(ފުވައްމުލައް ސިޓީ) ކޮންމެ ބަޔަކު ވެސް ތަދު ދުވަސްވަރަކާ ކުރިމަތިލާން ޖެހިފައި ހުންނާނެއެވެ. އެ ދުވަސްވަރު މުޖުތަމައުގެ އެންމެނަށް ހިތްވަރު ދިނުމާއި ރައްޔިތުންގެ މުޅި މަސްލަހަތުގައި ވަކާލާތު ކުރާ ލީޑަރުން އުފެދިފައި ތިބޭނެއެވެ. އާންމު ރައްޔިތު މީހާގެ މަސްލަހަތު އިސްކުރަން އުޅުމުގެ ސަބަބުން "ހުރަގޭގެ" ނޫނީ "އަނދަގޮނޑީ" ގެ އަދަބު ތަހައްމަލް ކުރަން ޖެހުނު އެތައް ބަޔަކު ވެސް އެބަތިބިއެވެ. ރާއްޖޭގައި މީހުން ރަށްވެހިވެ ތާރީހު ލިޔަން ފެށީއްސުރެ މިފަދަ އެތައް ވާހަކައެއް ރާއްޖޭގެ ރަށްރަށުގައި ހިނގާފައިވެއެވެ. ގިނަ ބަޔަކަށް މާ ބޮޑަށް ނޭނގޭ މިފަދަ ގިނަ ވާހަކަ ވެސް ހުރެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކަރަންޓުގެ ޚިދުމަތުގެ އަގުބޮޑުވެގެން ހިނގި ގަޑުބަޑެއްގެ ތެރެއިން އިންޖީނުގެ ބަންދުކޮށް އިހްތިޖާޖް ކުރަން ނުކުތެވެ. މީހުން ކިޔައި ގޮތުގައި މި މީހުން ހައްޔަރު ކުރެވުނީ "ސަރުކާރު ވައްޓާލަން އުޅުނު" ކަމަށް ބުނެއެވެ. މި ހާދިސާގައި ހައްޔަރު ކުރި 50 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ބައެއް މީހުންނަކީ މިއަދު ރަށުގެ ޒިންމާދާރު މަގާމުތަކާ ވެސް ހަވާލުވެ ތިބި މީހުންނެވެ.

އެހެންވިޔަސް މިފަދަ އެތައް ޝަހްސިއްޔަތެއްގެ މައްޗަށް އެންމެން ވެސް ފާހަގަކުރާ ޚާއްސަ ޝަހްސިއްޔަތެއްވެއެވެ. ފުވައްމުލަކުގެ ތާރީޚް ތަހްލީލްކޮށް ދިރާސާ ކުރަމުންދާ އެ ރަށަށް އުފަން ގިނަ މީހުން މި ޝަހްސިއްޔަތުގެ ވާހަކަ ފާހަގަކުރެއެވެ. އެއީ އެ ދުވަހު ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތް ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ދެމުން އައި އަހުމަދު މުހައްމަދެވެ. ފުވައްމުލަކުގެ ގިނަ މީހުން އޭނަ ދަންނަނީ ވެސް "ބަންގި" ގެ ނަމުންނެވެ. ނުވަތަ "ކަރަންޓު ބަންގި" ގެ ނަމުންނެވެ.

