(ހއ. ދިއްދޫ) ރާއްޖޭގެ ގިނަ ރަށްތަކުގައި ހޮސްޕިޓަލްތަކެއް ނުހުރެއެވެ. ގިނައީ ސިއްހީ މަރުކަޒުތަކާއި ހެލްތު ސެންޓަރުތަކާއި ހެލްތު ޕޯސްޓުތަކެވެ. ސިއްހީ ހިދުމަތްތައް ހޯދުމަށް ރަށްތަކުގެ ރައްޔިތުން ދަނީ އަތޮޅެއްގައި ހުންނަ އަތޮޅު ހޮސްޕިޓަލަކަށެވެ. ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަކީ އެ އަތޮޅުގެ ގިނަ ރަށްތަކުން ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ.

"ވަގުތު ހޭރިޔާ" ޓީމުން ހއ. އަތޮޅަށް ކުރި ދަތުރުގައި އަތޮޅު ހޮސްޕިޓަލުގެ ހާލަތު ބަލާލީމެވެ. ހޮސްޕިޓަލުގެ މެނޭޖަރު އުސްމާން އަސްރަފް އާ ބައްދަލުކޮށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވީމެވެ.

އަތޮޅު ހޮސްޕިޓަލަކާ ބަލާފައި ބައެއް ހިދުމަތް ނުލިބޭތީ ރައްޔިތުން އަބަދު ހެން އަންނަނީ ޝަކުވާ ކުރަމުންނެވެ. ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަބަދުމެ އެރަށުގެ ރައްޔިތުންނާއި އަތޮޅުގެ ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުންނެވެ. ރައްޔިތުން ބޭނުންވަނީ އާ ހިދުމަތްތައް ތައާރަފްކޮށް ފެށުމެވެ.

ލިބެމުން އަންނަ ހިދުމަތްތައް މަދެއް ނޫން

ބިމުގެ ގޮތުން މާ ބޮޑު ނޫން ސަރަހައްދެއްގައި، ދެ ފަންގިފިލާއަކަށް ހަދާފައިވާ ހއ. އަތޮޅު ހޮސްޕިޓަލަކީ ރައްޔިތުން ހިތްހަމަ ޖެހޭ ފެންވަރަށް ހިދުމަތް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގައި މިހާރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ސްކޭން ޑޮކްޓަރެއް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ސްކޭން ޑޮކްޓަރެއްގެ ހިދުމަތް އެ ހޮސްޕިޓަލަށް ލިބިފައިވަނީ ވަރަށް ފަހުންނެވެ. އެހެން ކަމުން އެ ހިދުމަތަކީ ރަށުގެ ގިނަ ރައްޔިތުންގެ އިތުރުން އަތޮޅުގެވެސް ގިނަ ރައްޔިތުން ބަލައިގަތް ހިދުމަތެކެވެ. މީގެ އިތުރުން ވަރަށް ފަހުން ވަނީ ޑައިލިސިސް ޔުނިޓެއް ގާއިމުކޮށް އެ ހިދުމަތްވެސް އެ ހޮސްޕިޓަލުގައި ފަށައިފައެެ. ޑައިލިސިސް ޔުނިޓުން ތިން ބަލި މީހުންނަށް އެއްފަހަރާ ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެ ހޮސްޕިޓަލުން އެންމެ ފަހުން ފަށާފައިވާ ހިދުމަތްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ވަނީ އައިސީޔޫގެ ހިދުމަތް ފަށައިފައެވެ. މީގެ އިތުރުން ރޭޑިއޮލޮޖީގެ ހިދުމަތްވެސް ވަނީ ފަށައިފައެވެ.

މި ހޮސްޕިޓަލަކީ ހަމައެކަނި ދިއްދޫ އާއި އެ އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެއް ނޫނެވެ. ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް އެކި އަތޮޅުތަކުގެ ރައްޔިތުން އަންނައިރު، އެ އަދަދު ވަނީ ކޮވިޑް-19 އާ ގުޅިގެން އައި ފުރަބަންދާއެކު އިތުރުވެފައެވެ. އެގޮތުން ހދ. އަތޮޅު، ށ. އަތޮޅު އަދި ނ. އަތޮޅުންވެސް ގިނަ ރައްޔިތުން ވަނީ ހިދުމަތް ހޯދައިފައެވެ.

އުސްމާން ވިދާޅުވީ، ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުން ހިދުމަތް ހޯދާ ކަމަށެވެ.

