ހަށިގަނޑުން ނުބައިވަސް ދުވުމަކީ ވަރަށް ޢާންމުކޮށް، ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. މިކަމުގެ މައިގަނޑު އެއް ސަބަބު ކަމުގައި ސާފުތާހިރުކަން ކުޑަވުން ހިމެނޭއިރު، ބައެއް ފަރާތްތަކުން ފެންވަރައި ރީތިވެގެން ތިބޭއިރުވެސް ގައިން ދާހިއްލައި ނުބައިވަސް ދުވާން މެދުވެރިވެއެވެ. މިކަމާއި ގުޅިގެން ހޯދި ހޯދުންތަކުން އެނގިފައިވަނީ، ކެއުމުގައި ހިމަނާ ބައެއް ބާވަތްތަކުގެ ސަބަބުންވެސް ހަށިގަނޑުން ނުބައިވަސް ދުވުމަށް މެދުވެރިވާކަމެވެ.

ތިރީގައި މި ހިމަނައިލަނީ، ހަށިގަނޑުން ނުބައިވަސް ދުވުމަށް މެދުވެރިކުރުވާ ބައެއް ކާނާއެވެ. މި ބާވަތްތައް އާދަކޮށް މާގިނައިން ކެއުމަށް ބޭނުންކުރާނަމަ، ހަށިގަނޑުން ނުބައިވަސް ދުވާނެކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނަމުންދެއެވެ.

ލޮނުމެދު: ލޮނުމެދަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން އޭގައި ހިމެނޭ މާއްދާތައް، ފަސޭހައިން ނިދާލުމަށް އެހީއަކަށްވެއެވެ. ނަމަވެސް މާގިނައިން ލޮނުމެދު ކެއުމަކީ އަނގައިން ނުބައި ވަސް ދުވުމުގެ އިތުރުން، ގިނައިރުވުމުން ގައިންވެސް ނުބައިވަސް ދުވުމަށް މެދުވެރިކުރުވާ ކަމެކެވެ.

ފިޔާ: ފިޔާއަކީ އާންމުކޮށް ކެއުމުގައި ގިނަ ބަޔަކު ހިމަނާ ބާވަތެކެވެ. އެގޮތުން ބައެއް މީހުން ކެއްކުމުގައި ފިޔާ ބޭނުންކުރާއިރު، އަނެއްބަޔަކު ކާއެއްޗެއްސާއި އެކު ފިޔާ ކެއުމަށް ލޯބިކުރެއެވެ. ފިޔައަކީ ހަށިގަނޑުގެ ހަންގަޑަށް ވަރަށް ބޮޑަށް ފައިދާ ކުރާ އެއްޗެއް ކަމުގައި ވީނަމަވެސް، އަތުގައި ފިޔާ ޖެހުމުންނާއި އާދަކޮށް ފިޔާ ކެއުމުން އެވަސް ހަށިގަނޑުން ފިލުވާލުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އަދި ގިނަ އިރުވާ ވަރަކަށް އޭގެ ވަސް ނުބައި ވަހަށް ބަދަލުވެގެން ދެއެވެ.

ރަތްކުލަ ގަދަ އެއްގަމު މަސް: ރަތްކުލަ ގަދަ އެއްގަމު މަހުގެ ބާވަތްތައް، މިސާލަކަށް ގެރިމަހަކީ ގިނަ ބަޔަކަށް ކަމުދާ މީރު އެއްޗެކެވެ. ނަމަވެސް އެފަދަ ބާވަތްތައް ހަޖަމުކޮށްދިނުމަކީ ހަށިގަނޑުގެ ހަޖަމްކުރާ ނިޒާމަށް ފަސޭހަ ކަމަކަށް ނުވެއެވެ. އާދަކޮށް މިފަދަ މަހުގެ ބާވަތްތައް ކެއުމަށް ބޭނުން ކުރުމަކީ ހަށިގަނޑުން ނުބައިވަސް ދުވުމަށް މެދުވެރިވާ ކަމެއް ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ކުޅި ކާނާ: ކެއުމުގައި ކުޅިކަން ހިމެނުމަކީ ބައެއް ފަރާތްތަކަށް ކެއުން އެއާއިނުލައި ފުރިހަމަ ނުވާ ކަމެކެވެ. ނަމަވެސް، ޚާއްސަ ގޮތެއްގައި ކުޅިކޮށް ކައްކާފައި ހުންނަ ރިހަ ކެއުމަށް އާދަވެފައިވުމަކީ ހަށިގަނޑުން ނުބައިވަސް ދުވާން މެދުވެރިވާ ސަބަބެއް ކަމުގައިވެދާނެއެވެ. މާގިނައިން ކުޅިކޮށް މިފަދަ ބާވަތްތައް ކާން ބޭނުންކުރާނަމަ، ހަށިގަނޑާއި އަނގައިންވެސް ނުބައިވަސް ދުވައެވެ. އަދި ހެދުމުގައިވެސް އެވަސް އަށަގަނެފައި ހުރެއެވެ.

ކިރުގެ ބާވަތްތައް: ކިރު ނުވަތަ ޑައިރީ ޕްރޮޑަކްޓުތަކަކީ ޢާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ތަކެއްޗެވެ. ނަމަވެސް އޭގައި ހިމެނޭ ލެކްޓޯޒް ނަމަކަށް ކިޔާ މާއްދާއެއްގެ ސސަބަބުން، ހަށިގަނޑުން ނުބައިވަސް ދުވުމަށް މެދުވެރިކުރާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ލުއި ކާނާ: ޢާންމުކޮށް ކުޑަކުދިންގެ މެދުގައި މަޤުބޫލުވެފައިވާ އެކި ބާވަތްތަކުގެ ލުއި ކާނާއަކީ އޭގެ ސަބަބުން ސިއްޙީ ގެއްލުންތަކާއިވެސް ކުރިމަތި ކުރުވާ ތަކެއްޗެވެ. މިފަދަ ބައެއް ކާނާ ކެއުމުން ހަށިގަނޑުން ދަލާއި ކުޑަކަމުދާތަކެއްޗާއި އަދި ވައިގެ ގޮތުގައި މި ބާވަތްތަކުގައި ހުންނަ މާއްދާތައް ބޭރުވެ، ނުބައިވަސް ދުވުމަށް މެދުވެރި ކުރުވައެވެ.

ޑޫރިއަން ފްރުޓް: މިއީ ޢާންމުކޮށް ރާއްޖެއިން ލިބޭ މޭވާއެއް ނޫނެވެ. ނަމަވެސް މިއީ ހަށިގަނޑުންނާއި އަނގައި އެންމެ ގަދަޔަށް ނުބައިވަސް ދުވުމަށް މަގުފަހިކުރުވާ އެއް މޭވާއެވެ. މި މޭވާގެ ވަސް ގަދަވުމުން، ބޭރުގެ ޤައުމުތަކުގައި ބައެއް ސަރަޙައްދުތަކުގައި އެތަކެތި ބެހެއްޓުމާއި ގެންގުޅުންވެސް މަނާކޮށްފައިވެއެވެ.