"އަސްލަމްބެ.. އަސްލަމްބެ ކޮން އިރަކު ޕާކިސްތާނަށް އައީ.؟ އަދި ފަސް މަސް އެބަ އޮތެއްނު.. އަދި މި ގޭގަ ކީއް ކުރަނީ ތި.." ދޮރު ހުޅުވީ އަސްލަމްއެވެ.

"މިމްރާޙް.. މިހާ އަވަހަށް ތިއައީ.؟ މި ގެ އެނގުނީ ކިހިނެއް.؟" ގޭތެރެއަށް ވަންނަން އިޝާރާތް ކުރަމުން އަސްލަމް ބުންޏެވެ.

ގޭތެރެއަށް ބަލައިލުމުން އެ ތަނުގައި މީހުން ދިރިނޫޅޭތާ ވަރަށް ދުވަސް ވެފައިވާ ކަން އެނގެއެވެ. ސިޓިން ރޫމުގައި ހުރި ސޯފާތަކާއި އަލަމާރިތަކުގެ މަތީގައި ފޮތި އަޅާފައި ހުރިއިރު، އެ ތަކެތީގައި ކިލާ ބޯކޮށް ހުއްޓެވެ.

"މި ތަނުގަ ބަޔަކު ނޫޅެނީތަ.؟" މިމްރާޙް އެހިއެވެ.

"ސައިފުﷲ ހޯދަންތަ މި ތަނަށް ތި އައީ.؟" އަސްލަމް ވެސް ކުރީ ސުވާލެކެވެ.

"އާނ.. ކިހިނެއް އަސްލަމްބެއަށް އެނގުނީ.؟" މިމްރާޙްގެ ހިތުގައި ވެސް އޮތީ ހުސް ސުވާލެވެ.

"އަސްލަމްބެ ވެސް އައީ ސައިފް ހޯދަން.. އެކަމަކު.." އަސްލަމްގެ ވާހަކަ ހުއްޓުނެވެ.

"އަސްލަމްބެއަށް ސައިފް ކިހިނެއް އެނގުނީ.؟" މިމްރާޙް އެހިއެވެ.

އަސްލަމް އޭނާގެ ވާހަކަ ކިޔައިދިނެވެ. އޭނާއަކީ ކުރިން ޕާކިސްތާނުގެ އަސްކަރިއްޔާގައި މަސައްކަތް ކުރި މީހެކެވެ. ސިފައިންގޭގައި މަސައްކަތް ކުރުމަށް ފަހު ވަޒީފާއިން ވަކިކުރީ ދޮގު ތުހުމަތެއްގައެވެ. ރިޝްވަތުގެ ދޮގު ތުހުމަތެއް އޭނާގެ ބޮލުގައި އެޅުނީ އޭރު ސިފައިންގެ އެތެރެއިން ކުރަމުންދިޔަ މަސްތުވާތަކެތީގެ ވިޔަފާރީގެ ނެޓްވޯކް އޭނާއަށް އެނގިގެން އެ ކަން ރިޕޯޓް ކުރަން އުޅުނު ކަން އޭގެ ބައިވެރިންނަށް ފަޅައި އަރައިގަނެވެ.

އޭގެ ފަހުން މަލިކަށް ކުރި ދަތުރެއްގައި އޭނާއަށް ސައިފުއާ ބައްދަލުވިއެވެ. ސައިފުއާ ގުޅިގެން އިތުރު ފަސް ކުދިން ތަމްރީން ކުރިއެވެ. އެއީ ބަދަލު ހިފަން ބޭނުން ވެގެން ކުރި ކަމެކެވެ. ސައިފު ބަދަލު ހިފަން ބޭނުންވީ އޭނާގެ ރަށް، ކަލްޕޭނީގެ ފުލުހެއްގެ ވަޒީފާ އަދާ ކުރަމުން ދަނިކޮށް ހަމަ އެ ގޮތަށް ވަޒީފާއިން ވަކިކުރުމުންނެވެ. ސައިފުއާ ގުޅިގެން އަސްލަމް ވަނީ ކަރާޗީއާއި ކަލްޕެނީގައި މިޝަންތަކެއް ހިންގައިފައެވެ. އެ މިޝަންތައް ހިންގުމަށް ތަމްރީން ކުރި ފަސް މީހުންގެ ތެރޭގައި ޖަމްޝީދު ހިމެނެއެވެ.