މުޅި އަތޮޅަށް ބަލާއިރު، ދެބިތަކަށް އޮންނަ ހއ. އަތޮޅުގެ ހުރިހާ ރަށްތަކަށް އަތޮޅު ހޮސްޕިޓަލުން ކޮންމެ މަހަކު ގޮތަކަށް ދަތުރު ކުރެއެވެ. ކޮންމެ ބިތެއްގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުން ތިބެއެވެ. އޭގެ އިތުރުން ހޯރަފުށިން އިތުރު ހިދުމަތް އެރަށްތަކަށް ދެވެއެވެ.

އުސްމާން ވިދާޅުވީ، ރަށް ރަށުގައި ތިބޭ ބަލި މީހުންގެ ދަފްތަރެއް އެކުލަވާލާފައިވާ އިރު ރަށަކަށް ދާން ޖެހިއްޖެ ހާލަތެއްގައި އެބޭފުޅުން ދާނެ ކަމަށެވެ. ނަމަވެސް އެކި ހާލަތްތަކާ ގުޅިގެން ދަތުރު ނުކުރެވޭ ދުވަސްތައްވެސް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޑޮކްޓަރެއްގެ ޝެޑިއުލެއް ހުރިއްޔާ ނުދެވި ހިނގައިދާނެ ކަމަށް އުސްމާން ވިދާޅުވިއެވެ.

"އެންމެ ފަހުން އަޅުގަނޑުމެން އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރު ކުރީ ފެބްރުއަރީ ފަހުކޮޅު. މިކޮޅުގައި ތިބި ސްޕެޝަލިސްޓް ޑޮކްޓަރުން ގޮވައިގެން ނުވަތަ ކުޅުދުއްފުށިން ޑޮކްޓަރުން ގޮވައިގެން ދަނީ. ގިނަ ފަހަރު ކޮންމެ ރަށެއް އެއް ދުވަހުން ނިންމާލެވޭ" އުސްމާން ވިދާޅުވިއެވެ.

އަތޮޅު ހިސްޕިޓަލްގެ މޭނޭޖަރ އުސްމާން-- ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް

އުސްމާން ވިދާޅުވީ، އެކްސިޑެންޓެއް ވެއްޖެ ހާލަތެއްގައި ވެސް އެ ހޮސްޕިޓަލުން ފަރުވާ ދެވޭ ކަމަށާއި ފަރުވާ ނުދެވޭ ވަރުގެ ވޭދަނައެއް ވެއްޖެއްޔާ ހދ. ކުޅުދުއްފުއްޓަށް ބަލި މީހާ ވަގުތުން ފޮނުވާލެވޭ ކަމަށެވެ.

ޓާޝަރީ ހޮސްޕިޓަލަކަށް ވުމުގެ ހުވަފެން!

އުސްމާން ވިދާޅުވީ، ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމާއި ބިމުގެ ދަތިކަން މިހާރު ވެސް ކުރިމަތިވާ ކަމަށެވެ. އަދި އެކަންކަން އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވުމުން ނިމިގެން ދާނެ ކަމުގެ އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެ ރަށުގެ ރައްޔިތުންނާއި މުޅި އަތޮޅުގެ ރައްޔިތުން ވެސް ދެކެމުން އަންނަ ހުވަފެނެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ވިދާޅުވީ ހއ. އަތޮޅު ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އޭރު ރައީސް ވިދާޅުވީ، ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރަން ކުރިން ވައުދުވެވަޑައިގެންފައި ވާނެ ކަމަށާއި، އެ ވައުދާ އެއްގޮތަށް ދިއްދޫގެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރެވޭނެ ކަމަށެވެ.

ޖަލްސާއެއްގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: އެމްޑީޕީ

ހއ. އަތޮޅު ކައުންސިލްގެ ދިއްދޫ ދާއިރާގެ މެންބަރު ސިރާޖް ވިދާޅުވީ، ރައީސްގެ ވައުދާ އެއްގޮތަށް ހއ.އަތޮޅު ހޮސްޕިޓަލް އަވަސް މުސްތަގްބަލެއްގައި ޓާޝަރީ ފެންވަރަށް ތަރައްގީވެގެން ދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަތޮޅު ހޮސްޕިޓަލް ތަރައްގީވުމުން އޭގެ މަންފާ އަތޮޅުގެ ރައްޔިތުންނަށް ކުރާނެ ކަމަށާއި ދިއްދޫ އޮތް ތަނުގެ ގޮތުން، އެރަށަށް އަންނަ ކޮންމެ ތަރައްގީއެއްގެ ފައިދާ ދިއްދޫގެ އިތުރުން އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ކުރާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ހއ. ދިއްދޫ އަތޮޅު ކައުންސިލް މެމްބަރު އަބްދުﷲ ސިރާޖް - ވަގިުތު އިމޭޖަސް: އަހްމަދު މަމްދޫޙް

ހިންގުމުގައި ހުރި ދަތިތައް!

