.