މެންދުރުގެ ރަތްދައްކާ އަވީގައި އޭނާ، "ވަގުތު" ޓީމަށް، އޭނާގެ ގެއަށް ދާންވީ މަގު ދައްކައިދިނެވެ. އަހަރެމެން އޭނާގެ ފަސް ފަހަތުން މަޑުމަޑުން ހިނގީމެވެ. އެންމެ ފަހުން މަންޒިލާއި ކައިރިވުމުން އޭނާ ފަސް އެނބުރި ބަލާލިއިރު މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އެހެން ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައި ހުރި ވާހަކަތައް ގިނައެވެ.

އޭނާގެ ގޭތެރެއަށް ވަނުމުން ފެނިގެން ދިޔައީ ކުޑަކުޑަ އާދައިގެ ގެއެކެވެ. ތަނަވަސްކަމެއް ނެތްކަން ވަރަށް ސާފެވެ. ނަމަވެސް ހިނިތުންވުމަކާއި އެކު ފެނިގެންދާ މި މޫނުގެ ވެރިޔަކީ ޝާހިދާ (އަސްލު ނަމެއް ނޫން) އެވެ. ޝާހިދާއާއި އޭނާގެ ތިން ދަރިން ދިރިއުޅެމުން ދަނީ އަމިއްލަ ގެއަކު ނޫނެވެ. އެކަނިވެރި މަޔަކަށް އެހީވުމަށްޓަކައި، ފާދިއްޕޮޅު ރައްޔިތަކު، ހިލޭ ސާބަހަށް އޭނާ އެމީހާގެ ގޭގައި ބަހައްޓައި ދިނީއެވެ. ޝާހިދާއަކީ އެ ރަށާއި އެއްވެސް ގުޅުމެއް އޮތް މީހެއްވެސް ނޫނެވެ.

ދިރިއުޅުން އެކި ތަންތަނަށް ބަދަލުކުރުމުގެ ތެރޭގައި، ޖުމްލަ 7 ގެއެއްގައި ދިރިއުޅެފައިވާނެ ކަމަށް ޝާހިދާ ބުންޏެވެ. "ހަމަ އެންމެ ނިކަމެތި ފަޅު ގޯތީގައި އަޅުގަނޑު އުޅުނީ. މި ގެއަކުވެސް އަޅުގަނޑު ކުލި ދީގެނެއް ނޫން މި އުޅެނީކީ." އަމިއްލަ ގޯއްޗެއްގައި ގެއެއް އަޅަން ބޭނުންވާކަން ހާމަކުރަމުން ޝާހިދާ ބުންޏެވެ.

ރިކޯޑަރ ޖައްސާލުމާއި އެކު، ޝާހިދާ އޭނާގެ ހަޔާތުގެ ޞަފްހާތައް މަޑުމަޑުން ކިޔައި ދޭންފެށިއެވެ. އޭނާގެ ވާހަކަތައް ފެށިގެންގޮސް ނިމެންދެންވެސް، އަޅުގަނޑަށް ފާހަގަވި އެއް ކަމަކީ ޝާހިދާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ބޭރުވެފައި ނުވާކަމެވެ. މިހާ ހިސާބުން ކިޔާދޭން މި އުޅެނީ ހިތްވަރު ގަދަ، އެކަނިވެރި މައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ހާދިސާ އެވެ.

މިހާރު އުމުރުން 40 އަހަރު ފަހަނައަޅައި ގޮސްފައިވާ ޝާހިދާވެސް އެންމެ ޒުވާން އުމުރުގައި ޒަވާޖީ ހަޔާތެއް ފެށިއެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާއަށް އަންހެން ކުއްޖަކު ލިބުނެވެ. ނަމަވެސް އެ ކައިވެނި ރޫޅިގެން ދިޔައީއެވެ. އޭގެ އަހަރުތަކެއް ފަހުން، އޭނާ އިތުރު މީހަކާއި ކައިވެނި ކުރިއެވެ. މި ކައިވެނިވެސް ކުރެވުނީ ފޮނި އުންމީދުތަކަކާއި އެކުގައެވެ. އެހެން ނަމަވެސް، ދެ ވަނަ ކައިވެންޏަށްވެސް އަންހެން ދަރިއަކު ލިބިފައި ވަނިކޮށް، ފިރިމީހާ އޭނާ ވަރިކުރީއެވެ.