"މިޝަންތައް ނިމިގެން މިހާރު އެ އުޅޭ ދިރިއުޅުމަށް ދިޔަ ކިހާ ތާކު.؟" މިމްރާޙް އެހިއެވެ.

"ހައެއްކަ އަހަރު ކުރިން.. އަހަރެން ޙައްވާއާ އިނީ.. ޖަމްޝީދާއެކު ރާއްޖެ އުޅެނިކޮށް ޙައްވާ ފެނުނީ.. އަހަރެން ބޭނުންވީ ދެން ޤަދަރުވެރި ދިރިއުޅުމެއް.. މި ކަންތައް ވެސް ދޫކޮށްލި.. ޖަމްޝީދު ވެސް ވިޔަފާރި ތެރެއަށް ވަދެ ވަރަށް އަވަހަށް ވިޔަފާރި ފުޅާކޮށްލި.. އޭރު ވެސް މަށަށް އެއީ ގޯހެއް ހެން ހީވެގެން ބެލީ.. ބެލިއިރު އޭނަ އުޅެނީ މި ތަނުގަ ލަޝްކަރެއް ތައްޔާރު ކުރަން.. ފަހުން އެނގުނީ ތައްޔާރުކުރި ކަން.." އަސްލަމް ކިޔައިދިނެވެ.

"މި މީހުން ބޭނުން ވަނީ ރާއްޖެ ހިފަން ކަމަށް އަޑު އިވުން.. އެ ކިހިނެއް ހިފާ ވާހަކައެއް.؟" މިމްރާޙް އެހިއެވެ.

"މި ވަރަކަށް ރާއްޖެ ހިފޭނީ.. އެ މީހުން ކުރާ ގޯސް ވިޔަފާރިތައް އެނގޭ ބައެއްގެ ދުވަސް ދުއްވާލާ.. ވެރިންނަކަށް ވެސް ނޭނގެ.. އެއީ ކިތައް މީހުން ކަމެއް.. ތަހުގީގުތައް ވެސް ހަމަ ހުރެފަ އަނބުރާ.. އެ މީހުންގެ މީހުން ވިއްޔާ.. ފުލުހުންގެ ތެރޭ ވެސް ތިބީ.." އަސްލަމް ބުންޏެވެ.

"މި ބަޔަކު އެބަ ޖެހޭ ހުއްޓުވަން.. ނޫނީ ދައުލަތެއް ނެތް.. ނޫރާ ވެސް އޭގެ އަނިޔާ ތެރޭ ތާށިވެ އެ އޮތީ.." މިމްރާޙް ބުންޏެވެ.

"ފަސޭހައެއް ނުވާނެ.. މި މީހުންގެ ކަންކަން ހާމަ ކުރުން އުނދަގޫ ވާނެ.. އާންމުން ވެސް ތިބީ ކަނު ލޯތްބެއްގަ ޖެހިފަ ތިބިހެން މި ވެރިންގެ އަޖުލުގަ ޖެހިފަ.. ވަރަށް ދުރާލާ ރާވައިގެން ކަންކަން ވާނީ.." އަސްލަމް ބުންޏެވެ.

"އެ ރޭވުމުގެ ތެރެއިން ކަންކަން ކުރަން ޖެހޭނީ.. މި ކަމުގެ ތެރޭގަ ވަގުތު ވެސް ނަގާނެ.. އެ ވަގުތު ތެރޭ ލިބޭ ގެއްލުމެއް ވާން ދޫކޮށްލަން ޖެހޭނީ.. ރަނގަޅަށް ދޯ މި ބުނެވުނީ.." މިމްރާޙް އެހިއެވެ.

"އާނ.. ސައިފުއާ ބައްދަލުވާނެ މިރޭ.. މިރެއިން ފަށައިގެން ތި ތިން މީހުންގެ ތަމްރީންތައް ފެށޭނެ.. އިތުރު ބަޔަކު ވެސް ބޭނުންވާނެ.. އަހަރެމެން ރާއްޖެ ދާނީ އެ މީހުންގެ މުޅި އެތެރެ ހޯދުމަށް ފަހު.. އެ މީހުންގެ ވެސް އެތެރޭގެ ގޯސްތަކެއް އުޅޭނެ.. އެ ކަން ކުރާނެ މީހަކު މަ ހުންނާނެ ހަމަޖައްސައިފަ.. ޖަމްޝީދުގެ ރޭވުން ހުރީ އަހަރެމެން ކަންކަން ކުރަން ވިސްނި ގޮތަކަށް ނޫން.. ވަރަށް ވިސްނައިގެން ބަލިކުރަން ޖެހޭނީ.." އަސްލަމް ބުންޏެވެ.

