މެއި 8 ވަނަ ދުވަހު ގެނެސްދިން ބައި

"ސިހުރުގެ ބާރު ކެނޑުނީ ދޯ؟" އިލްހާމް ދިރިއުޅުމުގެ ކަންކަން ހިއްސާކުރުމުން އިބްރާހީމްބެ ބުންޏެވެ. އިލްހާމް މަޑުމަޑުން ބޯ ޖަހައިލިއެވެ. އެމީހުން ތިބީ ރެސްޓޯރެންޓެއްގައި ސައި ބޯށެވެ. ކޮންމެ މީހެއްގެ ކުރިމަތީގައި އާވި އަރައަރާހުރި ކަޅުސައި ތައްޓެއް ހުއްޓެވެ. މެދުގައި ހުރީ އެކި ވައްތަރުގެ ހެދިކާ އަޅާފައިވާ ތަބަކެވެ.

"އިސްތިރި ސިހުރަކީ ދުވަސް ދުވަހުން އާ ކުރަންޖެހޭނެ އެއްޗެއް." ތަބަކުން ހެދިކާއެއް ނަގަމުން އިބްރާހީމްބެ ބުންޏެވެ. "ކަލޭ ކައިރީ މަ ކުރިން ވެސް އެހެން ބުނިން ކަންނޭނގެ. މިއަދު ޞަފިއްޔާއަށް ކަލޭ ދޫކޮށްފައި ދާން އެ ކެރުނީ މަ ބުނި ގޮތަށް ކަންތައް ނުކުރެވުނީމަ."

އިލްހާމް ވިސްނާކަމަށް ހެދިގެން އިނދެ ސައިތަށީގައި ތުން ޖަހައިލިއެވެ. ހަޤީޤަތުގައި އިބްރާހީމްބެ ނުބުނި ނަމަވެސް ޞަފިއްޔާއަށް އައި ބަދަލަކީ އެއީކަން އޭނާއަށް މާ ކުރިން ވެސް އެނގެއެވެ. ނަމަވެސް އިލްހާމް އަމިއްލަ އެދުމުން ފޯވެފައި ހުރިވަރުން އެކަން ހަދާނުން ކައްސާލީކަމަށް ހެދިގަތީއެވެ.

"އިލްހާމް އިސްތިރި އާކުރަން ހަމަ އެއްވެސް ކަމެއް ނުކުރަންތަ؟" އިބްރާހީމްބެ އެހިއެވެ.

"ނުކުރަން. އަނބުޅޭ ޖަލަށްލީމަ މަށަށް އެހެން މީހެއް ކައިރިއަށް ދާން ނުކެރުނީ." އިލްހާމް ދޮގެއް ހަދައިލިއެވެ.

އިލްހާމް ހުށަހެޅި ލޯބީގައި ކޮޅުފައިން ޖަހާފައި ސަފީނާ ރަށުން ފުރައިގެން ދިޔުމުން އޭނާގެ ހިތުގައި ބަދަލުހިފުމުގެ ރޫހު އާލާވެގެން ދިޔައެވެ. އެގޮތުން ސަފީނާއާ ހަމައަށް ވާސިލުވުމަށް އެންމެ ފަސޭހަ ކުރުމަގަކަށް ފެނުނީ ޞަފިއްޔާ އޭނާގެ ދަލުގައި ޖެއްސުމެވެ. އެކަމަށް އޭނާ ބޭނުންކުރީ "އިސްތިރި" އެކެވެ. އެހީތެރިވީ އިބްރާހީމްބެއެވެ. ޑޮކްޓަރީ ބޭހުގައި މުއްދަތު ހަމަވާ ތާރީޚު ހުންނަ ފަދައިން ސިހުރުގެ ވެސް ވަކި މުއްދަތެއް އޮވެއެވެ. ދުވަސްދުވަސް ކޮޅުން އާ ނުކޮށްފިނަމަ ސިހުރުގެ ބާރު ދަށްވެ ކެނޑެން ފަށައެވެ. އިބްރާހިމްބެ ޖަލަށް ލުމާ ހަމައަށް އެކަން ބަރާބަރަށް ބަލަހައްޓައި، ކޮއްދެމުން އައީ އިބްރާހީމްބެއެވެ. އޭގެފަހުން އެކަމުގައި އޭނާއަށް އެހީތެރިވެދިނީ އެރަށު ކަޅު ތައްޚާނެވެ. އެއީ ނިހާގެ ބައްޕަ ވަސީމް މި ދުނިޔެއިން ނެތިކޮށްލުމަށް މަދަދުވެރިވި މީހާއެވެ. ތައްޚާނުގެ މަރަށްފަހު އެފަދަ ކަމަކަށް އެދޭވަރުގެ ގާތް މީހަކު ނެތުމުން އޭނާ "އިސްތިރި" އާ ކޮށްފައެއް ނުވެއެވެ.

"ދެން ކިހިނެއް ހަދާނީ؟" އިލްހާމަށް ހަދަންޖެހޭ ގޮތް އެނގި ހުރެ އެހިއެވެ.

"މާ ގިނަ ގޮތްތަކެއް ތީގަ އޮންނާނެތަ؟ ޖެހޭނީ ސިހުރު އާކޮށްލަން." އިބްރާހީމްބެ ދިނީ އިލްހާމް ހިތުގައި އޮތް ޖަވާބެވެ. "މަ ހުއްޓާ ތިކަމާ ހާސްވާނެ ކަމެއްނެތް."

ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދެމީހުންގެ ދުވަސްވީ އެކުވެރިކަން ވަނީ ވަރަށް ވަރުގަދަވެފައެވެ. މިއަދު ކޮންމެކަމަކު ބުނި ނަމަވެސް އިބްރާހީމްބެ އެކަމެއް ކޮށްދޭނެކަމުގެ ޔަޤީންކަން އިލްހާމަށް ލިބިއްޖެއެވެ. އެއީ އޭނާ ބޭނުންވި ގޮތް ވެސް މެއެވެ.

"އަނބުޅޭ އެކަންތަކާ އުޅެލަދީބަ." އިލްހާމް އެންމެފަހުން އޭނާ ބޭނުންވާ ކަންތައް ކޮށްދިނުމަށް އެދުނެވެ. "ޞަފިއްޔާއާ ވަކިން އުޅޭކަށް މިހާރު ބޭނުމެއްނުވޭ. މިހާ ދުވަހު އެކީގައި އުޅެވުނީމަ ކަންނޭނގެ. ފާޑަކަށް ހިތްޖެހިފައި މިހިރީ. މީ ހާދަހާ ނުތަނަވަސް ދިރިއުޅުމެކޭ. އަދި އިތުރުކަމަކު ވެސް ކިޔަން ޖެހިފައި އެބައޮތް. އެކަމަކު ފުރަތަމަ ޞަފިއްޔާ ކަންތައް ހަމައަކަށް އަޅުވާލައިފައި އެކަމާ އުޅޭނީ."

ޞަފިއްޔާ ރުހިގެން އެނބުރި ގެއަށް އަތުވެއްޖެނަމަ އިލްހާމާއި ނިކާލާ ދެމެދުގައި އޮތް ދުރުކަން ވެސް ނެތިކޮށްލެވިދާނެއެވެ. މާގިނަ ދުވަހު ޞަފިއްޔާއާ ވަކިން އުޅެން ވެއްޖެނަމަ ނިކާލް ގެއިން ނުކުމެގެން ހިނގައިދާނެ ކަމުގެ ބިރުވެސް އޭނާގެ ހިތުގައި އޮވެއެވެ. އެހެންވެއްޖެނަމަ އޭނާ މުޅިން އެކަނިވެރި ވެދާނެއެވެ.