އުންމީދުން ފުރިގެންވީ ހުވަފެންތަކުގައި ކުލަޖައްސަން ޝާހިދާވެސް މީހުންނާއި އިނެވެ. އެހެން ނަމަވެސް އޭނާއާއި ދިމާވި ފިރިހެނުން އެ ހުވަފެންތައް ބިލާހަކަށް ހެދިއެވެ. ވަރި ކުރުމަށް ފަހު، ދަރިންނާއި ދޭތެރޭވެސް އެއްވެސް އޯގާތެރިކަމެއް ނުބެހެއްޓިއެވެ.

ޒުވާން އުމުރުގައި މިފަދަ ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހިފައިވާ ޝާހިދާ، ހަޔާތުގެ ބައިވެރިއެއް ހޯދަން ބޭނުންވާ ވާހަކަވެސް އަޅުގަނޑުމެންނާއި ހިއްސާ ކުރިއެވެ. ނަމަވެސް، މިއަދު އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ލޮޅުމުގެ ސަބަބުން ޝާހިދާގެ އުންމީދުތައް ބިލާހަކަށް ވެގެންދިޔައެވެ.

ދެ ކައިވެނި ރޫޅުމަށްފަހު، ޝާހިދާ އޭނާގެ ދިރިއުޅުމުގެ މިސްރާބު މުޅިން އައު ދިމާލަކަށް އަނބުރާލިއެވެ. ދަރީންގެ މުސްތަގުބަލު އުޖާލާ ކުރުމަކީ އޭނާގެ ދިރިއުޅުމުގެ މަގުސަދު ކަމުގައި ހެދިއެވެ. ދިރިއުޅުމުގެ މި ޞަފްހާ އޭނާ ހުޅުވާލީ، ވަރިއަށް ފަހު އާއިލާގެ ކައިރިއަށް ދިއުމަށް ފަހުގައެވެ.

އެހެން ނަމަވެސް، ދެން އޭނާއާއި ކުރިމަތިލާން ޖެހުނީ އެއްވެސް މީހަކު ހީވެސް ނުކުރާ ފަދަ ކަންތައްތަކާއެވެ. ޝާހިދާގެ ރަށުގައި، އޭނާގެ އާއިލާ މީހެއްގެ ރަހުމަތްތެރިއެއް ރުޤްޔާގެ ނަމުގައި ސިހުރު ހަދާ ސިހުރުވެރިއެއް އެމީހުންނަށް ތައާރަފްކުރިއެވެ.

މި މިހާ ބުނާގޮތުންނަމަ ޝާހިދާގެ ގޭ މީހުންގެ ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ދަތިތަކަކީ ޝާހިދާގެ ގައިގައި ހުރި "ޝައިތާނީ ބާރު" ތަކާއި ގުޅިގެން ދިމާވާ މައްސަލަތަކެވެ.

އެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ގެއަށް ގެނައި "ރުގްޔާ" ކުރާ މީހާގެ ނަޒަރު ޝާހިދާގެ އިތުރުން، އޭނާގެ ކުޑަ ކުޑަ އަންހެން ދަރިފުޅަށްވެސް ހުއްޓުނެވެ. އެމީހާ ބުނި ގޮތުންނަމަ އެއީ ޝައިޠާނީ ބާރުތަކުގެ ސަބަބުން ހަލަނި އަދި ވިސްނުން ތޫނު ކުއްޖެކެވެ. އަދި އެކުއްޖާއަށް ވެސް ރުގުޔާ ކުރަން ޖެހޭނެ ކަމަށް އެމީހާ ވަނީ ބުނެފައެވެ. މި ވާހަކަތަކާއި ދޭތެރޭ ޝާހިދާގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. ނަމަވެސް، އާއިލާއަށް ޖެހިފައިވާ މުސީބާތްތަކަށް ހައްލެއް ގެނެސްދޭން ބޭނުންވާތީ، އެކަމާއި އޭނާ ކިތަންމެ ޖެހިލުންވިޔަސް، އެންމެ ފަހުން އެއްބަސްވިއެވެ.

