ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ސަބަބުން ނުވަތަ އެހެންވެސް މަސައްކަތެއްގެ ސަބަބުން، އެހެންނޫންކަމުގައިވާނަމަ ގޭމު ކުޅުމާއި އެފަދަ އެހެން ކަމެއްގައި މަސްއޫލުވެ އުޅުމުގެ ސަބަބުން ރޭގަނޑުގެ އަރާމަ ނިދި ނަގާލުމަކީ ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަމެކެވެ. ބައެއް ފަރާތްތަކުން މިއީ އާދައެއްގެ ގޮތަށް ހަދާފައިވާ ކަމެއްކަމަށްވާއިރު، ބައެއް ފަރާތްތަކުން މި ގޮތަށް ކަންތައް ކުރަނީ މަދު މަދުން، ދޭތެރެ ދޭތެރެއިންނެވެ.

ޞިއްޙީ ނަޒަރިއްޔާ އަކުން ވިސްނާކަމުގައިވާނަމަ، މިއީ އެއްގޮތަކަށްވެސް ފައިދާ ހުރި ކަމެއް ނޫނެވެ. މިކަމާ މެދު ވިސްނާލުމުންވެސް، އެކަން އެނގޭނެއެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ، ހަށިގަނޑުގައި ލައްވާފައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ މުޙިއްމު އެއް ގުނަވަން ކަމުގައިވާ ސިކުނޑިއަށެވެ.

ނޯވޭގެ ނިއުރޯސައިންޓިސްޓުން މިކަމާ ބެހޭގޮތުން ދިރާސާތަކެއް ކުރަމުން އަންނައިރު، އެފަރާތްތަކުގެ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި، އެންމެ ރެއަކުވެސް ނުނިދައިފިނަމަ، ނުވަތަ އެއް ރޭގެ ނިދިވެސް ނަގާލައިފިނަމަ، އެކަމުގެ ސަބަބުން ސިކުނޑިއަށް ގެއްލުންތަކެއް ލިބޭނެއެވެ.

މިކަން ބެލުމަށްޓަކައި ނޯވޭގެ ސައިންސްޓިސްޓުންވަނީ 21 ޒުވާނަކު ލައްވާ ކަންތައްތަކެއް ކުރުވާފައެވެ. އެގޮތުން، 23 ގަޑިއިރުވަންދެން، ޒުވާނުންތަކެއްވަނީ ނުނިންދަވާ ބައިތިއްބާފައެވެ. މިގޮތަށް ބޭތިއްބިއިރު ކެފެއިން އާއި ނިކޮޓިން އަދި މިފަދަ އެހެން އެއްވެސް މާއްދާއެއް އެކުލެވޭ އެއްޗެއް ދީފައި ނުވެއެވެ. 23 ގަޑިއިރު މި ގޮތަށް ބޭތިއްބުމަށްފަހު، އެމީހުންގެ އެކި ޓެސްޓުތައް ހަދާފައިވެއެވެ.

މި ގޮތުން ހެދި ޓެސްޓުތަކުން ދައްކާ ގޮތުގައި، އެންމެ ރެއަކުވެސް ނުނިދައިފިކަމުގައިވާނަމަ، ސިކުނޑީގެ ވައިޓް މެޓަރ ކަމުގައި ބުނާ ބަޔަށް އަސަރުތަކެއް ކުރެއެވެ. އަދި، މިކަން ގުޅިފައިވަނީ ފްރެކްޝަނަލް އެނިސޯޓްރޮޕީއާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. އަދި، މިކަމުގެ ސަބަބުން ސިކުނޑީގައި، އެއް ބައިން އަނެއް ބަޔަށް ގުޅިފައި ހުންނަ ގުޅުންތަކަށް އެތައް އަސަރެއް ކުރާކަމަށްވެސް ނޯވޭގެ ސައިންސްވެރިން ބުނެފައިވެއެވެ.

އެހެންނަމަވެސް، އެއް ރޭގެ ނިދި ނުލިބިއްޖެކަމުގައިވާނަމަ، ވައިޓް މެޓަރ އަށް އަސަރު ކުރަނީ ވަރަށް ކުޑަކޮށްކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. އަދި، ޖެހިގެން އަންނަ ދުވަހާއި ރޭގަނޑު ހަމައަށް ނިދައިފިނަމަ، ލިބުނު ގެއްލުންތަކުން އަރައިގަނެވޭނެކަމަށްވެސް ބުނެފައިވެއެވެ.

މިކަމުގައި ނުރައްކާ ބޮޑީ، ރޭގަނޑު ހަމައަށް ނުނިދުމަކީ އާދައެއްކަމުގައި ހަދައިގެން އުޅޭ މީހުންނަށެވެ. މިގޮތަށް އާދައެއްކަމުގައި ހަދައިގެން، ހަމައަށް ނުނިދާ އުޅޭކަމުގައިވާނަމަ، ސިކުނޑިއަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެފައިވެއެވެ. އެހެންކަމުން، އާދައެއްގެ ގޮތުން ރޭގަނޑުގެ ނިދި ނަގާލުމަކީ، ދާއިމަށް ސިކުނޑިއަށް ގެއްލުންތަކެއް ވެދާނޭ، ހީކުރާވަރަށް ވުރެ ގެއްލުން ބޮޑު ކަމެކެވެ.

އެހެންކަމުން، މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ، އަބަދުވެސް ރަނގަޅަށް ނިދުމެވެ. އިސްލާމް ދީނުގައި މިކަން ކުރަން އަންގަވާފައިވާ ގޮތަށް މިކަން ކުރުމެވެ. އެއީ، އަވަށް ނިދުމާއި އަވަހަށް ހޭލުމެވެ. މުޙިއްމު ކަމެއް ނެތްކަމުގައިވާނަމަ، އިޝާ ނަމާދުގެ ފަހުން، ވީ އެންމެ އަވަހަކަށް ނިދުމެވެ.