10 އަހަރު ފަސް – ކ. ތުލުސްދޫ

ކުޑަރަށުގައި ހުރި ގޭގެ ތެރެއަށް މިމްރާޙް ވަދެގެން އައި އިރު އަސްލަމާއި ތަކުރާއި ވިއާމު، އަދި ސައިފު ވެސް އިނެވެ. މިމްރާޙް ވަދެގެން އައި ގޮތަށް އެ ތަނުގައި ބަހައްޓާފައި ހުރި މޭޒެއް ހުރާލިއެވެ.

"ހާދަ ރުޅިއެއް.. މިމްރާޙް.." ތަކުރު ބުންޏެވެ.

"އަހަރެން ބުނި ގޮތަށް ކަންކަން ދިމާވީ.. އީމާ ވީ ތަނެއް ނޭނގެ.. އީމާގެ މޫނުގަ އިންނަ ކަޅު ތިލަ ނެތޭ މަ ކުރިން ވެސް ބުނީމެއްނު.. މިރޭ މަ ދިޔައީ އީމާ ހޯދަން.. ދިޔައިރު މާ ލަސްވެއްޖެ.. ނީމާ ހުރީ ޝަމްޙާއާއި ނޫރާއަށް ހަމަލާ ދޭން ވެގެން.. މަ މި ބަލަނީ ނީމާ މިހާރު ޝަމްޙާއާއި ނޫރާއަށް ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނެހެން.." އަތުގައި އޮތް ތީރު ޖަހާ ދުނިއާއި ތީރުތައް އަޅުވާފައި ހުރި ދަބަސް އެއްލައިލަމުން މިމްރާޙް ބުންޏެވެ.

"އަހަރެމެން އެންމެން ތުލުސްދޫއަށް އެކީ ދާން ޖެހިފަ މި އޮތީ.. މާލެ ކޮޅުގަ ތިބި މީހުނަށް މި ކަން މަ އަންގާނަން.. ތުލުސްދޫއަށް އެރިއަސް މޫވްމަންޓްތައް.. ހަރަކާތްތައް.. ބަހައްޓަން ވާނީ އަހަރެން ބުނާ ގޮތަކަށް.. މި ކޮޅުގަ މަޑު ކުރާނީ އަހަރެން އެކަނި.. ތި މީހުނަށް ކޮމާންޑް ދޭން.." އަސްލަމް މިހެން ބުނެފައި އޭނާގެ ޕްލޭން އެންމެނަށް ކިޔައިދިނެވެ.

***

މިމްރާޙް ދިރިއުޅޭ ގޭގެ ތެރެއަށް އޭނާއާއި ވިއާމު ވަނީ ވަލު ދޮރާށިންނެވެ. މިމްރާޙްގެ ކޮޓަރިއާ ކައިރިއަށް މަޑުމަޑުން ޖެހިލިއެވެ. ކޮޓަރި ތެރޭ ބަޔަކު ވާހަކަ ދައްކާ އަޑަށް އެ ކޮޓަރީގެ ދޮރުގައި މިމްރާޙް އޭނާގެ ފައިން ޖަހާ ތިރިކޮށްލިއެވެ. އެތެރޭގައި ތިބި ޝަމްޙާއާއި ނޫރާއާއި ނީމާ ސިއްސައިގެން ގޮސް ބޭރަށް ބަލާލިއެވެ.

"ކޮން ކަމެއް ތިއީ ދެން.. އަހަރެމެންނަށް އެނގެއޭ ތިއީ ކޮން ދެ މީހުނެއް ކަން.. މިމްރާޙާއި ވިއާމު.." ކާކު ކަން ނޭނގޭ ގޮތަށް އަނގަމަތި ފޮރުވައިގެން މިމްރާޙާއި ވިއާމު ހުރުމުން ނީމާ ބުންޏެވެ.

މިމްރާޙްގެ އަތުގައި އޮތް ވަޅިއާއި ވިއާމު އަތުގައި އޮތް ވަޅި ވެސް ނީމާއާ ދިމާއަށް ދިއްކޮށްލިއެވެ.

"އީމާ ވީ ތަނެއް ބުނަންވީ.؟" މިމްރާޙް ބާރަށް ހަޅޭއް ލަވައިގަތެވެ.

