ދުނިޔެ މިވަނީ ޓެކްނޮލިޖީގެ ރޮގުން ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. އަދި ދުނިޔޭގައި އެތަކެއް ފަންނުވެރިންނެއް ތިބި އިރު ބައެއް ފަންނުވެރިންނަކީ އާދަޔާ ހިލާފު އަދި އުނދަގޫކަންކަން ފަސޭހަކަމާއި އެކު ކުރުމުގެ ގާބިލްކަން ލިބިފައިވާ މީހުންނެވެ.

އެގޮތުން މުޅި ދުނިޔެއިންވެސް އެންމެ ރަށްކާތެރިކަމަށް ގިނަ ބަޔަކު ގަބޫކުކުރާ އެޕަލް ބްރޭންޑްގެ ސާވަރުތައް ހެކްކޮށް މުހިންމު ބައެއް މައުލޫމާތުތަށް ދާދި ފަހުން ވަނީ ވަގަށް ނަގާފައެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ 17 އަހަރުގެ ފިރިހެން ކުށްޖަކު އެޕަލްގެ ސާވަރުތަށް ހެކްކުރުމާއި ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވާއިރު އޭނާ ވަނީ އެޕަލްގެ ސާވަރުތަށް ހެކްކޮށް ރަށްކާކުރެވިފައިވާ 90 ޖީބީއަށް ވުރެއް ގިނަ މައުލޫމާތު ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި ބައެއް ކަސްޓަމަރުންގެ ޕާސަނަލް މައުލޫމާތާއި އެޕަލްއިން އަލަށް ނެރެން އުޅޭ އައިފޯނު އެކްސް ޕްލަސްގެ ބައެއް މައުލޫމާތުތަށް ހިމެނޭކަމަށް އެޕަލް ކުންފުނިން ބުނެއެވެ.

އެމެރިކާގެ އެފްބީއައި އާއި އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިސް ގުޅިގެން އެކުއްޖާ އަތުލައިގަތީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުން އައި ގެއިންނެވެ. އަދި އަތުލައިގަތް އިރު އެގެއިން އެޕަލްގެ ދެ ލެޕްޓޮމާއި އެޕަލް ބްރޭންޑްގެ ގިނަ ސާމާނު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެޕަލްގެ ބައެއް މައުލޫމާތު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ކުޑަކުއްޖާގެ ވަކީލު ބުނީ އެ ކުއްޖާ މައުލޫމާތުތަށް ހެކްކުރީ އޭނާއަކީ އެޕަލްގެ ފޭންއަކަށް ވުމުން ކަމުގައެވެ. އަދި ކޮންމެވެސް ދުވަހަކުން އެޕަލްގައި މަސައްކަތް ކުރަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ކަމުގައިވެސް ވަކީލު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު