އިޓަލީގެ ޖެނޯއާގައި މޮޓޯވޭ ބްރިޖްއެއް ވެއްޓި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމީ މީގެ ދެދުވަހެއް ކުރިންނެއެވެ. އިޓަލީގެ ސަރަހައްދަކަށް މިކަމުގެ ސަބަބުން ކުއްލި ހާލަތުގެ ނުރައްކާ އިޢުލާންކޮށްފައިވާއިރު، މި ބްރިޖް ވެއްޓުނު ހާދިސާއިން ސަލާމަތްވި މީހުން އެމީހުން ސަލާމަތްވި ގޮތް މިވަނީ ހިއްސާކޮށްފައެވެ.

އުމުރުން 29 އަހަރުގެ ގައިލުކާ އާދިނީ ބްރިޖް ވެއްޓުނު ވަގުތު ކަން ހިނގިގޮތް ކިޔައިދެމުން ބުނެފައިވަނީ އޭނާއަކީ ކޮންޕިއުޓަރ ގޭމްސް ވިއްކާ މީހެއް ކަމަށާއި ޑިއުޓީ ނިންމުމަށްފަހު އޭނާ ގެޔަށް ދާން ދިޔައީ އޭނާގެ މާބަނޑު އަނބިމީހާ ގާތަށް ކަމަށެވެ. ނަމަވެސް ބްރިޖްގެ މެދަކާ ހަމައަށް ދިޔައިރަށް ބޮޑު ލޮނުމެއް އެރި ކަމަށާއި ދެން އޭނާއަށް ވާނުވާ އެއް ނޭންނުގު ކަމަށެވެ.

އަދި އޭނާއަށް ހޭވެރިކަންވި އިރު، އޭނާ އާއި އެކު ގެޔަށް ދާން ދިޔަ އޭނާގެ އެކުވެރިޔާ މަރުވެފައިވާ މަންޒަރު ފެނުނު ކަމަށާއި އަދި އޭނާއަށްވެސް ސަލާމަތް ނުވެވޭނެ ކަމަށް ހީކޮށް ހިތްވަރު އެލުވާލި ކަމަށެވެ. ނަމަވެސް އޭނާއަށް ސަލާމަތްވުމުގެ ހިތްވަރު ލިބުނީ އޭނާގެ ނުވިހާ އޮތް ދަރިފުޅު ބަލާލުމަށް ބޭނުންވެފައި ހުރި ވަރުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އާދިނީ ކިޔާދިން ގޮތުގައި ބްރިޖް ވެއްޓުނު ހާދިސާގައި އޭނާ ދުއްވަމުން ދިޔަ ވޭން ގެ އެއްފަޅިއަށް ބޮޑު ކޮންކްރިޓްގަޑެއް ވެއްޓިފައި އޮތް ކަމަށާއި އޭނާއަށް ކާރުން ނިކުމެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އޭނާ އެކަމުން ސަލާމަތްވީ ސިފައިންގެ އެހީތެރިކަމާއިއެކު ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ ބޮޑު ވަލަކުން ފޭބުމުގެ ހިތްވަރު އޭނާގެ ގައިގައި އެވަގުތު ނެތް ކަމަށާއި ޒަޚަމްތަކާއި އެކުވެސް އެކަން ކުރީ އޭނާގެ ދަރިފުޅު ވިހާ ދުވަހު އެތާ ހުންނަން ބޭނުންވާތީ ކަމަށެވެ.

މިބްރިޖް ވެއްޓުނު ސަބަބެއް މިހާތަނަށް އެނގިފައިނުވާއިރު، މިއީ މިބްރިޖް އޮޕަރޭޓް ކުރަމުންދިޔަ ކުންފުނީގެ އިހްމާލުން ވެފައިވާ ކަމެއް ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކުރެއެވެ. މިގޮތުން 2011 ވަނަ އަހަރުން ފެށިގެން ބްރިޖްއަށް ލޮޅުންތަކެއް އަންނަ ކަމަށާއި ނަމަވެސް އެކަމަށް ސަމާލުކަން ދީފައިނުވާ ކަމަށް މީޑިޔާތަށް ބުނެއެވެ. މި ބްރިޖްއަކީ 1960 ގެ އަހަރުތަކުގައި ހަދާފައިވާ ބްރިޖްއެކެވެ.

ކިޔުންތެރިންގެ ހިޔާލު