ސުހާ އާއި ހައިލަމް ބައްދަލުވީ އިންޑިއާގައި ކިޔަވަން އުޅުމުގެ ތެރޭގައެވެ. ދެމީހުން ދިމާވިތާ އަހަރެއް ފަހުން ކައިވެނި ކުރަން ރާއްޖެ އައިސް، ކިޔެވުން ކުރިއަށް ގެންދިއުމަށްޓަކައި އެނބުރި އިންޑިއާ އަށް ގޮސް ދެމަފިރިން ދިރިއުޅުނީވެސް އެކުގައެވެ. ހައިލަމް އާއި ސުހާ އާއި ދަނީ ދެ ކޮލެޖަށެވެ. ސުހާ ކިޔަވަމުން ގެންދިޔައީ މެޑިސިން ކަމުގައި ވާއިރު ހައިލަމް ދިޔައީ ވިޔާފަރި ދާއިރާއިން ތައުލީމް ހާސިލް ކުރަމުންނެވެ.

ކައިވެންޏަށް ފަހު ދެމަފިރިން އުފަލުގައި އުޅެމުން އަންނަތާ ދުވަސްތަކަކަށް ފަހު ކުދިކުދި މައްސަލަތައް ޖެހެން ފެށުނެވެ. ކަމަކަށް ނުވާ ކަހަލަ ކަންކަމާއި މެދު ދެމީހުން އަރާރުންވެ ޒުވާބު ކުރަމުން ގެންދިއައެވެ. ނަމަވެސް އަނެއްކާވެސް ރީތިކޮށް ކުޑަ ދުވަސްކޮޅަކު އުޅުމަށްފަހު މި ކަންތައް ތަކުރާރުވަމުން ގެންދާތީ ހައިލަމް އޭނާގެ ހުސް ވަގުތުތައް ގެއިން ބޭރުގައި ހޭދަ ކުރަން ފެށިއެވެ.

މިކަމާއި ސުހާ ޝަކުވާ ކުރުމުންވެސް ހައިލަމްގެ އުޅުމަށް ބަދަލެއް ނާދެއެވެ. ދަނީ ކޮންތަނަކަށްތޯ އެހުމުންވެސް އޭނާގެ ފަރާތުން ޖަވާބެއް ނުލިބެއެވެ. މިކަމާއި ރުޅި އައިސްގެން ސުހާވެސް އޭނާގެ އެކުވެރިންގެ ގެތަކަށް ދިއުން ގިނަކުރިއެވެ. މިކަމާއި ހައިލަމް މާބޮޑަށް އަޅައެއްވެސް ނުލައެވެ. އެއީ ސުހާ އުޅެނީ އޭނާގެ އަންހެން އެކުވެރިންނާއި އެކުގައިކަން ހައިލަމް އަށް އެނގޭތީއެވެ.

އަސްލު ހަގީގަތުގައި ހައިލަމް ދިޔައީ އެހެން ދިވެހި އަންހެނެކާއި އެކުގައިވެސް ލޯބީގެ ގުޅުންތައް ބާއްވަމުންނެވެ. އޭނާ އެކަން ކުރަމުން ގެންދިޔައީ ސުހާގެ ފުރަގަހުގައެވެ. ހައިލަމް ގެންގުޅުނު އަންހެން ކުއްޖާ އަށް އޭނާގެ އަނތްބަކު ހުންނަކަންވެސް އެނގުނެވެ. ނަމަވެސް އެއީ މާބޮޑު މައްސަލަ އަކަށް ނުހަދައި ހައިލަމް ދެކެ އޭނަވެސް ލޯބިވާ ކަމަށް ބުނިއެވެ.

ކޮންމެއަކަސް، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ހައިލަމް އުޅެމުން ދިޔަ ހަޔާތްވެސް އުނދަގޫވަމުން ދިޔައެވެ. އަނބިމީހާގެ ސުހާގެ ފަރާތުން އޭނާ އަށް އެތަކެއް ސުވާލުތަކެއް ކުރިމަތިވަމުން އަންނައިރު ޖަވާބެއް ނުދީ އަބަދު ނުހުރެވޭނެކަން އޭނާ އަށްވެސް އެނގެއެވެ. ހައިލަމް ބޭނުންވަނީ އޭނާ އާއި ފަހުން ދިމާވި އަންހެން ކުއްޖާ އާއި އެކު އުޅޭށެވެ. ނަމަވެސް ސުހާ އަށް އެވާހަކަ ކިޔައިދޭނެ ގޮތެއް ހައިލަމް އަށް އުޅެއުޅެ ހަމަ ނުވިސްނުނެވެ.