ރުގުޔާކުރަން ގެއަށް ގެނައި ސިހުރުވެރިޔާ، އޭނާގެ ކިޔެވެލި ފެށުމާއި އެކު، ޝާހިދާގެ ހަށިގަނޑަށް އުނދަގޫތަކެއް ކުރިމަތިވާން ފެށިއެވެ. އެ ފިރިހެންމީހާ ގޭތެރޭގައި އަކަ ކުރެހުމަށްފަހު، އެތާނގައި އެ މީހާގެ އަތުގެ ގޮށްމުށުން ޖަހާލި ވަގުތު ޝާހިދާގެ ބުރަކަަށްޓަށް ތޫނު ތަދެއް އެރިއެވެ. " އަކަ ކުރަހާފައި އެތާ އޭނަ އަތުން ގޮށްމުށުން ޖެހީ. ފޯނުގައި މީހަކަށް ގުޅައިގެން އިނދެ ކުރި ކަމެއް ކުރީ." ޝާހިދާ ކިޔާދީފައިވެއެވެ.

މި ހިސާބުން، ސިހުރުގެ ވޭން ހުރި އަނދަވަޅުގެ ތެރެއަށް ޝާހިދާގެ ދިރިއުޅުން ވެއްޓުނެވެ.

އަދި އެވަރަކުން ފުދުނީކީ ނޫނެވެ. އަމިއްލަ ހަށިގަނޑުގައި އަޅާ ވޭނަކަށް ކެތް ކުރެވުނު ނަމަވެސް، ތިމާގެ ދެ ލޮލުގެ ނޫރު ފަދަ ދަރިފުޅަށް ކަމެއް މެދުވެރިވުމުން ކެތް ކުރެވޭނީ ކޮން މަޔަކަށް ހެއްޔެވެ؟

"އެއީ އޭނަގެ ބާރުންނެއް ނޫނޯ އޭނާ އެ އުޅެނީކީ. އޭނާއަކީ ކޮންމެވެސް ވަރަކަށް ޖިންނިންގެ ބާރު ލިބިފައިވާ ކުއްޖެކޯ." ކޮއްކޮގެ ރައްޓެއްސެއް ދަރިފުޅު ގައިގައި މައްސަލައެއް އުޅޭ ކަމަށް އާއިލާ މީހުން ގާތު ބުނީ މިފަދައިން ކަމަށް ޝާހިދާ ބުންޏެވެ. ޝާހިދާ، އޭނާގެ ލޯބިވާ ހަގު އަންހެން ދަރިފުޅު ސިފަ ކޮށްފައިވަނީ ނަމޫނާ ދަރިއެއްގެ ގޮތުގައިއެވެ. އެހާ ހަގު އުމުރެއްގައި ވެސް ނޯރާއަކީ (އަސްލު ނަމެއް ނޫން) ، އޭނާގެ ނާޒުކު އަތުން ގޭތެރޭގެ މަސައްކަތްތަކުގައި މަންމައަށް އެހީވަމުން ދިޔަ ކުއްޖެކެވެ. "ދަރިފުޅަކީ އަނގަގަދަ ކުއްޖެއް. މީހުންގެ ލޯބި ހޯދާނެ ވަރަށް ފަސޭހައިން." ޝާހިދާ ބުންޏެވެ. ދަރިފުޅަކީ ޝައިޠާނީ ކަމެއް ކުރިމަތިވެފައިވާ ކުއްޖެއް ނަމަ، އެ ކުއްޖާ ބަރާބަރަށް ނަމާދުކޮށް ޤުރްއާން ނުކިޔަވާނެ ކަމަށް ޝާހިދާ ބުނެފައި ވެއެވެ.

"ކުއްޖާގެ ހަލަނިކަން ކަނޑުވާލުމުގެ" ބޭނުމުގައި ކިޔަވާފައިހުރި ފެންފުޅިއެއް ގަޔަށް އެޅި ފަހުން، އުމުރުން 8 އަހަރުގައި ނޯރާގެ ހިނިތުންވުން އެއްކޮށް ފިލިއެވެ.