"ދުނިޔޭގަ ނެތް.. ވަޅު ލައިފިން.. ކަލޭމެން ތި އުޅޭ ފަޅު ރަށުގަ.." ނީމާ ހޭން ފެށިއެވެ.

"އަސްލަމްބޭ.." މިމްރާޙްގެ އަޑެއް އަސްލަމަށް ފޯރާ ހެނެއް ހިއެއ ނުވެއެވެ.

"އަސްލަމްބެއޭ.. ދުނިޔޭގަ ނެތް މީހުނަށް ގޮވަނީ ކީއްކުރަން.؟" ނީމާ އިތުރަށް ހޭން ފެށިއެވެ.

"ނީމާ... މަ ރުޅި އަރުވަން ނޫޅޭ.." ވިއާމު ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ.

"ރަތް ލަޝްކަރުގެ ބަޔަކު މިހާރު މި ރަށުގަ އެބަ އުޅޭ.. މި މީހުން ތިބީ ތި މީހުނަށް ވުރެ މާ ކުރީގަ.." ޝަމްޙާއަށް ކުރިމަތީގައި އޮތް ނުރައްކާ ވަޒަންކޮށްލެވެއެވެ.

މިމްރާޙް އޭނާގެ ފޯނު ނަގައި މީހަކު ގުޅިއެވެ.

"ތަކުރުބެ.. ކުޑަރަށުގަ ދޯ އަދިވެސް.. ކޭމްޕް ޗެކް ކޮށްބަލަ.. އަސްލަމްބެ ހުރިތޯ.. އޭނަގެ އަޑެއް ވެސް ނުލިބޭ.." މިމްރާޙް ބުންޏެވެ.

"މިމްރާޙް ތި ވާހަކަ ބުނަން ވެގެން މި ގުޅީ ވެސް.. މަ މިހާރު ތުލުސްދޫގަ.. އަވަހަށް ދުވެފަ މި އައީ ވެސް.. ސައިފުއާއި އަސްލަމް.. ޖަހައިގަނެގެން މަރާލައިފި.. އެ މީހުން މުޅި ރަށް ވަށައިގެން ތިބީ.." ފުން ނޭވާ ލަމުން ތަކުރު ބުންޏެވެ.

"ތަކުރު.. ސަލާމަތް.." މިމްރާޙް މިހެން ބުނެފައި ފޯނު ބޭއްވިއެވެ.

***

ނޫރާގެ އަތުގައި މިމްރާޙް ހިފިއެވެ. އަދި ބާރަށް ދުވެފައި އައުމަށް ޝަމްޙާއާއި ވިއާމަށް އިޝާރާތް ދިނެވެ. ހަތަރު ކުދިން ދުވެފައި ގޮސް ދިޔައީ ރަށުގެ އިރުމަތީ ގޮނޑުދޮށާ ދިމާއަށެވެ. ގޮނޑުދޮށް ކައިރީގައި ލޯންޗެއްގައި ތަކުރު ހުއްޓެވެ. ގޮނޑުދޮށުން މޫދަށް ހަތަރު ކުދިން ފުންމާލިއެވެ. ވިއާމާއި ޝަމްޙާ ފަތާލާފައި ގޮސް ލޯންޗަށް އެރިއެވެ. ނޫރާއަށް ފަތަން ނޭނގޭތީ މިމްރާޙް ދިޔައީ އޭނާ ގޮވައިގެންނެވެ. ލޯންޗާ އަރާ ހަމަވުމުން ވިއާމުގެ އަތުގައި ހިފައިގެން ނޫރާ ލޯންޗަށް އެރިއެވެ. މިމްރާޙް އޭނާ އަމިއްލައަށް ލޯންޗަށް އެރިއެވެ.

ލޯންޗަށް އެރުމާއެކު މިމްރާޙްގެ ގައިގައި ނޫރާ ބައްދައިގަތެވެ.

"މިމް.." އިޚްތިޔާރަކާ ނޫރާގެ ދުލުން ބުނެވުނެވެ.

އޭރު މިމްރާޙާއި ނޫރާއާ ދިމާއަށް ޝަމްޙާ ބަލަހައްޓައިގެން ހުއްޓެވެ. މިމްރާޙަށް ވެސް ބަލައިލެވުނީ ޝަމްޙާއާ ދިމާއަށެވެ. މިމްރާޙްގެ ގަޔާ ނޫރާ ދުރަށް ޖައްސައިލިއެވެ.

"ކެތްތެރިވޭ.. ފައިސަލްއަކަށް އަބަދަކު އެހެނެއް ނުހުރެވޭނެ.." ނޫރާއަށް ހިތްވަރު ދީފައި ޝަމްޙާގެ ކައިރީ ނޫރާ ބޭންދިއެވެ.

ވިއާމާއި މިމްރާޙް އިށީނީ ލޯންޗުގެ ކުރީކޮޅު އިން ސީޓެއްގައެވެ. ތަކުރު ދުއްވާފައި ދިޔައިރު އޭނާގެ މިސްރާބް ހުރީ އުތުރަށެވެ.

"ކޮންތާކަށް މި ދަނީ.؟" ނޫރާ އެހިއެވެ.

"މާ ދުރަކަށް ދެވޭކަށް ނެތް.. މާދަމާއަކީ ފައިސަލް ތުލުސްދޫއަށް އަރަން އޮތް ތާރީޚް.. މާދަމާއަކީ ބޮޑު ދުވަހެއް.. ފައިސަލްގެ ޕްލޭން އޮތީ ހޯދައިފަ.. ޔާސީންއާއި ހަސަން ތިބޭނެ އަހަރެމެންގެ އިންތިޒާރުގަ.. ވޯޓް ލާ ދުވަހު ފައިސަލްގެ ޕްލޭން ވަރަށް ނުރައްކާތެރި ކަމަށް ބުނަނީ.." ތަކުރު ބުންޏެވެ.

"ބޮޑުބެއަށް ވެސް ހުރިހާ ކަމެއް އެނގޭއިރު ފޮރުވައިގެން އެ އުޅުނީ.." ތުންފަތަށް ވައްތަރު ޖައްސާލާފައި ޝަމްޙާ ބުންޏެވެ.

"އަހަރެން ވަށައިގެން މުޅި ދައުލަތަށް ނުރައްކާ އޮތް ކަމެއް ހިނގަމުން ދިޔައީ.. އަހަރެން ވެސް ނުދެނަހުރިން.." ޝަމްޙާ މަޑުމަޑުން ބުނި ވާހަކަ ނޫރާއަށް އިވުނެވެ.

"މިމް ދެކެ އަދިވެސް ވަރަށް ލޯބިވޭ ދޯ.." ނޫރާގެ އަތުގައި ހިފަމުން ޝަމްޙާ އެހިއެވެ.

"ސުވާލަކީ މިމް މިހާރު ދެކޭ ގޮތެއް.. އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ އަހަރެމެންގެ ލޯތްބަށްޓަކައި މިމްރާޙް އެ ކުރި ހިތްވަރާ ގާތަށް ވެސް އަހަރެންނަށް މަސައްކަތް ކުރެވުނު ހެނެއް.. މިރޭ ވެސް މަށަކާ ވާހަކަ ނުދައްކާ ދުރަށް އެ ދިޔައީ.. ޝަމް ވަރަށް ލޯބިވޭ ދޯ މިމް ދެކެ.." ނޫރާގެ ހިތުގެ އާދޭސްތައް ޝަމްޙާއަށް އެކަނި އިވޭހާ މަޑުން ބުންޏެވެ.

"އިންތިހާއަށް.. އެހެންވިޔަސް މި ވާހަކައަށް މިމްރާޙް މާ ކުރިން ސުރުޚީއެއް ދީފި.. އެއީ މިމްރާޙާއި ނޫރާގެ ލޯބީގެ ވާހަކަ.." މިމްރާޙްގެ އުފަލަށް ވުރެ މުހިންމު ކަމެއް ޝަމްޙާއަކަށް ނެތެވެ.

ލޯންޗު ދުއްވާފައި ގޮސް މަޑު ކުރީ ޅ. މާފިލާފުށީ ކައިރީގައެވެ. ދިގު ދަތުރާ ގުޅިގެން ނޫރާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އޭނާއަށް ހިނގެނީ ވެސް ކިރިޔާއެވެ. ދާން ޖެހޭ ގެއާ ހަމައަށް ނޫރާ ގެންދިޔައީ ސައިކަލެއްގައެވެ. ސައިކަލުގައި ދުއްވާފައި ގެންގޮސްދިނީ މިމްރާޙެވެ. މިމްރާޙްގެ އަތުގައި ހިފައިގެން ހުރެ ގޭތެރެއަށް ވަނެވެ. ސިޓިން ރޫމުގައި ހުރި ސޯފާއެއްގައި ނޫރާ ބޭއްވިއެވެ.