"ތިކަން ކޮށްދީފާނަން. އާން ދެން މީހަކު ހިތް ޖެހޭނީ ތި ވަރަކަށް. ޞަފިއްޔާ އަތުގައި ރުލެއް ޖެހިދާނެތީނު ކަލޭ ގެޔަށް ބޮޑު މުސީބާތެއް ގެނެސް ވެއްދީ." އިބްރާހިމްބެ ހިނިގަނޑެއް ޖަހާލަމުން އިޝާރާތް ކުރީ ދީޕިކާއަށެވެ. "އެ ކަލޭ ކޮން މޮޔައެއް ވެގެން ކުރި ކަމެއް؟"

"ފަހުން ފަހުން އައިސް ޞަފިއްޔާ ވެސް ބަލިކޮށްނޭ އުޅުނީ. އެހާ ބޮޑު ގެޔެއް އެކަނި ނުބެލެހެއްޓޭނެ ދޯ؟ މާ ކުރިން ވެސް މަ ހިޔާލުކޮށްގެން ހުރީ ގެންގުޅެން މީހަކު ގެންނަން. އެހެން ހުއްޓާ މާލެގައި ހުންނަ މަގޭ ފިހާރައަށް ގެނައި މުދާތަކެއް ކަސްޓަމުގައި ތާށިވެގެން މާލެ ދިޔަ ބުރެއްގަ ހިތަށް އެރީ ގެންގުޅޭ މީހަކު ގެންނަން އިމިގުރޭޝަނުން ކޯޓާ އެއް ނާގާނީ އޭ."

"ދެން ކަލެޔަށް ގެންގުޅެން ގެންނަން ވެސް ލިބުނީ އޭނަ ތަ؟" އިލްހާމްގެ ވާހަކަ މެދުކަނޑާލަމުން އިބްރާހީމްބެ އެހިއެވެ.

"އަޖައިބެއް ނުވާނެ. މަ ވެސް އެނގި ހުރެ އެކަހަލަ ޅަ އެއްޗެއް ނާޅާނެދޯ؟ ކަލެއަށް ވެސް އެނގޭނެ މާލެގަ މަސައްކަތް ކުރާ މީހުންނަކީ ވިހި ތިރީސް ގެޔަށް ގޮސްގެން ލާރި އެއްކުރާ މީހުންކަން. މިކަހަލަ ރަށަކަށް އައިސް އެންމެ ގެޔެއްގަ މަސައްކަތް ކުރާކަށް އެކަކު ވެސް ނާންނާނެ ދޯ؟ އެދަތުރުގަ މީހަކު ނުލިބިގެން އަހަރުމެން ފިހާރައިގައި މަ ޖެހީ އިޝްތިހާރެއް. ހަމަ އެ ދުވަހު އޭނަ މަށަށް ގުޅާފި. ރަށެއް ވިޔަސް މައްސަލައެއް ނެތޭ އެކަމު 01 އަހަރުގެ ލާރި ދޭންވާނެޔޭ ތިމަންނައަކީ 05 އަހަރު މާލޭގައި އުޅެފަ ހުރި ތަޖުރިބާ ހުރި މީހެކޭ ކިޔާފަ. ދެން އޭނަ ފިހާރައަށް އައިސް މަށާ ބައްދަލުކޮށްފަ ދިޔަ ފަހުން އެތާ ފިހާރައިގަ އިންނަ ފަތުހީ ވެސް ބުންޏޭ އޭނައަކީ ފިހާރައިން ޤަވާޢިދުން އެއްޗެހި ގަނެ ހަދާ މީހެކޭ. މިތާ އުޅޭ ބިދޭސީ މީހުންނާ ވެސް ވަރަށް ގުޅާލައިގެންނޭ އުޅޭނީ." ދީޕިކާ އާ ދިމާވި ގޮތް އިލްހާމް ކިޔާދިނެވެ.

"އެހެންވީމަ ތީ އޭނަ ވަރަށް ކުރިން ރާވައިގެން ކުރި ކަމެއް ތާ. ކަލެއަށް ވަރަށް ދުވަހު އޭނަ ފާރަލީތާ ދޯ؟ ކޮންމެޔަކަސް ތިއޮތީ ތި ބޮނޑި ވެސް ލިބިފަ. ތިޔެއް ނޫނޭ. ނިކާލް. އެސޮރު ރަނގަޅުތަ؟" އިބްރާހީމްބެ އެހިއެވެ.

މިހާރު ނިކާލް ގޭގައި އުޅުނަސް އުޅޭ މީހެއްކަމެއް ވެސް އިލްހާމްއަކަށް ނޭނގެއެވެ. އިލްހާމް ގޭގައި އުޅޭނަމަ އޭނާ ބަލަނީ ކޮޓަރިން ވެސް ނުނުކުމެ އޮވެވޭތޯއެވެ. ބައްޕަގެ މޫނު ފެންނަ ހިސާބަށް އަންނަން ވެސް އޭނާ ބޭނުމެއް ނުވެއެވެ. ހިތްހަނުޖެހި ބައްޕައާ ޒުވާބު ކުރަން އޭނާގެ ހިތެއް ނޭދެއެވެ. ކޮންމެ ގޮތެއް ވިޔަސް ބައްޕަ ވާނީ ބައްޕައަށެވެ. ނިކާލަށް ހިތްހަމަނުޖެހިގެން އެއްޗެއް ބުނެވިދާނެތީ ބައްޕަގެ ކުރި މައްޗަށް ނުދިޔުމަށް އޭނާ ވަނީ އަޒުމެއް ކަނޑައަޅާފައެވެ.

ބާބު 17 - އަނދަވަޅު

އިންޝާއަށް ސިހިފައި ދެލޯ ހުޅުވައިލެވުނެވެ. އޭނާއަށް މިރޭ ވެސް ފެނުނީ ކުރީ ރޭތަކުގައި ފެނުނު ހުވަފެނެވެ. ހޮސްޕިޓަލެވެ. އޭނާގެ ބަނޑު ފުފިފައި ހިނދެމުން ދާ މަންޒަރެވެ. ހޭލެވެނީ ކުޑަ ކުއްޖަކު މަންމައޭ ކިޔާފަ ގޮވާލާ އަޑު އިވިގެންނެވެ. އޭނާގެ މޫނު މަތީގައިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން އެނދުގައި އިށީނދެލިއެވެ. ގާތުގައި އަރާމު ނިންޖަކުން ނިދާލައިފައި ނިހާ އޮތެވެ. އިންޝާ އެކަނި ނިދަން ބިރުގަންނާތީ ނިހާ ޑިއުޓީ ނޯންނަ ރެޔެއްވިއްޔާ ނިދަނީ އިންޝާ ކައިރީގައެވެ. ނަޒީލް ނިޔާވުމާ ގުޅިގެން ރަށަށް އެނބުރި އައުމަށް މަންމަމެން އެދުމުން ދިޔަ ނަމަވެސް އިންޝާ އެ ގެއިން ނުކުމެގެން ދާން ބޭނުން ނުވީ އެންމެ ސަބަބަކާއި ހުރެއެވެ. ނިހާގެ ދިރިއުޅުމަށް ހަމަޖެހުމެއް ލިބުމުން މެނުވީ އޭނާ ރަށަށް ނުދިޔުމަށް ވަނީ ނިންމާފައެވެ.

އިންޝާގެ ލޮލަށް ނިންޖެއް ނައެވެ. ނަޒީލްގެ ހަނދާންތަކުން އޭނާގެ ސިކުނޑި ހިޞާރުކޮށްލިއެވެ. ނަޒީލް ދެކިލާ ހިތްވުމުން ފޯނުން ފޮޓޯގަނޑެއް ބަލަން އިންދައި އޭނާއަށް ރޮވިއްޖެއެވެ. ނަޒީލް ނެތްކަން އިހުސާސްވާ ކޮންމެ ފަހަރަކު އޭނާ ހިތްދަތިވެ ހިތް ފަޅައިގެން ދާވަރުވެއެވެ.

