މަލިކު

ޙަލީމާގެ ވާހަކަތައް ފުރަތަމަ ފަހަރަށް ވިއާމާއި އީމާއަށް މިމްރާޙް ކިޔައިދީފިއެވެ. އޭނާގެ މަންމަ މަރުވުމުން ބައްޕަ ޙަލީމާއާ ކައިވެނި ކުރި ވާހަކައެވެ. ބައްޕަ ޢަބްދުﷲއާއި ޙަލީމާ ވެގެން މިމްރާޙް ލައްވައި ކުރުވި އަޅު މަސައްކަތެވެ. ކާން ނުދީ ގެންގުޅުމެވެ. މިމްރާޙަށް ޙަލީމާ ކުރާ އަނިޔާތަކެވެ. އެކަމަކު ރަތް ލަޝްކަރުގެ ތެރެއަށް ޙަލީމާ ވަދެގެން އައި ގޮތެއް މިމްރާޙަށް ނޭނގެއެވެ. ރަތް ލަޝްކަރަކީ އޮންނަ ކަމެއް ކަން ވެސް މިމްރާޙަށް އެނގުނީ ދާދި ފަހަކުންނެވެ. ޖަލުން މިނިވަންވެ އީމާއާ ބައްދަލުވި ހިސާބުންނެވެ. ބައްޕަ ހުރި ތަނެއް ހޯދަން މިމްރާޙް ބޭނުންވިއެވެ.

"އަސްލަމްބެ.. މިއީ މިމްރާޙް.." އަސްލަމްއަށް ގުޅާފައި މިމްރާޙް ބުންޏެވެ.

"ދަރިފުޅާ.. ކޮންތާކު ތި އުޅެނީ.؟" އަސްލަމް އެހިއެވެ.

"މަލިކުގަ.. އިންޑިއާއަށް ދަތުރެއް ރޭވެން އެބަ އޮތްތަ.؟" މިމްރާޙް އެހިއެވެ.

"އިންޑިއާ މަގުން ޕާކިސްތާނަށް ދަތުރު ހަދާ.." އަސްލަމް ވާހަކަ ދެއްކީ އޭނާއަށް ވެސް ބައެއް ކަންކަން އެނގޭ ފަދަ ރާގެއްގައެވެ.

"ޕާކިސްތާނަށް.؟ އެއީ ކީއްކުރަން.؟" މިމްރާޙް އެހިއެވެ.

"އަސްލަމްބެ ވާނެ މިމްރާޙަށް.. އަދި އަސްލަމްބެގެ އެހެން ދަރިންނަށް ވެސް ކަމެއް ފޮރުވާފަ.. މިމްރާޙް ތި އުޅެނީ ކޮން ބަޔަކާ އެކީ ކަން ވެސް ފައިސަލްއަށް އެނގޭ.. އެކަމަކު ކޮންތާކު ކަމެއް ނޭނގެ.. އެ މީހުން މިމްރާޙްމެން ވަރަށް ހޯދާ އެބަ.. އެހެންވެ ޕާކިސްތާނަށް ދަތުރު ފަށާ.." އަސްލަމް މިހެން ބުނެފައި ފޯނު ބޭއްވިއެވެ.

އީމާއާއި ވިއާމަށް ވެސް އަސްލަމްގެ މެސެޖް މިމްރާޙް ދީފިއެވެ. ވިއާމު ވެސް ޙަލީމާއާ ގުޅޭ ގޮތުން އޭނާ ދަންނަ ބައެއް ވާހަކަތައް ކިޔައިދިނެވެ. ލަޝްކަރަކީ ޖަމްޝީދު އުފެއްދި ލަޝްކަރަކަށް ވިޔަސް ޙަލީމާގެ ނުފޫޒު ބޮޑު ކަމެވެ. މިހާތަނަށް ވެސް ލަޝްކަރުގެ އެކުވެރިކަން އޮތީ ޖަމްޝީދަށް އެ އެންމެން ވެސް ވަފާތެރިވުމުންނެވެ. އެކަމަކު ޙަލީމާއާއި ފައިސަލްގެ ނުފޫޒު ވަރުގަދަ ކުރުމަށް ކުރާ ކަންކަމުގެ ތެރެއިން ލަޝްކަރުގެ އެއްބައިވަންތަކަށް ކުރިއަށް ވުރެ ބޮޑަށް ބުރޫ އަރަމުންދާ ކަމަށް ވިއާމު ބުންޏެވެ.