އެ ފިރިހެން މީހާ ކިޔެވި ކިޔެވެލި ތަކަށްފަހު، އުފާވެރިކަމާއެކު، އުޅެމުންދިޔަ ނޯރާ މުޅިން މަޑުމޮޅިވެ، މީހުންނާއި އެކަހެރިވާން ފެށިއެވެ. ނޯރާ އުޅެމުން ދިޔައީ މުޅިންހެން އެހެން މީހުންނާއި ދުރުގައެވެ. އެ ކުއްޖާ ކުއްލިއަކަށް ބަލިވެ، ހަރަކާތެއްވެސް ނުކުރެވޭ ހިސާބަށްވެސް ދިޔައީއެވެ. ޤުރްއާން ނުކިޔަވަންވެސް އެމީހާ އެންގިއެވެ.

ސިހުރު ހާހޫރައާއި ފަންޑިތައަކީ ދިވެހިންގެ ތެރޭގައި އައު ވާހަކަތަކެއް ނޫނެވެ. ރޫހާނީ ކަންކަމާއި، ސިހުރުގެ ސަބަބުން އިންސާނުންނަށް ދިމާވާ ހިތްނުތަނަވަސްކަމާއި އުދާސްކަން އަދި ނުރައްކަލުގެ ވާހަކަތަކަކީ އަބަދުވެސް ކަންފަތުގައި ހަރުލާފައި ހުންނަ ވާހަކަތަކެކެވެ.

އެހާ ހިސާބުން ރުގްޔާގެ ނަމުގައި އޭނާއަށް ހަދާފައިވަނީ ނުބައިވެގެންވާ ސިހުރެއްކަން ޝާހިދާއަށް ރޭކާލިއެވެ. އެހެންވިޔަސް، ގޭތެރޭގެ އެއްވެސް މީހަކު އެއީ ރުގްޔާ ނޫންކަން ޤަބޫލެއް ނުކުރިއެވެ. އޭގެ ފަހުން އާއިލާގެ އެންމެންނާއި، ލޯބިވާ ދޮށީ ދަރިފުޅުވެސް ޝާހިދާއާއި ވަރަށް ބޮޑަށް ދުރުވިއެވެ. އޭގެ ސަބަބުން ރަށް ދޫކޮށްފައި ދާން އޭނާއަށް މަޖުބޫރުވިއެވެ.

ޝާހިދާއަކީ އަމިއްލަ މަސައްކަތުން ކާންބޯން ލާރި ހޯދާ މީހެކެވެ. ދުވާލުގެ ވަގުތުތަކުގައި އާމްދަނީ ހޯދުމުގައި އަވަދިނެތި އުޅުނު އުޅުން، ފަހުން ރެއާއި ދުވާލަށް ބަދަލުވެގެން ދިޔައެވެ. ދިރިއުޅުމުގެ އުފަލުން މަހުރޫމުވެ، މަދު ފައިސާކޮޅަކަށްޓަކައި އެކި ތަންތަނުގައި، އެކި އެކި މަސައްކަތްތައް ކުރުމުގައި ކޮންމެ ދުވަހަކުވެސް ހުރިހާ ވަގުތެއް ހޭދަކުރުމަކީ، މިއަދު މި އަންހެންމީހާގެ ދިރިއުޅުމުގެ ހަގީގަތެވެ.

އޭރުގައި އެ ނުބައިވެގެންވާ ސިހުރުގައި ޖެހުނު ފަހުން، ޑޮކްޓަރަށް ދައްކަން ދާން ޖެހެނީވެސް ރަށާއި ކޮންމެވެސް ވަރަކަށް ދުރުގައި އޮތް ކުޅުދުއްފުއްޓަށެވެ. ކޮންމެ ދުވަހަކު ނޯރާ ގޮވައިގެން ކުޅުދުއްފުއްޓަށް ދިގު އަދި އަގުބޮޑު ދަތުރުތައް ކުރަން ޖެހުނެވެ. ނޯރާގެ ފަރުވާއަށް އިތުރު ހަރަދެއް ދިޔަޔަސް، ދަރިފުޅުގެ ބައްޕަގެ އަތުން ފައިސާ އަށް ނޭދެން ޝާހިދާ ނިންމިއެވެ. އެއީ ކުރީގެ ފިރިމީހާ ގާތުގައި ކޮންމެ ފަހަރަކު ދަރިފުޅުގެ ޚަރަދު ބަލަން އެދުމުން ލިބޭ ޖަވާބު ތަކުގެ ސަބަބުން، ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރު ހީވެގެންނެވެ.