"މަންމާ. ނުރޮއެ." އިންޝާއަށް އިވުނުހެން ހީވިއެވެ. ހިތްތެޅިލިއެވެ. އޭނާ ކޮޓަރީގެ ހަތަރު ފަރާތަށް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފޯނުގެ ސުކުރީން "އޮފް"ކޮށްލައިފައި އެނދުގައި ޖައްސާލި ވަގުތު ސުކުރީނުން އެއްޗެއް ފެނުނު ހެން އިންޝާއަށް ހީވިއެވެ. އޭނާއަށް ހީވިހީވުން ޔަޤީންކުރުމުގެ ގޮތުން ކޮޓަރީގެ ކަނާ ދިމާލުގެ ފަންގިފިލާ ފެންނާނެ ގޮތަށް ފޯނު އަރިކޮށްލިއެވެ. އޭނާގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސައިލި ހެންނެވެ. ފަންގިފިލާގައި ބޯ ކޮޅު ވަތަށް އެއޮތީ ކޯއްޗެއް ހެއްޔެވެ؟ އިންޝާއަށް އޭތި ވައްތަރުވީ ވާލަކާއެވެ. ނަމަވެސް އޭތި ވާލަކަށް ވުރެން ބޮޑެވެ. އިންޝާ ބިރުން އޮވެ އެ ދިމާއަށް ވައްކަޅިން ބަލާލިއެވެ. މިހާރު އެތަނުގައި އެއްވެސް އެއްޗެއް ނެތެވެ. އޭނާ އެނބުރި ފޯނު އަރިކޮށްގެން ވެސް ބެލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. އިންޝާ ބިރުގަތްވަރުން އެރޭގެ ބާކީބައި ހޭދަކުރަންޖެހުނީ އެއް ގޮތަކަށް ވެސް ލޮލުފިޔައެއް ނުޖަހައެވެ.

އިންޝާއަށް ފެންނަ ހުވަފެންތަކާއި ކޮޓަރި ތެރެއިން އިވޭ ކުޑަކުއްޖާގެ އަޑާއި ދެމެދު ގުޅުމެއްވާކަމަށް އޭނާގެ ހިތްބުނެއެވެ. އިބްރީސްގެ ފަރާތުން އޭނާއަށް ލިބުނު ދަރިއެކޭ ވެސް ބައެއްފަހަރު އޭނާގެ ހިތަށް އަރައެވެ. ނަމަވެސް އެހާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދަރިއަކަށް ބަލިވެ އިނދެ ވިހާފާނެކަމަކަށް ސިކުނޑި ޤަބޫލެއް ނުކުރެއެވެ. އެއީ އިންޝާގެ ނަޒަރުގައި ބުއްދިހަމަޖެހޭ ވެސް ވާހަކައެއް ނޫނެވެ. އެހެންމީހުންނަށް އެކަން އެނގިއްޖެނަމަ އޭނާއަށް މޮޔައެއްގެ ލަޤަބުދީފާނެއެވެ. އެ ކުއްޖާގެ ފަރާތުން ގޯނާއެއް ނުލިބޭތީއާ ވެސް އެކު އޭނާ އެ ވާހަކަ ސިއްރުކުރިއެވެ. ނަމަވެސް އަބަދު އެ ފެންނަ ހުވަފެނުގެ ހަޤީޤަތާ އެ ކުޑަ ކުއްޖާގެ އަޑު އެގޮތަށް އިވެމުންދާތީ، އެކަމުގައި އިބްރާހީމްބެގެ މަޝްވަރާ ހޯދައިލުމަށް އޭނާ ނިންމިއެވެ.

އިރު އޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ފެތުރުނު ވަގުތެވެ. އިންޝާ ނުކުތީ އިބްރާހީމްބެއާ ބައްދަލުކުރަން ދިޔުމުގެ ނިޔަތުގައެވެ. ގެއިން ނުކުމެގެން މަގުމައްޗާ ދިމާއަށް ދިޔައިރު ވެސް އޭނާ ހުރީ ކުޑަކޮށް ބިރުގަނެފައެވެ. ގޯތިތެރެ ފުދޭ ވަރަކަށް އަނދިރިއެވެ. އޭނާ މަގުމައްޗަށް ނުކުމެ މަގުގެ ދެކޮޅު ބަލާލިއެވެ. ވަރަށް ދުރުން ނިހާ ހިނގާފައި އަންނަތަން ފެނުނެވެ. ކުއްލިއަކަށް ބޯގަންވިލާ ގަސް ނިކަން ބާރަށް ތެޅެން ފެށިއެވެ. އޭނާ ސިހުނެވެ. ގަސްތެޅެމުން ދިޔަ ގޮތުން ހީވީ މީހަކު ގަހުގެ ބުޑުގައި ހިފައި ތަޅުވަނީ ހެންނެވެ. އޭނާ އެތެރެއަށް ވަދެ ބަލައިލިއެވެ. އެވަގުތު އެ ތެޅުން ހުއްޓުނެވެ. މީހަކު ފެންނާކަށް ނެތެވެ. އެނބުރި މަގުމައްޗަށް ބަލާލި ވަގުތު ކުޑަކުއްޖަކު ގޭޓު ހުރަސްކުރިތަން އިންޝާއަށް ފެނުނެވެ. އިންޝާ ބާރަށް ހިނގާލައިފައި ނުކުތެވެ. ކުދި ފިޔަވަޅުތަކެއް އަޅަމުން ދިޔަ އެ ކުއްޖާއަށް ބަލާލިއެވެ. އިރުއޮއްސުނު ވަގުތު އެކަނިމާއެކަނި ކުޑަކުއްޖަކު މަގުމަތީގައި އުޅޭތީ އިންޝާ ގޮވައިލިއެވެ. އެ ކުއްޖާ ހުއްޓުނެވެ.

"ކޮއްކޯ ކޮންތާކަށް ތި ދަނީ؟" އިންޝާ ގޮސް އެކުއްޖާގެ ފުރަގަހުގައި ހުއްޓުނެވެ.

"މަންމަ ހޯދަން." އެކުއްޖާ ޖަވާބު ދެމުން އެނބުރިލިއެވެ. އިންޝާ ދެފައި މައްޗަށް ތިރިވަމުން ހިނިތުންވެލިއެވެ. އަދި ނިކަން ލޯތްބާއެކު އެކުއްޖާގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. އޭނާގެ ހިތަށް ފިނިކަން ލިބިގެން ދިޔައީ އެކުއްޖާގެ ލޮބުވެތި ސިފަތައް ފެނިފައެވެ. ދޮން ވައް މޫނެކެވެ. ކުޑަކުޑަ ނޭފަތެވެ. ރަތް ލޭ ކޮޅެއްފަދަ ތުންފަތެވެ. އިންޝާއަށް އެންމެ ކަމުދިޔައީ އެ ފަން ދިގު އިސްތަށިގަނޑެވެ. ހިތާހިތުން މާޝާﷲ އޭ ބުނެލެވުނެވެ. ބަލާބެލުމަށް އެކުއްޖާގެ އުމުރުން 04 ވަރަކަށް އަހަރު ވެދާނެހެން ހީވެއެވެ.

"ކޮންނަމެއްތަ ކިޔަނީ؟" އެކުއްޖާގެ ކޮލުގައި ހިފައިލަމުން އިންޝާ އެހިއެވެ.

"ޝަބާރާ." އެކުއްޖާ ހިނިތުންވެލީ މައުސޫމް ގޮތަކަށެވެ.

"ހިނގާ ގެޔަށް ދާން." އިންޝާ ތެދުވެލަމުން ޝަބާރާގެ ކުޑަކުޑަ އަތުގައި ހިފައިލިއެވެ. "ދައްތަ ގެންގޮސްދޭނަން. މިގަޑީގައި އެކަނި ތިހެން ބޭރަށް ނުކުންނާކަށް ނުވާނެ. ކޮންތާކުތަ ކޮއްކޮގެ ގެ ހުންނަނީ."

އިންޝާ އެހެން ބުނެފައި ޝަބާރާގެ އަތުގައި ހިފައިގެން ހިނގައިގަތީ ޝަބާރާ ކުރިން ވެސް ހިނގައިފައި ދިޔަ ދިމާއަށެވެ. އޭރު ނިހާ އިންޝާއާ އަރާ ހަމަވެއްޖެއެވެ.

"އެކަނިމާއެކަނި ކޮންތާކަށް ތި ނައްޓާލަނީ." ނިހާ އެހިއެވެ.

"އެކަންޏޭ؟" އިންޝާ ހީގެންފައި ޝަބާރާއަށް ބަލާލުމާއެކު ހުނުން މެދުކެނޑުނެވެ. މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައެވެ. އޭނާގެ އަތުގައި އޮތް ގޮފިކޮޅު ފެނިފައި ހިތް ބާރުބާރަށް ތެޅިގަތެވެ. އޭނާ ހުރި ތަނަށް ގަނޑުވެފައި ހުއްޓައި ނިހާ އައިސް އަތް ޖައްސާލުމުން ސިއްސައިގެން ގޮސް އަތުގައި އޮތް ގޮފިކޮޅު އެއްލާލެވުނެވެ.