"ވަރަށް ވަރުބަލި ދޯ.." ނޫރާގެ އަތުގައި ހިފަހައްޓައިގެން ހުރެ އޭނާ ކައިރީ މިމްރާޙް އިށީނެވެ.

"މިމްރާޙް.. މައާފް ކުރާތި.." ނޫރާ މަޑުމަޑު އަޑަކުން ބުންޏެވެ.

"ނޫން.. ނޫން.. އަހަރެން މައާފަށް އެދެންވީ.. ފައިސަލްގެ އަނިޔާއިން މިންޖުނުކޮށްދެވި އަދިވެސް މި ދުވަނީ އޭނާގެ މީހުންގެ ހަމަލާތަކުން ސަލާމަތް ވާން.." މިމްރާޙް ބުންޏެވެ.

ގޭތެރޭގެ ހުރި ކޮޓަރިން ނުކުތީ އަސްލަމްއާއި ޙައްވާއާއި އީމާއެވެ. އެ ވަގުތަށް ގޭތެރެއަށް ވިއާމާއި ތަކުރާއި ޝަމްޙާ ވެސް ވަނެވެ. ޔާސީނާއި ޙަސަން ވެސް ކޮޓަރި ތެރެއަށް އެ ވަގުތު ވަނެވެ.

"އަހަރެމެން މަރުވެއްޖެއޭ ހިތާ ދޯ އެ ތިބީ މިހާރު ވެސް.." އަސްލަމް ބުންޏެވެ.

"އާނ.. އެ މީހުން އެ ތިބީ އަހަރެމެންގެ ދަލުގަ ޖެހިފަ.. އީމާ ވަރަށް ހުޝިޔާރު.. އަހަރެން ހަމަ ހަގީގަތަށް ވެސް ހީކުރީ އީމާ އަތުން ދިޔައީ ކަމަށް.." ވަރަށް ކެރި ހުރެ މިމްރާޙް ބުންޏެވެ.

"މިއިން އެކަކު ވެސް މަރެއް ނުވޭތަ.؟" އެންމެން ދިރި ތިއްބައި އެއް ތަނަކުން ފެނުމުން ނޫރާއަށް އަހާލެވުނެވެ.

"އާނ.. ރަތް ލަޝްކަރުގެ މީހުންގެ ތެރެއިން ބައެއް މީހުން އަހަރެމެންގެ ތެރެއަށް ގެނައީ.. އެ މީހުންގެ މޫނު މަތީގައި މާސްކެއް އަޅުވައިފަ.. އޭގެ ބަޔަކު މަރާލައިގެން އެ ތިބީ.. ސަލީމްބެ އެންމެ ބޮޑު އެހީއެއް ވެދިނީ އަހަރެމެންނަށް.. އޭނަ އުފެއްދި މާސްކްތަކެއް އެއީ.. ސަލީމްބެ ވަރަށް މޮޅު ތަޙްގީގީ ނޫސްވެރިއެއް އެއީ.. އޭނަ އަންނާނެ އިރުކޮޅެއް ތެރޭގަ.. އޭނަ އަތުގަ ވީ ފައިސަލްގެ ޕްލޭން.." ތަކުރު ބުންޏެވެ.

"ނީމާ.. ހުންނާނެ.. ރާކަނި މަސް ކެވިފަ މިހާރު.. ކަލޯ.. މަށަށް ކިރިޔާ އޭނަ ކައިރި ހުރެވުނު އިރު ނުހެވުނީ.. އީމާ ނެތް ދުނިޔެއަކު.. އަސްލަމް ވެސް މަރުވެއްޖެއޯ.. ކަލޯ.. މަ ހީހީ.." އާންމު ގޮތެއްގައި މަޖާވެ ގަންނަ ވިއާމު ހުރީ އެ ރޭ ވެސް މަޖާވެފައެވެ.

"އެހެންވީމަ.. ތުލުސްދޫގަ ކަންކަން ހިނގައި ދިޔައީ ތި އެންމެން ޕްލޭން ކުރި ގޮތަށް..؟" ކުރިން ހާސްވެފައި ހުރި ޝަމްޙާ ދެން ހުރީ ވަރަށް ބޮޑަށް ވެސް ހައިރާންވެފައެވެ.

