(ހއ. ބާރަށް) ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ހއ. އަތޮޅު ބާރަށުގެ ސިޔާސީ ކުލަވަރަަަށް ބޮޑެތި ބަދަލުތަކެއް އަތުވެެއްޖެއެވެ. އެރަށުގައި އޮތް ފިޔާތޮށި ކުލައިގެ ލަޝްކަރާއި، ރަން ރީނދޫ ކުލައިގެ ލަޝްކަރުގެ އެތުރުން ވާދަވެރިވެ، ދެޕާޓީގެ ކުޅިބައި ގަދަ ހިފުމަަކަށް ގޮސްފިއެވެ. އެހެންނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ދެޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރިކަމެވެ. ކުރީ ސަރުކާރު ކަމުދާކަމަށް ބުނެ ރަށު ކައުންސިލްގައި ޕީޕީއެމްއަށް ވޯޓު ދޭނެ ކަމަށް ބުނި ބައެއް ފަރާތްތަކުން ވަނީ އަތޮޅު ކައުންސިިލާއި ރަށު ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށް ބުނެފައެވެ. އެހެންކަމުން މި ކުޅިބައި ސައި ކޮށް، އިންތިހާބު ކާމިޔާބު ކުރާނެ ޕާޓީއެއް ބުނަން ދަތިއެވެ.

ބިމުގެ ބޮޑުމިނުގައި 256.7 ހެކްޓަރު ހުންނަ މި ރަށަށް ނިސްބަތްވަނީ 2010 މީހުންނެވެ. އޭގެ ތެރެއިން މާދަމާ ބޭއްވުމަށް ތައްޔާރުވެފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލެވެނީ 1416 މީހުންނަށެވެ. މިވަގުތު ރަށުގައި ތިބީ ވޯޓު ލެވޭ އާބާދީގެ 54 އިންސައްތައެވެ. އެއީ 762 މީހުންނެވެ.

ވަގުތު ހޭރިޔާ" ޓީމުން ބާރަށުގައި ކުރިއަށް ގެންދިޔަ އިންތިހާބީ ދިރާސާ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

30 އަހަރާއި 64 އަހަރާއި ދެމުދުގެ އުމުރުފުރާގައި ދެ ޕާޓީގެ ވާދަވެރިކަން އިންތިހާއަށް

ހއ. ބާރަށަށް “ވަގުތު ހޭރިޔާ" އިން ކުރި ދަތުރުގައި ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓް ދޭން ވިސްނާފައި އޮތް ގޮތާއި ސަރުކާރުތަކާއި މެދު ގިނަ ރައްޔިތުންގެ ހުރި ވިސްނުން ހޯދުމަށް "ހޭރިޔާގެ އިންތިޚާބީ ދިރާސާ" ކުރިއަށް ގެންދިޔައީމެވެ. މި ދިރާސާގައި ބާރަށުން 309 މީހުން ބައިވެރިވިއެވެ. މިއީ ބާރަށު ރަށްވެހިވެފައިވާ ރައްޔިތުންގެ ތެރެއިން ވޯޓްލާ އާބާދީގެ 22 އިންސައްތައެވެ. ރަށުގައި ދިރިއުޅެމުންދާ ވޯޓުލެވޭ އާބާދީގެ 41 އިންސައްތައެވެ. އެމީހުންގެ ތެރެއިން ގިނަ މީހުން ބުނަނީ އިންތިހާބުގައި ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށެވެ. އެހެންނަމަވެސް ކުޑަތަފާތަކާއި އެކު އެމްޑީޕީއަށް ވޯޓު ދޭނެ ކަމަށް ބުނާ ޒުވާނުންވެސް މަދެއް ނޫނެވެ.