"ކިހިނެއްވީ؟" ނިހާ ކަންބޮޑުވިއެވެ.

ޝަބާރާގެ އަޑާ ކޮޓަރި ތެރެއިން އޭނާއަށް އިވޭ ކުޑަ ކުއްޖާގެ އަޑާ ހުރި އެއްގޮތްކަން އިންޝާއަށް ވިސްނުނީ ދެނެވެ. ކުރިން އިވުނީ ހަމައެކަނި އަޑެވެ. މިހާރު ފެންނަން ވެސް ފެށީއެވެ. ނިހާއަށް ޝަބާރާ ނުފެނި، ހަމައެކަނި އޭނާގެ ލޯމައްޗަށް ފާޅުވެގެން ދިޔުމުގެ ފަހަތުގައި ވެސް ކޮންމެވެސް ހިކުމަތެއް އޮންނާނެކަން ކަށަވަރެވެ. އިންޝާ ވަރަށް ބިރުގަތެވެ. އެވަރުން ވެސް ނިހާ ގާތުގައި ތެދު ބުނާ ހިތެއް ނުވިއެވެ.

"މިދަނީ މަންމަ ކައިރިއަށް ގޮސްލަން." އިންޝާ ވާހަކަ އޮޅުވައިލިއެވެ. "މަންމަގެ ހާލު ރަނގަޅުތަ؟ މިހާރު ނިހާއާ ވާހަކަ ދައްކާ ހަދާތަ؟"

"ނޫން. އަނގަޔަކުން ނުބުނޭ." ނިހާ ދެރަވެފައި ބުންޏެވެ. "ކާ އެއްޗެހި ގެންދިޔައީމަ ކައި ހަދާ. އަދިވެސް އެހެރީ މަގޭ ދެކެ ހިތްހަމަ ނުޖެހިފަ ކަންނޭނގެ."

ޞަފިއްޔާ ގެއިން ނުކުމެގެން ދިޔަފަހުން ކޮންމެ ދުވަހަކު ވެސް ކާ އެއްޗެހި ތައްޔާރުކޮށްގެން ނިހާ އެގެއަށް ދެއެވެ. ސުނޯހައުސް އިން އެގެޔަށް ތަށިބަރި އުފުލުމަކީ ނިހާގެ މިހާރުގެ ދުވަހީ ވާޖިބެއް ކަހަލައެވެ. ނިކާލްގެ އެދުމުގެ މަތިން ޞަފިއްޔާއަށް މީރުހާ އެއްޗެއް ތައްޔާރުކޮށްގެން އޭނާ އެގެޔަށް ދަނީ ވަކި ބޭނުމެއް ވެސް އޮވެގެންނެވެ. ނިހާގެ ބޭނުމަކަށް ވީ ނިކާލާއި އިނުމުގެ ކުރިން ޞަފިއްޔާގެ ރުހުން ހޯދުމެވެ. އެ އަޅައިލުމައި ލޯތްބަށް އޭނާ ހުރީ ފެންބޮވައި ގަނެފައެވެ. ނަމަވެސް ޞަފިއްޔާ އޭނާއާ އަނގަޔަކުން ނުބުނެއެވެ. އިސްއުފުލާ ބަލައިވެސް ނުލައެވެ. ނިހާ އިސްވެ ވާހަކަ ދެއްކި ނަމަވެސް ޞަފިއްޔާ މާ ގިނަ ވާހަކަތަކެއް ނުދައްކައެވެ. ރުޅި އައިސް ހިތްހަމަނުޖެހިގެން އެއްޗެއް ނުބުނި ނަމަވެސް ޞަފިއްޔާ އިންނަނީ ރުހިފައި ނޫންކަން ނިހާއަށް އެނގެއެވެ.

"އަދި ހުރިހާކަމެއް ވެސް ރަނގަޅުވާނެ." އިންޝާ ބުންޏެވެ. "ނަޒީލަކީ އެ މަންމަ ބަނޑުއަޅާ ވިހޭ ދަރިއެއް ވިއްޔާ. މަށަށް މިވަރުވާއިރު އަދި މަންމައަށް ކުރާ އަސަރު އެތައް ގުނައެއް އިތުރު ވާނެ. ދެން ޖެހޭނީ މަންމަ ހަމައަކަށް އެޅިލަން ދުވަސްކޮޅެއް ދޭން. މިވަރު ބޮޑު ވަޅުގަނޑަކުން އަރައިގަންނަން ވަގުތު ބޭނުންވާނެ."

ނިހާއަށް ވެސް ވިސްނިފައި އޮތީ ހަމަ އެހެނެވެ. ނަޒީލްގެ ކުއްލި މަރުން ޞަފިއްޔާއަށް ލިބުނު ޝޮކުން އަދިވެސް އަރައި ނުގަނެވެނީއެވެ. އެކަމަކު އެއީކީ މުޅިއަކުން ހަޤީޤަތެއް ނޫނެވެ. ނަޒީލްގެ މަރަކީ ޞަފިއްޔާއަށް ލިބުނު ފުރަތަމަ ޝޮކެވެ. އޭގެފަހުން ފުލުފުލުގައި އެތައް ޝޮކެއް އޭނާއަށް ލިބުނެވެ. ނަޒީލްގެ މަރު ވެގެން ދިޔައީ އޭނާގެ ހަޔާތުގައި ހުޅުރޯކޮށްލި ހާދިޘާ އަކަށެވެ. އުމުރުގެ ދެބައިކުޅަ އެއްބައި އެމީހަކާއެކު ވޭތުކުރެވުނު ފިރިމީހާގެ ހަޤީޤަތާ ކުރިމަތިލާން ޖެހުނު ހާދިޘާ އަށެވެ. ނަޒީލްގެ މަރާއެކު އިލްހާމްގެ މައްޗަށް އޭނާގެ ހިތުގައި އޮތް ކުޑަކުޑަ ގަދަރު ވެސް ކަފުންވެ ވަޅުލެވިގެން ދިޔައީއެވެ. އިލްހާމްގެ އަވައިގައި އޭނާ ޖައްސައިގެން ކާވެންޏާ ހަމައަށް ދިޔައީ ވެސް ސިހުރުގެ ބާރުންކަން އޭނާއަށް މިއަދު ވަނީ ޔަޤީން ކުރެވިފައެވެ. ޞަފިއްޔާއަށް ރުޤްޔާކޮށް އެ ޖެހުނު ސިހުރަކީ "އިސްތިރި"އެއްކަން ރޫނާ ވަނީ ކަށަވަރުކޮށްދީފައެވެ. ރޫނާގެ އެހީތެރިކަމާއެކު އެ ސިހުރު ބާތިލުކުރުމަށް ޞަފިއްޔާ މިހާރު ދަނީ ޝަރުޢީ ރުޤްޔާ ކުރަމުންނެވެ. މާތްﷲގެ އިރާދަފުޅާއެކު އޭނާއަށް ޖެހިފައިވާ ސިހުރުން މިންޖުކޮށް ދޭނެކަމުގެ ޔަޤީންކަން ރޫނާ ވަނީ ދީފައެވެ. ނިކާލްގެ ހިތުގައި އިލްހާމްގެ މައްޗަށް އުފެދިފައިވާ ރުޅިއާއި ނަފުރަތުގެ ހުޅުގަނޑު އިތުރަށް ފެތުރިގެން ދާން ޞަފިއްޔާގެ ހިތް ނޭދޭތީ އޭނާ އެ ހުންނަނީ އެކަން ސިއްރުކޮށްގެންނެވެ. ކޮންމެދުވަހަކު ހެން ނިކާލް ވެސް މަންމަ ގާތަށް އައިސް އެ އުނގުގައި ބޯ އަޅައިލައިގެން އޮވެ ދައްކަނީ ބައްޕަގެ ވިޔާނުދާ ވާހަކައެވެ. ރުޅި އަންނަ ވާހަކައެވެ. ބައްޕައަކަށް ވީތީ ހިތް ގޯސް ނުކުރުމަށް ޞަފިއްޔާ ކޮންމެ ފަހަރަކު ވެސް ނަޞޭޙަތްތެރިވެއެވެ.