"އާނ.. ނީމާއަށް ގަސްތުގަ ތުލުސްދޫ ކައިރި ފަޅު ރަށެއްގެ ޕްލޭން ދެއްކީ.. އަހަރެމެންގެ ކަންކަން ރާވަމުން ދިޔައީ އެހެން ބަޔަކު މި މާފިލާފުށީގަ.. މަށާއި ވިއާމު ތުލުސްދޫއަށް ދިޔައީ އެ އެންމެންގެ ފޯކަސް އެ ދިމާއަށް އަނބުރާލަން ވެގެން.. ތުލުސްދޫގަ އެ މީހުންގެ މީހުން ތިބެފަ.. މާލެއާ ކައިރި ތަނެއް ވީމަ.. އެ ތަނުގެ ވާ ކަންކަން އެ މީހުނަށް ވަރަށް ފަސޭހައިން އެނގޭނެ.. މި ހުރިހާ ކަމެއް ދިޔައީ ޕްލޭންއާ އެއް ގޮތަށް.." މިމްރާޙް ބުންޏެވެ.

އިރުކޮޅެއް ފަހުން ބޮޑު ފޮތެއް ހިފައިގެން ސަލީމް ގޭތެރެއަށް ވަނެވެ.

"ނޫސްވެރިއަކު މައްސަލައެއްގެ ތެރެއަށް ވަންނަ ގޮތަށް އެހެން މީހަކަށް ނުވަދެވޭނެ.. ރަތް ލަޝްކަރުގެ ކުރިން އީމާއާއި މިމްރާޙްއާއި ވިއާމު ހުރި ތަން ވެސް ހޯދީ އަހަރެން.. ތި މީހުންގެ ޕްލޭން ވެސް ފުރަތަމަ ހޯދީ އަހަރެން.. ބޮޑު ލަޝްކަރު ހަމަ ތިބީ.. ތި މީހުން އަހަރެންނަށް އިތުބާރު ކުރީތީ ވަރަށް އުފާކުރަން.. މުޅި ރާއްޖެ ވެސް ތިބީ.. ފައިސަލްގެ ޕްލޭން ވެސް ލިބުނީ މަށަށް.. ކާމިޔާބުކަމާއެކު ތަހުގީގު ނިމިއްޖެ.." ވަރަށް ފަޚްވެރިވެލާފައި ސަލީމް ބުންޏެވެ.

ޕާކިސްތާނުގައި އުޅެނިކޮށް ސަލީމްބެއާއި މިމްރާޙްމެނާ ދިމާވިއެވެ. އަދި ރަތް ލަޝްކަރުގެ މައްޗަށާއި މިމްރާޙްމެންގެ މައްޗަށް ސަލީމްބެ ކުރަމުން ދިޔަ ތަޙްޤީޤް އެ މީހުނަށް ކިޔައިދިނެވެ. މަލިކުގައި ހިނގައިދިޔަ ލޭއޮހުރުވުމަކީ ފައިސަލްގެ ކަމެކެވެ. ފައިސަލްއާ ދެކޮޅަށް ބަޔަކު ރޭވުންތަކެއް ރާވާކަން އެނގިގެން މަލިކަށް ދިޔަ ވަފުދުގައި ތިބި ފައިސަލްގެ ވަފާތެރިން އެ ބަޔަކު މަރާލީއެވެ.

"ސަލީމްބެ ދެން އަހަރެމެންނަށް ތި ޕްލޭނެއް ދައްކަންވީނު.." ޔާސީން އެހިއެވެ.

ސަލީމްބެގެ އަތުގައި އޮތް ފޮތް ސިޓިން ރޫމުގައި ހުރި މޭޒު މަތީގައި ބޭއްވިއެވެ. އޭގައި އޮތީ މާލޭގެ މެޕެކެވެ. އަދި ހުޅުމާލޭގެ މެޕެކެވެ. މާލޭގެ އެކި ދިމާގައި ތިކި ތަހާފައި ހުއްޓެވެ. ކައިރީގައި އޮންނަ ފުނަދޫގެ މެޕެއް ވެސް އޮތެވެ. މަތީގައި ސުރުޚީއެއް ގޮތަށް ލިޔެފައި އޮތީ "ބްލާސްޓް" އެވެ.

"މުޅި މާލެ ގޮއްވާލަނީތަ.."

(ނުނިމޭ)