އަސްލަމް ދިނީ ވަރަށް ފަހުގެ ތާރީޚެކެވެ. އެއީ ގުޅި ދުވަހަށް ވުރެ އަށް މަސް ފަހުގެ ތާރީޚެކެވެ. އެ ތާރީޚަށް ޕާކިސްތާނަށް ދިއުމަށް މިމްރާޙާއި ވިއާމާއި އީމާ ހުރީ ތައްޔާރަށެވެ. އެ ތާރީޚް ޖެހެން ދެން މަލިކުގައި އާމްދަނީ ހޯދަން އެކި މަސައްކަތް ދިޔައީ ކުރަމުންނެވެ. ދަނޑުވެރިކަން ކުރަން އީމާ ބިމެއް ހޯދިއެވެ. މިމްރާޙާއި ވިއާމު ވެސް ރެސްޓޯރަންޓްއަކުން ވަޒީފާއެއް ހޯދިއެވެ. އެ ތަނުގައި ވެސް އާންމު ގޮތެއްގައި ދިވެހި ކެއުން ހައްދައެވެ. މަލިކުގައި އުޅެން ވަރަށް ފަސޭހަވިއެވެ. އެ އެންމެން ވެސް ދިވެހި ބަހުން ވާހަކަ ދައްކާތީއާއި، ދިވެހިންގެ ކަންކަން މިހާރު ވެސް ވަރަށް ކައިރިން މަލިކު މީހުން ބަލައިތީއެވެ.

***

ރާއްޖޭގެ ތާރީޚް ދިރާސާ ކުރުމުގައި އަވަދިނެތި އުޅޭ ސަލީމް މަލިކަށް އެ ދުވަސްވަރު ދަތުރެއް ކޮށްފިއެވެ. މިމްރާޙާއި ވިއާމު މަސައްކަތް ކުރަމުން ދިޔަ ރެސްޓޯރަންޓަށް އޭނާ ގޮސްފިއެވެ. ރެސްޓޯރެންޓްގެ މޭޒެއް ކައިރީ އިން ގޮނޑިއެއް އިށީނދެލިއެވެ. އޭނާ އަޅުވައިގެން ހުރި ދަބަހުން ފޮތެއް ނެގިއެވެ. ރެކޯޑަރެއް ވެސް ނެގިއެވެ. މިމްރާޙާއި ވިއާމަށް މީގެ ކުރިން ވެސް ސަލީމް ދިމާވިއެވެ. އެއީ ސެންޓަރުންނެވެ. އެ މީހުންގެ ކްލާހަށް ކިޔަވައިދޭކަށް ނާދެއެވެ. އެކަމަކު އެއީ ސެންޓަރުގެ ތާރީޚް އަދި ދިވެހި މާއްދާތައް ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން އެންމެ މަޝްހޫރު ޓީޗަރެވެ. ގަލަމެއް ނަގައިގެން ސަލީމް ލިޔަން ފެށިއެވެ.

"ސަލީމްބޭ.. ކޮން ދަތުރެއް.." ވިއާމާއި މިމްރާޙް ވެސް ސަލީމް އިށީނދެ އިން މޭޒު ކައިރިއަށް ގޮނޑި ގެނެސްފައި އިށީނދުނެވެ.

"ޖަލުން ފިލައިގެން މަލިކަށް ދޯ އައިސް ތި އުޅެނީ.؟" މިމްރާޙް ފެނިފައި ސަލީމް އެހިއެވެ.

"ސަލީމްބެގެ ދަތުރު ސާފުކުރަން ބޭނުންވަނީ.. ކޮންމެ އަހަރަކު މަލިކަށް އަންނާތީ ދޯ.. ހަމަ ތާރީޚީ ކަންކަން ހޯދަންތަ.. ނޫނީ މިހާރު މަލިކުން ރީތި އަންހެން ކުއްޖަކު ފެނުނީތަ.." އުމުރުން އެހާ ދުވަސްވީއިރު ވެސް މީހަކާ ކައިވެނިކޮށް ނުކޮށް ހުންނާތީ ވިއާމު އަބަދުވެސް ސަލީމަށް ދިމާކުރެއެވެ.

"ވިއާމުމެން ނުވާނެ ބޮޑެއް.. ދިވެހި ސިފައިންގެ ގިނަ ބަޔަކު އެބަ އުޅޭ މަލިކަށް އައިސް.. އެހެންވެގެން މަ ވެސް މި ފަހަރު މި އައީ.. އެ މީހުން އައީ އިންޑިއާ ސަރުކާރާ ދެމެދު ހިނގާ ސިއްރު ބައްދަލުވުންތަކަކަށް ކަމަށް އެނގިފަ އޮތީ.. އެ މީހުން އެ ޖަހާ ސަކަރާތެއް އަހަރެން ބަލަން ބޭނުމީ.." ސަލީމް ބުންޏެވެ.

"މަލިކު އަނބުރާ ރާއްޖެއަށް ދެންތަ.؟" ބައެއް ފަހަރު ސަލީމްގެ ކުށް ހީތައް ދިމާނުވާތީ ވިއާމަށް އޭނާގެ ވާހަކަތައް ވަނީ މަޖާ ވާހަކަތަކަށެވެ.

"މޭޖާ ޖެނެރަލް ޝަހީދު ވެސް އެބަ އުޅުއްވާތޯ.؟" ސީރިއަސް ރާގެއްގައި މިމްރާޙް އަހާލިއެވެ.

"އޭނާ އިސްކޮށް ހުރީ ވެސް.." ސަލީމް މިހެން ބުނުމުން ވިއާމާއި މިމްރާޙަށް އެކަކު އަނެކަކަށް ބަލައިލެވުނީ ޝަހީދަކީ ރަތް ލަޝްކަރުގެ އެންމެ އިސް އެކަކަށް ވާތީއެވެ.

"ސަލީމްބެ.. އެ މީހުން އައިސް މަޑުކޮށްގެން ތިބި ތަނެއް އެނގޭތަ.؟" މިމްރާޙް އެހިއެވެ.

"އާނ.. އެ މީހުން ތިބީ ކުރިމަތީ މި ހުރި ގޭގަ.. ބޮޑު ގެއެއްނު.." ސަލީމް ޖަވާބު ދިނެވެ.

"ސަލީމްބެ މަޑުކޮށްގެން ތި ހުރީ ކޮންތާކު.؟" ވިއާމް އެހިއެވެ.

"ތި ތިން ކުދިން އުޅޭ ގެ ކައިރި ގެއެއްގަ.. އަހަރެން ވަރަށް މުހިއްމު އެހެން އިންޓަވިއުއެއް ވެސް އެބައިން.. މަލިކު އަންހެން ކުއްޖެއްގެ.. އޭނަ އެއީ ކުރިން ދިއްދޫގަ އުޅުނު ކުއްޖެކޯ.. އެހެންވެގެން.." ސަލީމް މިހެން ބުނެފައި ހިނގައްޖެއެވެ.

ވިއާމާއި މިމްރާޙާއި އީމާ އެ ދުވަހުގެ ރެއަށް ތައްޔާރުވެއްޖެއެވެ. މަލިކުގައި ކަމެއް ގޯސްކޮށް ހިނގަން އުޅޭ ކަމަށް ބެލެވިގެނެވެ. ތިން މީހުން ލާނެ ގަދަ ނޫ ކުލައިގެ ހޫޑީއެއް އޭނާ ތައްޔާރުކުރިއެވެ. އަދި މޫނު މަތީ ކަޅު ކުލަ ހާކައިދިނެވެ. އަނގަ މަތީ އަޅާނެ ކަޅު ކުލައިގެ ފޮތިގަނޑެއް ވެސް ތައްޔާރުކޮށްދިނެވެ. ވިއާމާއި މިމްރާޙް ތިރިން ލީ ޖިންސް ފޮތީގެ ސޯޓެކެވެ. އީމާ ލީ ޖިންސް ފޮތީގެ ކަޅު ކުލައިގެ ސްކިނީއެކެވެ.

ތައްޔާރުވެގެން ގޮސް އެއް ގެއިން އަނެއް ގޭގެ ފުރާޅުން މަޑުމަޑުން ފުންމަމުން ދިޔައެވެ. ރޭގަނޑުގެ ދަންވަރު ވަގުތު ވުމުން މަގުމަތިން މާ ގިނަ މީހަކު ނުފެނެއެވެ. އެކަމަކު ލޯބިވެރިންގެ ވަގުތަކަށް ވާތީވެ ސައިކަލުތަކާއި ކާރުތަކުގައި ޖޯޑުތައް ދަނިކޮށް ފެނެއެވެ. މަޑުމަޑުން ފުންމަމުން ސަލީމް ބުނި ގޭގެ ފުރާޅާ ހަމައަށް އާދެވިއްޖެއެވެ. އެ ގޭގެ ކޮޓަރިއެއްގެ ކުޑަދޮރުން ގޭ ތެރެއަށް ތިން މީހުން ވަދެއްޖެއެވެ.

"މޭޖާ ޝަހީދު..." ކޮޓަރި ތެރޭގައި ޒަޚަމް ކޮށްލާފައިވާ ޝަހީދު ފެނިގެން އީމާއަށް ބާރަށް ހަޅޭއް ލަވައިގަނެވުނެވެ.

އިތުރު މީހަކު ކޮޓަރިއަށް އަންނަންވާއިރަށް ތިން މީހުން އެ ތަނުން ނުކުމެގެން ގޮސްފިއެވެ. ޝަހީދު އޮތީ ރަހުމު ކުޑަ ގޮތަކަށް މަރާލައިފައެވެ. އޭނާގެ އެއް ލޮލަށް ވަޅި ހަރާފައި އޮތް އިރު، އިނގިލިތައް ވަކިން ބުރިކޮށްލާފައި އޮތެވެ. މޭ މަތިންނާއި ހަށިގަނޑު އެ ތަން މި ތަނުން ލޭ އާދެއެވެ. ބޯ ވެސް އޮތީ ފަޅައިގެން ގޮސްފައެވެ.

***

"ކާކު ކުރި އަމަލެއްތަ މިއީ.؟" ރުޅިގަދަވެފައި ކޮޓަރި އެނދަށް ކަޅު ފޮތިގަނޑު އެއްލައިލަމުން ވިއާމު ބުންޏެވެ.

"ތި ތިން ކުދިން އުޅޭ ގެ ކައިރީ.." މިމްރާޙަށް ކަމެއް ހަނދާން ވެގެން ބުންޏެވެ.

"ކަލޭ މިހާރު ތި ކިޔަނީ ކޯއްޗެކޭ.." މަލިކުގައި ވަރަށް ގޯސް ކަންތައްގަނޑެއް ހިނގައިދާނެ ކަމަށް ބެލެވެން ފެށުމުން ވިއާމު ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

"ސަލީމްބެ ކައިރީ ކޮންތާކު ހެއްޔޭ ތި އުޅެނީ އެހީމަ ބުނި ތިން ކުދިންއޭ.. އީމާގެ ވާހަކަ ގިނަ ބަޔަކަށް ނޭނގޭނެ. ވިއާމު ވެސް ގެއްލުނު ފަހުން އާއިލާ މީހުން ރިޕޯޓް ކުރީ.. ދެން އަހަރެން.. ޖަލުން ފިލީ އަހަރެން.. އަހަރެން ދެން ގެއްލިގެން އުޅެނީ.. ތިންވަނަ މީހަކު އުޅޭ ކަން އޭނާއަށް އެނގުނީ ކިހިނެއް.. މި ބަޔަކު އައިސް މި އުޅެނީ ރަތް ލަޝްކަރުގެ ކަމެއްގަ.. އަހަރެމެން ހޯދަން ކަމަށް ވެސް ވެދާނެ.." މިމްރާޙް ބުންޏެވެ.

"ނޫން.. ސަލީމަށް ތި ދެ މީހުން ފެންނަ ގޮތަށް ވުން އެއީ ހެދި ގޯހެއް.. މަލިކުގަ އަހަރެމެން އުޅޭ ކަމެއް ނޭނގޭނެ.. މަށަކަށް ހިއެއް ނުވޭ އެ މީހުންގެ ލިންކްތައް މަލިކާ ހަމައަށް އޮންނަ ހެނެއް.. އެކަމަކު އަބަދުވެސް އިންޑިއާގެ ބައެއް މީހުންގެ އެހީ ބޭނުންވެގެން އެ މީހުން އުޅޭ.. އެ ކަމަށް އައިސް އުޅެނިކޮށް މި ފަޅާ އެރީ.. މަލިކުގަ ދެން ތިބުން ރައްކާތެރިއެއް ނޫން.. އަސްލަމް ދިން ތާރީޚް އަޔަސް.. ދާން ފެނޭ.. އިންޑިއާ ސަރަހައްދު ދެން ނުވާނެ ރައްކާތެރިއެއް.. އެ މީހުން އަންނާނެ އިންޑިއާއަށް ދެން.." އީމާއަށް ވިސްނުނު ގޮތް އޭނާ ކިޔައިދިނެވެ.

***

ޖެޓީ ސަރަޙައްދުގައި އޮތް ލޯންޗަށް ތިން މީހުން އަރައިފިއެވެ. ލޯންޗުގެ މިސްރާބު ބެހެއްޓީ ޕާކިސްތާނުގެ ކަރާޗީއަށެވެ. ކުރިން ވެސް ކުއްލި ހާލަތެއްގައި ޕާސްކިތާނަށް ދާން އޮތީ ރާވައިފައެވެ. އެ ކަމަށް ޓަކައި ބޭނުންވާ ވަރަށް ތެލާއި ކާތަކެތި ލޯންޗުގައި ރައްކާ ކޮށްފައި ބެހެއްޓީއެވެ. ލޯންޗުގެ ދުވެލި އެންމެ ބާރު މިނުމުގައި ފުރަތަމަ ބެހެއްޓިއެވެ. އެއީ އިންޑިއާގެ ލަކްޝަދްވީޕް ސަރަހައްދާ ދުރަށް ދިއުމަށެވެ.

ޕާކިސްތާނާ އަރައި ކައިރިވުމުން ރޭޑިއޯ ހުޅުވާލިއެވެ. ދައުލަތުގެ މީޑިއާގެ ރޭޑިއޯ އެ ސަރަހައްދަށް ވެސް ލިބެއެވެ. މަލިކުގައި ދިވެހި ސިފައިންގެ ބަޔަކު މަރާލާފައި އޮތް ކަމުގެ ޚަބަރު އޮތެވެ.

"މަށަށް ހީވަނީ ރަތް ލަޝްކަރާ ދެކޮޅު ލަޝްކަރެއް ވެސް އުފެދުނީހެން.." ވިއާމު ބުންޏެވެ.

"ނޫން.. ފައިސަލްގެ ކަމަކަށް ވެސް ވެދާނެ.. ޖަމްޝީދާ ދެކޮޅަށް އޭނަ ހަނގުރާމަ އިއުލާން ކޮށްދާނެ.." މިމްރާހް ބުންޏެވެ.

"ޙަލީމާގެ ކަމެއް.. މިހާރު ރަތް ލަޝްކަރު އެ އަނބުރަނީ ޙަލީމާ ބޭނުންވާ ދިމާއަކަށް.. އެހެން މީހުން އެ ތިބެނީ އޭނަގެ ދަށުވެފަ.. މި ބަޔަކު އިންޑިއާއަށް އެއީ ޙަލީމާ ބަލި ކުރަން އިންޑިއާގެ ސައިފުﷲ ގެ އެހީ ހޯދަން.." އީމާއަށް ރަތް ލަޝްކަރުގެ އެތެރޭގެ ކޯޅުން އޭނާއަށް ވިސްނޭ ގޮތަކަށް ބުންޏެވެ.

"ސައިފުﷲ.. އެއީ ކާކު.؟" މިމްރާޙް އެހިއެވެ.

"ރަތް ލަޝްކަރުގެ ވިސްނުމަކީ އިންޑިއާގެ ސައިފުﷲ އާއި ޕާކިސްތާނުގެ މީހެއްގެ ވިސްނުމެއް.. މި ކަން ފެށިގެން އައީ ވެސް މި ލަކްޝަދްވީޕްގަ. އިންޑިއާ ސަރުކާރުން ވެސް އެންމެ ބަލައި ނުލައި އުޅޭނީ ލަކްޝަދްވީޕްގެ ޖަޒީރާ ރަށްތައް.. އެހެންވެ މި ތަނުގަ ތިބެގެން ތަމްރީންތައް ހިންގަން ވެސް ފަސޭހަވީ.. އެ މީހުންގެ ބާރު މަލިކުގަ ނޫނީ ލަކްޝަދްވީޕްގެ ރަށްރަށުގަ އޮންނާނީ ވެސް.. ޖަމްޝީދަކީ އެ މީހުންގެ ދަރިވަރެއް.. ޖަމްޝީދު ރާއްޖެއަށް އައިސް އެ ފިކުރު ފަތުރައިލީ.. މިހާރު ރާއްޖޭގައި އޭގެ ލަޝްކަރެއް އެ އުފެއްދީ.. ސައިފުﷲ ހޯދަން އައިސް އެ އުޅެނީ.. މަށަށް ވެސް އީމާގެ ވާހަކައަށް ބުރަވެވޭ.. އެކަމަކު ކާކު ބުނެގެން ކަމެއް ނޭނގެ.." ވިއާމު ބުންޏެވެ.

