(ޅ.ހިންނަވަރު) މައިންގެ ލޯތްބަކީ ދުވަހަކު ވެސް ނިމުމެއް ނުވާ ލޯތްބެކެވެ. މަރު ދުވަހާ ޖެހެން ދެން ވެސް އެ ލޯބި ދެ ގޮތެއް ނުވެ އޮވެއެވެ. ނުވަ މަހާއި ނުވަ ދުވަސް ވަންދެން ބަނޑުގައި ދަރިން އުފުލަނީ ހާދަ ވޭނެއްގައެވެ. ރޭގަނޑުގެ އަރާމު ނިންޖާއި އެތައް އުފާތަކެއް ދަރިންނަށްޓަކައި ޤުރުބާންކުރެއެވެ. ކޮންމެ މައެއްވެސް، އެ މައެއްގެ ފެންވަރުން ދަރިންނަށް ރަނގަޅު، މޮޅު ގޮތް ހޯދައި ދިނުމަށް އެދޭނެއެވެ. އަދި ދަރިންނަށް ދެރަ ގޮތެއް ދިމާވުމަކީ ކޮންމެ މަޔަކުވެސް އެކަމާ ހިތާމަ ކުރާނެ ކަމެކެވެ.

މިއީ ވެސް އެ ފަދަ ހިތްދަތި މަންމަ އެއްގެ ވާހަކަ އެކެވެ. ހަ ކުދިން ގެ މަންމަ، ޅ.ހިންނަވަރު، ނޫރާނީގެ، ރުޤިއްޔާ އަބްދުލް ސާލިހް ގެ އުނދަގޫ ހަޔާތުގެ ވާހަކައެވެ. ރުޤިއްޔާ އަކީ، ހީވާގި ފިސާރި ކަނބަލެކެވެ. އެންމެންނާއި ވެސް ގުޅޭ ސަކަ މިޒާޖެއްގެ، ދަރިންނަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީ އެއް ވުމަށްވެސް ފަސްނުޖެހޭ އަންހެނެކެވެ. ދަރިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ވެހޭ ހާ ވާރޭ އެއްގައި އަދި ދޭހާ އަތްވެއްގައި މުޅި ދުވަސް ދަރިންނަށްޓަކައި ހޭދަ ކުރާ މަންމައެކެވެ.

ރުޤިއްޔާ އަބްދުލް ސާލިހް އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދެނީ-- ވަގުތު އިމޭޖެސް: އަހްމަދު ޖައިޝަމް

ރުޤިއްޔާ ގެ ބައްޕަ އަކީ ލޮލު ގެ ފެނުމުން މަހުރޫމުވެފައިވާ މީހެކެވެ. ރުޤިއްޔާ ގެ ޅަ ދުވަސްތައް ހޭދަކުރަން ޖެހުނީ ދޮން މަންމަ އެއްގެ ކައިރީގައެވެ. ދޮންމަންމައަށް ގޭތެރޭގެ ހުރިހާ މަސައްކަތް ތަކެއް ކޮށްދެމުން، ރުގިއްޔާގެ ޒުވާން ދުވަސްތައް ދިޔައީ ވަރަށް ވެސް ބުރަކޮށެވެ. މިހެން ދުވަސްތައް ހޭދަ ކުރަމުންގޮސް، މީހަކާއި އިނދެ ފުރަތަމަ ދަރިފުޅު ލިބުނެވެ. ދަރިއެއް ލިބުމުން އާއިލާގެ މީހުންނާއި، ގާތް ރަހްމަތްތެރިން ގެއަށް ޒިޔާރަތް ކުރުމަކީ އާންމު ކަމެކެވެ. ދަރިފުޅު ލިބި ދެމަސް ވީ ފަހުން، މި ގޮތަށް ގެއަށް އަންނަ ރަހުމަތްތެރިން، ދަރިފުޅުގެ ލޮލުގެ މައްސަލަ އެއް އުޅޭ ކަމަށް ބުނެއެވެ. ނަމަވެސް ރުޤިއްޔާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

އެ ގޮތުގައި ދުވަސްތައް ހޭދަ ވަމުންގޮސް، ދަރިފުޅަށް ހަތް މަސް ވަނިކޮށް، ރުޤިއްޔާ އަށް ވެސް އަލަތު ދަރިފުޅު ގެ ލޮލު ގެ މައްސަލަ އެއް އުޅޭކަން ފާހަގަކުރެވެން ފެށިއެވެ.

"އަޅުގަނޑު ހީކުރީ އަޅުގަނޑު އުރާލާ އިރަށް ހުއްޓާލާތީ ދަރިފުޅަށް ފެންނަ ކަމަށް، ދެން ފަހުން މީހުން ލޮލާ ދިމާލަށް ބެލީމާވެސް ދަރިފުޅަށް ނޭނގޭތީ އެ ހިސާބުން ދެން އެނގުނީ ދަރިފުޅަށް ނުފެންނަ ކަން، އެ ދުވަހު ދެން ވަރަށް ދެރަވި." ފެންކަޅިވެފައި ހުރި ހާލުގައި ރުޤިއްޔާ ކިޔައި ދިނެވެ.

ޅ. ހިންނަވަރު-- ވަގުތު އިމޭޖެސް: އަހްމަދު ޖައިޝަމް

އަލަތު ދަރިފުޅަކީ ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ކުއްޖެއް ކަން އެނގުމުން ކޮންމެ މަޔަކުވެސް އިންތިހާއަށް ދެރަވާނެއެވެ. އެ ކުއްޖާ ބޮޑުވެ، މުޖުތަމައަށް ނުކުމެ އުޅޭނެ ހާލާއި މެދު ވިސްނައި ހާދަ ފިކުރެއް ކުރާނެއެވެ. ނަމަވެސް ރުޤިއްޔާ ގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. މާތްﷲ އެއްވެސް އިންސާކަނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަން އޭނާ ހިތުގެ އަޑިން ގަބޫލު ކުރެއެވެ.

ޅ. ހިންނަވަރު-- ވަގުތު އިމޭޖެސް: އަހްމަދު ޖައިޝަމް

އިހު ޒަމާނުގައި، ގޭގެ އަށް ގޮސް މަސައްކަތް ކޮށްދިނުމަކީ އަންހެންވެރިން ވަޒީފާ އަދާ ކުރަމުން އައި ގޮތެވެ. ރުޤިއްޔާ އަކީ ވެސް ހަމަ އެގޮތަށް ގޭގެ އަށް ގޮސް މަސައްކަތް ކޮށްދީގެން ކައިބޮއެ އުޅުނު މީހެކެވެ. ދަރިފުޅަށް އެއް އަހަރު ވުމުން، ދޮންދައިތަ ކިޔާ މީހެއްގެ ގެއަށް މަސައްކަތް ކުރަން ދާން ފެށިއެވެ. ރުޤިއްޔާ އާއި އެކު އެ ގެއަށް މަސައްކަތް ކުރަން އިތުރު 3 މީހަކު ދެއެވެ. މުޅި ދުވަސް ހޭދަ ކުރަންޖެހެނީ މަސަތްކަތް ކުރަން ދާ ގޭގައެވެ. ގިނަ ފަހަރު ގެއަށް އާދެވެނީ ރޭގަނޑު 8 ވެސް ޖަހާފަހުންނެވެ.

މިޒަމާނުގައި ވަޒީފާ އަދާކުރުމުން ބޮޑެތި މުސާރަ ދިނެއް ކަމަކު، އޭރު ލިބެނީ އަނގައަށް ލާނެ ކާއެތިކޮޅު އެކަންޏެވެ.

"ހެނދުނު 7 ޖަހާއިރަށް ދަން. އެ ގޭގައި ކައްކާ ހުރިހާ ކަމެއް ކުރާނީ އަޅުގަނޑުމެން. ދެން ބައެއް ދުވަސް ދުވަހު ޖެހޭނެ އެއްޗެހި ދޮންނަންވެސް. ދޮންނަން ޖެހޭ ދުވަހެއް ވެއްޖެއްޔާ ހެނދުނު 8 ޖަހާއިރު ފަށާގޮތަށް މެންދުރު 12 ޖަހާއިރު ވެސް އުޅޭނީ އެކަމުގައި. އޭރު ދޮންނަން ޖެހެނީ ފަށްޖެހި އެނދު މަތީ ބުރުސް އަޅައިގެން، ދެން އަތުން ފެންލާނީ ދާނިން ފެން ނަގައިގެން." ރުޤިއްޔާ ކިޔައިދިނެވެ.

މިއީ އޭރު ރުޤިއްޔާ ގެ އެއް ދުވަސް ހޭދަ ކުރަން ޖެހިފައިވާ ގޮތެވެ.

ދަރިފުޅު ވެސް ފެންވަރުވަން ޖެހެނީ އެ މަސައްކަތް ކުރަން ދާ ގެއިންނެވެ. މުޅި މަސައްކަތް ނިމިގެން ނޫނީ ގެއަކަށް ނާދެވެއެވެ. ކުޑަ ކުއްޖެއް ގޮވައިގެން، ރޭގަނޑު 8 ޖަހާއިރުވެސް ގެއަށް ނާދެވި، މަސައްކަތުގައި އުޅެނީ ވަރަށް ބުރަކޮށެވެ. ރުޤިއްޔާމެންނަށް ކެވެނީ ވެސް އެ ގޭ މީހުން ކައި ނިމުމުންނެވެ. ގެއަށް އަންނަ ގޮތަށް ނިދާފައި، އަނެއްކާ އަނެއް ދުވަހުވެސް ހެނދުނު ދަނީ މަސައްކަތަށެވެ.

ޅ. ހިންނަވަރު-- ވަގުތު އިމޭޖެސް: އަހްމަދު ޖައިޝަމް

ރުޤިއްޔާގެ ބައްޕަ ގެ ލޮލަށް ނުފެނުނު ނަމަވެސް ބައްޕަ އަކީ ސްކޫލު ޓީޗަރެކެވެ. ރުޤިއްޔާގެ އެއްބަނޑު އެއްބަފާ ހުންނަނީ އެންމެ މީހެކެވެ. އޭނާ އޭރު އުޅެމުން ދިޔައީ މާލޭގައެވެ. ދެން ހުންނަނީ ރުޤިއްޔާގެ އެއްބަފާ، ރުޤިއްޔާ އަށް ވުރެ ހަގު އަންހެނެކެވެ. ދަރިފުޅަށް އީދު ހެދުމާއި، ރޯދަ މަހަށް ހަދިޔާ ދީ ހަދަނީ އެ މީހުންނެވެ. ނަސީބު ދިމާކުރި ގޮތުން ރުޤިއްޔާ އަށް ލިބިފައި ވަނީ ރަނގަޅު، ހިތްހެޔޮ އާއިލާއެކެވެ.

ރުޤިއްޔާ ގެ އުމުރުން 18 އަހަރުގައި އަލަތު ކައިވެންޏެއް ކުރެވުނެވެ. ފިރިމީހާ އަކީ ބޭރު ދަތުރު ކުރާ މީހެކެވެ. އަދި އެހާމެ ރަނގަޅު ފިރިއެކެވެ. މަހުން މަހަށް ބަރާ ބަރަށް ލާރި ފޮނުވައެވެ. ކޮންމެ މީހަކަށް ވެސް އަޑި ގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ އޭ ބުނެ އުޅެވެ. ރުޤިއްޔާ ގެ ހަޔާތަށް ވެސް ވީ މިހެންނެވެ.

ނަމަވެސް، ފަސް ކުދިން ލިބި ހަ ވަނަ ކުއްޖާ އަށް ބަނޑުބޮޑުވެ، ވިހަންވެފަ ހުރި ދުވަސްތަކަކީ އަނެއްކާ ވެސް ރުޤިއްޔާ ގެ ހަޔާތަށް އައި އަޑިގަނޑެކެވެ. ފިރިމީހާ ބޯޓު ދަތުރުކޮށް އުޅެމުން ދެން ބަދަލު ވީ ތިލަފުއްޓަށް ވަޒީފާއަށެވެ. ތިލަފުށީ ގައި ހަތް މަސް މަސައްކަތް ކުރި އިރުވެސް ފައިސާއެއް ފިރިމީހާ އޭރު މަސައްކަތް ކުރި ކުންފުނިން ނުދެއެވެ. އޭރު ރުޤިއްޔާ އިނީ ވިހަންވެފައެވެ. ފައިސާ ދޭތޯ ބަލަން ފިރިމީހާ ވިހާ ތަނަށް ވެސް ނާދެވުނެވެ. ރުޤިއްޔާ އަށް ވިހަން ދާން ޖެހުނީ ރުޤިއްޔާ އަށް ދެވަނަ އަށް ލިބުން ކުއްޖާ ގޮވައިގެންނެވެ. އޭރު އެ ކުއްޖާ އުޅޭނީ ގްރޭޑް 9 އެއްގައިއެވެ. ވިހައިގެން އައިއިރު ވެސް ފިރިމީހާ އަކަށް ރުފިޔާ އެއް ނުދެއެވެ. ދެން އަނެއްކާ ވެސް ރުޤިއްޔާ ގަސްތު ކުރީ މަސައްކަތް ކުރުމަށެވެ. ނަމަވެސް، ކުރިން ކުރި ކަހަލަ މަސައްކަތެއް ނޫނޭވެ. އަމިއްލަ އަށް މަސައްކަތެއް ފެށުމަށް ރުޤިއްޔާ އަޒުމު ކަނޑައެޅިއެވެ.

ޅ. ހިންނަވަރު-- ވަގުތު އިމޭޖެސް: އަހްމަދު ޖައިޝަމް

ފިރިމީހާ ގެ ރުހުމާއި އެކު، ރުޤިއްޔާ އަމިއްލަ އަށް މަސައްކަތްކޮށް އާމްދަނީ ހޯދަން ފެށިއެވެ. އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ކަނަމަދު ފެޅުމެވެ. އޭރުގައި 50 ރުފިޔާ އަށް ބަސްތާ އެއް ވިއްކައެވެ. ނަމަވެސް ރުޤިއްޔާ ވިއްކީ 50 ރުފިޔާއަށް ލާސްއެކެވެ. ހަ ލާހި ބަސްތާއެއްގައި ހުންނާނެއެވެ. ރުޤިއްޔާ، ކަނަމަދު ފަޅަމުން ހެދިކާ ވެސް ހެދިއެވެ. އެ މަސައްކަތް ކުރަމުން ގޮސް ދެން އަނެއްކާ ވެސް ރުޤިއްޔާ ފެށީ އެހެން ކަމެކެވެ. އެއީ އަތުޖެހި ހެދުމެވެ. މުސާރަ އެއް ދީގެން އިތުރު މީހެއް އަތުޖެހި ހެދުމަށް ރުޤިއްޔާ ގެނައެވެ، ދެ މީހުން އެކީ އަތުޖެހި ހަދަމުން އޭގެން ކޮންމެ މީހަކަށް 700 ރުފިޔާ ޖެހެއެވެ. އެއީ އެ ޒަމާނަށް ބަލާއިރު ވަރަށް ގިނަ ރުފިޔާއެވެ.