ވަގުތު ހޭރިޔާ" ޓީމުން ބާރަށުގައި ކުރިއަށް ގެންދިޔަ އިންތިހާބީ ދިރާސާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަމް

އުމުރުން 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާއަށް ބަލާއިރުވެސް، ފެންނަނީ ދެޕާޓީގެ ވާދަވެރިކަމެެވެ. މި އުމުރުފުރާއިން 234 މީހަކު ސާވޭގައި ބައިވެެރިވެފައިވެއެވެ. މި އުމުރުފުރާގެ ގިނަ ބަޔަކު ބުނަނީ ކުރީގެ ސަރުކާރު ކަމުދާ ކަމަށެވެ. އެއީ 125 މީހެކެވެ. މި ސަރުކާރު ކަމުދާ ކަމަށް ބުނެފައިވަނީ 76 މީހެކެވެ. އެހެންނަމަވެސް ކުރިއަށް އޮތް ރަށު ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދޭނެ ކަމަށް 106 މީހަކު ބުނެއެވެ. ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށް ބުނަނީ 116 މީހެކެވެ. އެންމެ ވާދަވެރިކޮށް ދިޔަ މި އުމުރު ފުރާއިން ރަށު ކައުންސިލް ޕީޕީއެމްއިން ކާމިޔާބުކުރީ 10 ފަރަގަކާއި އެކުއެވެ. އެހެންކަމުން މި ނަތީޖާއިން ދޭހަކޮށްދެނީ ކުރީ ސަރުކާރު ކަމުދާ ކަމަށް ބުނާ ގިނަ ބަޔަކު މި ސަރުކާރުގެ ކެންޑިޑޭޓުންނަށްވެސް ވޯޓު ދޭނެ ކަމަށް ބުނެފައިވާކަމެވެ.

ރަށު ކައުންސސިލް ރައީސް ކަމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ބޭފުޅަކާއި ޕީޕީއެމްގެ ބޭފުޅެކެވެ. ދިރާސާއިން ދައްކާ ގޮތުގައި މި އުމުރުފުރާގެ 116 މީހަކު ބުނަނީ ޕީޕީއެމްއަށް ވޯޓު ދޭނެ ކަމަށެވެ. އެމްޑީޕީ ކެންޑިޑޭޓެއް ރަށު ކައުންސުލަށް ގެންނަން ބޭނުންވަނީ 87 މީހެކެވެ. ވޯޓުލާނެ ވަކި ގޮތެއް ނުނިންމާ 14 މީހުން ތިބިއިރު ވޯޓު ނުލާނެ ކަމަށް 4 މީހަކު ބުނެއެވެ. ވާދަވެރި މި އިންތިހާބުގައި ވޯޓު ލާނެ ކެންޑިޑޭޓް ހާމަކުުރަން ބޭނުން ނުވީ 3 މީހެކެވެ.

އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި ޕީޕީއެމް ކެންޑިޑޭޓު ކުރިހޯދީ 7 ވޯޓްގެ ތަފާތަކުންނެވެ. އެ ކެންޑިޑޭޓަށް ލިބުނީ 114 މީހުންގެ ތާއީދެވެ. އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ދޭނެ ކަމަށް ބުނީ 97 މީހުންނެވެ. ވޯޓުލާން ބޭނުން ނުވާ 6 މީހަކު ތިބިއިރު ވޯޓު ލާނެ ގޮތެއް ނުނިންމާ 13 މީހަކު އެބަތިއްބެވެ. ވޯޓު ލާނެ މީހަކު ހާމަކުރަން ބޭނުން ނުވާ ކަމަށް ބުނީ 4 މީހެކެވެ.

އަލަށް ވޯޓުލާ ޒުވާނުންނާއި، އިސްރަށްވެހިން ތިބީ ޕީޕީއެމްއާއި އެކު!

ދިރާސާގައި ބައިވެރިވި 141 މީހުންގެ ތެރެއިން އަލަށް ވޯޓްލާ އުމުރުފުރާއިން ދިރާސާގައި ބައިވެރިވެފައިވަނީ 6 ޒުވާނުންނެވެ. އެއީ 17 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. އެ ޒުވާނުން ބުނަނީ ކުރީ ސަރުކާރު ކަމުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުދޭނީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކަމަށެވެ.

އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ 49 މީހުން ދިރާސާގައި ބައިވެރިވިއެވެ. މި އުމުރުފުރާގެ މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ކަމުދާ ކަމަށް ބުނަނީ ޕީޕީއެމްގެ ކުރީގެ ސަރުކާރެވެ. ކުރީ ސަރުކާރު ކަމުދާ ކަމަށް 27 މީހަކު ބުނެފައިވާއިރު، އެމްޑީޕީގެ މި ސަރުކާރު ކަމުދާ ކަމަށް ބުނަނީ 12 މީހެކެވެ. ދެ ސަރުކާރު ކަމުދާ ކަމަށް 2 މީހަކު ބުނެފައިވެއެވެ. އަދި އެއްވެސް ސަރުކާރެއް ކަމުނުދާ ކަމަށް 8 މީހަކު ބުނެފައިވެއެވެ.

ވަގުތު ހޭރިޔާ" ޓީމުން ބާރަށުގައި ކުރިއަށް ގެންދިޔަ އިންތިހާބީ ދިރާސާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަމް

މީގެ ތެރެއިން ރަށު ކައުންސިލްގެ އިންތިހާބުގައި ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް 28 މީހަކު ބުނެފައިވެއެވެ. އަތޮޅު ކައުންސިލަށް ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނީ 25 މީހުންނެވެ. ރަށު ކައުންސިލަށް އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް 16 މީހަކު ބުނެފައިވާއިރު، އަތޮޅު ކައުންސިލްގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 14 މީހެކެވެ. ވޯޓް ދޭ ގޮތް ހާމަ ކުރަން ބޭނުން ނުވާ 2 މީހަކާއި، ވޯޓް ދޭނެ ގޮތް ނުނިންމާ ހުރީ 3 މީހެކެވެ. އަތޮޅު ކައުންސިލަށްވެސް ވޯޓް ދޭނެ ގޮތް ނުނިންމާ 6 މީހަކު ހުރިއިރު ވޯޓް ދޭ ގޮތް ހާމަ ކުރަން ބޭނުން ނުވާ 2 މީހުން ތިއްބެވެ.

ރަށު ކައުންސިލަށް ކުރިމަތިލާ ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ދޭނެ ކަމަށް ބުނީ 23 މީހެކެވެ. އެމްޑީޕީއަށް ވޯޓު ދޭނެ ކަމަށް ބުނީ 14 މީހެކެވެ. ވޯޓު ނުލާނެ ކަމަށް ބުނާ 4 މީހުން ތިބިއިރު ވޯޓުލާނެ ގޮތް ހާމަކުރަން ބޭނުން ނުވާ 2 މީހަކާއި، ވަކި ގޮތެއް ނުނިންމާ ތިބި 6 މީހުން ފާހަގަކުރެވުނެވެ.

 

65 އަހަރުން މަތީގެ އުމުރުފުރާއިން ސާވޭގައި ބައިވެރިވެފައިވަނީ 20 މީހުންނެެވެ. އޭގެ ތެރެއިން 12 މީހެއް ބުނަނީ ކުރީ ސަރުކާރު ރަނގަޅުކަމަށެވެ. މި ސަރުކާރު ރަނގަޅު ކަމަށް ބުނާ 6 މީހުންނާއި، ދެ ސަރުކާރުވެސް ކަމުދާކަމަށް ބުނާ 2 މީހުން ހިމެނެއެެވެ.

މި އުމުރުފުރާގެ މީހުންގެ ތެރެއިން އިންތިޚާބުގައި ކުރިމަތިލާފައިވާ ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނަނީ ކުރީ ސަރުކާރު ކަމުދާ ކަމަށް ބުނާ އެންމެންނާއި ދެ ސަރުކާރުވެސް ރަނގަޅު ކަމަށް ބުނާ އެކަކެވެ. އެއީ ޖުމްލަ 12 މީހެކެވެ. އެމްޑީޕީއަށް ވޯޓު ދޭނެ ކަމަށް ބުނީ މި ސަރުކާރު ކަމުދާ ކަމަށް ބުނާ 6 މީހުންނާއި، ދެ ސަރުކާރުވެސް ރަނގަޅު ކަމަށް ބުނި އެކަކެވެ. އެއީ ޖުމްލަ 7 މީހެކެވެ.

ރަށު ކައުންސިލް ރައީސް ކަމަށް ކުރިމަތިލާ ދެ ކެންޑިޑޭޓުގެ ތެރެއިން އެމްޑީޕީ ކެންޑިޑޭޓް ކަމުދާކަމަށް ބުނަނީ 7 މީހެކެވެ. މި އުމުރުފުރާއިން ޕީޕީއެމް ކުރިހޯދީ 6 ވޯޓުގެ ތަފާތުންނެވެ.

އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށް ބުނި މީހުން އަތޮޅު ކައުންސިލް ރައީސްއަށްވެސް ހޮވަން ބޭނުންވަނީ އެޕާޓީގެ ކެންޑިޑޭޓެވެ. ޕީޕީއެމްއަށް ވޯޯޓު ދޭނެ ކަމަށް ބުނި 8 މީހުންވެސް ބުނީ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވޯޓު ދޭނީ އެޕާޓީގެ ކެންޑިޑޭޓްއަށް ކަމަށެވެ.

ވަގުތު ހޭރިޔާއިން ކުރިޔަށް ގެންދިޔަ އިންތިހާބީ ދިރާސާގެ ޖުމުލަ ނަތީޖާ

ވަގުތު "ހޭރިޔާ" ގެ މި ދިރާސާއިން ހުރިހާ ގޮތަކުން ވެސް ހއ. ބާރަށުގެ ކައުންސިލް އިންތިޚާބުގައި ކުރި ހޯދަނީ ޕީޕީއެމްއެވެ. ރަށު ކައުންސިލްގައި ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ސާވޭގައި ބައިވެރިވި 56 އިންސައްތަ މީހުން ބުނާއިރު، އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 41.7 އިންސައްތަ މީހުނެވެ. ގޮތް ނުނިންމާ 4.5 އިންސައްތަ މިހުންނާއި ސިއްރެއް ކަމަށް ބުނާ 1.3 އިންސައްތަ މީހުންގެ ވޯޓް ލިބިގެން ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެންނަމަވެސް ސާވޭގައި ބައިވެރި ނުވާ ވޯޓު ލެވޭ އާބާދީގެ 78 އިންސައްތަ މީހުންގެ ތާއީދު ހޯދައިގެން އެމްޑީޕީއަށް އެ ނަތީޖާ ފުޅާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި މި ވާދަވެރި އިންތިހާބު ކާމިޔާބު ކުރުމުގެ އަލިމަގެއްވެސް އެބައޮތެވެ. ނަމަވެސް ރަށުގައި މިވަގުތު ތިބި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންގެ ތާއީދު ލިބިފައި ވަނީ ޕީޕީއެމްއަށްކަން ފާހަގަކުރެވެއެވެ.

ބާރަށުގައި މިހާރު އޮތީ ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެކެވެ. އެހެންނަމަވެސް މި އިންތިހާބުގެ ކުޅިބައި އެތުރިފައިވާ ގޮތުން ހީ ނުކުރާ ގޮތަކަށްވެސް ނަތީޖާ ފުރޮޅިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

 

މާދަމާ ރިޔާސީ އިންތިޚާބު ބާއްވާނަމަ، ސަރުކާރަށް ވޯޓް ދޭނަންތަ؟

"ވަގުތު ހޭރިޔާ" ދިރާސާގައި އާންމުންނަށް އަމާޒު ކުރާ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެއީ މާދަމާ ރިޔާސީ އިންތިހާބެއް ބާއްވާ ނަމަ، ޤައުމުގެ މިހާރު މި ހުރި ހާލަތަށް ވިސްނާފައި މި ސަރުކާރަށް ވޯޓު ދޭނަން ހެއްޔެވެ؟ މި ސުވާލު ކުރުމުގެ މަޤްޞަދަކީ ސަރުކާރުން ދެމުންދާ ޚިދުމަތާއި މިހާތަނަށް ނެރެފައިވާ ނަތީޖާއާއި، މަޝްރޫއުތަކުގެ ދުވެލި ހުރި މިންވަރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

ބާރަށު މި ސުވާލަށް ޖަވާބު ދިން ގިނަ ބަޔަކު ބުނަނީ މި ސަރުކާރަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ. އެއީ ދިރާސާގައި ބައިވެރިވި 309 މީހުންގެ ތެރެއިން 182 މީހުނެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 59 އިންސައްތަ މީހުނެވެ. ސަރުކާރަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް ބުނަނީ 110 މީހުނެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 36 އިންސައްތައެވެ. ވޯޓް ދޭނެ ގޮތެއް އަދި ނޭނގޭ ކަމަށާއި އެ ގޮތް ނިންމާނީ ވޯޓް ލާން ޖެހުނީމަ ކަމަށް 17 މީހަކު ބުނެފައިވެއެވެ.