(ހއ. މާރަންދޫ) މީގެ އެތައް އަހަރެއް ކުރިން މި ރަށަށް މާވަހަރެއް ލެއްގި ވާހަކަ އަޑުއެހި ބަޔަކު ރަށުގައި ތިބޭނެއެވެ. މި ވާހަކަ މިރަށުގެ ބައެއް މީހުންނަށް އެނގެނީވެސް ތުންތުން މަތިން މި އިވޭ ވާހަކަތަކުންނެވެ.

ރަށުގައި އެންމެ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެންދެރިމާގޭ ހަސަން އާދަމް ކިޔައި ދިން ގޮތުގައި މިރަށަށް މާވަހަރެއް ލެއްގި ކަމަށް ބުނާ ދުވަސްވަރު އޭނާގެ އުމުރުން ވާނީ 12 އަހަރެވެ.

ނަމަވެސް އޭރު މިރަށުގެ ބަޔަކަށް ސީދާ އެއީ މާވަހަރެއް ކަމެއް ނޭނގެއެވެ.

އެކަން އެނގުނީ ރަށަށް އައި ބީރަށްޓެހި ބަޔަކަށެވެ. އެ މާވަހަރު ފެނިފައި ވަނީ މިރަށު ގޯދިޔާ މަގާ ދިމާލު ގޮނޑުދޮށުންނެވެ. މިރަށު މީހުންނަށް ހީކުރެވިފައި އޮތީ އެއީ ރާޅު އަރާ ސަރަހައްދުގައި ފަސްއެޅިފައި އޮތް ގަލެއް ކަމަށެވެ.

އެއީ ކޮން ސަރަހައްދަކުން ދުވާ ވަހެއް ކަމެއް ފުރަތަމަ ނޭނގުނެވެ. ނަމަވެސް ރަށުގެ ގޮނޑުދޮށް ސަރަހައްދުގައި ހިއްކަން އެއްޗެހި އަޅަން ޖަހާފައި ހުރި ވައިންގައި އަޅާފައި ހުރި ފޮށާތަކާ އެ މީހުންނަށް އަރާ ހަމަވުމުން އެ ފޮށާތަކުން އެ މީހުންނަށް ވަރަށް ބޮޑަށް އެ ވަސް ދުވަން ފެށިއެވެ.

ފޮށާއަކީ ފިރިހެނުން އުނު އަނުމަށާއި، ބޮލުގައި އެޅުމަށާއި، އުނަގަނޑުގައި ބަނުމަށް ބޭނުންކުރާ ހުދު ފޮތިގަނޑެކެވެ.

"ގޭގެ ދޮރުމަތީގައި އޭރު ހުންނާނެ ވައިން ޖަހާފައި، މުންޑު ފޮށާ އެއްޗެހި ހިއްކަން އަޅާފައި ބައިންދާފައި ދޮރުމަތީގައި ޖަހާފައި. ދެން އައި ބީރަށްޓެހި ބަޔަކު އަހައިފި ކަލޯ ހާދަ މާވަހަރު ވަސް ދުވައޭ، ކޮންތާކުން ދުވާ މާވަހަރު ވަހެއް ބާވައޭ".ހަސަން ކިޔައި ދިނެވެ.

މާވަހަރެއް ލެއްގި ކަމަށް ބުނާ ވާހަކަ ކިޔާދެނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ދެން އެ އެއްޗެހި ހިއްކަން އެޅި ގޯތީގެ މީހުން ކައިރިން މި އަހަނީ މާވަހަރު ވަސް ދުވަނީ ކީއްވެގެން ހޭ މި ފޮށާތަކުން، ދެން އެ މީހުން މި ބުނަނީ މިރަށުގެ މިފަރާތު ގޮނޑުދޮށަށް ފައިބާއިރު އޮންނާނެއޯ ހުދު ހިރިއެއް، އެ ހިރިއަށް އޮތީ ފަސްއެޅިފައި، އެ ދިމާލު ގޮނޑުދޮށުން".

އެއީ އެ ހިރީގައި ފޮށާތަޅަނިކޮށް ދުވާ ވަހެއް ކަމެއް އެ މީހުން އޭރު ބުންޏެވެ. އޭރު މިރަށު މީހުންނަށް އެއީ ކޮން އެއްޗެއްކަން ނޭނގެއެވެ. ނަމަވެސް ރަށަށް އައި ބީރަށްޓެހިން އެ ސަރަހައްދަށް ގޮސް ބެލިއިރު އެއީ ހުދު މާވަހަރެކެވެ.

"އޭގެ މަތީގައި ފޮށާ މި ތެޅެނީ، އޭރު ވެސް އެއީ މާވަހަރެއް ކަމެއް މިރަށުގެ އެ ހިސާބުގަނޑުގައި އުޅުނު މީހަކަށް ނޭނގެ".ހަސަން ބުންޏެވެ.

މާވަހަރެއް ލެއްގި ކަމަށް ބުނާ ވާހަކަ ކިޔާދެނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިރަށުގެ އެހެން ހިސާބުތަކުގައި އުޅޭ މީހުންވެސް އެ ގަލުގައި ފޮށާ ތަޅަން ދެއެވެ. އެކަމަކު އެއްވެސް މީހަކަށް އެ ގަލުގެ ހަގީގަތެއް ނޭނގެއެވެ.

ހަސަން ކިޔައި ދިން ގޮތުގައި ފަހުން އެ މާވަހަރަށް ހެދި ގޮތެއް ނޭނގެއެވެ. އެރަށު މީހުން އެ މާވަހަރުގައި ތަޅަނީ ފޮށައެވެ. އެއީ ފޮށާގައި އެ ވަސް ދުއްވުމަށެވެ. މިކަން ކުރަނީ އެއީ މާވަހަރެއް ކަމެއް ވެސް ނޭނގިއެވެ.

ހއ. މާރަންދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާވަހަރަކީ އަގުބޮޑު އެއްޗެކެވެ. ރާއްޖޭގައި މަސްވެރިކަމަށް ނުކުމެ އުޅޭ މީހުންނަށް މާވަހަރު ފެނިފައި އެބަހުއްޓެވެ.

މާވަހަރުގެ އަގުތަކަށް ބަލާއިރު، ބައެއް މާވަހަރުގެ އެއް ގްރާމް 24 ޑޮލަރާއި 26 ޑޮލަރާއި ދެމެދުގެ އަގަކަށް ލިބެއެވެ. އެ އަގުތައް ކަނޑައަޅަނީ މާވަހަރުގެ ފެންވަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަދުރޭ

    ދަހިވެތިކަން ނެތުން އެއީ ރަޙުމަތެއް ، ތި ރަށު މީހުން ނަކީ ލިބޭ މިންވަރުން ފުއްދާލައގެން ﷲ އަށް ޝުކުރުކޮށްގެން ތިބޭ ހެޔޮ ލަފާ ބަޔަކަށް ވާނީ . މާވަހަރަކާ ހެދި އެންމެން އެންމެނާ ގުޅުން ކެނޑުމަށްވުރެ އެގޮތް މާ ރަނގަޅު

    33
    2