(އައްޑޫ ސިޓީ، ގަން) އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ތެރެއިން ތާރީހީ އެތައް ކަމެއް ފެންނަން އެބަހުއްޓެވެ. އެ އެއާޕޯޓް ތެރޭގައި ގަސް ހެދިފައި ހުންނަ ސަރަހައްދުގައި ޗާޗާ ނަމަކަށް ކިޔާ މީހެއްގެ މަހާނައެއް ހުރެއެވެ. އެއީ ކުރިން އިނގިރޭސިން އުޅުނު ސަރަހައްދެކެވެ. އޭނާއަކީ ގަމުގައި އިނގިރޭސިން އުޅުނު ޒަމާނުގައި އެމީހުންގެ ގާތުގައި މަސައްކަތުގައި އުޅުނު މީހެއް ކަމަށް ވެއެވެ.

އެ މަހާނަ ހުރި ސަރަހައްދަށް ބަލާއިރު، މަހާނައިގެ ބޭރުން ފާރު ބުރިއެއް ރާނާފައި ހުއްޓެވެ. އަދި އެ ސަރަހައްދުގައި ވިނަތަކާއި ގަސްތައް ހެދިފައި އޮތް އިރު އެތަނަށް ވަންނަންވެސް ޖެހުނީ ވަރަށް އުނދަގުލުންނެވެ. މާބޮޑަށް އެތަން ސާފްކޮށްފައި ހުރި ތަނެއް ފެންނާކަށް ނެތެވެ. ތާރީޚާ ގުޅިފައިވާ އެ މަހާނަ ހުރި ސަރަޙައްދު ސާފު ކުރުމަކީ މުހިންމު ކަމަކަށް ވާތީ އާއި ތަރިކަ ރައްކާ ކުރުމަކީ އެންމެންގެ ވެސް ޒިންމާއަކަށް ވާތީ، ކޮންމެވެސް ވަރަކަށް އެ ސަރަޙައްދު ސާފު ކުރުމުގެ މަސައްކަތް "ވަގުތު ހޭރިޔާ" ޓީމުން ވަނީ ކޮށްފައެވެ.

އައްޑޫ ސިޓީ ގަމުގައި ހުންނަ ޗާޗާ މަހާނަ ސަރަހައްދު ސާފް ކުރުމުގައި "ވަގުތު" މުވައްޒަފުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މަހާނަ ކައިރީގައި ހެދިފައި ހުރި ވިނަތައް ނަގައި ސާފުކުރަމުން ދިޔަ ވަރަކަށް އެ މަހާނައިގެ ގެއްލިފައި ހުރި ބައިތައް ފެންނަމުން ދިޔައިރު، މިއީ ކޮންކްރީޓް ބިސްތާނެއްގެ ތެރޭގައި ހުރި މަހާނައެއްކަން ވެސް ވަނީ އެނގިފައެވެ.

ޗާޗާ އާއި ގުޅޭގޮތުން މާބޮޑަށް މައުލޫމާތު އެނގޭ ބަޔަކު މިއަދު ނެތެވެ.

ބައެއް މީހުން ބުނާގޮތުގައި އޭނާއަކީ އިނގިރޭސިން އުޅުނު ޒަމާނުގައި ވަރަށް ކެރިގެން، އާއްމުކޮށް މީހުންނަށް ނުކުރެވޭ މަސައްކަތްކޮށް އުޅުނު ހިތްވަރުގަދަ މީހެކެވެ. އެގޮތުން ޖަންގްޝަން ސާފް ކުރުމާއި، މީހުން ކައިފައި ހުންނަ ތަށިތައް ދޮންނަ މީހެއްގެ ގޮތުގައި އޭރު އޭނާ އަކީ ވަރަށް މަޝްހޫރު މީހެއް ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

އައްޑޫ ސިޓީ ގަމުގައި ހުންނަ ޗާޗާ މަހާނަ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ތާރީޚީ އިލްމު ލިޔުއްވާ ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ސޮފްވާން ޝަފީގް "ވަގުތު" އަށް ވިދާޅުވީ ޗާޗާ މަހާނަ އާ ގުޅޭގޮތުން މާބޮޑު މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށާއި، ނަމަވެސް ދެ ފަހަރެއްގެ މަތިން އެ މާހަނަ ކައިރިއަށް ވަޑައިގެންނެވި ކަމަށެވެ.

ޗާޗާ މަހާނަ ހުރީ ބައެއް ރަސްރަސްކަލުން ނުވަތަ ކަމުވޮށިގެންވާ މީހުންގެ މަހާނަތައް ހުންނަ ގޮތަށް ޒިޔާރަތެއް ގޮތަށް ހަދައިފައެވެ. އެހެންކަމުން އޭނާއަކީވެސް އޭރުގައި ވަރަށް ޚާއްސަ މީހެއް ކަން އެކަމުން ދޭހަވެއެވެ.

ސޮފްވާން ވިދާޅުވީ، ޗާޗާ މަހާނައަކީ އިނގިރޭސީން ގަމުގައި އުޅުނު ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ވަޅުލާފައިވާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

އައްޑޫ ސިޓީ ގަމުގައި ހުންނަ ޗާޗާ މަހާނަ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެ މީހާއަކީ ކާކުކަން ސީދާ ނޭނގެ އަޅުގަނޑަށްވެސް، އެވަރަށް އަދި ހޯދިފައެއް ނެތް، އެކަމަކު އެއީ އެ މީހުންގެ ވަރަށް އިސް މީހެއް ކަމަަށް ބެލެވެނީ" ސޮފްވާން ވިދާޅުވިއެވެ.

ސޮފްވާން ވިދާޅުވި ގޮތިގައި، "ޗާޗާ" އެ ނަން އައިސްފައި އޮތުމުން، ހިތަށް އަރަނީ އެއީ ޗާޗުގެ މީހެއް ގޮތަށެވެ.

ޗާޗާ މަހާނަ ކައިރީގައި އިތުރު މަހާނައެއް ވެސް ފެންނަން އެބަ ހުއްޓެވެ. އޭގައި އަރަބި ބަހުން ލިޔެފައި ހުއްޓެވެ. އަދި މިހާރުވެސް އެ މަހާނައިގައި ލިޔެފައި ހުރި އަކުރުތައް ފެންނަން ހުރިއިރު، އޭގައި ޝަހާދަތުގެ ދެކަލިމަ ލިޔެފައި ހުއްޓެވެ. އަދި އޭނާ ވަޅުލެވުނު ތާރީހާއި އޭނާގެ ނަންވެސް ލިޔެފައި ވެއެވެ. އޭގައި ލިޔެފައި ވާ ނަމަކަށް އިނީ "ފަގީރު ހުސެއިންގެ ފާރޫޒް އަލީ" މިހެންނެވެ.

އައްޑޫ ސިޓީ ގަމުގައި ހުންނަ އިތުރު މަހާނައެއް-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސޮފްވާން ވިދާޅުވީ، މި މީހާގެ މަހާނަ އާއި ޗާޗާ މަހާނަ ވެސް މި ހުންނަނީ ހުޅަނގުން އުތުރަށް ވާ ގޮތަކަށް ކަމަށެވެ. އަދި ޗާޗާ މަހާނަ ކައިރީގައި ހުރީ ޕާކިސްތާން މީހެއްގެ މަހާނަ ކަމަަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ގަމުގައި ހުންނަ ޗާޗާ މަހާނަ ކައިރީގައި ހުންނަ އިތުރު މަހާނައެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޗާޗާ މަހާނައާ ގުޅޭ ގޮތުން ތާރީޚުގައި ވާހަކަތައް ލިޔެވި، އެއީ ތާރީޚީ އާސާރީ ތަރިކައެއް ގޮތުގައި ކަނޑައަޅާފައި ނުވާއިރު، އެ މަހާނަ އާ ގުޅޭގޮތުން އެތައް ގޮތަކަށް ވާހަކަތައް ދެކެވެއެވެ. ބައެއް ފަރާތްތަކުން އެއީ ތާރީޚާ ގުޅުންހުރި މާ މުހިންމު ތަނެއް ކަމުގައި ނުދެކޭއިރު، ބައެއް ފަރާތްތަކުން އެތަނަކީ ޙިމާޔަތްކުރަން ޖެހިފައިވާ ތަނެއް ކަމަށް ގަބޫލުކުރެއެވެ. އެއީ އެ މަހާނައާ ގުޅޭގޮތުން ޔަގީންކޮށް ދައްކަން އެނގޭ ވާހަކައެއް އަދި އެނގިފައި ނެތުމުންނެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މީހުން ވަޅުލާފައި ހުންނަ މަހާނަތަކާއި ޗާޗާގެ މަހާނަ ހުންނަ ގޮތް ތަފާތެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ޗާޗާ އާ ބެހޭގޮތުން، ނުވަތަ މި މަހާނަ އާ ބެހޭ ގޮތުން މައުލޫމާތެއް ހޯދިއްޖެނަމަ އެތަނަކީ މުޙިންމު އާސާރީ ތަނަކަށް ވުން ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައްޑޫ މީހާ

    ޗާޗާއަކީ އިގިރޭސިން ގަމުގައި އުޅުނު އިރު އެމީހުންގެ ސުޕަވައިޒަރަކަށް އުޅުނު މީހެއް ރެސްޓޯރެންޓްގެ އެފް.އެންޑް.ބީ ކަމާއި މިހެންގޮސް ވަރަށް ބައިވަރު ކަންތާކައި ހަވާލުވެގެން ހުރި މީހެއް އޭނާއަށް ޗާޗާއޭ ކިއުނު ގޮތަކީ އެދުވަސްވަރު ގަމުގައި ޕާކިސްތާނު މީހުން އުޅުނު ޕާކިސްތާނު ކޭމްޕެއްވެސް ގަމުގައި ހުރި އެމީހުން ދިން ނަމެއް ޗާޗާއަކީ އެނަން އައްޑޫ މީހުންނަށްވެސް އެނގެނީ އައްޑޫގެ ވަރަށް ގިނަ މީހުން ޕާކިސްތާނު ކޭމްޕުގައި އޭރު މަސައްކަތް ކުރި

    25
    1
  2. ވަލީ މަހީދު / ވައިޓް ޕޭންޓްސް

    އާއްމުކޮށް މީހުންނަށް ނުކުރެވޭ މަސައްކަތްކޮށް އުޅުނު ހިތްވަރުގަދަ މީހެކެވެ. އެގޮތުން ޖަންގްޝަން ސާފް ކުރުމާއި، މީހުން ކައިފައި ހުންނަ ތަށިތައް ދޮންނަ މީހެއްގެ ގޮތުގައި އޭރު އޭނާ އަކީ ވަރަށް މަޝްހޫރު މީހެއް

    6
    4
  3. ޑރ. ހިސްޓޯރިކަލް

    ގަމުގައި ޕާކިސްތާނު ކޭމްޕް ގައި ހުންނާނެ އަދި އެހެން ދެ މަހާނަ އެއް. އެއީ އިނގިރޭސި ދެމަފިރިއެއްގެ މަހާނަ. އެ ދެމީހުން ވަޅަށް ތިރިކޮށްފައިވަނީ، ހެދުން އަޅުވާފައި ރީތިކޮށްފައި މަހާނައިގައި ކޮއްޅަށް ހުންނަ ގޮތަށް ކަމަށް ވަނީ. ކޮއްޅަށް ބަހައްޓަން ޖެހޭތީވެ، އެ މަހާނަ އަކީ ވަރަށް ފުންކޮށް ކޮނެފައި ހުރި ވަޅެެއްކަމަށް ވަނީ. އެއީ ދެމަފިރިން ކަމުން، އެ ދެމަހާނައިގެ މަތީގައި ބިސްތާނެއްގެ ގޮތަށް ސިމެންތިން ހަދާފައިވަނީ ބޮޑު ހިތެއް. އެ ހިތް ވަރަށް ފަހުން ވެސް ފެންނާންހުރި. އެީ ދެމަފިރިންކަން ބުނެދިނީ ގަމަށް މަސައްކަތު ދިޔަ އެޒަމާނުގެ މީހެއް.

  4. ޙަލް

    ތިތަން ވަރަށް ރީތިކޮށް މިހުރިހާ ދުވަހު އޮތީ، ޗާޗާ މަހާނަ ކައިރީ ބްރިޓިޝް ދިދަ ވެސް ކުރީގައި ނަގާފައި ހުރޭ، 1996 ގައި މަ ތިތަނަށް ދިޔަ އިރު ތީ ވަރަށް ރަނގަޅަށް ބެލެހެއްޓި ތަނެއް!

  5. މުޔާ

    ބޭކާރު، ފަހުގެ ތަނެއް! އާސާރީ ތަރިކައަކަށް މިތަނެއް ނުވާނެ!

    11
  6. ޅި ޔަނާ

    ޗާ ޗާ މާލެ އަށް ގެންދަނީ ތަ؟

    1
    2
  7. ޫުހަސޯ

    ތިތަންވެސް މާލޭގަ ހުރިނަ މަ ވާނީ އާސާރީ ތަނަކައް.
    ޥަރައް ކުރުކޮއް މިބުނީ.

    1
    2