"ޕާކިސްތާނު މީހަކީ ކޮބައި.؟" މިމްރާޙް އެހިއެވެ.

"އަހަރެންގެ ވެސް ފުރަތަމަ ވިސްނުމަކަށް އޮތީ ސައިފުﷲ ހޯދަން.. އަހަރެން މި ވާހަކަ ނުބުނެ މަޑުޖައްސައިލީ ޕާކިސްތާނު މީހާއާއި ސައިފުﷲ ހުރީ ޕާކިސްތާނުގަ ކަން އެނގިގެން.. ޕާކިސްތާނު މީހާ އަމިއްލަ ދިރިއުޅުމަށް ދިޔަތާ ވަރަށް ދުވަސްވެފަ އޮތީ.. އެހެންވެ އަހަރެމެން އެކަކަށް ވެސް އެއީ ކާކު ކަމެއް.. ކުޑަމިނުން ނަމެއް ވެސް ނޭނގެ.. މި މީހުންނާ ގުޅުމުގެ ކުރިން އަހަރެމެން އެބަ ޖެހޭ އެ ދެ މީހުން ހޯދަން.." ވިއާމު ބުންޏެވެ.

ކަރާޗީ

މަޑު ދުވެއްޔެއްގައި ދަތުރު ކުރަމުން ދިޔައީ ދަންވަރުގެ ވަގުތަކަށް ކަރާޗީއަށް އެރުމަށެވެ. ކަރާޗީ ބަނދަރުގެ ސެކިއުރިޓީ ވަރަށް ބޮޑެވެ. ފޭކް ޕާސްޕޯޓްތަކެއް ކުރީ ބައިގައި ތިބީ ހައްދައިގެނެވެ. އެ ތަނުގެ ސެކިއުރިޓީއަށް ވެސް އެ ޕާސްޕޯޓްތަކަކީ އަސްލެއް ކަމަށް ބެލި، ތިން މީހުން ވެސް ކަރާޗީއަށް ވަދެވުނެވެ. ޕާކިސްތާނުގެ އެންމެ ބޮޑު ވިޔަފާރި ހަބް، ކަރާޗީގައި ވަޒީފާއެއް ހޯދުން ވެސް އުނދަގުލެއް ނުވިއެވެ. ބޯ ކޮށައިދޭ ސެލޫންއަކުން ވިއާމު ވަޒީފާ ހޯދިއިރު، އީމާ ވަޒީފާއެއް ހޯދީ ހެދުން ފަހާ ތަނަކުންނެވެ.

މިމްރާޙް ވަޒީފާއަށް ނުގޮސް މަޑުކުރީ ސައިފުﷲ އާއި ޕާކިސްތާނު މީހާ ހޯދުމުގެ މަސައްކަތަށެވެ. ފަހުން މަސައްކަތް ބުރަވުމުން އެ ތަނުގައި ހިންގާ ނޫސް މަޖައްލާއަކަށް އޭނާ ގުޅުނެވެ. އެއަށް ފަހު، ނޫސް މަޖައްލާގެ ފާސް އަޅައިގެން އެ ކަން ކުރަން ފަސޭހަވިއެވެ. ސައިފުﷲއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވެސް ހޯދުނެވެ. އަދި ސައިފުﷲ އުޅޭ ގޭގެ އެޑްރެސް ވެސް ލިބުނެވެ. ސައިފުﷲ އުޅޭ ގޭގެ އެޑްރެސްއަށް މިމްރާޙް ދިޔައެވެ. ދޮރުގައި ރަނގަބީލު ޖެހުމާއެކު މީހު އެ ދޮރު ހުޅުވިއެވެ.

"އަސްލަމްބެ.. އަސްލަމްބެ ކޮން އިރަކު ޕާކިސްތާނަށް އައީ.؟ އަދި ފަސް މަސް އެބަ އޮތެއްނު.. އަދި މި ގޭގަ ކީއްތި ކުރަނި.." ދޮރު ހުޅުވީ އަސްލަމްއެވެ.