މިއީ ކޮވިޑް-19 ގެ ދުވަސްކޮޅެއް ކަމުން މި ބައްޔަށް އެ ހޮސްޕިޓަލުން ޓެސްޓް ނުހެދޭތީ ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުންނެވެ. މިވަގުތު އެރަށުން ނަގަމުން އަންނަ ސުންކުތައް ޓެސްޓް ކުރުމަށް ފޮނުވަނީ މާލެ ނުވަތަ އެރަށާއި 33.4 ކިލޯ މީޓަރު ދުރުގައި އޮންނަ ކުޅުދުއްފުއްޓަށެވެ. އެ އަތޮޅު އަދި ރަށުގެ މީހުން ފަދައިން އުސްމާން ވެސް ހުރީ ކުރިއަށް އޮތްތަނުގައި އެ ހިދުމަތް ލިބޭނެ ކަމުގެ އުއްމީދުގައެވެ.

އެ ރަށުގައި ހަދާފައިވާ ފްލޫ ކްލިނިކުން 24 ގަޑިއިރު، ހިދުމަތް ނުދެވުނަސް ހުޅުވަން ޖެހޭ ހާލަތްތަކުގައި މުވައްޒަފުން ތިބެނީ އޮންކޯލްގައެވެ.

މުވައްޒަފުންގެ ދަތި ކަމަކީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ވަޒީފާ އަށް އަލަށް ވަންނަ މުވައްޒަފުން ވަޒީފާ ދޫކޮށް ދިއުން އެއީ އާކަމެއް ވެސް ނޫނެވެ. އެފަދަ ގޮތަކަށް އާންމު ގޮތެއްގައި ވަޒީފާ ދޫކޮށް އެފަދަ ފަރާތްތަކުން ދަނީ މަސައްކަތުގެ މާހައުލާއި ނުގުޅުމުންނެވެ.

އަތޮޅު ހޮސްޕިޓަލާއި ވަގުތު މުވައްޒަފުންނާއި ކުރި ބައްދަލުވުމުގެ ތެރެއިން-- ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް

ހއ. އަތޮޅު ހޮސްޕިޓަލުގައި މިވަގުތު ޖުމްލަ 125 މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، ޑޮކްޓަރުން ފިޔަވައި 80 ދިވެހި މުވައްޒަފުން މަސައްކަތް ކުރަމުން އާދެއެވެ. ނަމަވެސް މުވައްޒަފުންގެ ދަތިކަން އަދިވެސް އެބަ ހުރި ކަމަށް އުސްމާން ވިދާޅުވިއެވެ.

"ސްޓާފުންގެ ދަތިކަން އެބަހުރި. އަބަދުވެސް އާ ހިދުމަތް ފެށޭ ވަރަކުން މުވައްޒަފުން ބޭނުންވޭ. އެއީ ހަމަ ހުރިހާ ދާއިރާއަކަށް. ބައެއް މަގާމުތަކަށް މިޙާރުވެސް މީހުން ހޯދަން އިއުލާން ކޮށްފައިވާނީ" އުސްމާން ވިދާޅުވިއެވެ.

އުސްމާން ވިދާޅުވީ، އެތަނުގެ މުވައްޒަފުންގެ ކުރިއެރުމަށް އެކި ކަހަލަ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޮންލައިން ކްލާސްތައް ނަގާ ކަމަށް އުސްމާން ވިދާޅުވިއެވެ. މީގެ އިތުރުން މުޖުތަމައަށް ހުޅުވާލައިގެން ޕްބްލިކް ހެލްތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ހޮސްޕިޓަލުގައި ދެ އެމްބިއުލާންސް އޮންނައިރު، ހާލަތުގައި ބޭނުން ކުރުމަށް ވޭނެއް ވެސް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހްމަދު

    އިސްލާހުކޮށްލަވާ ޓާޝަރީ ހޮސްޕިޓަލް އަޅަން ދިއްދޫ ހިއްކިބިމުގައި އިންފާރު ޖަހާފައިވޭ.

