ޝޫޓިންގއެއްގެ ތެރެއިން ބޮލީވުޑްގެ ފުންނާބު އުސް ތަރި މަޝްހޫރު ފަންނާނު ޝާހްރުކް ޚާން އެކްސިޑެންޓްވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޝާހްރުކް ޚާންއަށް އަނިޔާވެފައި ވަނީ އެމެރިކާގެ ލޮސް އެންޖެލިސްގައި ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ނަމަވެސް އެކްސިޑެންޓްގެ އިތުރު އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓެއް ވުމުން ޝާހްރުކް ހާން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދެމުން ދިޔަ ނަމަވެސް ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެއް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކްސިޑެންޓާއި އަދި ޝާހްރުކް ހާންގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން މީޑިއާތަކުން ޝާހްރުކް ހާންގެ އޮފީހަށް ގުޅުމުން ވެސް އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

މީގެ ކުރީގައިވެސް ޝާހްރުކް ޚާންއަށް ޝޫޓިންގއެއްގެ ތެރެއިން ބޮޑު އަނިޔާއެއް ލިބިފައިވެއެވެ. އިންޑިޔާއިން ބޭރުން ކުރި އޮޕަރޭޝަނަކަށްފަހު ޝާހްރުކް ވަނީ އޭނާ ކުޅޭ ފިލްމުތަކުގެ އަދަދު މަދުކޮށްފައިއެވެ. ޝާހްރުކްއަށް ދިމާވެފައިވާ އަނިޔާގެ ސަބަބުން އޭނާގެ ސިއްހަތަށް އޭގެ ދާއިމީ އަސަަރުކޮށްފައިވާތީ އޭގެ ފަހުން ޝާހްރުކް ވަނީ އަހަރެއްގެ މައްޗަށް އެންމެ ގިނަ ވެގެން ދެ ފިލްމުގެ މަސައްކަތް ކުރާގޮތަށް ނިންމާފައިއެވެ.

މިދިޔަ އަހަރުގައި ދީޕިކާ ޕަޑޫކޯންއާއިއެކު ހަރަކާތްތެރިވި "ޕަތާން" ގެ ކާމިޔާބީއަށްފަހު، މިހާރު އޭނާ މަސައްކަތްކުރަމުން ދަނީ "ޖަވާން" އަދި "ދުންކީ" ފިލްމުގައިއެވެ.

އުމުރުން 57 އަހަރުގެ ޝާހްރުކް ޚާން އަކީ ބޮލީވްޑްގައި ހުރި އެންމެ މުއްސަނދި، ތަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.