އެގޮތުގައި އޭނާ ވިސްނަމުން އަންނަތާ އެހައް މަހެއް ފަހުން އެއް ރެއަކު ސުހާ ނިދާފައި އޮއްވައި ދަންވަރު 2 ޖަހަށް އުޅެނިކޮށް ހައިލަމް އައިސް އޮށޯތެވެ. އެހެންޔާވެސް ހޭލެވޭހެން އެގަޑީގައިވެސް ނިދިމަޑު ސުހާ އަށް ތެދުވެވުނެވެ. ހައިލަމްގެ ގައިގައި ރަޖާ އެޅުމަށްފަހު އޭނާވެސް ނިދަން އުޅުނެވެ. ނަމަވެސް އޭގެ 15 ވަރަކަށް މިނެޓު ފަހުން މީހަކު އެއްޗެކޭ ކިޔާ އަޑަށް ސުހާ އޭނާގެ ކަންފަތް ރަނގަޅަށް ހުޅުވާލި އިރުގައި ވާހަކަ މިދައްކަނީ ހައިލަމް އެވެ. އެވެސް ނިދާފައި އޮވެއެވެ.

"ނައްފަ.. ނައްފަ.." ވަރަށް މަޑު އަޑަކުން ހައިލަމް ގޮވަމުން ގެންދިޔައެވެ. މިއާއިއެކު ސުހާ ވަގުތުން އެނދުން ފުންމައިގެން ތެދުވެ ކޮޅަށް ޖެހުނެވެ. ނިދިވެސް އޭރު ފިލާފައި ހުރި ސުހާ އިތުރަށް އެއް ފަހަރު އަޑު އަހާލިއެވެ. އާނ އެކެވެ. ހައިލަމް ހަމަ ގޮވަމުން ގެންދިޔައީ ނައްފަ އަށެވެ. އެއީ ކާކުކަން ވަރަށް ރަނގަޅަށް ސުހާ އަށް އެނގިއްޖެއެވެ.

ސުހާ އާއި ހައިލަމް އާއި ދެމީހުން މައްސަލަ ޖެހުމުގެ ކުރިން ނައްފާ ކިޔާ ހައިލަމްގެ ކްލާސް ކުއްޖެއް އޭނާ އަށް އެއް ދުވަސްކޮޅެއްގައި ވަރަސް ގިނައިން ގުޅިއެވެ. ސުހާ ހައިލަމް ގާތު އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ ނައްފަ އަކީ ކްލާސް ކުއްޖެއް ކަމަށާއި އޭނާ ގުޅަނީ އެމީހުން އެކުގައި ކްލާސް ޕްރޮޖެކްޓެއް ހަދާތީ ކަމަށެވެ. ހައިލަމް އެހެން ބުނުމުން ސުހާ ގަބޫލުކުރިއެވެ. ނަމަވެސް ނިދީގައި އެހެން އަންހެނެއްގެ ނަން ގޮވުން އެއީ ރަނގަޅު ފާލެއް ނޫންކަން ސުހާ އަށްވެސް އެނގެއެވެ.

ވަރަށް ހާސްވެ ކަންތައްބޮޑުވެ، އަދި އެހައިމެ ރުޅި އައިސް ހުރި ސުހާ ގަސްތު ކުރީ ހައިލަމް އަށް ނުގޮވައި އޭނާ ނިދައި ހޭލި އިރަކުން އެކަމާއި ބެހޭގޮތުން ސުވާލުކުރާށެވެ. އެވަގުތު ސުހާ ހައިލަމްގެ ފޯނުންވެސް އެއްޗެއް ފެނޭތޯ ޗެކު ކުރިއެވެ. ނަމަވެސް ފޯނުން އެއްޗެއް ފެންނަ ގޮތެއް ނުވިއެވެ.

ހެނދުނު 10:00 ވެސް ޖެހި ފަހުން ހައިލަމް ތެދުވި އިރު ސުހާ އިނީ ނުނިދައި ހައިލަމް އާއި ދިމާލަށް ރުޅިވެރިކަމާއި އެކު ބަލަހައްޓައިގެންނެވެ. އަދި ވަގުތުން ނައްފަ އަކީ ކާކުތޯ ސުވާލުކުރިއެވެ. ހައިލަމް ނިދިއައިސް ހުރެ (ސުހާ ދައްކަނީ ކޮން ވާހަކަ އެއްކަން ނޭނގޭ ކަމަށް ހަދައިގެން) ދެލޯ ކުޑަ ކޮށްފައި ސުހާ އަށް ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ސުހާ ބަލާކަށް ނުހުރެ އަޑަށް ބާރުލާފައި އަނެއްކާވެސް އެ ސުވާލު ތަކުރާރު ކުރުމުން ހައިލަމްގެވެސް ނިދި ފިލައި ކަމެއް ގޯސް ވެއްޖެކަން އެނގުނެވެ.

ހައިލަމް ހީކުރީ ނައްފަ ހުރިހާ ވަހާކަ އެއް ސުހާ އަށް ކިޔައިދިނީ ކަމަށެވެ. އެއީ ނައްފަ ހައިލަމް އާއި އެކު އުޅެން ބޭނުންވާ ވާހަކަ ދައްކާފައި އޮތުމުންނެވެ. ކޮންމެއަކަސް، ހަތަރު އުދަރެސް ފެނު ޖެހުނީ ކަމަށް ނިންމައި ހައިލަމް އެނދުން ތެދުވެ ސުހާ އަށް ހުރިހައި އެއްޗެއް ކިޔައިދިނެވެ.

ދެމީހުން ދުރުވި ހިސާބުގައި ނައްފަ އާއި މާބޮޑަށް ގާތް ވެވުނީ ކަމާއި އަދި ދެމީހުންގެ ކައިވެނި ދެން ރަނގަޅު ނުވާނެހެން ހީވުމުން ނައްފަ ކައިރިއަށް ދެވުނީ ކަމަށް ހައިލަމް ބުނެ ސުހާ ކިބައިން މާފަށް އެދުނެވެ. ސުހާ އޭރު އިނީ ގިސްލައި ރޯށެވެ. އަދި ހައިލަމް އަށް މާފް ކުރި ނަމަވެސް އެންމެ ވަގުތުކޮޅަކަށްވެސް އެ ގޭގައި ހުންނަން ބޭނުން ނޫން ކަމަށް ބުނެ ސުހާ އެގެއިން ނިކުތެވެ. އަދި ދުވަސްކޮޅެއް ފަހުން ދެމީހުން ވަރިވާންވެސް އެއްބަސްވިއެވެ. އެއީ ސުހާވެސް ނައްފަވެސް ދެ އަނތްބައް އިންދެގެން އުޅެން ބޭނުން ނުވާތީއެވެ.

ހައިލަމް މިހާރު އުޅެނީ ނައްފަ އާއި ކައިވެނި ކޮށްގެންނެވެ. ނަމަވެސް ސުހާ ހުރީ އަދިވެސް އޭނާ އަށް ލިބުނު ފުން ހިތާމައިން އަދިވެސް އަރައި ނުގަނެވިއެވެ. އޭނާގެ އާއިލާގެ މީހުންގެ ކުރިމަތީގައި ކަންތައް ވީ ގޮތް ކިޔައިދޭން ޖެހި، ކަންތައް ވީ ގޮތުން ލަދުން ބޯ ފަޅައިގެންދާ ވަރު ވެފައެވެ.

މިއީ ކައިވެނި ކުރާއިރު ދެމަފިރިން ވާ ވައުދުތަކަށް ނުވިސްނައި އަދި އިސްލާމް ދީނާއި ދުރުވުމުން ހިނގާ ހިތާމަވެރި ކަންކަމެވެ. ހައިލަމް ކަންތައް ކުރީ ރަނގަޅަށް ކަމަށް އެކަކުވެސް ނުދެކޭނެއެވެ. އެއީ ކައިވެނީގައި މައްސަލަ ޖެހުމުން ހައްލު ކުރުމުގެ ބަދަލުގައި އޭނާ ބޭފަވާތެރިވުމުންނެވެ. މިއީ އެއްވެސް މީހަކު ކޮށްގެން ވާނެ ވަރު ކަމެއް ނޫންކަން ހަނދާނުގައި ބަހައްޓާށެވެ. ކޮންމެ ކަމެއް ކުރިޔަސް އެކަން މީހުންނަށް އެނގޭނެކަންވެސް ހަނދާން ބަހައްޓާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯ

    މިސާލަކަށް ހައިލަމް ސުހާގާތު ނުބުނެ ނައްފަ އާއި ކައިވެނި ކޮށްފިޔާމުން، ދީނީގޮތުން ހުއްދަވާނެ. އަކަމަކު ވާހަކަ ނިމިގެން ދާނީ ހަމަ އެއްގޮތަކަށް. އިސްލާމްދީނުގައިވާ އެއްފަހަރަކާ ގިނަވެގެން 4 އަނބިންނާއި ކައިވެނި ކުރެވޭނެކަމާމެދު ބައެއް މީހުން ނަފްރަތު މިކުރަނީ ކައިވެނި ކޮށްގެން ދޮށީ އަނބިމީހާގެ ހައްގުތައް ނުދޭތީ. ގިނަފަހަރު ކަންތައް ހިނގަނީ ހަމަ މިހެން. މިހެންވުމުން އާއިލާތައް މިރޫޅޭނީ. ކައިވެނިކުރާއިރު ބަލަންޖެހޭނެ މިކުރެވެނީ ކޮންކަމެއްތޯ. މިއާ އިދިކޮޅަށް ކައިވެނި މިކުރަނީ ރީތި ފްލާޓީ އަންހެނެއް ފެނިގެން. ވަގުތުން އެކައިވެނިކުރީ. އަނެއްތަނުން އެހެން ކުއްޖަކު ފެންނަ އިރަށް ވަރިކޮށް އަނެކަކާ ކައިވެނި މިކުރަނީ. ބައެއްފަހަރު ވަރުވެސް ނުކޮށް.
    މިދައްކަނީ ހިތަށްއެރިހާ ގޮތަކަށް ނުބަލާ ކައިވެނި ކުރާ މީހުންގެ ވާހަކަ. ޒިނޭކުރާ މީހުންގެ ވާހަކައެއް ނޫން.

    15
    1