ޅ. ހިންނަވަރާއި ރ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުއަކީ ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މައި މަޝްރޫއުގެ ތެރެއަށް އިތުރު ކުރެވުނު މަސައްކަތްތަކެކެވެ.

އާބާދީގައި 5،049 މީހުން ހިމެނޭ ހިންނަވަރު ރައްޔިތުން އާންމުކޮށް މަސައްކަތް ކުރަނީ އަތޮޅުގެ އެކިއެކި ރިސޯޓުތަކުގައެވެ. ޅ. ފެލިވަރުގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަޒީފާ އަދާކުރެއެވެ. މީހުން ދިރިއުޅޭ މަދު ރަށްތަކެއް އޮންނަ ޅ. އަތޮޅުގައި ގިނަ އަދަދެއްގެ ރިސޯޓުތަކެއް އަންނަނީ ހިންގަމުންނެވެ.

ހިންނަވަރުގައި މަސްވެރިކަން މާ ބޮޑަށް ނެތް ނަމަވެސް މަހަށް ފުރާ ހަތަރު ދޯންޏެއް އޮވެއެވެ. އަދި ފަރުމަސްވެރިކަމާއި ދަތުރުފަތުރުގައި ބޭނުން ކުރާ ފަންސާހަކަށް ލޯންޗާއި ޑިންގީ ވެސް އޮވެއެވެ.

މަސްވެރިކަން ރަނގަޅު މޫސުމުގައި ފެލިވަރަށް މަސް ކިރުމަށް އަންނަ ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ އޮޑިފަހަރުތަކެއް ބަނދަރު ކުރާ ރަށަކަށްވުމާ އެކު، ރަށުގައި ރަނގަޅު ފެންވަރެއްގެ ޖާގަ ތަނަވަސް ބަނދަރެއް އޮތުމަކީ ރަށަށް ފައިދާ ކުރާނެ ކަމެއް ކަމުގައި އެމްޓީސީސީން ދެކެއެވެ. އަލަށް ހަވާލު ކުރި މަޝްރޫއުއާ އެކު ރަށުގެ ބަނދަރުގެ ދަތިކަމަށް އެކަށީގެންވާ ރަނގަޅު ހައްލެއް ލިބިގެންދާނެއެވެ.

ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މައި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރީ ނޮވެމްބަރު 2020 ގައެވެ. އެގޮތުން 104.68 މިލިއަން ރުފިޔާ އަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ %98 މަސައްކަތް އެއްކޮށް ވަނީ ނިމިފައެވެ.

އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 269.53 މީޓަރުގެ ޝީޓް ޕައިލް ކުރުމާއި 422 މީޓަރުގެ އެއް ބްލޮކް ހަރު ކުރުމާއި 32.585.28 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 169.92 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 88 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 72.29 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 3،998.56 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރު ކުރުމާއި ބޮލާޑް އަދި މޫރިން ބްލޮކް ހަރު ކުރުމާއި 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މިއަދު ސޮއި ކުރި މަޝްރޫއުގެ ދަށުން 244 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 51 މީޓަރުގެ މިހާރު ލާފައި ހުރި ބޭރުތޮށި ރީފްރޮފައިލް ކުރުމާއި 270 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 24.32 މިލިއަން ރުފިޔާ އަށް 270 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 14،337 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރުމާއި 29.508 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 2،038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުމާއި 215.60 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށިލުމާއި 172 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 20 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 11 މީޓަރުގެ ދިގު އަދި 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 25 މީޓަރުގެ ދިގު ދެ މީޓަރު ފުޅާ ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރު ކުރުމާއި 1،495 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 307 މީޓަރުގެ ކާބް ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުއަކީ 44.81 މިލިއަން ރުފިޔާ އަށް 450 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލު ކުރި މަޝްރޫއުއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    އިބޫގެ ކަމަކީ ފަހު 2 މަހު ތަންތަން ކޮނެފަ ބެހެއްޓުމެވެ. އޭރަށްތާ ރައްޔިތުންގެ ބޯކާލެވޭނީ މާލެއިންވެސް 6200 ގޯތިކަނޑާ ދޭނަމޭބުނެ ކަރުދާހުގައިވަނީ ދީފައެވެ. ދެވޭގޮތަށްއޮތީ 700 ގޯއްޗެވެ،އެއީ ފޭސް 2 ( ޔާމީނު ހިއްކިބިން) ގުޅިފަލު ( އަންނި ހިއްކިބިން) އެވެ. އިބޫއަދިކިރިޔާ ޑްރެޖަރުގެނެސް ހިއްކަންފެށީއެވެ. ދެންއޮތި މަހެކެވެ. ކިހިނެއް ގޯތިކަނޑާފަދޭނީ