އޭނާއަށް އެންމެ ބޭނުންޖެހުނު ދުވަހު އެހީތެރިކަން ފޯރުކޮށް ނުދިން ފިރިހެން މީހެއްގެ ކިބައިން އާދޭސް ނުކުރަން އޭނާ ނިންމިއެވެ. ބަދަލުގައި ރަހުމަތްތެރިންނާއި ނޯރާގެ ސްކޫލު މުދައްރިސުންގެ ފަރާތުން އޭނާގެ ދަރިފުޅަށް ކުލުނާއި އެހީތެރިކަން ލިބުނެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ފަރާތްތަކާއި ވާހަކަ ދައްކައިގެންވެސް ޝާހިދާ އެހީއަށް އެދުނެވެ. އެހެން ނަމަވެސް އެއްވެސް ޕާޓީއަކުން އެހީ ނުލިބޭ ކަމަށާއި، އަދާލަތު ޕާޓީގެ ބައެއް މީހުން އަމިއްލަ ގޮތުން ކޮންމެވެސް ވަރަކަށް އެހީތެރިވި ކަމަށް ޝާހިދާ 'ވަގުތު' އަށް ކިޔާދިނެވެ.

އޭނާ ނިސްބަތްވާ ދާއިރާ ތަމްސީލްކުރާ މަޖިލީސް މެމްބަރު ކައިރިންވެސް އެހީއަށް އެދުމުން ލިބުނީ ނާއުންމީދީ ޖަވާބެކެވެ. މެމްބަރު ބުނީ ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓް ކުރުމަށެވެ.

"އެއީ ގާތްގަނޑަކަށް އެ ބަލީގައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން. މެމްބަރު ކައިރިން އެހީއަށް އެދުމުން ބުނީ ޖެންޑަރ ކައިރިން އެހީއަށް އެދޭށޭ. ޖެންޑަރއިން އެކަނިވެރި މައިންނަށް މިކަހަލަ ކަންތައްތަކުގައި، އަދި އެހެން ގޮތްގޮތުންވެސް އެހީތެރިކަން ދޭންޖެހޭނެ ކަމަށް މެމްބަރު ވިދާޅުވީ." ޝާހިދާ ކިޔާދިނެވެ.

އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހޯދުމާއި، އެހީ ހޯދަން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން އޭނާއަށް ވެފައި ވަނީ ވަރަށް ބޮޑު ތަކުލީފަކަށެވެ. ނުހިނގޭ ކުއްޖަކާއި، ދޮޅު އަހަރުގެ ތުއްތު ކުއްޖަކު ގޮވައިގެން އުޅޭ މީހަކަށް މި މަސައްކަތްތައް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ސިހުރުވެރިޔާގެ ނުބައި އަމަލާއި ގުޅިގެން ޝާހިދާ ވަނީ ފުލުހުންނަށްވެސް މައްސަލަ ހުށަހަޅާފައެވެ. އެހެނަސް، ފުލުހުންގެ ފަރާތުން މި މައްސަލައަށް އެއްބާރުލުން ނުލިބޭ ކަން ޝާހިދާ ވަނީ ފާހަގަ ކޮށްފައިއެވެ. ޝާހިދާ ބުނެފައިވަނީ، މި މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ކުއްޖާ ގައިގައި ސިއްހީ މައްސަލައެއް ނެތްކަން ފުލުހުންނަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭކަން ފާހަގަކޮށް ޝާހިދާ ބުނީ، ފުލުހުން ބަޔާން ހޯދަން އައީވެސް ޝަކުވާ ހުށަހެޅުމުގެ 6 މަސް ދުވަސް ފަހުން ކަމަށެވެ.