  2. އަހުމަދު

    މުވަޒަފުން ނަގާ އިރު ދެކޮޅުނުޖެހޭ ގޮތަށް ގާބިލް ކަމަށްވުރެ މޫނަށް ބަލައިގެން މުވަޒަފުން ނެގިފަ ހުރިކަން ފާހަގަކޮށްލަން. ރަނގަޅުވީމަ އެންމެނަށްވެސް ރަނގަޅު. ރަނގަޅު ވާނީ ރަނގަޅު މީހާ ނަގައިގެން މޫނަށް ނުބަލާ. ހޮސްޕިޓަލުގަ މިކަން ވަކިން ބޮޑުކަމަށް އަބަދުވެސް ފާހަގަ ކުރެވޭ.

  3. ފަހުހިޔާ

    ރައީސް މީހާ ވަޢުދުވީ ޓާޝަރީ ހިސްޕިޓަލެއް ދިއްދޫގަ އަޅަން ޓާޝަރީ ހޮސްޕިޓަލް އަޅަން ސަރުކާރުން އިޢުލާނު ކުރި ރަށްރަށުގެ ލިސްޓްގައި ދިއްދޫ އެއް ނެތް ދެން މަޖްލީސް ގޮނޑީގަ އިންނަނީ އަޑެއް ނެތް ހަމަހިމޭން ގުރައެއް އެ ގުރާ ވާހަކައެއް ނުދައްކާ މިއިންނކަމާކާ އެހެން ބަޔަކު ހެދި ދޮގެއްނަމަ ވަރަށް ބޮޑު ކަމަކަށް ވީސް މިހާރު ހޮސްޕިޓަލަށް އިތުރުކުރެވޭ ބައޭ މަރާމާތު ކުރާބައޭ ކިޔާނެ ވާނުވާ ނޭނގުމުގެ ތެރޭގައި

  4. އަލީހާސިމް ދީދީ

    ކިހިނެތޯ ޓާޝަރީ ހޮސްޕިޓަލް އަޅާނީ ޓާޝަރީ ރަގަޅު ފެންވަރުގެ ހޮސްޕިޓަލެގެ އަގަކީވެސް 200 މިލިޔަން ޑޮލަރު.ކޮންތާކުން ފައިސާ ހޯދަނީ އެރޭރައީސް ސޯލިހުވައުދުވީމަވެސް ބަޔަކު ތިބެގެން އައްޖެހީ.އޭގަ ގިނައީ އޯލެވެލް ވެސް ނުހައްދާތިބި ޖާހިލުން މިސާލަކަށް،ހއ.އަތޮޅު ކައުންސިލަރު ސިރާޒު،އަސްރަފް،ގަނީހުސޭނު އަދި އޯލެވަލް ހެދިޔަސް އެވެސް ފާހެއްނެތް މުހައްމަދު ނައީމް.ދެންކޮންތަރަގީއެއްވާނީ.ދިއްދޫ މީހުންވިސްނާ، ވިސްނާ،

    5
    1
  5. ކާފަ

    މަ ހީ ހީ ހީ ހަލާކުވެއްޖެ

  6. އަޑޭ

    ރާއްޖޭގެ އޮތް އެންމެ ބޮޑައް ބޮއްސުންލާފައި އޮތް ހޮސްޕިޓަލް

  7. ކާފަ

    ކާޑު ބަސްތާ ބަހާ މީހަކާ ވާދަކޮަށް ސިރާޖު ބަލިވީ... މިހާރު ސިރާޖުވެސް ބޮޑާހާކަނިއްޔޯ މޑޕ ގެ އެހެން މީހިން ހޮވާދިންގޮތަަށް ސިރާޖުވެސް ހޮވާނުދިނީމަ...

  8. މިތުރާ

    ސިއްހީ ހިދުމަތް ހޯދަން މީހުން ދޭ އަވައްޓެރި ގައުމުތަކައްވެސް،،،،އަައްޑޫގަހުރޭ ތީގެ ހޮސްޕިޓަލެއް،،،އެވަރުން ފުދޭނެ،،،އޭގެބަދަލުގަ ފެންވަރު ރަންގަޅު ޑަކުޓަރުންގެ ޓީމަކާ އެކު ތިހޮސްޕިޓަލް ހަދަން ރަގަޅު،،،އޭރުން މާލެ ތޮއްޖެހުން ކުޑަވެ،،،4ލައްކަ މީހުން ނާ ބިދޭސިން ނައް 2ހޮސްޕިޓަލުން ފަރުވާ ދެވޭނެ،،،،،4ގެ އައް މިނިސްޓަރުން ހޯވާހެން ،،،ނޫޅެ ހަރުދަނާ ގޮތަކައް ކަންތައްކުރަންވީ