ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް އޭނާގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލަވަ "ތުމް ކްޔާ މިލޭ"އަށް ކާމިޔާބު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލްގެ މަސައްކަތަށް ކްރެޑިޓް ދީފައިނުވާ ކަން އޭނާގެ ސަޕޯޓަރުން ފާހަގަކޮށްފިއެވެ.

މިކަމާއި ނުރުހުން ފާޅުކުރަމުން ޝްރެޔާގެ ސަޕޯޓަރެއް ކޮށްފައިވާ ޓްވީޓެއް ޝްރެޔާ ވަނީ ރީޓްވީޓް ކޮށްފައިއެވެ. އެހެން ނަމަވެސް، ފަހުން ޝްރެޔާ ވަނީ އެ ޓްވީޓް ޓައިމްލައިނުން ޑިލީޓްކޮށްފައެވެ. އަދި އޭގެ ބަދަލުގައި ލަވައިގައި މައިގަނޑު ކަނޑިތައް ކިޔާފައިވާ ލަވަކިޔުންތެރިޔާ އަރްޖީތް ސިންގްއަށް ތައުރީފުކުރިއެވެ.

ޕްރިތަމް އުފައްދާ، އަމިތާބް ބަޓަޗަރްޔާ ލަވައިގެ ޅެން ތައްޔާރުކޮށްފައިވާ "ތުމް ކްޔާ މިލޭ" ލަވަ ކިޔާފައިވަނީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ލަވަކިޔުންތެރިޔާ އަރްޖީތް ސިންގްއެވެ. ކަރަން ވަނީ ފިލްމުގެ ޓީޒަރގައިވެސް މި ލަވައިގެ ކުޑަ ތަންކޮޅެއް ހިމަނައިފައެވެ. މި ހުރިހާ ފަންނާނުންނަށް ކްރެޑިޓް ދީފައިވެއެވެ. އެހެން ނަމަވެސް. ލަވައިގެ އެއްބައި އޭނާގެ އަޑުން ކިޔާފައިވާ ޝްރެޔާއަށް ކްރެޑިޓް ދީފައިނުވާ ކަން ފާހަގަކުރެވެއެވެ.

އިންޑިއާގެ މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި ކަރަންގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ނެރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 28 ވަނަ ދުވަހުގައެވެ.

ކާމިޔާބު ތަރިން، ރަންވީރް ސިންގްއާއި އާލިއާ ބަޓް އިސް ރޯލްތަކުން ފެނިގެންދާ މި ފިލްމަކީ ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ކަރަން ޑައިރެކްޓްކުރާ ފިލްމެއް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރަށް ހިންދީ ފިލްމު އިންޑަސްޓްރީގައި ދުވަސްވީ ތަރިން ކަމުގައިވާ ޖަޔާ ބައްޗަންއާއި ދަރްމެންދްރާ ޑިއޯލް އަދި ޝަބާނާ އާޒްމީ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.