ޞަފިއްޔާއަށް ޖެހިފައިވާ މުސީބާތުން ސަލާމަތްވުމަށް އޭނާ ރެޔާއި ދުވާލު މަސައްކަތްކުރަމުން އަންނައިރު އިލްހާމް ވެސް ދިޔައީ އޭނާގެ ރޭވުންތަކުގައި އަމަލީ ސިފަ ޖައްސަމުންނެވެ. ޞަފިއްޔާ އެނބުރި އޭނާގެ ދިރިއުޅުމަށް އަންނަ ހިސާބުން އޭނާގެ ލޯމަތިން އެހެން މީހަކު ގެއްލުވައިލަން އޭނާ ބޭނުންވެއެވެ. އެއީ ނިހާއެވެ. ނިހާ އެ އާއިލާ ތެރޭގައި ހުރިހާ ހިނދަކު އޭނާއަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ފައިރޫޒާއި ނިހާގެ ކާވެނި ހުއްޓުމަކަށް އައިސް، މިހާރު ޞައްތާރު ވެސް ހުރީ އިލްހާމްދެކެ ހިތްހަމަނުޖެހިފައެވެ. އިލްހާމަށް ހުރިހާ ހަޤީޤަތެއް އެނގިހުރެ ފައިރޫޒްގެ ހިތްހަލާކުކޮށްލީ ކަމުގައި ޞައްތާރު ފާޅުގައި ބުންޏެވެ. އެ ރުޅިވެސް އިލްހާމް އައީ ނިހާދެކެއެވެ.

ނިކާލްއާ ނިހާ ދުރުކުރުމަކީ އޭނާގެ ދެވަނަ މަޤުޞަދެވެ. ސިހުރުގެ އެހީގައި އެ ހުރިހާ އެދުމެއް ހާސިލުވާނެކަމުގެ ފޮނި އުންމީދު އިބްރާހީމްބެ ވަނީ ދީފައެވެ. އިލްހާމްގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމަކީ އޭނާ އެ ގޮތަށް ކުރާ ފާފަތަކުގެ ނަތީޖާ ކަމެއް އޭނާ ނުދެނަހުއްޓެވެ. ނޫނީ ޖާހިލު ކަމުން އެކަން އެނގި ހުރެ ވެސް ކޮންމެ ކަމެއްގައި އެމަގު އިޚްތިޔާރު ކުރަނީއެވެ. ތަޢުބާވެ އިސްލާޙްވުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. މާތްﷲ ގެ ހަޟްރަތުން ވާތްގަށް އެދި ދެންނެވުމުގައި މޮޅުއިތުރުވާކަން އެނގި ހުރެ ޝައިތާނާގެ ވަސްވާހަށް ހެއްލިގެން ފާފައިގެ މަގު ހިޔާރުކުރެވެނީ އެހެންވެއެވެ.

ދުވަހެއްގެ މެންދުރުގެ ވަގުތެވެ. އިބްރާހިމްބެ ގޭ ގޯތިތެރޭގައި ހުރި ޖޯލީގައި އިށީނދެލައިގެން އިލްހާމް އިނީ އިންތިޒާރުގައެވެ. އިބްރާހީމްބެގެ ސިހުރު ކޮޓަރިކޮޅު އޭނާގެ ކުރިމަތިން ފެންނަން ހުއްޓެވެ. އެތައް އިރެއް ފަހުން އެ ކޮޓަރީގެ ޓިނު ދޮރުފަތްގަނޑު ހުޅުވާލި އަޑުއިވުނެވެ.

"މިކަހަލަ ކަންތައްތަކަކީ ޓަސްޓަސްލާފަ ވާނެ ކަންތައްތަކެއް ނޫން." އިބްރާހީމްބެ އައިސް ޖޯލީގައި އިށީނެވެ. "އެކަމަކު ކަލޭގެ އަގު ރަނގަޅުވީމަ މިފަހަރު މި އަވަސްކޮށްލަ ދިނީ."

އިބްރާހީމްބެގެ މުށުތެރޭގައި ރަބަރު ދެ ޕެކެޓު އޮތެވެ. އެ ޕެކެޓްތަކުގެ އެތެރޭގައި ހުދުކުލައިގެ ކުނޑިތަކެއް ހުއްޓެވެ. އެއް ޕެކެޓުގެ ބޭރުގައި ކަތިރަސްގެ އެއް ކުރަހައިފައި ހުއްޓެވެ.

"މީތި މީ ނިހާއާ ނިކާލް ދުރުކުރުމަށް." ކަތިރަސްގެ ކުރަހާފައި ހުރި ޕެކެޓު ދައްކައިލަމުން އިބްރާހިމްބެ ބުންޏެވެ. "ދެން މި އޮތީ ކަލޭގެ ވަތުކިބައަށް ހާއްސަ ޕެކެޓެއް. އެންމެ ރަނގަޅެއްނު. ކަލެޔަށް ފަސޭހަކޮށްލަން މިފަހަރު މި ތައްޔާރު ކުރީ ކާންދެވޭނެގޮތަށް. ޖެހިޖެހިގެން 03 ދުވަހު މެދުކަނޑާ ނުލާ ދެވޭތޯ ބަލާތި. ކަލޭ ބޭނުންވާ ގޮތަށް ކާމިޔާބު ވާނެކަން މުޖައްރިބު."

އިލްހާމް ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިކޮށްގެން އިނެވެ. އިބްރާހީމްބެ އަތުން ޕެކެޓްތައް ނަގައިގެން ޝުކުރުއަދާކުރުމަށްފަހު އޭނާ ނުކުންނަން ހިނގައިގަތެވެ. އެވަގުތު އިބްރާހީމްބެ ހަނދާނަށް އައީ އެ ތައްޔާރުކުރުމުގައި އޭނާއަށް އެއްކަމެއް ނުކުރެވިވާ ކަމެވެ.

"އޭ މަޑުކޮށްބަލަ." އިބްރާހީމްބެ ގޮވައިލިއެވެ. "އަދި ހަދާންނެތިގެން މައިތިރި ނުހަދާ އޭ މި ދެވުނީ. ނަސީބެއްނު މަ ހަނދާންވިކަން. އަވަސް ކުރަން ކިޔަންޏާ ވާނީ އެހެނޭ.".

"ވަގުތެއް ނެތޭ." އިލްހާމް ގަޑިއަށް ބަލާލަމުން ބުންޏެވެ. "އަދި އަސުރު ކުރިން މަ ފިހާރައަށް ވެސް ވަދެލަން ޖެހޭ."

"ކަލޭ ލަސްވަންޏާ ދޭބަލަ." އިބްރާހީމްބެ އެ ޕެކެޓުތައް އަތުލިއެވެ. "ޔަޒީދު އަތަށްދީފައި މި ނިމުނުހާ އަވަހަކަށް ފިހާރައަށް ފޮނުވާނަން."

މައިތިރި ނުހަދައި ހެދޭ ސިހުރަކީ ނުރައްކާ ބޮޑު ސިހުރެކެވެ. އެކަން ނުކޮށް ސިހުރު ހަދައިގެން ސިހުރު ހެދި މީހާއަށް ޖިންނީންގެ ދުއްތުރާ ޖެހުމަކީ މަދުންނަމަ ވެސް މެދުވެރިވާ ކަމެކެވެ. ބައެއް ފަހަރު ސިހުރު ރައްދުވާ ފަރާތުގެ ބަދަލުގައި ސިހުރު ހެދުވި މީހާއަށް ސިހުރު ޖޭހޭތަން ވެސް އާދެއެވެ. އިލްހާމް ނުކުމެގެން ދިޔައީ އިބްރާހިމްބެ ގޮސް އެ ކޮޓަރި ގަނޑަށް ވަން ފަހުންނެވެ.