ބަންގީގެ ނަން ލިބުނު ގޮތް؟

އަހުމަދު މުހައްމަދު ފުރަތަމަ ވެސް ދިޔައީ ހަޔާތުގެ އެންމެ ޅައިރުގެ ދުވަސްތަކަށެވެ. މަންމަ ކައިރިން ބައްޕަ ވަރިވެ ފޭދޫން މީހަކާ ކައިވެނިކޮށް އެ ރަށަށް ދިރިއުޅުން ބަދަލު ކުރީއެވެ. އަދި އޭނާގެ އުމުރުން ނުވަ އަހަރުގައި މަންމަ އޭނާ ގޮވައިގެން ފޭދޫއަށް ދިޔައެވެ. އޭރު ބައްޕަ ހުރީ އެ ރަށު މިސްކިތެއްގެ އިމާމެއްގެ ވަޒީފާގައެވެ. އިތުރު މަސައްކަތް ވެސް ބައްޕަ ކުރަމުން ދިޔަ ކަމަށް ބުންޏެވެ. އެއިން ދުވަހެއްގައި ބައްޕަ ބުނެގެން އޭނާ ބަންގި ދިނެވެ. ދެން ފޭދޫ ސްކޫލަށް ވަދެ އެ ރަށުގައި އުޅެން ފެށީއެވެ. އަދި ބައްޕަގެ އިރުޝާދުގެ ދަށުން ބަންގި ވެސް ދެމުން ދިޔައީއެވެ.

މިއަށް ފަހު ވެސް ހަޔާތުގެ ދިމާވި އެކި ވާހަކަތައް ޚުލާސާއެއް ގޮތުގައި ކިޔައިދިނެވެ. މި ގޮތުން މާލެއަށް ދުވަސްތަކަކަށް ދިރިއުޅުން ބަދަލު ކުރި ކަމާއި މާލޭގެ ފިހާރައެއްގައި ވަޒީފާ އަދާ ކުރި ކަމާއި އިމާރާތް ކުރުމާއި ރޭނުމާއި ކޮޮންޓްރެކްޓް ބައެއް މަސައްކަތްތަކުގައި އުޅުނެވެ. ފަހުން ސިފައިންގެ ވަޒީފާއަށް ވެސް ދިޔައެވެ. އެ ވަޒީފާގައި ދެ އަހަރެއްހާ ދުވަހު މަސައްކަތް ކުރިއެވެ. ބަނޑޮހުގައި ރިސޯޓެއް ހުޅުވުމުން ރިސޯޓަށް ވެސް ވަޒީފާ އަދާ ކުރަން ދިޔައެވެ. މިއިން ކޮންމެ ދުވަސްވަރެއްގައި ދިމާވި ބައެއް މަޖާ ކަންކަމާއި ޝައުގުވެރި ކަންކަން ވެސް ކުރުކޮށް ފޮނިކޮށް އަހުމަދު މުހައްމަދު ކިޔައިދިނެވެ. މިހެން އުޅެމުން ދެން 1980 ގެ އަހަރުތަކުގައި ރަށަށް އަލުން އަނބުރާ އައީއެވެ.

"ރަށަށް އައިސް މިހެން އުޅެނިކޮށް ދިމާވި ކަމެއް ތި ކަރަންޓުގެ މައްސަލައަކީ، ތި މައްސަލަ އާއި ހަޔާތުގައި ކޮށްފައި ހުރި މަސައްކަތާ ވެސް ގުޅިގެން އައި ނަމެއް އެއީ ބަންގިގެ ނަމަކީ، ފުވައްމުލަކު ކަރަންޓު ބަންގި ކިޔާނީ، އެންމެން ވެސް، ދަންނާނީ ވެސް އެ ނަމުން،" އަހުމަދު މުހައްމަދު ކިޔައިދިނެވެ.

އިންޖީނުގެ ބަންދުކޮށް ހިންގި ގަޑުބަޑުގެ ކޮމާންޑަރަކަށް

އަހުމަދު މުހައްމަދު ބުނާ ގޮތުގައި އޭރުގައި ވެސް އަތޮޅު ތެރޭގެ ކަރަންޓު ރޭޓުތައް މާލެއަށް ވުރެ ބޮޑެވެ. އޭރުގައި ކަރަންޓުގެ އަގު އެ ރަށުގައި ކުއްލިއަކަށް ބޮޑުވެގެން ދިޔައީއެވެ. އޭރުގެ ރައީސް މައުމޫނަށް ރަށުގެ ގިނަ ރައްޔިތުން އިހުތިރާމް ކުރާ ކަމުގައިވެއެވެ. އެކަމަކު އަސާސީ އެ ޚިދުމަތުގެ އަގު ބޮޑުވުން ވެގެން އައުން ގިނަ ބަޔަކަށް ވެސް ބަލައިގަންނަން ދަތިވި ކަމަކަށެވެ.

