މަޝްހޫރް ފަރާތްތަކުން ޗުއްޓީ ހޭދަކޮށްލުމަށް އެކިފަހަރު ދުނިޔޭގެ އެކި މަންޒަލްތައް ޚިޔާރުކުރި ނަމަވެސް، އެ ހުރިހާ ތަނެއްގެ ތެރެއިންވެސް ވަކި ޚާއްސަތަނެއް ނުވަތަ އެންމެ ދާ ހިތްވާ މަންޒިލެއް އޮންނާނެއެވެ. މިފަދައިން، ބޮލީވުޑްގައި އާންމުންގެ ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ އަދި ދާދި އަވަހަށް ކައިވެނި ކުރުމަށް ތައްޔާރު ވަމުން އަންނަ އެކްޓްރެސް ދިޕިކާ ޕަދުކޯންގެ އެންމެ ގަޔާވާ ޗުއްޓީ ހޭދަކޮށްލާ މަންޒިލަކަށް ވެފައިވަނީ ދެކުނު އިންޑިއާއެވެ.

ދިޕިކާ މިފަދައިން ބުނެފައިވަނީ ދާދިފަހުން އޭނާ ޗެންނާއީއަށް ކުރި ދަތުރެއްގައި ކުރިމަތިވި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ދުނިޔޭގެ ހިތްގައިމު ރީތި މަންޒިލް ތަކުގައި އެތަކެއް ފަހަރަކު ޗުއްޓީ ހޭދަކޮށްފައިވާ ދިޕިކާގެ މި ޖަވާބުގެ ސަބަބުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނަމަވެސް، އާންމުންނަށް އެޔަށް ވުރެން ހައިރާންކަން ލިބުނީ އޮފް ދުވަހު އޭނާ ކުރާ ކަންތައް ކިޔައިދިނުމުންނެވެ.

"އަހަރެންނަށް އެންމެ ކަމުދާ ޗުއްޓީ ހޭދަކުރާ މަންޒިލަކީ ދެކުނު އިންޑިއާ. ކުރިން ބެޑްމިންޓަން ކުޅުންތެރިއެއްގެ ގޮތުގައި އުޅުނުއިރު ކޮންމެ އަހަރަކުވެސް މަދުވެގެން އެއްފަހަރު ޗެންނާއީއަށްވެސް ދަން. އޭރު އަހަރެން ދަތުރު ކުރަނީވެސް ޓްރެއިންގަ އެހެން ކުޅުންތެރިންނާއިއެކު. އެއީ ވަރަށް އުފާވެރި ދުވަސްތަކެއް" ދިޕިކާ ބުނެފައިވެއެވެ.

"އޮފް ދުވަސްތަކުގައި އަހަރެން ކުރާ ކަމަކީ ގޭތެރެ ފޮޅާ ސާފުކުރުން. އަހަރެންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަކަށް އެކަން ވަނީ" އޭނާ އިތުރަށް ބުނެފައިވެއެވެ.

ޑައިރެކްޓަރު ސަންޖޭ ލިލާގެ ކާމިޔާބު ފިލްމު "ޕަދުމާވާތު"އަށް ފަހު ދިޕިކާ އަދި މިހާތަނަށް އިތުރު އެހެން ފިލްމަކުން ފެނިފައެއް ނުވެއެވެ. އަދި އިތުރު ފިލްމެއްގެ މަސައްކަތް ކުރަމުންދާ ކަމަކަށްވެސް އޭނާ އާންމުކޮށްފައެއް ނުވެއެވެ.