އެހެނަސް، އަތްމަތި ދަތި ޝާހިދާއަށް ފައިސާގެ ތާށިކަމާއިއެކު، ނަފްސާނީ ބޭސްވެރިންނަށް ދައްކައިގެން ދަރިފުޅު ހަދަންޖެހޭ ނަފްސާނީ ޓެސްޓްތައް ހެދޭނީ ކިހިނަކުންބާއެވެ؟

ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައިވެސް ހިތްދަތި ކަންތައްތައް ކުރިމަތިވެއެވެ. އަރަހުށި މާތް ރަސްކަލާނގެ ކޮންމެ އިންސާނެއްގެ ހަޔާތަށްވެސް އިމްތިހާނުތައް ކުރިމަތި ކުރުވައެވެ. ނަމަވެސް ކުރިމަތިވާ އުނދަގޫތަކުން ސަލާމަތްވާނެ މަގުވެސް އެކަލާނގެ އަޅުތަކުންނަށް ދައްކަވާފައި ވެއެވެ.

ޖެހިފައިވާ ސިހުރާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޝާހިދާ އަދިވެސް ދަނީ ކެތްތެރިކަމާއިއެކު މަސައްކަތް ކުރަމުންނެވެ. އޭނާގެ ދަރިފުޅަށް ގެއްލުންދިން ސިހުރުވެރިޔާގެ ބަހަށް ނުހެއްލި، ޝާހިދާ އޭނާގެ ދަރިފުޅުގެ ކިބައިގައި އަށަގަނެފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ އާދަ ދެމެހެއްޓިއެވެ. އޭނާގެ މަސައްކަތުން މިއަދު ނޯރާގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅެވެ. އެހެނަސް، މިއަދު އެ ކުއްޖާ ވަނީ ނަފްސާނީ އަނިޔާގެ ޝިކާރައަކަށް ވެފައިއެވެ.

މުޖުތަމައު ތެރޭގައި އެއް ބަޔަކު ޝާހިދާ ފަދަ އެކަނިވެރި މައިންނަށް އަޅާލާއިރު، އަނެއް ބައި މީހުން ދަނީ ޝާހިދާއަށް ފުރައްސާރަ ކުރަމުންނެވެ.

ހިތްވަރާއިއެކު، ދަތި ދިރިއުޅުމެއް ތަޖްރިބާކުރަމުންދާ ޝާހިދާއަށް، ރަހުމަތްތެރިންގެ މާލީ އެހީ އާއި، އަދި އެހެނިހެން އެހީތައްވެސް ލިބޭތީ އޭނާ ޝުކުރުވެރި ވެއެވެ.

މިއަދު ޝާހިދާއަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އޭނާގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަވަސް ފަރުވާއަކަށް ބޭނުންވެފައި ވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެކަމަށާއި، އަދި ދަރިފުޅަށް ނަފްސާނީ އެހީ ހޯދުމަށްވެސް މިއަދު އޭނާ ވަނީ ފައިސާގެ އެހީތެރިކަމަށް ބޭނުން ޖެހިފައެވެ.

އޭނާގެ ވާހަކަތައް ނިންމާލަމުން ޝާހިދާ ބުނެފައިވަނީ އެންމެ އެއްޗެކެވެ. "އަހަރެން ބޭނުންވަނީ އެންމެ ކަމެއް އެނގިލަން. ކޮން ބޭނުމެއްގައިތޯ އެމީހަކު އަހަރުމެންނަށް ސިހުރު ހެދީ. މީހަކު ބުނެގެންތޯ؟ ކޮން މަޤްޞަދެއްގައިތޯ؟ އަޅުގަނޑު ބޭނުންވަނީ އިންސާފު ހޯދަން."