އެ ދުވަސް ސިފަކޮށްދެމުން އޭނާ ކިޔައި ދިން ގޮތުގައި ރަށުގެ ޒިންމާދާރު މަގާމުތަކުގައި ތިބި ގިނަ ބަޔަކު ވެސް ކަރަންޓު އަގު ބޮޑުވެގެން ހިތްހަމަނުޖެހި ތިބުމުން އެ މީހުންގެ ފަރާތުން ކޮމާންޑަރަކަށް އޭނާ ނުކުތީއެވެ. އެ ގަޑުބަޑުގެ ތެރޭގައި ރަށުގެ އިންޖީނުގެ ބަންދުކޮށްގެން ހަޅުތާލުގައި ތިބިއެވެ. އިންޖީނުގޭގައި ނަގާފައި ހުރި ދިދަ ދަނޑި ވެސް ނެގިއެވެ.

"ރަށުގައި ތިބި ވިޔަފާރިވެރިންގެ އެއްބާރުލުން ލިބިގެން، ގިނަ ރައްޔިތުންގެ އެއްބާރުލުން ވެސް ލިބިގެން އެ ކަން ކުރީ، ރަށުގެ ގިނަ ބަޔަކު އޭރު ވެސް އަޅުގަނޑަށް އިހްތިރާމް ކުރާނެ، ބަލައިގަންނާނެ، އަޅުގަނޑު ކޮމާންޑް ކުރަން ހުރީ، އެންގިން ސަރުކާރުގެ އެއްވެސް ތަނަކަށް އަދި އަމިއްލަ މީހެއްގެ އެއްވެސް އިމާރާތަކަށް ގެއްލުން ނުދޭން،. ދެން އެންމެން އެ ކަން ވެސް ބަލައިގަތް، ހަމަ އެއްވެސް ތަނަކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުދޭ،" އަހުމަދު މުހައްމަދު ބުންޏެވެ.

ކަރަންޓު މައްސަލައެއްގައި ކޮމާންޑް ކުރަން ހުރި އަހުމަދު މުހައްމަދު (ބަންގި)- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

އަހުމަދު މުހައްމަދު ކިޔައިދިން ގޮތުގައި މަސްރަހު ހޫނުވުމުން ސިފައިންގެ ބައެއް މީހުން އެ ރަށަށް ދިޔައެވެ. ސިފައިންގެ މީހަކު އައިސް އެ ތަނުގައި ތިބި މީހުންގެ ތެރެއިން މީހެއްގެ އަތުގައި ބިޑި އެޅުވުމުން ސިފައިންގެ މީހާ ޖަވާބުދާރީ ކުރުވަން އޭނާ ކުރި މަސައްކަތް އަހުމަދު މުހައްމަދު ވަރަށް ތަފްސީލްކޮށް ކިޔައިދިނެވެ.

"ބިޑި އެޅުވީމަ އަޅުގަނޑު އަހައިފިން ބިޑި އެޅުވީ ކޮން ހައިސިއްޔަތަކުންތޯއޭ، ގާނޫނީ އަދި ޝަރުއީ ކޮން މާއްދާއަކާ ޚިލާފަށް ވެގެންތޯއޭ، ސިފައިންގެ މީހާ ޖަވާބު ދިނީ އެއީ އަޅުގަނޑު ބަލަން ޖެހޭ ކަމެއް ނޫނޭ އެއީ، ދެން އަޅުގަނޑު ބުނިން އެހެން ވިއްޔާ ތި ހުރީ ކަލޭގެ ޔުނީފޯމާއި ކޮށްގެން ހުރި ގާނޫނީ ހުވައާ ޚިލާފް ވެގެނޭ، އެއީ ސިފައިންގޭގައި އަޅުގަނޑު މަސައްކަތް ކުރިއިރު އަހަރެމެންނަށް ކިޔައިދިނޭ ބިޑި އަޅުވަން ދާނެ ހާލަތް،" އޭނާ ބުންޏެވެ.