ހަވީރު ފަހެއްޖަހަން ކައިރިވެފައި ހުއްޓާ ޔަޒީދު އައިސް އެ ޕެކެޓުތައް އިލްހާމަށް އަނބުރާ ރައްދުކޮށްދިނެވެ. އޭރު ވެސް އިލްހާމް އިނީ ފިހާރާގައެވެ. އޭނާ ނިކަން ހެވިފައިހުރެ ގެޔަށް ދިޔައީ ވަގުތުންވަގުތަށް އެކަން ފެށުމުގެ ނިޔަތުގައެވެ. ނިހާ އުޅުނީ ބަދިގެ ތެރޭގައެވެ. އުނދުން މަތީގައި ކެކި ހުރި ރިހަ ތެއްޔެއް ހުއްޓެވެ. އުދުޅިން ރިހަ ފޮދެއް ނަގައި އޭނާ ރަހަ ބަލާލިއެވެ. ފަހަތަށް އެނބުރުނުއިރު ދޮރުމަތީގައި އިލްހާމް ހުއްޓެވެ. ހިތްހަމަޖެހުމުގެ ކުލަވަރު އެ މޫނުން ފެނުނެވެ. އިލްހާމްގެ ނަޒަރު ހުރީ މޭޒުމަތީގައި ހުރި ތަށިބަރިއާ ދިމާއަށެވެ. އޭނާ އެތަނުގައި ހުއްޓައި ނިހާ ފަހަރަކު ތަށްޓަކަށް ކާތަކެތި އަޅައި ހަމަކޮށްފިއެވެ. އަދި ފޯނު ނަގާ ނިކާލަށް ގުޅައިލިއެވެ. ބަލާއައުމަށް އެދުމުން އިރުކޮޅަކުން ގެޔަށް އެބަ ދަމޭ ބުނެ ނިކާލް ފޯނު ކަނޑާލުމުން ނިހާ ނުކުތީ ފެންޑާއަށެވެ.

ފުރުޞަތަކަށް ބަލަބަލާހުރި އިލްހާމް ލަސްނުކޮށް ބަދިގެ ތެރެއަށް ދެމިގަތެވެ. ބަދިގޭ ދޮރާއި ދިމާއަށް ކަޅިއުކަމުން ރިހަ ތަށީގެ މަތިނަގައި މުށުތެރޭ އޮތް ޕެކެޓުން އެތިކޮޅެއް އެއަށް އަޅައިލިއެވެ. އަދި ސަމުސަލެއް ކޮއްޕާ ރިހަ ތަށި ތެރެއަށް އެ ކުނޑިތައް ގިރުވާލިއެވެ. ޝައްކު ނުވާނެހެން ކުރިން ވެސް ތަށިބަރި ހުރި ގޮތަށް އަތުރާ އެއްވަރު ކޮށްލިއެވެ. އޭނާ ވީ އުފަލެއްގެ ބޮޑުކަމުން ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލަމުން ބޭރަށް ނުކުތެވެ.

ނިހާއާއި ނިކާލް ގެއިން ނުކުމެގެން ދިޔުމާއެކު އިލްހާމް ގޮސް ވަނީ ނިހާގެ ކޮޓަރިއަށެވެ. އެނދު ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ފެން ޖަގެއް ހުއްޓެވެ. އެ ޖަގު ފުރާ ފެން ހުއްޓެވެ. އިލްހާމް ޖަގު ހިފައިގެން ފާހާނާއަށް ވަދެ އެއްބައި ފެން ވަރާލިއެވެ. ޖީބުން ޕެކެޓު ނަގާ ކަތިރަސްގެ ކުރަހާފައިވާ ޕެކެޓްތޯ ޔަޤީންކޮށްލަމުން އޭގެން އެތިކޮޅެއް ޖަގަށް އަޅާލުމަށްފަހު ކުޑަކޮށް ޖަގު ތަޅުވައިލިއެވެ.

"ނިކާލްއާ އިނދެވޭނީ ބުއްދި ސަލާމަތުން ހުރެގެންނު." ޖަގު ގެނެސް ކުރިން ހުރިތަނުގައި ބަހައްޓަމުން އިލްހާމް ހިނިގަނޑެއް ޖަހައިލިއެވެ.

އެރޭގެ ވަގުތެވެ. އިލްހާމް އަށެށްގެ ޚަބަރު ބަލަން އިންއިރު ވެސް މޫނުމަތީގައި އުޖާލާކަން ފެންނަން ހުއްޓެވެ. ފުރަތަމަ ދުވަހުގެ ސިހުރުގެ ކަންކަން ކާމިޔާބުކަމާއެކު ނިންމައިލެވުމުން އޭނާގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. ދެން ބާކީ އޮތީ ދެދުވަހެވެ. އެއަށްފަހު އޭނާގެ ދިރިއުޅުމުގެ ލަގަން އަނެއްކާ ވެސް އޭނާގެ ބާރުގެ ދަށަށް އަންނާނެއެވެ. ބައްޕައާ ވާހަކައެއް ދައްކާލުމަށް ތިރިއަށް އައި ނިކާލަށް ވެސް ބައްޕަ ހަމަޖެހިފައި އިންކަން ފާހަގަވިއެވެ. ދުވަސްގަނޑަކަށްފަހު ބައްޕަގެ ކުރިމައްޗަށް އޭނާ އެއައީ މުހިންމު ބޭނުމަކުއެވެ. ނިކާލް ސޯފާގެ އެއް ފަރާތުގައި އައިސް މަޑުކޮށްލުމާއެކު އިލްހާމް ބަލައިލިއެވެ.

"ވާހަކަ އެއް ބުނަންވެގެން." ނިކާލް ބުންޏެވެ.

"ކޮން ވާހަކައެއް؟" އިލްހާމް ޓީވީއަށް ނަޒަރު ސީދާކޮށްލަމުން އެހިއެވެ. "މިއަދު އަނެއްކާ މަގޭ މަތިން ހަނދާންވީ ކޮންކަމެއް ލައްވާލީބާ."

"ނިހާއާ ކައިވެނި ކުރަން މަ ނިންމާފިން." ނިކާލް ހާމަކުރިއެވެ. "ޤަބޫލުތޯ އަހައިލަންވެގެން؟"

އެވަގުތު ބަދިގެއިން ނުކުމެގެން އައި ނިހާއަށް ވެސް ނިކާލް ބުނި އެއްޗެއްގެ އަޑު އިވުނެވެ. އޭނާއަށް ނުވެސް އެނގި ކާވެނީގެ ކަންތައް ހަމަޖައްސަމުންދާކަން އެނގުމުން އުފާވިއެވެ. އެޔާއެކު އިލްހާމާއި ނިކާލާ ދެމެދު ދެބަސްވުން އުފެދި ޒުވާބަކަށް ހިނގައިދާނެތީ ނުތަނަވަސްކަން ވެރިވިއެވެ. ޔަޤީނުންވެސް އެމީހުންގެ ކާވެންޏަށް އިލްހާމް ދެކޮޅު ހަދާނެއެވެ. އިލްހާމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ހުއްޓައި އޭނާއަށް އިވުނީ ޤަބޫލުކުރަން ދަތި ވާހަކައެކެވެ. އިލްހާމްގެ ޖަވާބު ބަލައި ގަންނަން އުނދަގޫވީ ހަމައެކަނި ނިހާއަށް އެކަންޏެއް ނޫނެވެ. ނިކާލް ވެސް ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ.

"ކިހިނެއްވީ؟" އިލްހާމް ރިމޯޓު ނަގައި ޓީވީގެ އަޑު މަޑުކޮށްލިއެވެ. "ނިކާލް ހީކުރީ ބައްޕަ ތިކަމާ ދެކޮޅު ހަދާނެކަމަށްތަ؟ ނޫނީ ތީ ތިކަމާ މަ ދެކޮޅު ހެދީމަ މަށާ އަރާރުންވެފަ މި ގެއިން ނުކުމެގެންދާން ވެގެން ރޭވި ރޮކެޓެއްތަ؟ ނޫނީ ތި ސުވާލު ތި ކުރީ ކާވެނިކޮށްގެން މިގޭގަ ނޫޅެވޭނެޔޭ މަގޭ އަނގައިން ބުނާ އަޑުއަހަން ވެގެންތަ؟ އޭރުން ވެސް މަ ނުބައިމީސްކޮށްފަ މިގެއިން ނުކުމެގެން ދެވޭނު. ނިކާލް މިގޭގަ އުޅޭ ހިތް ނުވަންޏާ ދިޔަސް އެންމެ ރަނގަޅޭ. ގައިމުވެސް މަށެއް ނުހިފަހައްޓާނަން. އެކަމަކު މަ ނުބައިމީސްކޮށްފަ ދާން ހަދަން އުޅޭނެ ކަމެއް ނެތް. މަށަށް ވަރި ހަމަ މިރޭ އިނަސް. ތި ކާވެންޏާ ދެކޮޅަށް މަގޭ ދުލަކުން އެއްޗެއް ނުބުނާނަން. ދެން ރަނގަޅުވެސް ވާނީ ލަސްނުކޮށް ދަރިފުޅުމެން އިނިއްޔާ. ތީ ބައްޕަ ވެސް މިހާރު ބޭނުންވާ ގޮތް."

ނިކާލަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ރޭވުން ބައްޕައަށް އެނގުމުން ރަނގަޅަށް ވެސް ބަސްހުއްޓިއްޖެއެވެ. އޭނާ އަސްލު ހީކުރީ ނިހާއާ އިންނަން ފައިވިއްދާލާ ހިސާބުން ބައްޕަ އެކަމާ ނުރުހި އެމީހުން އެގެއިން ނުކުތުމުގެ އަމުރެއް ނެރޭނެކަމަށެވެ. މަންމަ ކައިރިއަށް ބަދަލުވާން ރޭވިރޭވުން ދިޔައީ ފަނުފުލުންނެވެ. އުންމީދުކުރި ގޮތަށް ކަންތައް ނުވުމުން އިތުރަށް އެއްޗެއް ނުބުނެ އޭނާ އެތަނުން ދިޔައީއެވެ.

ތިންދުވަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އިބްރާހީމްބެ ބުނި ގޮތަށް ޖެހިޖެހިގެން ތިން ދުވަހު ޞަފިއްޔާއަށާއި ނިހާއަށް ސިހުރު ކާން ދެވިއްޖެއެވެ. މިހާރު އޭނާ އިންތިޒާރުކުރަމުން އެ ދަނީ ނަތީޖާއަށެވެ. އިބްރާހީމްބެ ބުނެފައިވާ ގޮތުން ދެތިން ދުވަސް ތެރޭގައި ޞަފިއްޔާ ގެއަށް އެނބުރި އަންނާނެއެވެ. ހަމައައުމާއެކު އެ ދެމަފިރިން އަނބިފިރިކަމުގެ ގުޅުމުން އަރާމާއި ލައްޒަތު ލިބިގަންނަން ޖެހޭނެއެވެ. ޞަފިއްޔާ އެނބުރި އަންނާނީ އެކަމަށް ފެންބޮވައިގެންފައިވާ ހާލުގައިކަމަށް ބުނުމުން އިލްހާމް ހުންނަނީ ހިތްއަވަސްވެފައެވެ. ތިން ދުވަސް ފާއިތުވެގެން ދިޔަލެއް އަވަސްވި ނަމަވެސް ދެން ފާއިތުވަމުން ދިޔަ ކޮންމެ މިނެޓެއް ހީވީ ގަޑިއެއްހާ އިރު ހެންނެވެ.

"އަދި ކިހާ ދުވަހެއް ވާނެތަ؟" އިބްރާހީމްބެއަށް ގުޅާލައިފައި އިލްހާމް އެހިއެވެ. "ނިހާއަށް ވެސް އެއްވެސް ބަދަލެއްނާދޭ. ޞަފިއްޔާގެ އެއްވެސް ޚަބަރެއް ނެތް."

"ކެތްތެރިވެބަލަ." އިބްރާހީމްބެ މަޑުމަޑުން ހީލިއެވެ. "ކަލޭ ކޮންއިރަކު ތިހާ ކެތްތެރިކަން ކުޑަ މީހަކަށްވީ. ޞަފިއްޔާ ކަލޭ ކައިރިއަށް ވަރަށް އަވަހަށް އަންނާނެ. ދެން ހުރީ ނިހާ. އޭނައަށް މިހާރު ވެސް ކުދިކުދި އުނދަގޫތައް ވާނެ. މި ހުންނަނީ ބޮޑެތި ކަންތައްތައް ދޯ؟ ވަގުތު ނަގާނެ."

ކުއްލިއަކަށް ދޮރުގައި މީހަކު ވަރަށްބާރަށް ތަޅައިގަތް އަޑަށް އިލްހާމް ސިހުނެވެ. ފޯނު ކަނޑައިލަމުން އޭނާ ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ ނިހާއެވެ. ނިހާއަށް މާނޭވާ ލެވެމުން ދިޔައިރު މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އިސްތަށިގަނޑު ކިހުޅިވެ އެގޮތް މިގޮތަށް ހޭވިފައެވެ. ބުރަ މަސައްކަތެއްކޮށް އަވަދިވެފައި ހުރި ކަހަލައެވެ. ނިހާ ތުންފިއްތާލަމުން ބާރަށް ރޮއެގެންފިއެވެ. އިލްހާމްގެ ގައިގާ ބާރަށް ބައްދައިގަތެވެ. އިލްހާމް ވިހަ ގޮތަކަށް ހީލަމުން ނިހާގެ ބޮލުގައި ފިރުމާލިއެވެ.

"ކިހިނެއްވީ؟" އިލްހާމް ބޮޑާވެފައި އެހިއެވެ.

ނިހާ ޖަވާބެއް ނުދިނެވެ. އޭނާ ވަރަށް ބާރަށް ތެޅެން ފެށިއެވެ. ދޮރާއި ދިމާއަށް އިނގިލި ދިއްކުރަމުން އިލްހާމްގެ ފަހަތަށް ވަދެ ހުރެ ހަޅޭއްލެވިއެވެ. އިލްހާމްގެ އަތުގައި ހިފައި ދަމަމުން ދޮރު ކައިރީ ކަޅު މީހެއް ހުރި ވާހަކަ ގޮވިއެވެ. ކުއްލިއަކަށް އިލްހާމްގެ ކުރި މައްޗަށް ނިހާ އަޔެވެ. މިހާރު އެމީހަކު ހުރީ ފަހަތުގައި ކަމަށް ބުނަމުންނެވެ. އިލްހާމް ކުޑަކޮށް ބިރުގަނެ ޖެހިލުން ވެސް ވިއެވެ. ނަމަވެސް ނިހާ އުޅެން ފެށިގޮތަކުން ބިރުވެރިކަން ފިލައި ދިޔައެވެ. ބޮލަށް އުނދަގޫވިއެވެ. ނިހާއަށް އެމީހަކު ފެންނަނީ އެކި ފަހަރު އެކި ދިމަދިމާއިންނެވެ. އެމީހަކު ކިބައިން ސަލާމަތްވުމަށް އޭނާ ރޮމުން އެކި ފަރާތްފަރާތަށް ބަލަމުން އިލްހާމް ވަށައިގެން އެނބުރެމުން ދިޔައެވެ. ނިހާ ހަމަޔަކަށް އަޅުވަން އުޅެއުޅެ އިލްހާމް ވަރުބަލިވީ އިރުވެސް އޭނާ ހަމައަކަށް ނޭޅުނެވެ. މީހަކަށް ގުޅަން ފޯނުކޮށްލާނެ ފުރުސަތެއް ވެސް ނިހާ ނުދިނެވެ. ނިހާ ދިޔައީ ޠަވާފުކުރާ އުސޫލުން އިލްހާމް ވަށާ އެނބުރެމުންނެވެ. އިލްހާމް ބޮލަށް އެނބުރުން އަރައިގޮތްވުމުން އެނދުގައި އިށީނެވެ. ނިހާ ބޭރަށް ނުކުމެ ދުއްވައިގަތީ އިލްހާމްގެ ފަހަތުގައި އެމީހާ ހުރިކަމަށް ބުނެ ހަޅޭއްލަވަމުންނެވެ. އިލްހާމް ހަމަޖެހިލަން އިރުކޮޅަކު އިނުމަށްފަހު ނިހާ ހޯދަން ބޭރަށް ނުކުތެވެ.

ނިހާ އިނީ ބޮޑު ސޯފާގައި ޓީވީ ބަލާށެވެ. ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ނިހާ ހަމަޖެހިފައި އިންތަން ފެނުމުން އިލްހާމް ހައިރާންވިއެވެ. އޭނާ އައިސް ސޯފާގައި އިށީނެވެ. ނިހާ ހަމަ އިން ގޮތަށް އިނީއެވެ. ވަރުބަލިވެފައިވާ ކަމުގެ ނިޝާންތައް ނިހާގެ މޫނުން ފެނެއެވެ. ދެންމެ ހިނގައިދިޔަ ހާދިޘާގެ ވާހަކަ އަހައިލުމަށް އިލްހާމްގެ ހިތަށް އެރިއެވެ. ނިހާއަށް ފެނުނު މީހާ މިހާރު ނުފެންނަނީބާއޭ ވެސް އޭނާގެ ހިތަށް އެރިއެވެ. އެ ވާހަކަ އަހައިލުމުގެ ވިސްނުން އައި ނަމަވެސް އެ ހިޔާލު އޭނާ ދޫކޮށްލިއެވެ. ނިހާއަށް ޝައްކު ވެދާނެތީ އޭނާ އަޅައިނުލީއެވެ.

