(ޅ. އޮޅުވެލިފުށި) ޒަމާނުއްސުރެ އޮޅުވެލިފުށީގައި ތައްޔާރު ކުރާ އެކި ބާވަތުގެ ކާއެއްޗެހީގެ ތެރެއިން، ކަނަމަދު ރޮށިގަނޑު، ނުވަތަ ކަނަމަދު މެޓާ އަކީ މީރު، އަދި އޭގެ ޑިމާންޑު ވެސް ބޮޑު އެއްޗެކެވެ. އޮޅުވެލިފުއްޓަކީ ބޮޑު ތަދުގެ ދުވަސްވަރުގައި ވެސް ކާބޯތަކެތި ހުސް ނުވި ރަށެކެވެ. ކާބޯތަކެތީގެ އަމިއްލަ އުފެއްދުންތައް މިރަށުގައި ވަރަށް ގިނައެވެ. އޭގެ ތެރޭގައި ތަތް ބޮނޑިބަތް، ކަނަމަދު ރޮށިގަނޑު، އަދި މުގުރި ފަތަފޮޅި ފަދަ ތަކެތި ހިމެނެއެވެ.

އެހެން ރަށްރަށުން ވެސް ވިޔަފާރި އުސޫލުން ކަނަމަދު ރޮށިގަނޑު ވިއްކާ ހަދާތީ، މިހާރު މިއަށް އޮތް ޑިމާންޑު ތަންކޮޅެއް ކުޑަވެފައިވާ ކަމަށް، އޮޅުވެލިފުށީގައި މި މަސައްކަތް ކުރަމުންދާ، ބައެއް މީހުން ބުނެފައިވެއެވެ. އޭގެ ތެރެއިން އެކަކު ވަނީ ކަނަމަދު ރޮށިގަނޑު ތައްޔާރު ކުރާ ގޮތް "ވަގުތު" ޓީމަށް ކިޔައި ދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ކަނަމަދު ރޮށިގަނޑެއް ވިއްކަނީ 120ރ. އަށެވެ.

ޅ. އޮޅުވެލިފުށީގައި ކަނަމަދު ރޮށިގަނޑު ތައްޔާރު ކުރަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކަނަމަދު ރޮށިގަނޑު ތައްޔާރު ކުރާ ގޮތް

ތައްޔާރު ކުރަން ބޭނުންވާ ތަކެތި:

ކަނަމަދު (ކަނަމަދުގެ ބަދަލުގައި ނުވަތަ އެކުގައި ބަދަން ވެސް ބޭނުން ކުރެވިދާނެއެވެ.)

1 ދަޅު ގެރިކިރު

1 މޭޒުމަތީ ސަމްސާ ހަކުރު

1 މަތިގަނޑު ވެނީލާ އެސެންސް

2 މޭޒު މަތީ ސަމްސާ މައިލޯ

 

ޅ. އޮޅުވެލިފުށީގައި ކަނަމަދު ރޮށިގަނޑު ތައްޔާރު ކުރަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކަނަމަދު ރޮށިގަނޑު ތައްޔާރުކުރާ ގޮތް:

ތެއްޔަކަށް ކަނަމަދު ރޮށިގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ހުރިހާ ތަކެތި އަޅާފައި، މަޑު ގިނީގައި ކައްކާލާށެވެ. ކަނަމަދު މުގުރާފައިވެސް އެޅިދާނެއެވެ. އަދި އެއަށްފަހު މެޓާގަނޑު ހިލެންދެން ކައްކާށެވެ. ރަނގަޅަށް ކެކުނީމާ މެޓާގަނޑު ހުންނާނީ އޮލަ ކޮށެވެ. ފަސް ވަރަކަށް މިނެޓް ތެރޭގައި ކަނަމަދު ރޮށިގަނޑު ތައްޔާރު ކޮށްލެވޭނެއެވެ.

މެޓާ ގަނޑު ކެކުމުން، ރަބަރު ތަށިގަނޑަކަށް އަޅާލާށެވެ. މެޓާ ހިހޫވެ، ރަނގަޅަށް ހަރުވުމުން، އޭގެ ބައްޓަން ނުގެއްލޭހެން ތަށިގަނޑު ތެރެއިން ފަސޭހައިން ނެގޭނެއެވެ.