ޖަލު ގޮޅީގައި ތިން އަހަރު!

ޖަލުގެ ތަޖުރިބާއަކީ ރަނގަޅު ތަޖުރިބާއެއް ކަމުގައި އަހުމަދު މުހައްމަދު ދެކެއެވެ. އުމުރުން 27 އަހަރުގައި ޖަލަށް ދާން ޖެހުނުއިރު ކ. ދޫނިދޫގައި ހުންނަ އެ ޖަލުގެ ގޮޅިއެއްގައި ތިން އަހަރާ ނުވަ މަސް ދުވަސް ބަންދުގައި ހުއްޓެވެ. ޖަލަށް ގެންދިއުމަށް ސިފައިންގެއަށް ހާޒިރުވާން އެންގުމުން ހިފައި ގެންގުޅޭ ތަކެއްޗާއެކު އަމިއްލައަށް ހާޒިރުވި ކަމުގައި އޭނާ ކިޔައިދިނެވެ. ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ އަމުރަށް އަބަދުވެސް ބޯލަނބާނެ ކަމުގައި އޭނާ ބުންޏެވެ.

ޖަލުގައި އޮތް ގޮޅިއަކީ ގާތްގަނޑަކަށް އަށް ފޫޓު އަށް ފޫޓުގެ ގޮޅިއެއް ކަމުގައި އޭނާ ބުންޏެވެ. އެ ތަނުގައި ދަގަނޑު އެނދެއްގައި ނުވަ އިންޗި ގޮދަނޑިއެއް އޮންނަ ކަމަށް އޭނާ ބުންޏެވެ. އެކަނި އެއް ގޮޅީގައި އޮތް އިރު، އެ ތަނުގެ ފާޚާނާގެ ޖާގައަށް ހަތަރު ފޫޓު ތިން ފޫޓުގެ ހުންނާނެ ކަމަށް އޭނާ ބުންޏެވެ. ގޮޅީގައި ފަންކާއެއް ނުހުރެއެވެ. ފެން ލައިޓްއެއް ހުރިއިރު އަލިކަމަކަށް އޮންނަނީ ވެސް ބޭރުން އަންނަ އަލިކަމެވެ.

ކަރަންޓު މައްސަލައެއްގައި ކޮމާންޑް ކުރަން ހުރި އަހުމަދު މުހައްމަދު (ބަންގި)- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

ޖަލުގެ ކެއުމުގެ އިންތިޒާމުތަކާ މެދު އަހުމަދު މުހައްމަދު ވަރަށް ބޮޑަށް ހިތްހަމަޖެހެއެވެ. ހުރިހާ ވަގުތެއްގައި ވެސް ކާން ލިބޭ ކަމުގައި ބުންޏެވެ. ހެނދުނުގެ ނުވަ ގަޑި ސަޔާއި މެންދުރުގެ ކެއުމާއި ހަވީރު ސައި ލިބޭ ކަމުގައި ބުންޏެވެ. ގެނެސްދޭ ކެއުންތަކުގައި އެއްވެސް މައްސަލައެއް ހުރި ކަމެއް ފާހަގަނުވާ ކަމުގައެވެ.

"ޖަލުގެ ކެއުމުގެ އިންތިޒާމުތައް ވަރަށް ބަރާބަރު، ވަރަށް ހިތްހަމަ ޖެހޭ، އާންމުކޮށް ކުކުޅު ރިހައާއި މުގު ރިހައާއި، މަސް ރިހައާއި، ގަރުދިޔަ ލިބެން ހުރޭ. ރޮށި ހުރޭ، ބަތް ހުރޭ، ހަވީރަށް ޖޫހާއި ކިރު ސައާއި ކަޅު ސައި ހުރޭ. އެ މީހަކު އެއިން ބޭނުން އެއްޗެއް ލިބޭ ގޮތަށް. ބިސްކޯދު ބޭނުން މީހުންނަށް ބިސްކޯދު، ފާރޮށި ބޭނުން މީހުންނަށް ފާރޮށި. ދެން އެއިން މީހަކަށް ގެނެސްދޭ އެއްޗެއް ކަމުނުދާ ވާހަކަ ބުނީމަ އެ ގެންނަ މީހާ އަހާނެ ދެން ކޯއްޗެއް ހެއްޔޭ ބޭނުމީ. ފާރޮށި ހެއްޔޭ ބިސްކޯދު ހެއްޔޭ. ދެން އެ މީހަކު އެ ބުނާ ގޮތަކަށް އެއިން އެއްޗެއް ގެނެސްދޭނެ." އަހުމަދު މުހައްމަދު ތަފްސީލް ކޮށްދިނެވެ.

