އަނުޝްކާ ޝަރުމާގެ ބިރުވެރި ފިލްމް "ޕަރީ" ޕާކިސްތާނުގައި ނޭޅުވޭނެ ކަމަށް އެގައުމުގެ ސެންސަރު ބޯޑުން އަންގައިފިއެވެ.

ޕާކިސްތާންގެ ސެންސަރު ބޯޑުން އެގޮތަށް އެންގީ އެ ބިރުވެރި ފިލްމްގައި ފަންޑިތަ ހަދާ މަންޒަރާއި ގުރުއާންގެ ލަފްޒުތަށް އޮޅުވާލައިގެން ބޭނުންކޮށްފައިވާތީއެވެ. ބިރުވެރި އެ ފިލްމްގައި ފަންޑިތަހަދާ އެތަށް މަންޒަރަކާއި ގުރުއާންގެ ލަފްޒުތަށް ރަނގަޅު ނޫން ގޮތުގައި ބޭނުން ކުރާ އެތަށް މަންޒަރެއް އެކުލެވިގެންވެއެވެ.

ޕާކިސްތާންގައި މި ފިލްމް އެޅުވުން މަނާކޮށްފައި މިވަނީ އެގައުމުގައި މި ފިލްމް އެޅުވުމަށް އިސްތިހާރުތަކެއް ކޮށް ހައުސްފުލް އެތަށް ޝޯ އެއްގެ ޓިކެޓް ވިއްކާފައި ވަނިކޮށެއެވެ. ނަމަވެސް ސެންސަރު ބޯޑުން އެގޮތަށް ނިންމުމުން ސިނަމާތަކުން މިހާރުދަނީ ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ރިފަންޑު ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ މަހެއްހާ ދުވަސްކުރިން ޕާކިސްތަންގެ ސެންސަރު ބޯޑުންވަނީ އަކްޝޭ ކުމާރުގެ "ޕެޑް މޭން" ވެސް އެގައުމުގައި އެޅުވުން މަނާ ކޮށްފައެވެ. އެއީ އެފިލްމްގައި އިސްލާމީ މުޖުތަމައުއާއި ނުގުޅޭ، އިސްލާމްދީނާ ދުރު މަންޒަރުތަކެއް ހިމެނޭތީއެވެ.

އިންޑީޔާގައި ހަރަކާތްތެރިވާ ޕާކިސްތާން ފަންނާނުންނަށް އެކިއެކި ގޮތްގޮތަށް މިހާރަކަށް އައިސް ފިއްތުންތަށް ކުރިމަތި ކުރުވާ މިދަނޑިވަޅުގައި ޕާކިސްތާންގައި އިންޑިޔާގެ ގިނަ ފިލްމްތަކެއް އެޅުވުން އެގައުމުގެ ސެންސަރު ބޯޑުން ހުއްދަ ނުދެނީ އޭގެ ބަދަލުގައި ޖެއްސުން ކުރުމުގެ ގޮތުންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފިލްމް "ޕަރީ" ގައި އަނުޝްކާގެ ދެ ރޯލް ފެނިގެންދާއިރު މިހާތަނަށް ނެރެފައިވާ ޓީޒާ ތަކުން މި ފިލްމްގެ ބިރުވެރިކަމާއި މޮޅުކަން ވަނީ ދައްކާލާފައެވެ. އަނުޝްކާގެ މޭކަޕްތަކާއި މި ފިލްމްގެ ސްޕެޝަލް އިފެކްޓްސްތަކަށް މިހާރުވެސް ގިނަބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. މި ފިލްމަކީ މި ފަހަކަށް އައިސް ބޮޮލީވުޑްގައި ނެރޭނެ އެންމެ މޮޅު ބިރުވެރި ފިލްމް ކަމަށް ގިނަބަޔަކު ގަބޫލް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު