އިންޑިއަން އައިޑޮލް އިން ވިދާލި މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމަށްވާ ޝަންމުހާ ޕްރިޔާ އާއި މުހައްމަދު ފާއިޒް، މި އަހަރުގެ އަޟްހާ އީދުގައި ޅ. ހިންނަވަރުގައި ޝޯ ދިނުމަށް ހަމަޖެހިއްޖެއެވެ.

މާދަމާ ފާހަގަ ކުރާ އަޟްހާ އީދު އެންމެ ކުލަ ގަދަކޮށް ފާހަގަ ކުރަމުން އަންނަ އެއް ރަށުގެ ތެރޭގައި ހިންނަވަރު ހިމެނެއެވެ. ހިންނަވަރުގެ އިތުރުން އއ. ތޮއްޑޫ، ހއ. ކެލާ، ކ. މާފުށި، ނ. ވެލިދޫ ފަދަ ރަށް ރަށުގައި ވެސް މި ފަހަރު އީދު ވަރަށް ފޯރިގަދަ ހަރަކާތްތަކާ އެކުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް ހަސަން ޝާފިއު "ވަގުތަށް" ވިދާޅުވީ އަޟްހާ އީދުގެ ހަރަކާތްތައް މާދަމާ ފެށުމަށް ހަމަޖެހިފައި ވަނީ ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދުން ކަމަށެވެ. އަދި މޫސުން ގޯސް ނޫން ނަމަ، އީދު ނަމާދު ކުރުން އޮންނާނީ ހިންނަވަރު ބޯޅަ ދަނޑުގައި ކަމަށް ޝާފިއު ވިދާޅުވިއެވެ. އީދު ނަމާދަށް ފަހު، ރަށުގައި ތިބި އެންމެންނަށް ހާއްސަ ސަޔެއް އޮންނާނެ ކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.

ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގައި "ކަލާ ރަން" އާއި މޫދު ކުޅިވަރުތަކާއި ފައިގައި ތަޅާ ފަދަ އެކިއެކި މުބާރާތްތައް އޮންނާނެ ކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.

ހިންނަވަރުގައި ސަގާފީ ކުޅިވަރެއް ކުޅެނީ.

ހިންނަވަރުގައި ތިބި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ އެއް ކަމަކީ އީދު ޝޯއެވެ. ޝާފިއު ވިދާޅުވީ އީދު ޝޯގައި އިންޑިއާގެ ދެ ލަވަ ކިޔުންތެރިންގެ އިތުރުން ރާއްޖޭގައި ނަން މަޝްހޫރު ލަވަ ކިޔުންތެރިންނާއި ބައެއް ބޭންޑުތައް ވެސް ޝޯ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އާއި ކޮޕްސް ބޭންޑާއި ނ. މަނަދޫ ހިޔަލަ ޑާންސް ގްރޫޕް ވެސް ހިމެނެއެވެ. އަދި ކުރީ ފަހަރެކޭ އެއްގޮތަށް ހިންނަވަރުގައި އޮންނަ "ތަރާނާ" ގްރޫޕްގެ ހުށަހެޅުންތަކެއް ވެސް މިފަހަރުގެ އީދުގައި ފެންނާނެއެވެ.

ސްޓޭޖް ޝޯގެ އިތުރުން މާލި ޕެރޭޑާއި، ކުޑަކުދިންގެ ހަވީރުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޝާފިއު ވިދާޅުވިއެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވުމަށާއި ހަރަކާތްތައް ބެލުމަށް ވަރަށް ގިނަ ބަޔަކު ހިންނަވަރަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި ރަށް އެއްކޮށް ހެން މިއޮތީ ފުރިފައި. ހުރިހާ ގެސްޓްހައުސްތަކެއް ވެސް ފުރިފައި ވަނީ. މި ވާނެ ހިންނަވަރުގައި ބާއްވާނެ އެންމެ ފޯރިގަދަ އެއް އީދަށް،" ޝާފިއު ވިދާޅުވިއެވެ.