ބައްޕައަކަށް ކުރިމަތިވާނެ އެންމެ ހިތްދަތި ހިނދުކޮޅު

ޖަލުގައި ހޭދަކުރި ދުވަސްވަރު އަހުމަދު މުހައްމަދުގެ އެންމެ ހަނދާނުން ދަތިވެގެން ދިޔަ ދުވަހަކީ ބައްޕަައަކަށް ކުރިމަތިވާނެ އެންމެ ހިތްދަތި ހިނދުކޮޅެވެ. އެއީ އޭނާގެ އެންމެ ހަގު ދަރިފުޅު ނިޔާވި ޚަބަރު ލިބުމެވެ. އަހުމަދު މުހައްމަދު ކިޔައިން ގޮތުގައި އޭނާ ޖަލަށް ގެންދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވެ ދަރިފުޅު ނިޔާވެއްޖެއެވެ. އެކަމަކު އެ ޚަބަރު އޭނާއަށް ލިބުނީ ނިޔާވިތާ ނުވަ ވަރަކަށް މަސް ފަހުންނެވެ. މާ ފަހުން އެ ކަން އެނގުމުން މާ ބޮޑަށް ހިތްދަތިވި ކަމުގައި ބުންޏެވެ.

"އަޅުގަނޑަށް އެ ކުއްޖަކު ނިޔާވިކަން އެނގުނީ ނިޔާވިތާ ނުވަ މަހަށް ވުރެ ފަހުން. އެއީ ކޮންމެ ވެސް ވަރަކަށް ބަލިކޮށް އުޅުނު ދުވަހެއްގައި މާލެއަށް ބޭސް ކުރަން ވެގެން ހޮސްޕިޓަލަށް ގޮސް ހުއްޓަ ހޮސްޕިޓަލްގެ ތެރެއިން އެ މައުލޫމާތު ލިބުނީ. އަޅުގަނޑު ބަންދުވިތާ މާ ގިނަ ދުވަސް ނުވަނީސް އެ ހާދިސާއެއް ހިނގީ. އޭރު ކުއްޖާގެ އުމުރުން ހަތަރު އަހަރު،" އަހުމަދު މުހައްމަދު ކިޔައި ދިނެވެ.

ކަރަންޓު މައްސަލައެއްގައި ކޮމާންޑް ކުރަން ހުރި އަހުމަދު މުހައްމަދު (ބަންގި)- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

ދަރިފުޅު ނިޔާވި ގޮތް ވެސް އޭނާ ކިޔައިދިނެވެ. އޭނާގެ މަންމަ ގޭތެރޭގައި އަލަ މަށަން އިން ވަގުތެއްގައި ދަރިފުޅު ކުޅެން ގަނެދީފައި އޮތް ޕްލާސްޓިކް ގޮނޑިއެއް ހިފައިގެން ވަޅު ކައިރިއަށް ދިޔައީއެވެ. ގޮނޑިއަށް އަރައި ހުރެ ވަޅަށް ބެލިއިރު އޭގެ ތެރޭގައި މަސްތައް ބައިވަރު ފެނިގެން މަސްތަކާ ކުޅެން އުޅެނިކޮށް ވަޅަށް ވެއްޓުނީއެވެ. މަންމައަށް ރެއަކާލީ އަޑު ނީވިގެން ގޮސް ބެލީމައެވެ. މަރުކަޒަށް ވީހާވެސް އަވަހަށް ގެންދިޔައެވެ. އެކަމަކު ގެންދިޔައިރު ދަރިފުޅު އޮތީ ނިޔާވެފައެވެ.

"އޭރު ދުނިޔޭގައި ތިބީ ހަ ކުދިން. ނިޔާވީ ހަ ވަނަ ކުއްޖާ. ކަރަންޓުގެ މައްސަލަ އައި ފަހުން ހުންނާނެ އެއް ކުއްޖަކު. އެ ހައްޔަރުކޮށްގެން ގެންދިޔަ އިރު އަންހެނުން ހުރީ ބަނޑުބޮޑުކޮށް." އަހުމަދު މުހައްމަދު ކިޔައި ދިނެވެ.

އަދުގެ ދިރިއުޅުން، އާއިލާއާއެކު ހިތްހަމަޖެހިފައި

ކަރަންޓުގެ އެ މައްސަލައާ ގުޅިގެން ރަށުގައި ހިނގި ގަޑުބަޑުތަކުގައި އިސްކޮށް ހުރުމުން ޖަލަށް ދާން ޖެހި ކުރެވުނު ތަޖުރިބާ އަހުމަދު މުހައްމަދު ދުށީ ލިބުނު ކުރިއެރުމެއްގެ ގޮތުގައެވެ. ރަށުގެ ރައްޔިތުންނަށް ތަހަންމަލް ކުރަން ދަތިވި ކަމެއްގައި ރައްޔިތުންގެ އަޑު އިއްވައިދޭން އިސްކޮށް ހުރެވުމުންނެވެ. އޭނާ ބުނަމުން ދިޔައި އެއީ މިއަދުވެސް ތަހުގީގު ކުރަން ޖެހޭ ކަމެއް ކަމުގައެވެ. އެ ދުވަސް ރަނގަޅަށް ތަހުގީގެއް ނުކުރެވެ. "ސިޔާސީ ތަހުގީގަކަށް" ވެގެން ދިޔައީއެވެ.

އަހުމަދު މުހައްމަދު މިހާރު ގެންދަނީ ރަށުގައި ގާޑިޔަލެއް ހުޅުވައިގެން އެއިން ވިޔަފާރި ކުރަމުންނެވެ. އެ ލިބޭ އާމްދަނީ އިން ދެކޮޅު ޖެއްސޭ ކަމުގައި އޭނާ ބުންޏެވެ. އެ ވިޔަފާރީގައި އޭނާގެ ހަގު ފިރިހެން ދަރިފުޅު ވެސް ބައިވެރިކޮށްގެން ކުރިއަށްދާ ކަމަށް ބުންޏެވެ. ދެން ހުރި ދޮށީ ފިރިހެން ދަރިފުޅު ގެންދަނީ އަމިއްލަ ގަރާޖެއް ހުޅުވައިގެން ވިޔަފާރި ކުރަމުންދެއެވެ. އަންހެން ދަރިއަކު ހުރީ ސްކޫލްގެ ޓީޗަރަކަށެވެ. ދެން ތިބި ދެ ކުދިން ވެސް މީހުންނާ ކައިވެނިކޮށްގެން ޒަވާޖީ ހަޔާތެއް ބިނާކޮށްފައިވާއިރު އެއިން އެއް ކުއްޖަކު ދަނީ ގާރީ ކްލާހުގައި ކިޔަވަމުން ކަމަށް ބުންޏެވެ. މިއަދުގެ ދިރިއުޅުމާއި ހާލަތާ މެދު އަހުމަދު މުހައްމަދު ވަރަށް ހިތްހަމަޖެހެއެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޙުސޭނު

  އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫން، ބުއްދި ގަބޫލުނުކުރެވޭ ގޮތަށް އަމިއްލަ މީހާ މަޝްހޫރުވާ ކިޔާދީފަ އޮތް ފުލޯކެއް. ވަރަށް ފޫހި.

  19
  13
 2. މައުމޫން

  މިޔައްކިޔަނީ އަނިޔާ

  11
  5
 3. ލ.

  الحمدﷲ.

 4. Anonymous

  ބަންގި އިސްކޮއްހުރެ ހިންގިކަންތައްގަނޑުގަ އުޅެނިކޮއް ބަނގިގެ މަންމަ ބަލިވެ ހޮސްޕިޓަލްގަ އެޑްމިޓްކުރީވެސް ހޮސްޕިޓަލްގަވެސް އޭރުކަރަނޓްނެއް އެމްއެންޑީއެފްކޮމާންޑަރް ކައިރިޔައް އައިސް މާފައްއެދި އަތޮޅުގޭގަހުރި ކުޑައެމެޖެންސީ ޖަނަރޭޓަރެއް ގެންގޮސްގެން ހޮސްޕިޓަލައްގަ ބަންގީގެ މަންމަޔައް ފަރުވާދިނުމުގެ ކަންކަންކުރިޔައްދިޔަ ބަލިހާލުގައޮވެ ބަންގީގެ މަންމަ ދުނިޔެދޫކުރި

 5. އަލްޖިބްރާ

  މީނާއަށް ދިން އަނިޔާގެ ޒިންމާ މައުމޫނު އަބްދުލް ޤައްޔޫމު ނަގާކަށް ނުޖެހޭނެ ބާ ؟މީ ތިބުނާ ރަންޒަމާނުގެ ވެރިމީހާގެ ޖާހިލުކަން ހުރިމިންވަރު ! މިހާރު ހުދުކާފޫރު ؟

  16
  7
 6. ޢާއިޝާ

  ފުވައްމުލަކުގަ ކިޔަވައިގެން ތިބި ވެރިންވެސް ތިޔަ ކަމުގަ ބައިވެރިވެ އަރުވާވެސް ލި. ޢެހެންވީމަ އެމީހުން ތިއްބާ އާދައިގެ ރައްޔިތަކު ކޮމާންޑަރަކަށް އިސްކުރާނެހެން ހާދަ ހީނުވެޔޭ.

  11
  11
 7. ހުސޭނުބޭ

  މިއޮއް ރަގަޅު ލިޔުމުންވެސް މިއީ ކޮން އަހަރަކު ހިނގި ކަމެއްކަން ނޭގުނު!

 8. އާދަމުގެދަރި

  ޖަލުގައި ކެއުން ބަރާބަރުކަމަށް ވަންޏާ ހާދަހާވާ ބޮޑެތި ދޮގުތަކެއްވި ވެރިކަމާހެދި ބަޔަކު ހަދައިފިތާއެވެ. ހެދިހައި ދޮގުތައް ބަޔަކު ގަބޫލުވެސް ކޮށްފިތާއެވެ. ހައްގަށް ނަސްރު ލިބޭނެއޭ ހައްގު އޮޅުވައެއް ނުލެވޭނެއޭ އޮންނަ ބަސްފުޅުގެ ތެދުކަމާއެވެ.

 9. ޚިޔާލީފޮލާ

  ތިއަށްވުރެ މާ މަޖާ ވާހަކައެއް ބަންގި އެތައް ބައެއް ކައިރީގައި ތަކުރާރުކޮށް ދައްކާ. އެއީ ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ މީހުން އޭނަ ކައިރިއަށް އިންތިޚާބަށް ކެންޕެއިންކޮށާް ދިނުމަށް އެދި އާދޭސް ކުރުމުން އޭނަ ކެންޕެއިންކޮށްދިނުމަށް ކުރި ޝަރުތެވެ. ބަންގި ބުނިކަމަށް އޭނަ ބުނަނީ ކެމްޕެއިންކޮށްދޭނީ 1 ބިލިއަން ރުފިޔާ ދިނުމުންކަމަށެވެ. މީހުން އެވާހަކަ ގަބޫލުކުރަން ދަތިވެ 1 ބިލިއަން ޢާއި 1 މިލިއަން އޮޅުނީކަމަށް ހީކޮށް ބަންގި ޢާއި ސުވާލުކުރީ 1 ބިލިއަނަކީ 1000 މިލިއަންކަން އެނގޭ ހެއްޔެވެ. ތިކިޔަނީ އަސްލުވެސް 1 ބިލިއަންހޭ ނުވަތަ 1 މިލިއަންހޭ. އެހެން ބުނުމުން ބަންގި ބުނީ މިކިޔަނީ 1000 މިލިއަން ނުވަތަ 1 ބިލިޔަނޭ. އެވަރު ލިބުމުން ތިމަންނަގެ 6 ކުދިން ނަށް 6 ގޯތި ގަނެދެވޭނެ އެވެ. ބަންގި ބުނަނީ އެމްޑިޕީ މީހުން ވަރަށް އާދޭސްކުރިކަމަށް އަގު ކުޑަކޮށްދޭން. އެކަމަކު ތިމަންނަ އެންމެ ލާރިއެއްވެސް ކުޑަކޮށްދޭން އެއްބަސްނުވީމެވެ. ބަންގީގެ ވާހަކަތައް ހުންނަ ގޮތުގެ ކުޑަކުޑަ މިސާލެއް މިއީ. އެކަމަކު ޢޭނަ އަކީ އެއުމަރަށް ބަލާފަ ހޭލުންތެރި ހިތްހެޔޮ މީހެއްކަމަށް އަހަރެެން ދެކެނީ . އެމްޑީޕީ ރިއާސީ އިންތިހާބަށް މުޅި ރާއްޖޭގައި ހިންގި ކެމްޕޭނަށް ވެސް 1 ބިލިއަން ރުފިޔާ ޙަރަދު ނުވާނެ . އެކަމަކު ބަންގި އަށް އެކަނި އެވަރުދޭން ބުނިކަމަށް އެ ބުނަނީ . އަދި ބިން ބޮޑު ފޯއްމުލަކަުން 2000 އަކަފޫޓު ގެ 6 ގޯތި ގަންނަން އެންމެ 6 މިލިއަން ރުފިޔާވެސް ނުދާނެ.

 10. ކިއްލިބާޝާ

  ކޮންމެވެސް މީހަކު ބަންގި ކައިރީ ބުނޭ 1 ބިލިއަން ރުފިޔާ އިން 6 ގޯއްޗެއް ނޫނޭ ގަންނަންވީކީ. އެދަދުން 4 ތަރީގެ ބޮޑު 5 ރިސޯޓް ވެސް ގަނެވިދާނެ. މި ހަފްތާގައި ޕާމް ބީޗް ރިސޯޓް އެއޮތީ ވިއްކާލަން އިންޑިއާ ބޭންކުން އިއުލާންކޮށްފައި. ޢެއީ 4 ތަރީ ގެ ރިސޯޓެއް. 135 ވިލާ އެބަހުރި. ޢަގަކީ އެންމެ 13 މިލިއަން ޑޮލަރު. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 200 މިލިއަން ރުފިޔާ. ވީމާ 6 ކުދިންނަށް 1 ބިލިއަން ރުފިޔާއިން 6 ގޯތީގެ ބަދަލުގައި އެއަށްވުރެ 1000 ގުނަ ފައިދާ ހުރި ވިޔަފަަރިއެއް ކުރެވިދާނެ . އެއީ 200 މިލިއަން ރުފިޔާ ގެ ރޭޓުން 1 ބިލިއަން ރުފިޔާ އަށް 5 ރިސޯޓް ގަތުން. 100 އެނދުގެ ރިސޯޓެއްނަމަ 1 ބިލިއަން ރުފިޔާ އަށް 6 ކުދިންނަށް 6 ރިސޯޓު ވެސް ގަނެދެވިދާނެ. ޕާމް ބީޗް އަށްވުރެ އަގު ހެޔޮ ރިސޯޓްވެސް ހުންނާނެ. އެހާ ފައިސާ އިން ކީއްކުރާ ގޯއްޗެއް 6 ރިސޯޓް ލިބެން އޮއްވާ.

 11. ޢަލީ

  ޖަލަށްލީ ކީއްވެގެންކަން ނޭނގުނު