"ޖޫސްތަށްޓެއް ގެނެސްދީބަލަ." އިލްހާމް ކޮންމެވެސް ވާހަކައެއް ފެށުމުގެ ނިޔަތުގައި ބުނެލިއެވެ.

ނިހާ ކުއްލިއަކަށް ތެދުވިއެވެ. ބަދިގެއަށް ގޮސް އެ ދިޔަ ބާރު މިނުގައި ޖޫސްތަށްޓެއް ހިފައިގެން އައެވެ. އިލްހާމް އެއް ނޭވާއިން ޖޫސްތަށި ދަމާލިއެވެ. ތަށި ދިއްކޮލުމުން ނިހާ ތަށީގައި ހިފިއެވެ. އެކަމަކު ކުރިމަތިން ދުރަށް ދާކަށް ނޫޅުނެވެ. އިލްހާމަށް ބަލަހައްޓައިގެން ހުރީއެވެ.

"ދެން ދޭބަލަ ފެންތައްޓެއް ހިފައިން އަންނަން." ނިހާ ކަޅި ޖަހާ ނުލާ ބަލަހައްޓައިގެން ހުރުމުން އުނދަގޫވެގެން އިލްހާމް ބުންޏެވެ.

ބަސްބުނި ހިނދުން ފެންތަށްޓެއް ވެސް ގެނެސްދީފިއެވެ. އިލްހާމްގެ އިޝާރާތަށް ނިހާ "ނަށަމުން" ދިޔަތަން ފެނި އޭނާ ކައިރިއަށް ކުޑަކޮށް ހިނި އައެވެ. ނިހާގެ މައްޗައް އޭނާއަށް އޮތް ބާރު އިހްސާސް ކުރެވި ސިކުނޑިއަށް ބޮޑާކަން ވެރިވެގަތެވެ. ތަށި އަނބުރާ ދިނުމުން މިފަހަރު ވެސް ނިހާ ދާކަށް ނޫޅުނެވެ. ނިހާއަށް މިހުރީ ކިހިނެއްވެފައި ހެއްޔެވެ؟

"ކިހިނެއްވެގެން ތަ ތި އުޅެނީ؟" އިލްހާމް ހިތްހަމަނުޖެހިފައި ބުންޏެވެ. "ކުރިމަތިން ދުރަށް ދޭ."

"މިހިރީ ކަލެޔާ އަވަލާފަ." ނިހާ ބިރުވެރި އަޑަކުން ބުންޏެވެ. "ކަލޭ ޞަފިއްޔާއަށް ކާންދޭން ހެދި އެތިފަހަރު ތި ކާންދެވުނީ މަށަށް."

އިލްހާމްގެ ދެލޯ ބޮޑުވިއެވެ. ނިހާއަށް ބަލަމުން އޭނާ މަޑުމަޑުން ތެދުވިއިރު ހާސްވެއްޖެއެވެ.

"އޭނ. ތިބުނީ ކީކޭ؟" އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔަ ހިތް ހަމައަކަށް އަޅުވަމުން އިލްހާމް އެހިއެވެ.

"ތި އިވުނީ ހަމަ ރަނގަޅަށޭ." ކުރިންވެސް ބުނި ރާގުގައި ނިހާ ބުންޏެވެ. "ކަތިރަސްގެ ކުރަހާފައި ހުރި ޕެކެޓު ދޭން ބުނީ މަށަށް. އެކަމަކު ކަލޭ އޮޅުވައިލީ."

އިލްހާމަށް ބޮޑު ގޯހެއް ހެދުނީކަން އިޙްސާސްވުމާއެކު އޭނާގެ ހާސްކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. މުޅިގައިން ހޫނުއަރައި މޫނުމަތިން ދާތިކިތައް ފާޅުވާން ފެށިއެވެ. އޭނާއަށް ހަމަ އޮޅުނީ ހެއްޔެވެ؟ އެކަމަކު އޭނާ އެކަންކުރީ ވަރަށް ފަރުވާތެރިކަމާއެކުއެވެ. ދެ ޕެކެޓު އޮޅިދާނެތީ ވަރަށް ވިސްނައިގެންނެވެ. ބޮލުގައި އަތް ހިންގާލަމުން އިލްހާމް ދެކޮޅަށް ހިނގަން ފެށިއެވެ. ފޯނު ނަގައި އިބްރާހީމްބެއަށް ގުޅާލަން އުޅުނު ވަގުތު ނިހާ ވަރުގަދަ ހިނިގަނޑެއް ޖަހައިލިއެވެ.

"ހާދަހާ އަވަހަކަށޭ އެކަމު ތި ހާސްވަނީ." ނިހާ މިފަހަރު ވާހަކަދެއްކީ މަލާމާތުގެ ރާގަށެވެ. "މަށަށް ދެވުނީ ނުބައި ޕެކެޓެކޭ ބުނީމަ ވަރަށް ބިރު ގަނެއްޖެ ދޯ؟. އެއީ ދޮގެއްނޫނޭ. ކަލޭ އަސްލުވެސް އަޅާ ހުސްތިކުރީ ނުބައި ޕެކެޓުތަކެކޭ. އަސްލު ޕެކެޓުތައް މިއޮތީ."

ނިހާ ޖީބުން ދެ ޕެކެޓު ނެގިއެވެ. އެއީ ހަމަ އިބްރާހީމްބެ ދިން ކަހަލަ ދެ ޕެކެޓެވެ. އެކަތީގައި ކަތިރަސްގެ އެއް ކުރަހާފައި ހުއްޓެވެ. އިލްހާމްގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. ނިހާއަށް އޭނާގެ ރޭވުން އެނގުނީ ކިހިނެއް ހެއްޔެވެ؟ ނިހާގެ އަތަށް އެ ޕެކެޓުތައް ލިބުނީ ކޮންއިރަކު ކިހިނެއް ހެއްޔެވެ؟ އިބްރާހީމްބެ އޭނާއަށް ވަރުގަދަ ކެއްސެއް ދިނީކަމުގައި އޭނާއަށް ހީވިއެވެ.

"ކަލޭ ތިބުއި ޖޫހަށް މަ އެޅީ މީތި." އެއް ޕެކެޓު ދައްކައިލަމުން ނިހާ ބުންޏެވެ. "ދެން ފެންތަށްޓަށް އެޅީ މީތި. ދެން މަށަކަށް ނޭނގެ މި ދެ ސިހުރު އެއްވީމަ ކަލެޔަށް ވާނެ ގޮތެއް ވެސް."

ނިހާގެ ވާހަކަތައް އިވުމާއެކު އިލްހާމްގެ ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އަޔެވެ. (ނުނިމޭ)

ސަތާރަވަނަބައިގެ ތެރެއިން:- ނިހާއަށް އިބްރާހީމްބެ ފެނުމާއެކު ފިޔަވަޅުތައް ހުއްޓުމަކަށް އަޔެވެ. އޭނާގެ މަންމަގެ ދެވަނަ ގާޠިލު އެ ފެނުނީ ދުވަސްގަނޑަކަށް ފަހުގައެވެ. އެންމެފަހުން ފެނުނީ އިބްރީސް ނައްތާލެވުނު ރޭގައެވެ. ނިހާ ވިސްނަން ހުރެފައި ދަތްވިކައިލަމުން ގޭތެރެއަށް ވަނުމާއެކު އިބްރާހީމްބެ ބަލައިލިއެވެ.

"ކޮއްކޯ. ހާލު ކިހިނެއް؟" އިބްރާހީމްބެ ހިނިތުންވެލިއެވެ. ނިހާގެ އަތްތިލަ މުށްކެވިގެން ދިޔައެވެ. ބޭއިޚުތިޔާރުގައި މޫނު ކުނިކޮށްލެވުނެވެ.