ރުޤިއްޔާގެ، އަލަތު ދަރިފުޅުގެ ލޮލަށް ފެނުމުން މަހުރޫމުވެފައި ވަނިކޮށް، އަނެއްކާ ވެސް އެންމެ ހަގަށް ލިބުން ކުއްޖާ ވެސް މައްސަލައެއް ހުންނަކަން ފާހަގަވާން ފެށިއެވެ. ނަމަވެސް އެ ކުއްޖާގެ ލޮލުގެ ފެނުން ރަނގަޅެވެ. ހަގު ދަރިފުޅަށް ދިމާވީ ފައިގެ މައްސަލައެކެވެ. އެ ކުއްޖާ ގެ ފުންނާބެއް ނުޖައްސައެވެ. ކޮންމެ ފައެއްގެ ވެސް 3 އިނގިލި އެކަނި ޖައްސަނީ، ކުރިއެކޭ އެއްގޮތަށް ރުޤިއްޔާ އަށް މިބުރު ވެސް އެއީ މާ ބޮޑު މައްސަލައެއް ކަމަކަށް ނުހަދައެވެ. ރުޤިއްޔާ ހީކުރީ ބޮޑު ވީމަ ރަނގަޅުވާނެކަމަށެވެ.

އެހެން ދުވަސްތައް ހޭދަ ކުރަމުން ކުއްޖާ ގްރޭޑް 9 އަކަށް ދިއުމުން ޑޮކްޓަރަށް ދައްކާލަން ލަންކާ އަށް ދިޔައެވެ. ލަންކާ އަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ބުނީ ކުއްޖާގެ ބަދައެއް އަޑިއަށް ގޮސްފައިވާ ކަމެވެ. އޮޕްރޭޝަން ނުކޮށްފިނަމަ ކުއްޖާ އަށް ތެދުވެ ނޫޅެވޭނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. ވަގުތުން އޮޕަރޭޝަން ކުރިއެވެ. ރުޤިއްޔާގެ އާއިލާގެ އެއް ބާރުލުމާއި، އަމިއްލަ މަސައްކަތުން އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރެވުނެވެ.ރުޤިއްޔާ ހަގުދަރި ގޮވައިގެން ދެ މަސް ދުވަސް ވަންދެން ލަންކާ ގައި އުޅުމަށްފަހު ރާއްޖެއައެވެ.

ދެމަސް ދުވަހުގެ ބްރޭކަކަށް ފަހު ރުޤިއްޔާ އަނެއްކާވެސް ކުރަމުން އާއި މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

ޅ. ހިންނަވަރު އަތުޖެހި ތައްޔާރު ކުރުން -- ވަގުތު އިމޭޖެސް: އަހްމަދު ޖައިޝަމް

 

ދެހާސް ފަހެއް ހިސާބުގައި އަތުޖެހި އާއި ގުޅަ، ބަޖިޔާ ހަދައި ވިއްކަން ފެށި ފަހުން މިއަދާއި ހަމައަށް ވެސް ރުޤިއްޔާ އަންނަނީ އެ މަސައްކަތް ކުރަމުންނެވެ. މިހާރު ރުޤިއްޔާ އަށް އާމްދަނީ އެއް ގޮތުގައި، މަހަކު 30،000 އަށް ވުރެ ގިނައިން ލިބެއެވެ.

" ދުވަހަކުވެސް ހިއެއް ނުކުރަން މިކަހަލަ ދުވަހެއް ފެންނާނެ ކަމަށް، އޭރު ހީކުރި ދެން އެ ހާލުގައި އުޅެންށޭ ޖެހޭނީ" ރުޤިއްޔާ ބުންޏެވެ.

ރުޤިއްޔާ އެ ހާލުގައި އުޅުނު އިރުވެސް މީހަކު އަތުން ލޯނެއް ނުނަގައެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ، ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައި ދިނެވެ. މިހާރު އުފާވެރި ހަޔާތެއްގައި ދިރިއުޅެމުން އަންނަ ރުޤިއްޔާ އަކީ ލާމަސީލު މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާނޭ

    ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަގާމުން ވަކިކުރުމުގެ މައްސަލަ ނުވަތަ އަޒުލުކުރުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ސޮއިކުރަން ފަށައިފި އެވެ.

    6
    5
  2. ތެދެއް

    ހިތްވަރުގަދަ ކަނބަލެއް. ތީ އަންހެނުންނަކީ.

    24
    1
  3. ސިޑް

    ހިތްވަރުގަދަ ކަނބަލެއް. ސާބަހޭ