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޟެން

    މިގައުމުގައި އެކި އެކި ނަމުގައި ވަރަށް ގިނަ މުއައްސަސާތަށް ގިނަ ވާނެ އެކަމަކު މީ ރައްޔިތުންގެ ތެރެއިން އެއްބަޔަކު އުޅެންޖެހިފައި ވާގޮތަކީ ބަލާލާނެ ފަރާތެއް ނެތް.މީގެ އިތުރުން ކޮންމެ ރަށެއްގައި ވެސް އޮންނާނެ ކައުންސިލެއްވެސް އެކަމަކު މިކަހަލަ ރައްޔިތަކަށް އަޅާލުމެއް ނުހުރޭ. އެހީ އަކަށްޖެހިގެން މިގުޅަން ޖެހެނީ މާލޭގައި ހުންނަ ތަނަކަށް ،އެބަޔަކަށް ހިރުވާތަން ކަހާލާގެން އެޓެންޑް ވެވޭއިރު ހުންނަނީ ވާނެ އެޗެއް ވެފަ.ސިހުރު ހަދާމީހުންނަކީ މީހުން މަރާ މީހުނަށް ވުރެވެސް ނުބައި ނުލަފައި ރަޙުމެއް ނެތް ބައެއް. މިފަދަ މީހުންނަކީ އެއްގޮތަކަށްވެސް މުޖުތަމައުގައި އުޅެން ދޫކޮށްފައި ބައިތިއްބަން ޖެހޭ ބައެއް ނޫން .މި މީހުންގެ އަމިއްލައެދުމާއި ދަހިވެތިކަމާއި ނުބައިނުލަފައިކަމާއި ހަސަދަވެރިކަމާއި ރަހަމުކުޑަކަމުގެ ސަބަބުން ކިއްތަށް މީހުން ،ކިތައް އާއިލާތަށް ބިކަވެފައި ތަކުލީފް މަތީގައި މިރާއްޖޭގައި ދިރިއުޅެން ޖެހިފައި އެބަ ތިބި.

    56
    1
  2. ހުސޭނުބޭ

    ރުޤްޔާކުރަނީއޭ ކިޔައިގެން މީހުންނަށް އޮޅުވާލަން އުޅޭ ފައްކާ ޝައިޠާނަކާ ތިޖެހުނީ

    58
    1
  3. ހވުޔުހުބުބޖުޔޖ6ުބު

    އަހަރެމެން ރަށުގާ ފާފަޔަކަށް ކުރާ ހަމައެކަނި ކަމަކީ ލަވަޔާ މިއުޒިކު. ލަވަޔާ މިއުޒިކުގެ ދީނީ ހުކުމޭ ކިޔާގެން ދެއްކީމަ ދީން ޕްރޮމޯޓޭމެންގެ އެކުވެރި އާއިލީ ބޫގަލޭމެންގެ ވާހަކަ މީހުން ނުދައްކާނެ އެއްނު

    17
    1
  4. 💯

    ނިކަމެތި މީހާއަށް ނިކަމެތި ގޮތް ނުވީތާކަށް ސިހުރު ވެރިޔާ ހައްޔަރު ކުރުމުގެ ބާރެއްވެސް އަދި މައްސަލަ ތަހުގީގު ކުރުމުގެ ބާރެއްވެސް ފުލުހުންގެ އަތުގަނެއް ފުލުހުންތިބީ ސިހުރުގާޖެހިފާ !!!!!

    17
  5. އަސްލަމް

    މެތުރުން ޑޮޓް ކޮމް އަށް ޒިޔާރަތްކޮށްލައްވާ! އަދި އެވެބްސައިޓް މެދުވެރިކޮށް ރާޤީއާއި ސުވާލުކުރައްވާ! އޭރަށް ޝަރުޢީ ރުޤްޔާގެ އެހީތެރިކަން ލިބިގެންދާނެ އިންޝާﷲ.

    8
    3
  6. ޗަކަ މަރީނާ

    ރުގުޔާ ކުރާ މީހުން މުޅިންވެސް ބޭނުންކުރަނީ 3ވައްތަރެއްގެ ބޭސް އެއި ހޮޑުލައްވާ ބޭސް ނިދާބޭސް އަދި އަންހެންވެރިންނަން ދެނި ފީލިންގ ބޭސް މީ ރައްޖޭގައި ރުގުޔާ ކުރާ މީހުންގެ އާއްމުކޮން ކުރާ ކަމަކީ

    5
    1
  7. ކަލާކޯ

    ތިޔަ މީހާގެ ވާހަކަ ކަމާ ބެހޭ ފަރާތަށް އަންގަން ފެނޭ. މިމައްސަލަ ތަހުގީގު ކުރެވެން ޖެހޭނެ ކަމުގައި ދެކެން

  8. ސޮސައިޓީ

    ސިޙުރުވެރިން ޖެހޭނީ ހަމަ މަރަން!